Roadha Mihaaru
"ގާނޫނުއަސާސީ ބަދަލުކުރަން މަޝްވަރާއަށް ލަފާ ދެއްވި"

ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ރައީސް ލަފާ ދެއްވި: ނަޝީދު

25 އޮކްޓޯބަރ 2021

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ބަހުސަށް ހައްްލެއް ހޯދުމަށާއި ގާނޫނުއަސާސީއަށް ބަަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަފާ ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ބަހުސަށް ހައްްލެއް ހޯދުމަށާއި ގާނޫނުއަސާސީއަށް ބަަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަފާ ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ބޮޑެތި ހިޔާލުތަފާތުވުންތަކުގައި ގުޅުން ގޯސްވެ އެކުގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަން ނަޝީދު އިއުލާނު ކުރެއްވި ފަހުން، އެ މަނިކުފާނު ފުރަތަމަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވީ އިއްޔެ އެވެ. މި ބައްދަލުވުމުގައި، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ ވާހަކަތައް ނަޝީދު ދެއްކެވި ކަަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެކަމަކު ދެ ބޭފުޅުންނަށް އެއްބަސްނުވެވި ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވާ ނިޒާމް ބަދަލުކުރުމުގެ މައްސަލައިގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ 2008 ގައި ފެހި ގާނޫނުއަސާސީ އެކުލަވާލިއިރު އޭގެ ބޮޑު ބައިގައި ހިމެނެނީ ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރަން ކަމަށެވެ.

އެކަމަކު އެންމެ ފަހު މަރުހަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރިޔާސީ ސިފައެއް ކަނޑައަޅުއްވައި ސަރުކާރެއް އެކުލަވާލަން ނިންމެވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދިޔަ 12، 13 އަހަރު ދުވަހުގެ ތެރޭގައި މި ގާނޫނުއަސާސީ ތަންފީޒުކުރި އިރު، އޭގައި ހިޔާލު ތަފާތުވުންތައް ހުރިކަން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ. އަޅުގަނޑު މި ހުށަހަޅަނީ، އަޅުގަނޑުމެންނަށް ބާރުތައް ޕާލިމަންޓާއި މިނިސްޓަރުންނަށް ހިއްސާ ކުރެވޭނެ އުސޫލެއް. އަދި ދެ ޕަވަރު ސެންޓަރު ނޯންނާނެ އުސޫލެއް. އޭރުން ވެރިކަން ތަރުތީބުކުރެވި، އޮމާންވެގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނިޒާމުގެ މައްސަލައިގައި ރައީސް ލަފާ ދެއްވި ގޮތުގެ މަތިން މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ނަޝީދު "ދަ ހިންދޫ" ނޫހަށް އިންޓަވިއު ދެއްވަނީ.

ރައީސް ނަޝީދު "ދަ ހިންދޫ" ނޫހަށް އިންޓަވިއު ދެއްވަނީ.

ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާނީ ވެސް ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކަމަށެވެ.

ދެން ކުރައްވާ އެއްވެސް ސިޔާސީ މަސައްކަތެއްގެ އަސާސަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވަނީ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޖާގަ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެކަމަކު ރައީސް އޭރު ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ކަނޑައެޅީ ރައްޔިތުން ކަމަށާއި ދެން ވެސް އެކަމުގައި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް އޮގަސްޓް، 18، 2007 ގައި ނެގި ސިއްރު ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދިނެވެ. ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.