Roadha Mihaaru
ގޮންޖެހުންތަކާ ދެކޮޅަށް ބަހަށްވުރެ އަމަލު ގިނަވާންޖެހޭ

ގޮންޖެހުންތަކާ ދެކޮޅަށް ބަހަށްވުރެ އަމަލު ގިނަކުރަންޖެހޭ: ރައީސް

25 އޮކްޓޯބަރ 2021

ކޮވިޑާ ގުޅިގެން ގައުމުތަކަށް ކުރިމަތިވި އުނދަގޫތަކުން އަރައިގަތުމަށް ބަހަށް ވުރެއް އަމަލު އަމަލު ގިނަކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑާ ގުޅިގެން ގައުމުތަކަށް ކުރިމަތިވި އުނދަގޫތަކުން އަރައިގަތުމަށް ބަހަށް ވުރެއް އަމަލު އަމަލު ގިނަކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުބާއީ އެކްސްޕޯގައި ރާއްޖެއަށް ހާއްސަކޮށް ފާހަގަކުރާ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ މައްސަލަތަކައި މާލީ އުނދަގޫތަކުން އަރައިގަތުމަށް ގައުމުތަކުން އެކީގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މިފަދަ އެކްސްޕޯއެއްގެ ތެރެއިން ރާއްޖެއާ ގުޅޭ ގިނަ މައުލޫމާތުތައް އެކްސްޕޯގެ ބައިވެރިންނަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މި އެކްސްޕޯގެ ތެރެއިން އެހެން ގައުމުތަކުގެ ފަރާތްތަކާ ދިމާވެ، ގުޅުން އިތުރަށް ގާއިމްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އެކްސްޕޯގެ ތެރެއިން، ދުނިޔެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އެއްކޮށް މަސައްކަތް ކުރަން ޖެހޭ. އަޅުގަނޑުމެންގެ އަމާޒް ވަރުގަދަކޮށް ގައުމުތަކުން ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެއް ބަޔަކު އަނެއް ބަޔަކަށް އެހީ ވާން ޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގުޅިގެން މަސައްކަތްކޮށްފި ނަމަ ގައުމުތަކަށް މިއަށްވުރެ ފެހި މުސްތަގްބަލެއް ލިބޭނެ ކަމަށެވެ.

ދުބާއީ އެކްސްޕޯގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. އެކްސްޕޯގެ މިއަދަކީ ރާއްޖެއަށް ހާއްސަ ދުވަސް--

ދުބާއީ އެކްސްޕޯގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. އެކްސްޕޯގެ މިއަދަކީ ރާއްޖެއަށް ހާއްސަ ދުވަސް--

ރައީސް ވަނީ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީއަށް އެ ގައުމުގެ ޝާމިލުވުން މުހިއްމުކަމަށް ވިދާޅުވެފަ އެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ހަރަކާތް، ވޯލްޑް އެކްސްޕޯގެ "އެކްސްޕޯ 2020 ދުބާއީ"ގައި 200 އެއްހާ ގައުމު ބައިވެރިވެ އެވެ.

މި އަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ކަނެކެޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ" އެވެ. މި އެކްސްޕޯގެ އަމާޒަކީ އިންގިލާބީ އާ އީޖާދުތަކާއި ތަފާތު ހިޔާލުތައް، އެއްތަނަކުން ދައްކުވައިދީ، އެ ހިޔާލާއި ވިސްނުމުގެ ތެރެއިން، އިންސާނިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކޮށްދިނުމެވެ.

މި އެކްސްޕޯގައި ރާއްޖޭގެ ޕެވީލިއަން ފަރުމާކޮށްފައިވަނީ "ދޯނި" ކޮންސެޕްޓަށެވެ. ޕެވީލިއަންގައި ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ވެސް ފެންނާނެ އެވެ. އަދި ރާއްޖޭން ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމާއި ސިޔާސަތުތަކާއި ރާއްޖޭގެ ތާރީހާއި ސަގާފަތް ވެސް މުޅި ދުނިޔެ އަށް ފެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.