Roadha Mihaaru
ޓްރަމްޕް ބެލެހެއްޓުމުގެ ޚަރަދަށް 35 މިލިއަން ޑޮލަރު ހޯދަނީ

ޓްރަމްޕް ބެލެހެއްޓުމުގެ ޚަރަދަށް 35 މިލިއަން ޑޮލަރު ހޯދަނީ

06 ޑިސެމްބަރ 2016

ނިއު ޔޯކް (ޑިސެމްބަރު 6) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ސެކިއުރިޓީ އަށް ހިނގާ ޚަރަދުގެ ގޮތުގައި 35 މިލިއަން ޑޮލަރު ހޯދުމަށް މައި ސަރުކާރުގައި އެދިފައިވާ ކަމަށް ނިއު ޔޯކުގެ މޭޔަރު ބިލް ޑި ބްލާސިއޯ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (ޑިސެމްބަރު 6) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ސެކިއުރިޓީ އަށް ހިނގާ ޚަރަދުގެ ގޮތުގައި 35 މިލިއަން ޑޮލަރު ހޯދުމަށް މައި ސަރުކާރުގައި އެދިފައިވާ ކަމަށް ނިއު ޔޯކުގެ މޭޔަރު ބިލް ޑި ބްލާސިއޯ ވިދާޅުވެއްޖެ އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ޓްރަމްޕުގެ ރަސްމީ މަސައްކަތްތައް ކުރައްވަނީ މެންހަޓަންގައި ހުންނަ އޭނާގެ އަގު ބޮޑު ޓްރަމްޕް ޓަވަރުގަ އެެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގެ ސެކިއުރިޓީ އާއި ޓްރަމްޕުގެ އަމިއްލަ ސެކިއުރިޓީ ބެލެހެއްޓުމަށް ނިއު ޔޯކް ފުލުހުންނާއި އެމެރިކާގެ ސީކްރެޓް ސާވިސް އިން ބުރަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

އިންތިޚާބަށް ނުކުމެވަޑައިގަތުމުގެ ކުރިން ވެސް ޓްރަމްޕް ދިރިއުޅުއްވާ އަދި ވިޔަފާރީގެ ހެޑްކުއާޓަރެއްގެ ގޮތުގައި ބޭނުން ކުރެއްވީ ޓްރަމްޕް ޓަވަރެވެ. ސަރުކާރުގެ މަގާމުތަކަށް ގެންނަ ބޭފުޅުންނަށް އިންޓަވިއު ކުރުމާއި ވެރިކަމާ ހަވާލުވުމުގެ ހުރިހާ އިންތިޒާމެއް ކުރިއަށް ގެންދަނީ ވެސް ޓަވަރުގަ އެވެ. އަދި އިއްޒަތްތެރިން ވަޑައިގަންނަވާ އިރު އެ ސަރަހައްދުގެ ޓްރެފިކަށް ބާރު ބޮޑުވެ އެވެ.

ޑި ބްލާސިއޯ ވަނީ ނޮވެމްބަރު 8 އިން ޖެނުއަރީ 20 ވަނަ ދުވަހާ ހަމައަށް ޓްރަމްޕް ބެލެހެއްޓުމުގެ ޚަރަދަށް ހިނގާނެ ފައިސާ ފެޑެރަލް ބަޖެޓުން ހަމަޖައްސައިދިނުމަށް އެދި ރައީސް ބަރަކް އޮބާމާ އާއި ކޮންގްރެސްގެ ލީޑަރުންނަށް އިއްޔެ ސިޓީ ފޮނުއްވައިފަ އެވެ. އަދި ޚަރަދު ހޯދުމާ ބެހޭ ގޮތުން ޓްރަމްޕުގެ ސަރުކާރުގެ ޓްރެޝަރީ ސެކްރެޓަރީ އަށް ނޮމިނޭޓްކޮށްފައިވާ ބޭފުޅާއާ މަޝްވަރާކޮށްފައިވާ ކަމށް ވެސް ވިދާޅުވި އެވެ. ޑި ބްލާސިއޯ ވިދާޅުވީ ދުނިޔޭގެ ބައެއް އިއްޒަތްތެރިންނަށް ސެކިއުރިޓީ ދިނުމަށް ނިއު ޔޯކު ފުލުހުން ކުރި ޚަރަދު ކޮންގްރެސް އިން ކުރިން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އިންތިޚާބު ބޭއްވި ދުވަހުން ފެށިގެން ވެރިކަމާހަވާލުވުމާ ދެމެދު ހޭދަވާ 75 ދުވަހަށް ޓްރަމްޕުގެ ސެކިއުރިޓީ އަށް ދުވާލަކު 467،000 ޑޮލަރު ހޭދަވާ ކަމަށް ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ. ނަމަވެސް ކުރިން ބުނެފައި ވަނީ ޓްރަމްޕުގެ ސެކިއުރިޓީ އަށް ދުވާލަކު އެއް މިލިއަން ޑޮލަރު ހޭދަވާ ކަމަށެވެ.

ވެރިކަމަވާ ހަވާލުވެވަޑައިގަތުމަށް ފަހު ޓްރަމްޕް ވައިޓް ހައުސް އަށް ބަދަލުވެވަޑައިގެންނެވި ނަމަވެސް ސްކޫލް އަހަރު ނިމެންދެން ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ އާއި ހަގު ދަރިކަލުން ދިރިއުޅުއްވާނީ ނިއު ޔޯކުގަ އެވެ. އެހެންވެ ޓްރަމްޕް ވެސް ގިނަގިނައިން ނިއު ޔޯކަށް ވަޑައިގަންނަވާނެ އެވެ.