Roadha Mihaaru
ޓްރަމްޕްގެ ފަތިފުށާ ބެހޭ ފޮތާ ދެކޮޅަށް ކޯޓް އަމުރެއް

ޓްރަމްޕްގެ ފަތިފުށާ ބެހޭ ގޮތުން އާއިލާ މެމްބަރަކު ލިޔުނު ފޮތް ނެރުން ހުއްޓާލަން ކޯޓް އަމުރެއް ނެރެފި

02 ޖުލައި 2020

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަތިފުށާ ބެހޭ ގޮތުން އޭނާ އަށް ބޮޑުބޭބެ ވިދާޅުވާ މޭރީ ޓްރަމްޕް ލިޔެފައިވާ ފޮތް ނެރުން ވަގުތީ މަޑުޖައްސައިލަން އެމެރިކާގެ ކޯޓަކުން އަންގާރަ ދުވަހު އަމުރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަތިފުށާ ބެހޭ ގޮތުން އޭނާ އަށް ބޮޑުބޭބެ ވިދާޅުވާ މޭރީ ޓްރަމްޕް ލިޔެފައިވާ ފޮތް ނެރުން ވަގުތީ މަޑުޖައްސައިލަން އެމެރިކާގެ ކޯޓަކުން އަންގާރަ ދުވަހު އަމުރުކޮށްފި އެވެ.

މި މަހުގެ 28 ގައި ނެރެން އޮތް "ޓޫ މަޗް އެންޑް ނެވަ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ވޯލްޑްސް މޯސްޓް ޑޭންޖަރަސް މޭން" ނެރުން ވަގުތީ ގޮތުން މަޑުޖައްސައިލުމުގެ އަމުރެއް ނެރުނީ ނިއު ޔޯކްގެ ކައުޓީ ކޯޓުންނެވެ. އަދި މިކަމާ ގުޅޭ އަޑުއެހުމެއް މި މަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފައިވެ އެވެ.

މި މައްސަލާގައި މޭރީގެ ވަކީލުންގެ ޓީމުން ބުނީ ފޮތާ ދެކޮޅަށް ނެރުނު އަމުރު ވަރަށް އަވަހަށް އިސްތިއުނާފުކުރާނެ ކަމަށެވެ.

"މިއީ ވަގުތީ އަމުރެއް ނަމަވެސް މިފަދަ އަމުރެއް ނުނެރެވޭނެ. އެއީ އަދި މިއީ ގާނޫނާ ވެސް ހިލާފު ނިންމުމެއް. އެހެންވީމާ ވަރަށް އަވަހަށް އަހަރެމެން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާނަން،" މޭރީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޓެޑް ބޯޓްރަސް ވިދާޅުވި އެވެ. "މި ފޮތަކީ އާންމުންނަށް އެންގެން ޖެހޭ ވަރަށް މުހިއްމު ވާހަކަތަކެއް ގެނެސްދީފައި އޮތް ފޮތެއް. އެހެންވީމާ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި މިހާރުގެ ރައީސް ޓްރަމްޕާ ބެހޭ ގޮތުން ރައްޔިތުންނަށް އެނގެން ޖެހޭ ވަރަށް ގިނަ މުހިއްމު ކަންކަން އެބަހުރި."

"ޓޫ މަޗް އެންޑް ނެވަ އިނަފް" ލިޔުނު މޭރީ، 55، އަކީ، ޓްރަމްޕްގެ ދޮށީ ބޭބެ ފްރެޑް ޓްރަމްޕް ޖޫނިއާގެ ދަރިއެކެވެ. ފްރެޑް ވަނީ 1981 ގައި މަރުވެފަ އެވެ. ޓްރަމްޕާއި އޭނާގެ އާއިލާގެ ތެރޭގައި ބޮޑެތި މައްސަލަތައް ހުރި ވާހަކަ އާއި އާއިލާގެ މީހުންނާ ދޭތެރޭ ޓްރަމްޕް ކަންތައް ކޮށްފައިވާ ގޮތް މޭރީގެ ފޮތުން އިތުރަށް ސާފުވެގެން ދާނެ އެވެ.

ފްރެޑްގެ މަރުވި ފަހުން ވެސް ޓްރަމްޕާއި އާއިލާގެ އެހެން މީހުންނާ ދެމެދު 20 އަހަރު ވަންދެން ގާނޫނީ ގޮތުން ވެސް އެތަކެއް ކޯޅުންތަކެއް ހިނގާފައިވެ އެވެ. ކްލިނިނަލް ސައިކޮލޮޖިސްޓެއް ކަމަށްވާ މޭރީގެ ފޮތަށް ނަން ދީފައިވާ ގޮތުން ވެސް އެކަން ވަރަށް ބޮޑަށް ދޭހަވެ އެވެ.

"ޓޫ މަޗް އެންޑް ނެވަ އިނަފް" މި މަހުގެ 28 ގައި ނެރޭކަން އެމެޒޯނުން އިއުލާންކުރުމާ އެކު، އެ ފޮތް މިހާރު ވެސް އޮތީ ބެސްޓް-ސެލިން ފޮތްތަކުގެ ލިސްޓްގެ ހަތަރު ވަނަ އަށް އަރައިފަ އެވެ.

ޓްރަމްޕްގެ އާއިލާގެ މެމްބަރަކު އޭނާއާ ބެހޭ ގޮތުން ލިޔުނު ފޮތެއް ނެރުން ކޯޓަކުން ހުއްޓުވާފައި މި ވަނީ އެމެރިކާގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވައިޓް ހައުސްގައި ހޭދަކުރެއްވި މުއްދަތުގައި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށް އޭނާ ލިޔުއްވި "ދަ ރޫމް ވެއާ އިޓް ހެޕެންޑް" ނެރުން ހުއްޓުވަން ކޯޓަަށް ދިއުމުން އެ މައްސަލަ ބޭރުކޮށްލާފައި ވަނިކޮށެވެ.

ބޯލްޓަންގެ ފޮތް ނެރެން ހަމަޖެހިފައި ވަނީ މި މަހުގެ 23 ގަ އެވެ.

މަސްރަހު ދިރާސާކުރާ މީހުން ބުނާގޮތުގައި އެއްގޮތުން ބަލާ އިރު، "ދަ ރޫމް ވެއާ އިޓް ހެޕެންޑް" އަށް ވުރެ މޭރީގެ "ޓޫ މަޗް އެންޑް ނެވަ އިނަފް" އިން ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ޓްރަމްޕަށް ލިބޭ ގެއްލުން ބޮޑުވާނެ އެވެ.