Roadha Mihaaru
ޓްރަމްޕާ ބެހޭ ފޮތާ ދެކޮޅަށް ނެރުނު އަމުރު ބާތިލުކޮށްފި

ޓްރަމްޕްގެ ފަތިފުށް ހާމަކޮށް ލިޔުނު ފޮތާ ދެކޮޅަށް ނެރުނު އަމުރު ބާތިލުކޮށްފި

02 ޖުލައި 2020

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭ ގޮތުން، އޭނާ އަށް ބޮޑުބޭބެ ވިދާޅުވާ މޭރީ ޓްރަމްޕް ލިޔުއްވި ފޮތް ނެރުން މަޑުޖައްސައިލުމަށް އަންގާރަ ދުވަހު ނިއު ޔޯކްގެ ދަށު ކޯޓަކުން ނެރުނު އަމުރު ބުދަ ދުވަހު، އެ ސިޓީގެ އިސްތިއުނާފު ކޯޓަކުން ބާތިލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭ ގޮތުން، އޭނާ އަށް ބޮޑުބޭބެ ވިދާޅުވާ މޭރީ ޓްރަމްޕް ލިޔުއްވި ފޮތް ނެރުން މަޑުޖައްސައިލުމަށް އަންގާރަ ދުވަހު ނިއު ޔޯކްގެ ދަށު ކޯޓަކުން ނެރުނު އަމުރު ބުދަ ދުވަހު، އެ ސިޓީގެ އިސްތިއުނާފު ކޯޓަކުން ބާތިލުކޮށްފި އެވެ.

މި މަހުގެ 28 ގައި ނެރެން ނިންމާފައިވާ ފޮތް "ޓޫ މަޗް އެންޑް ނެވަ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ވޯލްޑްސް މޯސްޓް ޑޭންޖަރަސް މޭން" ނެރުން ވަގުތީ ގޮތުން މަޑުޖައްސައިލަން އަމުރެއް ނެރެ، އެކަމާ ގުޅޭ އަޑުއެހުމެއް މި މަހުގެ 10 ވަނަ ދުވަހަށް ތާވަލު ވެސް ކޮށްފައިވެ އެވެ.

ނަމަވެސް ފޮތާ ދެކޮޅަށް ނެރުނު އަމުރު އިސްތިއުނާފުކުރުމަށް މޭރީގެ ގާނޫނީ ޓީމުން ހުށަހެޅުމުން ކޯޓުން ވަނީ ފޮތް ނެރޭ ޕަބްލިޝިން ހައުސް ސައިމަން އެންޑް ޝޫސްޓާ އަށް ފޮތް ނެރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. އަދި ފޮތް ހުއްޓުވަން އުޅޭ ނަމަ އެކަމާ ގުޅިގެން އެ ކުންފުންޏަށް މާލީ ބޮޑެތި ގެއްލުންތަކަކާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށާއި ކޯޓުން މި މައްސަލައިގެ ތެރެއަށް ވަންނަން ނުޖެހޭ ކަމަށް ބުނެފައިވެ އެވެ.

ފޮތުގެ 75،000 ކޮޕީ ވެސް ޕްރިންޓްކޮށްފައިވާ އިރު، މި ފޮތް ވިއްކާނީ އެމެޒޯނުންނެވެ. ސައިމަން އެންޑް ޝޫސްޓާ އިން ވަނީ ކޯޓުން ނިންމުމަށް މަރުހަބާ ކިޔައި، މޭރީގެ ފޮތަކީ އާންމުންނާ ހަމަ އަށް ގެނެސްދެވޭނެ އެއްޗެއްކަމުގެ ޔަގީންކަން އިތުރަށް ލިބިފައިވާ ކަމަށް ބުނެފަ އެވެ.

މޭރީއާ އެއްކޮޅަށް އިސްތިއުނާފު މަރުހަލާ ބުރަވެގެން ދިޔަ އިރު، ފޮތް ނެރުން ހުއްޓުވައިދޭން އެދި ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޓްރަމްޕްގެ ހަގު ކޮއްކޯފުޅު ރޮބަޓް ޓްރަމްޕެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރޮބަޓްގެ ޓީމުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

"ޓޫ މަޗް އެންޑް ނެވަ އިނަފް" ލިޔުނު މޭރީ އަކީ މަރުވެފައިވާ ޓްރަމްޕްގެ ދޮށީ ބޭބެ ފްރެޑް ޓްރަމްޕްގެ ދަރިކަނބަލެކެވެ. އޭނާގެ ފޮތުގައި ޓްރަމްޕާއި އާއިލާގެ ތެރޭގައި ބޮޑެތި މައްސަލަތައް ހުރި ވާހަކަ އާއި އާއިލާގެ މީހުންނާ ދޭތެރޭ ޓްރަމްޕް ކަންތައް ކޮށްފައިވާ ގޮތާއިު އޭނާގެ އަަސްލު ފަތިފުށް މޭރީގެ 240 ސޮފުހާގެ ފޮތުގައި ކިޔައިދީފައި ހުންނާނެ އެވެ.

މޭރީގެ ބައްޕަ ފްރެޑް މަރުވި ފަހުން ވެސް ޓްރަމްޕާއި އާއިލާގެ އެހެން މީހުންނާ ދެމެދު 20 އަހަރު ވަންދެން ގާނޫނީ ގޮތުން ވެސް އެތަކެއް ކޯޅުންތަކެއް ހިނގާފައިވެ އެވެ. ކްލިނިނަލް ސައިކޮލޮޖިސްޓެއް ކަމަށްވާ މޭރީގެ ފޮތަށް ނަން ދީފައިވާ ގޮތުން ވެސް އެކަން ވަރަށް ބޮޑަށް ދޭހަވެ އެވެ.