Roadha Mihaaru
ރޯމާއާ އިން ނަޕޯލީ މޮޅުވުމުގެ ސިލްސިލާ ހުއްޓުވައިފި

ރޯމާ އިން ނަޕޯލީގެ މޮޅުވުމުގެ ސިލްސިލާ ހުއްޓުވި އިރު، ދެ ޓީމުގެ ކޯޗުންނަށް ރަތް ކާޑު

25 އޮކްޓޯބަރ 2021

ރޯމް (އޮކްޓޯބަރު 25) - އިޓާލިއަން ސެރީއާގައި ހޯސޭ މޮރީނިއޯގެ އޭއެސް ރޯމާ އިން ލޫސިއާނޯ ސްޕަލޭޓީގެ ނަޕޯލީން ލީގުގައި މޮޅުވުމުގެ ސިލްސިލާ ހުއްޓުމަކަށް ގެނައި އިރު، ދެ ކޯޗުންނަށް ވެސް ރަތްކާޑު ދައްކައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރޯމް (އޮކްޓޯބަރު 25) - އިޓާލިއަން ސެރީއާގައި ހޯސޭ މޮރީނިއޯގެ އޭއެސް ރޯމާ އިން ލޫސިއާނޯ ސްޕަލޭޓީގެ ނަޕޯލީން ލީގުގައި މޮޅުވުމުގެ ސިލްސިލާ ހުއްޓުމަކަށް ގެނައި އިރު، ދެ ކޯޗުންނަށް ވެސް ރަތްކާޑު ދައްކައިފި އެވެ.

ދެ ޓީމުގެ ކޯޗުންނަށް ރަތް ކާޑު ދެއްކި މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ.

ނަޕޯލީ އިން ލީގުގައި މިހާތަނަށް ނުވަ މެޗް ކުޅެފައި ވާއިރު މިއީ އެ ޓީމު އެއްވަރުވި ފުރަތަމަ މެޗެވެ. ފުރަތަމަ ކުޅުނު އަށް މެޗުން ވެސް އެ ޓީމު ވަނީ މޮޅު ވެފަ އެވެ.

ޔޫއެފާ ކޮންފަރެންސް ލީގުގައި އެންމެ ފަހުން ހޯސޭ މޮރީނިއޯގެ ރޯމާ، ލަދުވެތި ގޮތަކަށް ނޯވޭގެ ޗެމްޕިއަން ބޯޑޯ/ގިލްމްޓް އަތްދަށުވި މެޗުގައި ކުޅެން އެރުވި ފަސް ކުޅުންތެރިއަކަށް މި މެޗުގައި ޓީމުން ފުރުސަތު ނދީފައެއް ނުވެ އެވެ.

ރޯމާ އިން މެޗުގައި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ. ނަމަވެސް ނަޕޯލީގެ ނައިޖީރިއާ ފޯވަޑް ވިކްޓަ އޮސީމެން ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއާ އަމާޒު ވެފަ އެވެ.

މޮރީނިއޯ އާއި ނަޕޯލީގެ ކޯޗު ސްޕަލޭޓީ (ކ). ދެ ކޯޗުންނަށް ވެސް ރޭގެ މެޗުގައި ވަނީ ރަތް ކާޑު ދައްކާފައި. --

މޮރީނިއޯ އާއި ނަޕޯލީގެ ކޯޗު ސްޕަލޭޓީ (ކ). ދެ ކޯޗުންނަށް ވެސް ރޭގެ މެޗުގައި ވަނީ ރަތް ކާޑު ދައްކާފައި. --

ފުރަތަމަ ހާފުގައި ވެސް މޮރީނިއޯ އަށް ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް މޮރީނިއޯ އަށް އިތުރު ކާޑަކާ އެކު ރަތް ކާޑެއް ދެއްކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށެވެ. ރަތް ކާޑު ދެއްކީ، ރޯމާގެ ނިކޯލޯ ޒަނިއޯލާ އަށް ކުރި ފައުލެއް ނުދީގެން މޮރީނިއޯ ވަނީ ޗޯޗުންގެ ޓެކްނިކަލް އޭރިއާ ދޫކޮށް ނިކުމެ، ރެފްރީގެ ނިންމުމާމެދު ތަކުރާރުކޮށް ނުރުހުން ފާޅުކުރަން ފެށުމުންނެވެ.

ނަޕޯލީގެ ކޯޗު ސްޕަލޭޓީ އަށް ރަތް ކާޑު ދެއްކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ރެފްރީ ޑޭވިޑް މާސާ ގާތަށް ގޮސް، މޮރީނިއޯ އަށް ދެއްްކި ރަތް ކާޑަށް ތައުރީފު ކުރުމުންނެވެ. ނަމަވެސް ސްޕަލޭޓީ ބުނީ، މެޗަށް ފަހު އޭނާ ރެފްރީ ގާތަށް ދިޔައީ މެޗު ކޮންޓްރޯލް ކުރަން ރެފްރީ ކުރި މަސައްކަތަށް ތައުރީފުގެ ބަހެއް ބުނަން ކަމަށެވެ. އަދި މޮރީނިއޯ އަށް ދެއްކި ރަތް ކާޑުގެ ތަފްސީލު ވެސް ރެފްރީ ކުރެން އޮޅުން ފިލުވަން ބޭނުންވި ވާހަކަ ވެސް ސްޕަލޭޓީ ވަނީ ބުނެފަ އެވެ.

މި ނަތީޖާ އާއެކު ނަޕޯލީ އެއްވަނައިގައި އޮތީ، ދެވަނައިގައި އޮތް އޭސީ މިލާނަށް ވުރެން ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. ދެ ޓީމު ވެސް އަށް މެޗުން މޮޅުވެ، އެއް މެޗު އެއްވަރު ކޮށްލައިގެން ވަނީ 25 ޕޮއިންޓް ހަމަކޮށްފަ އެވެ. އިންވަނައިގައި 18 ޕޮއިންޓާ އެކު އިންޓަ މިލާން އޮތްއިރު، 16 ޕޮއިންޓާ އެކު ރޯމާ އޮތީ ހަތަރު ވަނައިގަ އެވެ.