Roadha Mihaaru
މަރުވި ވިޔަފާވެރިވެރިއެއްގެ 56 މިލިއަން ޑޮލަރުގެ އެހީ

އުފަން އަވަށަށް މަރުވި ވިޔަފާރިވެރިއެއްގެ ފަރާތުން ހިލޭ އެހީގެ ގޮތުގައި 56 މިލިއަން ޑޮލަރު

24 އޮކްޓޯބަރ 2021

މި އަހަރުގެ މާޗް މަހުގެ ތެރޭގައި މަރުވި އިނގިރޭސިވިލާތުގެ އަންހެން ވިޔަފާވެރިއެއްގެ ފަރާތުން އޭނާގެ އުފަން އަވަށުގެ ތަރައްގީ އަށް 41 މިލިއަން ޕައުންޑް (56.42 މިލިއަން ޑޮލަރު) ހައިރާތުގެ ގޮތުގައި ދިނުމާ ގުޅިގެން އެ އަވަށުގެ ކައުންސިލުން ޝުކުރު އަދާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ މާޗް މަހުގެ ތެރޭގައި މަރުވި އިނގިރޭސިވިލާތުގެ އަންހެން ވިޔަފާވެރިއެއްގެ ފަރާތުން އޭނާގެ އުފަން އަވަށުގެ ތަރައްގީ އަށް 41 މިލިއަން ޕައުންޑް (56.42 މިލިއަން ޑޮލަރު) ހައިރާތުގެ ގޮތުގައި ދިނުމާ ގުޅިގެން އެ އަވަށުގެ ކައުންސިލުން ޝުކުރު އަދާކޮށްފި އެވެ.

ބީބީސީން ބުނެފައިވާ ގޮތުގައި ލެންކަޝަޔާގެ ފްލީޓްވުޑަށް ޖުމްލަ 41.4 މިލިއަން ޕައުންޑް (56.97 މިލިއަން ޑޮލަރު) ހިލޭ އެހީގެ ގޮތުގައި ދިން ވިޔަފާވެރިޔާ އަކީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި 91 އަހަރުގައި މަރުވި ޑޮރީން ލޮފްޓްހައުސް އެވެ. އޭނާ އަކީ އަނގަ މީރުކުރަން ބޭނުންކުރާ މިންޓް ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު "ފިޝަމޭންސް ފްރެންޑް" ގެ ވެރިޔާ އެވެ.

އަމިއްލަ މިލްކިއްޔާތުން ބޮޑު ބައެއް ފްލީޓްވުޑްގެ ތަރައްގީ އަށް ޑޮރިން މަރުވުމުގެ ކުރިން ހައިރާތުގެ ގޮތުގައި ދީފައިވާ އިރު އޭނާ އާއި އާއިލާ އިން 1990 ގެ ފަހުން ލޭންކަޝަޔާގެ ކޮމިއުނިޓީ ފަންޑް ޕްރޮޖެކްޓްތަކަށް ބޮޑެތި އެހީތައް ދީފައިވެ އެވެ.

ޑޮރީންގެ ލޮފްޓްހައުސް ފައުންޑޭޝަނުން ފަރާތުން އަލަށް ލިބުނު އެހީއާ ގުޅިގެން ފްލީޓްވުޑް ޓައުން ކައުންސިިލުން ބުނީ މިއީ ދީލަތިކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި 41.4 މިލިއަން ޕައުންޑްގެ އެހީއެއް ލިބުމަކީ ގަބޫލުކުރަން ވެސް ދަތި އަަދަދެއް ކަމަށް ބުންޏެވެ.

ކައުންސިލްގެ ވައިސް ޗެއާމަން މޭރީ ސްޓާޒޭކާ ވިދާޅުވީ ޑޮރީން އަކީ މުޖުތަމައަށް ހިދުމަތްކުރުމުގައި ދެވަނައެއް ނެތް ފަދަ ޝަހުސިއްޔަތެއް ކަމަށާއި އޭނާގެ ފަރާތުން ލިބުނު އެހީ ހޭދަކުރާނީ އަވަށުގެ ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންދާނެ ފަދަ ޕްރޮޖެކްޓްތަކަށް ކަމަށެވެ.

"އަމާޒަކީ މި އެހީން ކުރެވޭ މަސައްކަތުގެ ސަބަބުން ފްލީޓްވުޑަކީ ވަރަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނަކަށް ވެސް ހެދުން." އޭނާ ވިދާޅުވި އެވެ.

ޕްރިންސް ޗާލްސްއާ އެކު ޑޮރީން އެވޯޑް ހަފުލާއެއްގައި.

ޕްރިންސް ޗާލްސްއާ އެކު ޑޮރީން އެވޯޑް ހަފުލާއެއްގައި.

އަބަދު ވެސް ދީލަތި ވިޔަފާވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު އަދި އުފަން އަވަށުގެ ތަރައްގީ އަށް ވަރަށް ބޮޑު އިސްކަމެއް ދިން ޑޮރީން އާންމުންގެ ތެރޭގައި މަޝްހޫރުވީ "ފްލީޓްވުޑްގެ މަންމަ" ގެ ގޮތުގަ އެވެ. އަދި ޚައިރާތަށް ހޭދަކޮށްގެން އޭނާ އަށް އެތައް އެވޯޑެއް ވެސް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޝާހީ އާއިލާ އިން ދޭ އޯޑާ އޮފް ދަ ބްރިޓިޝް އެމްޕަޔާ (އެމްބީއީ) އާއި އޮފިސަ އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑާ އޮފް ދަ ބްރިޓިޝް އެމްޕަޔާ (އޯބީއީ) ހިމެނެ އެވެ.