Roadha Mihaaru
އެމްޕީއެލް ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ލުޔެއްދީފި

އެމްޕީއެލް ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ލުޔެއްދީފި

25 ސެޕްޓެމްބަރ 2022

އެމްޕީއެލްގެ ހައުސިން ސްކީމުގެ ދަށުން ފްލެޓަށް ޑައުންޕޭމަންޓް ދެއްކުމަށް ކުންފުނިން ކުރިން ދީފައިވާ އޮޕްޝަންތަކުގެ ސަބަބުން ކަންބޮޑުވުން އޮތުމާ ގުޅިގެން ޑައުންޕޭމަންޓް ދެއްކުމަށް އަނެއްކާ ވެސް އިތުރު ލުޔެއް ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމްޕީއެލްގެ ހައުސިން ސްކީމުގެ ދަށުން ފްލެޓަށް ޑައުންޕޭމަންޓް ދެއްކުމަށް ކުންފުނިން ކުރިން ދީފައިވާ އޮޕްޝަންތަކުގެ ސަބަބުން ކަންބޮޑުވުން އޮތުމާ ގުޅިގެން ޑައުންޕޭމަންޓް ދެއްކުމަށް އަނެއްކާ ވެސް އިތުރު ލުޔެއް ދީފި އެވެ.

ކުންފުނިން ފްލެޓް ލިބުނު ފަރާތްތަކަށް ފޮނުވި މެމޯއެއްގައި ވަނީ ޑައުންޕޭމަންޓް ދެއްކުމަށް ހަތަރު ގޮތެއް އިހްތިޔާރުކުރުމުގެ ފުރުސަތުދީފަ އެވެ.

އެންމެ ފަހުން ގެނައި ބަދަލުގެ ދަށުން 1+2 އެޕާޓްމަންޓުގެ ޑައުންޕޭމަންޓަށް 50،000ރ. އަދި ސްޓޫޑިއޯ އެޕާޓްމަންޓަށް 40،000ރ. އެގްރީމަންޓުގައި ސޮއިކުރާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.

ޑައުންޕޭމަންޓްގެ ބާކީ ފައިސާ ނުވަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭއިރު 1+2 ގެ އެޕާޓްމަންޓަށް މަހަކު 5000ރ. އަދި ސްޓޫޑިއޯ އެޕާޓްމަންޓަށް މަހަކު 4000ރ. ގެ އިތުރުން ފްލެޓްގެ އަގުގެ ބާކީއަށް ވާ ފައިސާ ކުންފުންޏަށް ދައްކަން ޖެހެނީ 10 ޕަސެންޓްގެ އިންޑިކޭޓެޑް ފައިދާއާ އެކު 20 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.

ކުރިން ދިން ތިން އޮޕްޝަން:

- ޑައުންޕޭމަންޓް 20 ޕަސެންޓް ޖުމްލަ ނުވަ މަަސް ދުވަހުގެ ތެރޭގައި ދެއްކުން. [ތިން މަސް ތެރޭގައި 10 ޕަސެންޓް އަދި ބާކީ 10 ޕަސެންޓް ހަ މަސް ތެރޭގައި ދެއްކުމަށް.

- ޑައުންޕޭމަންޓް 15 ޕަސެންޓް [ 12 މަސް ތެރޭގައި ކޮންމެ މަހަކު އެ މަހެއްގެ އިންޓޯލްމަންޓް ދެއްކުން]

- ޑައުންޕޭމަންޓް 1+2 ގެ އެޕާޓްމަންޓަށް 50،000ރ. އަދި ސްޓޫޑިއޯ އެޕާޓްމަންޓަށް 40،000ރ. ދެއްކުމަށް ފަހު ޑައުންޕޭމަންޓުގެ ބާކީ ފައިސާ 1+2 ގެ އެޕާޓްމަންޓަށް 13،000ރ. ސްޓޫޑިއޯ އެޕާޓްމަންޓަށް މަހަކު 7،000ރ. ދެއްކުން [ފްލެޓް އަގުގެ ބާކީ ފައިސާ ކުންފުންޏަށް ދައްކަން ޖެހެނީ 9 ޕަސެންޓްގެ އިންޑިކޭޓެޑް ފައިދާއާ އެކު 20 އަހަރަށް ބަހާލައިގެން.

އެމްޕީއެލަށް 36 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ޝާހިދު، ވަނީ އެ ކުންފުނީގެ ހައުސިން ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް ލަފާކުރެވޭ އެ މަޝްރޫއުން ފްލެޓް ލިބުނު މުވައްޒަފުންނަށް ފައިސާ ދެއްކުމުގައި ގިނަ އޮޕްޝަންތަކެއް މި ސަރުކާރުން ވަނީ ދީފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އޮތީ އެއް ފަހަރާ ފައިސާ ދައްކައިގެން ނުވަތަ ބޭންކް މެދުވެރިކޮށް ލޯނެއް ނަގައިގެން ފައިސާ ދެއްކުމެވެ.

