Roadha Mihaaru
ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް

ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް ހަދަނީ

26 އޮކްޓޯބަރ 2021

ބެލުންންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

ޕިންކްވިލާ އިން ބުނީ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އާއި އަޝީ ދުއާ ގުޅިގެން ހަދާ ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓާ އެކު 2018 ގައި ގެނެސްދިން "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައި ހަދަން މި ފަހަރު ނިންމާފައި ވަނީ ކުރީގެ ޑައިރެކްޓަރުންނާ ނުލަ އެވެ.

ކުރީގެ ފިލްމުގެ ޑައިރެކްޓަރުންނަކީ ކަރަން ޖޯހަރާއި އަނޫރާގް ކޭޝަޕާއި ޒޯޔާ އަޚްތަރުގެ އިތުރުން ދިބާކަރް ބެނަޖީ އެވެ. އެކަމަކު "ލަސްޓް ސްޓޯރީޒް 2" ގެ ސެގްމަންޓްތައް ޑައިރެކްޓް ކުރަން ހުށަހަޅާފައި ވަނީ "ބަދާއީ ހޯ" ގެ ޑައިރެކްޓަރު އަމިތު ޝަރުމާ އާއި މިހާރު "ޗުޕް" ގެ ނަމުގައި ފިލްމެއް ހަދަމުން އަންނަ އާރް ބަލްކީއަށާއި ބަތަލާ ކޮންކޮނާ ސެން ޝަރުމާއަށެވެ.

ނެޓްފްލިކްސްގެ މި އެންތޮލޮޖީ އަކީ 2013 ގައި ގެނެސްދިން "ބޮމްޓޭ ޓޯކީޒް" އާ ގުޅުވައިގެން ގެނެސްދޭ ފިލްމުތަކެކެވެ. އެގޮތުން އެ އެންތޮލޮޖީގެ ސެގްމަންޓްތައް ވެސް ޑައިރެކްޓްކުރީ "ލަސްޓް ސްޓޯރީޒް" ގެ ހަތަރު ޑައިރެކްޓަރުންނެވެ.

އަދި މިދިޔަ އަހަރު ގެނެސްދިން "ގޯސްޓް ސްޓޯރީޒް" އަކީ ވެސް މި އެންތޮލޮޖީގެ ބައެކެވެ. އޭގެ ޑައިރެކްޓަރުންނަކީ ވެސް ހަމަ ކުރީގެ ޑައިރެކްޓަރުންނެވެ.

"ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް ހަދާ އިރު، ފުރަތަމަ ބަޔަކީ 47 ވަނަ އިންޓަނޭޝަނަލް އެމީ އެވޯޑްސްގައި ދެ ނޮމިނޭޝަން ވެސް ލިބުނު ފިލްމެކެވެ. އެއީ ބެސްޓް ޓީވީ މޫވީޒް/މިނީސީރީޒް އާއި އަނޫރާގްގެ ސެގްމަންޓުން ރާދިކާ އަޕްޓޭ އަށް ލިބުނު މޮޅު ބަތަލާގެ ނޮމިނޭޝަނެވެ.

"ލަސްޓް ސްޓޯރީޒް" ގެ ސެގްމަންޓްތަކަށް ބަލާ އިރު ކަރަންގެ ސެގްމަންޓްގެ ތަރިންނަކީ ވިކީ ކޯޝަލާއި ކިއާރާ އަދުވާނީގެ އިތުރުން ނޭހާ ދޫޕިއާ އެވެ. ޒޯޔާގެ ސެގްމަންޓްގެ ތަރިންނަކީ ބޫމީ ޕިޑްނޭކަރާއި ނީލް ބޫޕަލަން އާއި ނިކިތާ ދައްތާގެ އިތުރުން ރާސިކާ ޑުއްގަލް އެވެ. ދިބާކަރްގެ ސެގްމަންޓްގެ ތަރިންނަކީ މަނީޝާ ކޮއިރަލާ އާއި ސަންޖޭ ކަޕޫރްގެ އިތުރުން ޖައިދީޕް އަހުލުވާތެވެ. އަނޫރާގްގެ ސެގްމަންޓްގައި ހިމެނުނީ ރާދިކާ އާއި އާކާޝް ތޯސަރެވެ.