Roadha Mihaaru
ބޮޑުޚިޔާނާތް ބަލަން އިތުރު 12 މީހުން ބޭނުން: އޭސީސީ

އެމްއެމްޕީއާރުސީގެ ތަހުގީގު ނިންމަން އިތުރު 12 މުވައްޒަފުން ބޭނުންވޭ: އޭސީސީ

26 އޮކްޓޯބަރ 2021

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ނިންމަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު 12 މުވައްޒަފުންނާއި ހަތަރު މިލިޔަން ރުފިޔާ ބޭނުންވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ނިންމަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު 12 މުވައްޒަފުންނާއި ހަތަރު މިލިޔަން ރުފިޔާ ބޭނުންވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާ، އެމްއެމްޕީއާރުސީގެ ތަހުގީގުގައި 338 ފަރާތެއްގެ މައްސަލަ ބަލަންޖެހޭ ކަމަށެެވެ. އޭގެ ތެރެއިން މިހާތަނަށް ނިމިފައި އޮތީ އެންމެ 38 މައްސަލަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައު އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ އެހުރިހާ މައްސަލަތަކެއްގެ ތެރެއިން ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް އަށް މަސްދުވަސް ހޭދަވެ އެވެ.

"މި ރޭޓްގައި މި ނަމްބަރު އޮފް ކޭސަސް ހުރިއްޔާ އަޅުގަނޑުމެންގެ ތަގުގީގު ޓީމަށް އިތުރު 12 މުވައްޒަފުން ބޭނުންވާ ކަމަށް އަޅުގަނޑުމެން މިހާރު ފިނޭންސް މިނިސްޓްރީއަަށް ޕްރޮޕޯސަލް އެއް ހުށަހަޅަން ޕްރޮޕޯސަލް ޑްރާފްޓްްކޮށް ނިމްމާފައި ވާނީ،" ޝިއުނާ ވިދާޅުވި އެވެ.

ދައުލަތުން އެމްއެމްޕީއާރްސީ މައްސަލަ ރަނގަޅު ސްޕީޑެއްގައި، ޖެނުއިންލީ، ވިތު ޕޮލިޓިކަލް ވިލް ނިންމަން ބޭނުންވާ ކަމަށް ވަނީ ނަމަ އެ މައްސަލައަަށް އެކަށީގެންވާ މުވައްޒަފުން ބޭނުންވޭ: އޭސީސީގެ ރައީސް

އެ ޕްރޮޕޯސަލްއާ ބެހޭ ގޮތުން މަޝްވަރާކުރަން ފިނޭންސް މިނިސްޓްރީއާއި އެކު ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްއެމްޕީއާރްސީގެ ތަހުގީގު އަވަސްކުރަން އޭސީސީގެ ބަޖެޓަށް ގާތްްގަނޑަކަށް ހަަތަރު މިލިޔަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ އިތުރަށް ބޭނުންވާ 12 މުވައްޒަފުންނަށް ހިނގާ ހަރަދުކަމަކަށް އޭނާ ސާފުކޮށްް ވިދާޅެއް ނުވެ އެވެ.

"ގާތްގަނޑަކަށް އިތުރު ފޯ މިިލިޔަން ރުފިޔާ ބޭނުންވާނެ މިތަހުގީގު އަޅުގަނޑުމެން އެކްސްޕެކްޓްކުރާ ސްޕީޑްގައި [ކުރިއަށް ގެންދަން]،" އޭނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގުގައި އުޅުނު އޭސީސީގެ މުވައްޒަފުންތަކެއް ވަކިވެގެން ގޮސްފައިވާ ކަމަށާއި އަލަށް ނަގާ މުވައްޒަފުން، އެމްއެމްޕީއާރްސީގެ މައްސަލައަކަށް ވެއްދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އޭސީސީގެ ވަރަށް ގިނަ މުވައްޒަފުން މިދިޔަ ދެ އަހަރުދުވަހު ހާއްސަކޮށްފައި ތިބީ އެމްއެމްޕީއާރްސީގެ މައްސަލަތައް ބަލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަަމަވެސް ޖޮއިންޓް އިންވެސްޓިގޭޝަންގައި ބައިވެރިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި ޕޮލިސްގެ އިންވެސްޓިގޭޓަރުން މަސައްކަތް ކުރަނީ އެގޮތަށް ނޫން ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުގައި ތިބީ ވަރަށް މަދު މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން އެމްއެމްޕީއާރްސީ މައްސަލަ ރަނގަޅު ސްޕީޑެއްގައި، ޖެނުއިންލީ، ވިތު ޕޮލިޓިކަލް ވިލް ނިންމަން ބޭނުންވާ ކަމަށް ވަނީ ނަމަ އެ މައްސަލައަަށް އެކަށީގެންވާ މުވައްޒަފުން ބޭނުންވޭ،" ޝިއުނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ރިސޯޓް ހަދަން ދޫކުރި ރަށްތަކުގެ އިކްއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ދެެ ބިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށް އެފައިސާއަށް ހިޔާނާތްތެރިވި މައްސަލަ އެވެ. އެ މައްސަލައިގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ހިމެނޭ ގޮތުން ބައެއް މީހުންނަށް ދައުވާކޮށް، ހުކުމްވެސް ވަނީ ކޮށްފަ އެވެ.