Roadha Mihaaru
ސަރުކާރުގެ 32 ބިލުގެ ތެރެއިން ހުށަހެޅީ 4 ބިލު

ސަރުކާރުން މަޖިލީހަށް ހުށަހަޅަން އޮތް 32 ބިލުގެ ތެރެއިން ލިބުނީ އެންމެ ހަތަރު ބިލު: ނަޝީދު

20 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ ހަތަރު ބިލު ކަމަށާއި އެހެން ބިލުތައް ލިބޭނެ ކަމަށް ލަފާނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ ހަތަރު ބިލު ކަމަށާއި އެހެން ބިލުތައް ލިބޭނެ ކަމަށް ލަފާނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ އިއުލާނު ކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ، ބިލުތައް ނުލިބޭތީ މަޖިލީހުގެ ތަޅުމުގައި މަސައްކަތް މަދުވަމުންދާ ކަަމަށެވެ. އެހެންވެ، މަޖިލީހުގެ މިއަދުގެ ޖަލްސާ އަވަހަށް ނިމޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ދައުރަށް ހުށަހަޅާފައި ވަނީ ހަތަރު ބިލު. މި ދައުރަށް ހުށަހަޅަން އެބައޮތް 32 ބިލު. މި ބިލުތައް މި ދައުރުގައި މަޖިލީހަށް ލިބޭނެ ކަަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ހިނގާ ތިން ވަަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލްތަކުގެ ލިސްޓް އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވީ އޮގަސްޓް 16 އިގަ އެވެ. އެއީ ގާނޫނީ އަދި ޝަރުއީ ދާއިރާ އާއި ދީނީ އަދި އިޖުތިމާއީ ދާއިރާއާ ގުޅުން ހުރި ބިލުތަކެއް ކަމަށް އޭޖީ އޮފީހުން އޭރު ބުންޏެވެ.

އެ ލިސްޓުގައިވާ މުހިއްމު ބިލުތަކުގެ ތެރޭގައި ހެއްކާ ބެހޭ ބިލާއި މަދަނީ އިޖުރާއަތުގެ ބިލާއި ހަކަތައިގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލާއި މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ.

މި ދައުރުގައި ސަރުކާރުން މިހާތަނަށް ހުށަހެޅި ހަތަރު ބިލަކީ ހެއްކާ ބެހޭ ބިލާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތުތަކާބެހޭ ބިލާއި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ 19 ވަނަ މަޖިލީހަށް ސަރުކާރުން މިހާތަނަށް ހުށަހެޅި ބިލުތަކުގެ އަދަދަކީ 102 އެވެ. އޭގެ ތެރެއިން 27 ބިލެއް ފިޔަވައި ހުރިހާ ބިލެއްގެ މަސަައްކަތް މަޖިލީހުން ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ކުރާނެ މާބޮޑު ބަހުސެއް ނެތުމުން ހެނދުނު ސަޔަށް މެދު ކަނޑައިލި ގޮތަށް އަދި ނުފަށަ އެވެ. ރިޔާސަތުން ނަޝީދު އިއުލާނު ކުރެއްވި ގޮތުގައި މެންދުރު 12:00 ގައި އޮންނާނީ ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވޯޓަށް އެހުމެވެ.