އެކަމަކު ފަހުން ކުންފުނިން ތައާރަފުކުރި ސްކީމަކީ 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ ސްކީމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް ޑައުންޕޭމަންޓާ ގުޅޭ ޝަކުވާތަކެއް މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ކަމަށާއި އެ ކަންބޮޑުވުންތަކާ ގުޅިގެން ޑައުންޕޭމަންޓް ދެއްކުމަށް ހަތަރު އޮޕްޝަނެއް ތައާރަފުކޮށްފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އެ ކަންބޮޑުވުންތަކާ ގުޅިގެން އަޅުގަނޑުމެން ވާނީ ހަތަރު އޮޕްޝަނެއް ތައާރަފުކޮށްފައި. އޭގެ ތެރޭގައި މެއިންޓެނަންސް ފީ ކުޑަކޮށް ބުކިން ފީއަކީ ޑައުންޕޭމަންޓްގެ ބައެއްގެ ގޮތުގައި ވަނީ ހަދާފައި. ކުންފުނީގެ މާލީ ގާބިލުކަން ހުރި ވަރަކުން އިތުރު ލުއިތައް ވެސް ދެވޭނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ފްލެޓްތައް އަމިއްލަ ކުރުމަށް ދީފައިވާ ފުރުސަތުތަކަކީ އެހެން ހުރިހާ ހައުސިން ސްކީމްތަކާ އަޅާބަލާއިރު ވެސް ލުއިގޮތްތަކެކެވެ.

އެކަމަކު ލިބޭ މުސާރައާ އަޅާބަލާއިރު އެމްޕީއެލް ފްލެޓްތަކުގެ ޑައުންޕޭމަންޓް ދެއްކުމަށް އޮތް ގޮތުގެ ސަބަބުން ފްލެޓް ބީވުމުގެ ބިރު އޮތް ކަމަށް ބުނެ ފްލެޓް ލިބުނު 534 މީހުންގެ ތެރެއިން 484 މީހަކު ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ވެސް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕެޓިޝަން ހުށަހެޅި މުވައްޒަފުންގެ ފަރާތުން ފާހަގަކުރާ ކަމަކީ މިހާތަނަށް ޑައުންޕޭމަންޓް ދެއްކުމަށް ލުއި ގޮތްތަކެއް ކުންފުންޏަށް ހޯދައިދެވިފައި ނުވާ ކަމަށެވެ. މިހާރު ކަނޑައަޅާފައިވާ އަގުތަކަކީ ފްލެޓް ލިބުނު މުވައްޒަފުންގެ މުސާރައާ ނުބައްދަލު އަދަދަކަށްވާތީ އެމީހުން އެދިފައި ވަނީ ޑައުންޕޭމަންޓް ކުޑަކޮށްދޭށެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ކޮމިޓީގައި ޝާހިދު ވިދާޅުވެފައި ވަނީ ފްލެޓްގެ އަގަށް މިހާތަނަށް 688 މިލިއަން ރުފިޔާ އަރާފައިވެ އެވެ. އޭގެ ތެރެއިން 488 މިލިއަން ރުފިޔާ ކޮންޓްރެކްޓަރަށް ހަރަދުކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ކުންފުނީގެ ކޭޝް ފްލޯ އިން ކަމަށާއި އޭގެ ސަބަބުން ސަރުކާރަށް ދައްކަން ޖެހޭ ޑިވިޑެންޑް ދެއްކުމުގައި ވެސް ލަސްތަކެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަޝްރުއު ހިންގުމަށް އެ ކުންފުނިން ލޯނުގެ ގޮތުގައި 110 މިލިއަން ނަގާފައިވެ އެވެ. ލޯނުތަކުގެ އިންޓްރެސްޓްގެ ގޮތުގައި 10.7 މިލިއަން ރުފިޔާ އަރާފައިވާއިރު ފްލެޓަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން 56 މިލިއަން ރުފިޔާ އެރި އެވެ.

އެހެންވެ، ޑައުންޕޭމަންޓް ނަގަން ޖެހިފައިވާ ކަމަށާއި އެކަމުގައި ލުއި ގޮތެއް ހޯދައިދެވޭތޯ ކުންފުނިން މަސައްކަތްކުރާ ކަމަށް ކޮމިޓީގައި ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ފްލެޓްގެ އަގުތަކާ ގުޅިގެން މުވައްޒަފުންގެ ކަންބޮޑުވުން އެބަ ހުރި ކަމަށާއި އެމަނިކުފާނަށް ވެސް އެކަމުގެ ޝަކުވާ ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ. އެކަމުގެ މަޝްވަރާ ކުންފުނީގެ ވެރިންނާ ވެސް ކުރެއްވި ކަމަށާއި ކުންފުނީގެ ބޯޑުން ގެންނަ ބަދަލުތަކުގެ ސަބަބުން ފައިސާ ދެއްކުމުގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދިވެސް އެކަމުގައި އުނދަގޫތަކެއް ހުރިކަމަށް ވަންޏާ ބޯޑުން އެކަމާ ވިސްނުމަކީ އަޅުގަނޑުމެންގެ އެދުމެއް." ރައީސް ވިދާޅުވި އެވެ.

އެމްޕީއެލް ފްލެޓް ކުލި:

- ސްޓޫޑިއޯ އެޕާޓްމަންޓް - 4585ރ.

- 2+1 އެޕާޓްމަންޓް - 8597ރ.

އެ މަޝްރޫއުގައި ހިމެނެނީ އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓެވެ.