Roadha Mihaaru
ކްރެމޮނީސޭ ފުރަތަމަ މޮޅު ހޯދިއިރު މޮރީނިއޯއަށް ރަތެއް

ކްރެމޮނީސޭ އަށް ފުރަތަމަ މޮޅު، މޮރީނިއޯ އަށް ތިން ވަނަ ރަތް ކާޑު

01 މާޗް 2023

ކްރެމޯނާ (މާޗު 1) - އިޓާލިއަން ލީގުގެ ފުލުގައި އޮތް ކްރެމޮނޭސީ އިން 2-1 އިން ރޯމާ ބަލިކޮށް މި ސީޒަނުގެ ލީގުގެ ފުރަތަމަ މޮޅު ހޯދި އިރު، ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އަށް މި މެޗުގައި، ސީޒަނުގެ ތިން ވަނަ ރަތް ކާޑު ދައްކައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކްރެމޯނާ (މާޗު 1) - އިޓާލިއަން ލީގުގެ ފުލުގައި އޮތް ކްރެމޮނޭސީ އިން 2-1 އިން ރޯމާ ބަލިކޮށް މި ސީޒަނުގެ ލީގުގެ ފުރަތަމަ މޮޅު ހޯދި އިރު، ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އަށް މި މެޗުގައި، ސީޒަނުގެ ތިން ވަނަ ރަތް ކާޑު ދައްކައިފި އެވެ.

ދެ ވަނަ ހާފުގެ ވަރަށް ކުރީކޮޅު މޮރީނިއޯ އަށް ރަތް ކާޑު ދެއްކީ ހަތަރު ވަނަ އޮފިޝަލާ ދެމެދު ހިނގި ދެބަސްވުމުގެ ތެރެއިންނެވެ. ރޯމާގެ އެސިސްޓެންޓް ކޯޗު ސަލްވަޓޯ ފޯޓީ ވެސް ހުރީ ސަސްޕެންޝަނުގަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ އިޓާލިއަން ކަޕް ގައި ކްރެމޮނީސޭ އިން ހަމަ މި ނަތީޖާއިން ރޯމާ ބަލިކުރި މެޗުގައި އޭނާގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކުގެ ސަބަބުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ކްރެމޮނީސޭ އިންނެވެ. މި ލަނޑު 17 ވަނަ މިނިޓުގައި ޖަހައިދިނީ ފޯވާޑް ފްރޭންކް ސަޖްއައުޓެވެ. މެޗުގެ 71 ވަނަ މިނިޓުގައި ލިއޮނާޑޯ ސްޕިނައްޒޯލާ ރޯމާ އަށް ނަތީޖާ އެއްވަރު ކޮށްދީފައި ވަނިކޮށް ކްރެމޮނީސޭ އިން ދެ ވަނަ ފަހަރަށް ލީޑު ނެގީ 83 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ޑެނިއެލް ކިއޮފާނީ އެވެ. މިއީ ރޯމާގެ ގޯލްކީޕަރު ރުއީ ޕެޓްރީސިއޯ، ޑޭވިޑް އޮކެރެކޭ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓިއެކެވެ.

މި ނަތީޖާއާ އެކު ކްރެމޮނީސޭ ވަނީ 24 މެޗުން 12 ޕޮއިންޓް ހަމަކޮށް ތާވަލުގެ 19 ވަނައަށް ޖެހިލައިފަ އެވެ. މި ސީޒަނުގައި ލީގުގައި މީގެ ކުރިން މޮޅެއް ނުހޯދި އޮތް ނަމަވެސް އެޓީމު ވަނީ ނުވަ މެޗު އެއްވަރު ކޮށްފަ އެވެ. ލީގު ފުލަށް ވެއްޓުނީ 11 ޕޮއިންޓު ލިބިފައިވާ ސެމްޑޯރިއާ އެވެ. ރޯމާ އޮތީ 44 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ.

މި މޮޅަކީ 27 އަހަރަށް ފަހު ކްރެމޮނީސޭ އިޓާލިއަން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން އެ ޓީމު މޮޅުވީ 1996 ވަނަ އަހަރުގެ މާޗު 31 ވަނަ ދުވަހު މިހާރު އިޓަލީގެ ތިން ވަނަ ޑިވިޝަނުގައި ކުޅޭ ޕަޑޯވާ އަތުންނެވެ.

މިދިޔަ ސީޒަނުގައި އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ހޯދައިގެން ޕްރޮމޯޝަން ހޯދި ކްރެމޮނީސޭ އެންމެ ފަހުން ލީގުގައި ކުޅުނީ 1995/1996 ސީޒަނުގަ އެވެ. އެ ސީޒަނުގައި ލީގުގެ ފަހު ހަތް މެޗު ނިންމާލީ މޮޅެއް ނުލިބި އެވެ.