Roadha Mihaaru
އަހާން ނެރޭ ފިލްމުގެ ޓްރެއިލާ ދައްކާލައިިފި

ސުނިލްގެ ދަރިފުޅު އަހާން ނެރޭ ފިލްމުގެ ޓްރެއިލާ ދައްކާލައިިފި

28 އޮކްޓޯބަރ 2021

އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް" ގެ ޓްރެއިކާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް" ގެ ޓްރެއިކާ ދައްކާލައިފި އެވެ.

މި ފިލްމަކީ ސުނިލްގެ ގާތް އެކުވެރިން ކަމަށްވާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. އަންނަ ޑިސެމްބަރު މަހުގެ 3 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ތަޅަޕް" އަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ. މިއީ ރޮމޭންޓިކް އެކްޝަން ޑްރާމާއެކެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގެ ރިމޭކުން އަހާން ބޮލީވުޑަށް ނެރޭ އިރު "ތަޅަޕް" ގެ ބަތަލާ އަކީ ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ތާރާ ސުތާރިއާ އެވެ. މިއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ ރިލީޒްވާ ތިން ވަނަ ފިލްމެވެ. ތާރާ، 25، ގެ ދެވަނަ ފިލްމަކީ 2019 ގެ "މަރުޖާވާ" އެވެ.

އޭނާ މިހާރު އަންނަނީ ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ 2" އާއި އަރުޖުން ކަޕޫރާއި ޖޯން އަބްރަހަމްގެ "އޭކް ވިލަން ރިޓާންސް" ގައި ވެސް މަސައްކަތް ކުރަމުންނެވެ.

"ތަޅަޕް" އިން އަހާން، 25، ފިލްމީ ދުނިޔެ އަށް ދޫކޮށްލާ އިރު އޭނާގެ ދައްތަ އާތިޔާ ޝެޓީ، 28، ބޮލީވުޑަށް ނެރުނީ ސަލްމާން ޚާން ޕްރޮޑިއުސްކުރި 2015 ގެ "ހީރޯ" އެވެ. އޭގެ ފަހުން އޭނާ ކުޅުނީ ދެ ފިލްމެކެވެ. އެއީ 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އާއި 2016 ގެ "މުބާރަކަން" އެވެ.

ބެލުންތެރިން އާތިޔާ ބަލައިގެންފައި ނުވާ އިރު އޭނާ އަށް ފަހަކުން ކުޅޭނެ ފިލްމެއް ވެސް ނުލިބެ އެވެ.