Roadha Mihaaru
ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް

ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް

04 ޑިސެމްބަރ 2023

ކުރީގެ ތިން ރައީސުންގެ އަރިހުގައި އެ ބޭފުޅުންގެ ސެކްރެޓޭރިއޭޓްގައި އެންމެ އިސްކޮށް އުޅުއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ތިން ރައީސުންގެ އަރިހުގައި އެ ބޭފުޅުންގެ ސެކްރެޓޭރިއޭޓްގައި އެންމެ އިސްކޮށް އުޅުއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައީސް އޮފީހުގައި ހިދުމަތް ކުރެއްވި ފާތޭ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ. ފާތޭ އެންމެ ފަހުން މަސައްކަތް ކުރެއްވީ ވެސް ބޭބޭފުޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކްރެޓަރީއެއްގެ ގޮތުގަ އެވެ.

މަޖިލީހުގެ އިދާރާގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު މިރޭ "މިހާރު" އަށް ވިދާޅުވީ، އެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ އައްޔަން ކުރެއްވީ މަޖިލިހުގެ ރައީސްގެ މަސައްކަތްތަކަށް މުވައްޒަފުން ކަނޑައަޅަން މަޖިލިހުގެ ގަވާއިދުގެ ދަށުން މަޖިލިހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ފާތޭ ވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސް ވަންދެން އުޅުއްވީ މައުމޫންގެ އަރިހުގަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމާ އެކު، މިދިޔަ މަހުގެ 17 ގައި ފާތޭ ވަނީ ރައީސް އޮފީހުން ވަކިވެވަޑައިގެންފަ އެވެ.

ފާތޭ، ރައީސް އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 37 އަހަރު ކުރިން، ފެބްރުއަރީ 1986 ގަ އެވެ.