Roadha Mihaaru
ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފި

ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފި

09 ޑިސެމްބަރ 2021

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް މިއަދު ކައިވެނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް މިއަދު ކައިވެނިކޮށްފި އެވެ.

ރާޖަސްތާންގެ ސިކްސް ސެންސެސް ބަރްވާރާ ފޯޓް ރިސޯޓްގައި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކު ބޭއްވި ކުލަގަދަ ކައިވެނީގެ ރަސްމީ ހަފުލާ އޮތީ މިއަދުގެ ވަރަށް ހަވީރުގެ ވަގުތެއްގަ އެވެ. އެ ހަފުލާ ބޭއްވީ ހިންދޫންގެ އާދަކާދައާ އެއްގޮތަށެވެ. ހަފުލާގެ ފޮޓޯތަކެއް ދެ ތަރިންގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނިކުރަން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން ކައިވެނިކުރި ނަމަވެސް އެ ގުޅުމާ ބެހޭ ގޮތުން ދެ ތަރިން ތިބީ ކައިވެނިކުރުމާ ހަމައަށް އެކަން ސިއްރުކޮށްގެންނެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ 2019 ގަ އެވެ.

މިއަދު ކައިވެނީގެ ރަސްމީ ހަފުލާ ބޭއްވި އިރު، ކައިވެންޏާ ގުޅުން ހުރި އިތުރު އެހެން ހަރަކާތްތައް ރާޖަސްތާނުގައި ވަނީ އަންގާރަ ދުވަހު ފަށައިފަ އެވެ. މި ކައިވެނީގެ ހަފުލާ އަށް ރަސްމީކޮށް ދައުވަތު ދީފައި ވަނީ ގާތްގަނޑަކަށް 120 މީހަކަށެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ފިލްމު އިންޑަސްޓްރީގެ އެންމެ ގާތް މީހުންނެވެ.

ކައިވެނީގެ ހަފުލާ އަށް ފަހު ކެޓްރީނާ އާއި ވިކީ ފަހުން އަދި ގިނަ ބަޔަކަށް ދައުވަތު ދީގެން ބޮޑު ރިސެޕްޝަނަށް ބާއްވާނެ އެވެ. ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ތަރިން ކައިވެންޏަށް ފަހު ވަރަށް އަވަހަށް ހަނީމޫނަށް ރާއްޖެ އަންނާނެ އެވެ. އެކަމަކު މިހާރު ބައެއް މީޑިއާތަކުން ބުނީ މި ވަގުތު ހަނީމޫންގެ ސީރިއަސް ޕްލޭނެއް ނެތް ކަމަށާއި ދެ ތަރިން ކައިވެންޏަށް ފަހު، ސޮއިކޮށްފައި ހުރި ފިލްމީ މަސައްކަތްތަކަށް ވަގުތުދޭން ފަށާނެ ކަމަށެވެ.

ވިކީ، 33، އާ ކައިވެނިކުރި އިރު، ކެޓްރީނާ، 38، އަކީ ކުރިން ސަލްމާން ޚާނާއި ރަންބީރް ކަޕޫރާ ވެސް ރައްޓެހިވި ބަތަލާއެކެވެ.