Roadha Mihaaru
މައްސަލަ ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން

ވަސީލަތްތައް ނެތިގެން މައްސަލަ ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން: ސުޕްރީމް ކޯޓް

07 ޑިސެމްބަރ 2023

ދައުލަތުން މަސައްކަތް ކުރަން ޖެހޭނީ އަވަހަށް ޝަރީއަތް ހިންގޭނެ ވަސީލަތްތައް ފޯރުކޮށް ދިނުމަށް ކަމަށާއި އެކަމަކު ވަސީލަތްތައް ނެތިގެން މައްސަލަ ލަސްވުމަކީ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުން މަސައްކަތް ކުރަން ޖެހޭނީ އަވަހަށް ޝަރީއަތް ހިންގޭނެ ވަސީލަތްތައް ފޯރުކޮށް ދިނުމަށް ކަމަށާއި އެކަމަކު ވަސީލަތްތައް ނެތިގެން މައްސަލަ ލަސްވުމަކީ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި މިއަދު ބުނެފި އެވެ.

ޖުލައި، 2017 ގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ، ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމީންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފް ކުރުމަށްފަހު އެ މީހުން ބަންދުކުރަން އެދުމުން ހައި ކޯޓުން ނިންމީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރުން ކޯޓުތަކުގެ ވަސީލަތްތައް އިތުރުކޮށް އަދި ޝަރީއަތް ކުރެވޭނެ މަގު ފަހިކޮށް ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ކޯޓުތަކުގެ ވަސީލަތްތައް ނެތިގެން މައްސަލަ ލަސްވެދާނެ ކަމަށް ބެލެވުމަކީ އެކަމުގެ މައްޗަށް ބިނާކޮށް، ތުހުމަތު ކުރެވޭ މީހުން ބަންދު ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

"ވަސީލަތްތައް ނެތިގެން މައްސަލަތައް ނިންމުން އާދަޔާ ހިލާފަށް ލަސްވެގެން ހިނގައިދާނެ ކަމަށް ބަލައިގެން، ބަންދު ކުރުމާ ބެހޭގޮތުން މިހާތަނަށް ގާއިމްވެފައިވާ އުސޫލުތައް ދޫކޮށްލެވިދާނެ ކަމަކަށް ނުދެކެމެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ކުށް ސާބިތުނުވިޔަސް، ވަކި ހާލަތްތަކެއްގައި މީހުން ބަންދު ކުރުން ގާނޫނު އަސާސީން ހުއްދަ ކޮށްފައިވަނީ މުޖްތަމައުގެ ހައްގު ހިމާޔަތްކޮށް އަދި އިންސާފު ގާއިމް ކުރުމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ދައުލަތުން ވެސް އެކަމަށް އެހީތެރިވެގެން ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، އަދި އެކަމާ މެދު ހައި ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.