Roadha Mihaaru
ރައީސް މިއަދު ކުޅުދުއްފުއްޓަށް، މާދަމާ ދުބާއީ އަށް

ރައީސް މިއަދު ކުޅުދުއްފުއްޓަށް، މާދަމާ ދުބާއީ އަށް

23 އޮކްޓޯބަރ 2021

ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހދ. ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހދ. ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރު ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން އަންނަ ކުޅުދުފުއްޓަށް ރައީސް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާދަމާ ދުބާއީ އަށް ވަޑައިގަންނަވާނެ އެވެ. އެއީ، ދުބާއީގައި ކުރިއަށްދާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގެ ބޯޅަ ދަނޑުގައި ޓާފް އަޅައި ރަސްމީކޮށް ހުޅުއްވައިދެއްވަނީ ރައީސް އެވެ. އެ ދަނޑު ހުޅުވުމުގެ ގޮތުން ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމު ބައްދަލުކުރާ މެޗެއް ވެސް އޮންނާނެ އެވެ.

ކުޅުދުއްފުށީގައި މިރޭ އޮންނަ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރަން ކުޅުދުއްފުށީގައި މި ހަފުތާ ބަންދުގައި އަންނަނީ ތަފާތު ހަރަކާތްތަކެއް ބާއްވަމުންނެވެ. އިއްޔެ ވަނީ ސައިކަލް ރޭސް މުބާރާތެއް ވެސް ބާއްވައިފަ އެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތައް ބައްލަވާލެއްވުމަށް ރައީސް މިދިޔަ ހަފުތާގައި އއ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގަތެވެ.