Roadha Mihaaru
ފަރުވާ ކުޑަކޮށްލެވުމުން ކުރިމަތިވަނީ ބޮޑު އަދަބެއް

ފަރުވާ ކުޑަކޮށްލެވުމުން ކުރިމަތިވަނީ ބޮޑު އަދަބެއް

04 ނޮވެމްބަރ 2021

މަދަނީ މުއާމަލާތްތަކުގެ ތެރެއިން ފަހުން ދޭ ގޮތަށް މީހުން އަތުން މުދަލާއި ފައިސާ ނެގުމަށް ފަހު ނުވަތަ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ފަހު ފައިސާ ނުލިބުމުގެ މައްސަލަތައް އަބަދު ވެސް ބޮޑެވެ. މިއީި މަދަނީ މުއާމަލާތްތަކަށް ވާތީ ގާނޫނުއަސާސީ އޮންނަ ގޮތުން މިފަދަ ކަންކަމާ ގުޅިގެން މީހުން ހައްޔަރުކޮށް، ބަންދެއް ނުކުރެވެ އެވެ. އެހެން ނަމަވެސް މަދަނީ މުއާމަލާތްތަކުގައި ފަރުވާ ކުޑަކޮށްލެވޭ ކަމެއްގެ ސަބަބުން ޖިނާއީ ކުށަކަށް އެކަން ބަދަލުވެ، ބޮޑު އަދަބާ ކުރިމަތިލާން ޖެހޭ މައްސަލަތައް ވަރަށް ބޮޑަށް ދަނީ އިތުރުވަމުންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަދަނީ މުއާމަލާތްތަކުގެ ތެރެއިން ފަހުން ދޭ ގޮތަށް މީހުން އަތުން މުދަލާއި ފައިސާ ނެގުމަށް ފަހު ނުވަތަ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ފަހު ފައިސާ ނުލިބުމުގެ މައްސަލަތައް އަބަދު ވެސް ބޮޑެވެ. މިއީި މަދަނީ މުއާމަލާތްތަކަށް ވާތީ ގާނޫނުއަސާސީ އޮންނަ ގޮތުން މިފަދަ ކަންކަމާ ގުޅިގެން މީހުން ހައްޔަރުކޮށް، ބަންދެއް ނުކުރެވެ އެވެ. އެހެން ނަމަވެސް މަދަނީ މުއާމަލާތްތަކުގައި ފަރުވާ ކުޑަކޮށްލެވޭ ކަމެއްގެ ސަބަބުން ޖިނާއީ ކުށަކަށް އެކަން ބަދަލުވެ، ބޮޑު އަދަބާ ކުރިމަތިލާން ޖެހޭ މައްސަލަތައް ވަރަށް ބޮޑަށް ދަނީ އިތުރުވަމުންނެވެ.

ހާއްސަކޮށް، ޗެކް ބައުންސްގެ މައްސަލަތަކެވެ. އާންމުކޮށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމަށްޓަކައި ދޫކުރަނީ ޗެކެވެ. ފަހުން ފައިސާ ދޭ ގޮތަށް މުދަލާއި ހިދުމަތްތައް ހޯދުމުގައި ވެސް، ފައިސާ ދޭނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ބޭނުން ކުރަނީ ޗެކްތަކެވެ. އެގޮތުން އެ މުދަލުގެ ޖުމްލަ އަގަށްވާ ފައިސާގެ ޗެކެއް މުދާ ވިއްކާ ފަރާތުގެ ބެލުމުގެ ދަށުގައި ބާއްވަނީ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ނުދެއްކޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ޗެކް މެދުވެރިކޮށް ފައިސާ ހޯދުމަށެވެ.

ޗެކް ބައުންސްވެ، ފައިސާ ނުދެއްކުމަކީ ޖިނާއީ ކުށެއް

އެހެން ނަމަވެސް އާންމުކޮށް، މިގޮތަށް ޗެކް ދޫކުރުމަށް ފަހު މުދަލާއި ހިދުމަތްތައް ހޯދާއިރު ގިނަ މީހުންގެ އެކައުންޓްތަކުގައި ގިނަ ފައިސާއެއް ނުހުރެ އެވެ. އެކަން އެނގި ހުރެ، ޗެކް ދޫކުރަނީ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން ފައިސާ ދެއްކޭނެ ކަމުގެ އުއްމީދުގައި ނުވަތަ ކޮންމެވެސް ޔަގީންކަމެއް އޮވެގެންނެވެ. އެކަމަކު ފަހުން ދިމާވާ ކޮންމެވެސް ކަމެއްގެ ސަބަބުން ފައިސާ ނުދެއްކި، އަދި ޗެކް ވެސް ބައުންސް ވަނީ އެވެ. މައްސަލަ ދިމާވަނީ މިހާ ހިސާބުންނެވެ.

ފައިސާ ލިބެންޖެހޭ ފަރާތަކުން ބޭންކަށް ޗެކް ހުށަހެޅުން ޗެކް ބައުންސްވެއްޖެ ނަމަ، ފައިސާ ދައްކަންޖެހޭ ފަރާތަށް ފައިސާ ލިބެންވީ ފަރާތުން އެކަން އަންގަން ޖެހޭނެ އެވެ. އެގޮތަށް އަންގާތާ ގިނަވެގެން ހަތް ދުވަސް ތެރޭގައި އެކީ އެއްފަހަރާ އެ ޗެކަށް ފައިސާ ނުދައްކައިފި ނަމަ ގާނޫނު އެކަން ބަދަލުވެގެން އެ ދަނީ ޖިނާއީ ކުށަކަށެވެ. މިގޮތަށް ފަރުވާ ކުޑަކޮށްލެވޭ އެތައް މައްސަލައެއްގައި އެތައް ބަޔަކަށް ބޮޑެތިި އަދަބުތަކާ ކުރިމަތިލާން ޖެހިިއްޖެ އެވެ.

މަދަނީ މުއާމަލާތެއް ޖިނާއީ ކުށަކަށް ބަދަލުވުން

އާންމު އުސޫލުން މަދަނީ ޒިންމާއެއް އަދާ ނުކުރުމަކީ ޖިނާއީ ކުށެއް ނޫނެވެ. މިސާލަކަށް ފަހުން ދޭ ގޮތަށް ފައިސާ ހޯދުމަށްފަހު ފައިސާ އަނބުރާ ނުދެއްކުމާއި ކުލި ނުދެއްކުން ފަދަ ކަންކަމަކީ އޭގެ ޒާތުގައި މަދަނީ މައްސަލަތަކެވެ. އެފަދަ މައްސަލަތަކުގައި ފައިސާ އަނބުރާ ހޯދޭނީ ވެސް މަދަނީ މައްސަލައެއްގެ ތެރެއިންނެވެ. ޗެކަށް ފައިސާ ދިނުމާއި ޗެކް ބައުންސްވާ މައްސަލަތަކަކީ ވެސް އޭގެ ޒާތުގައި މަދަނީ މުއާމަލާތަކަށް ވާއިރު، އެކަން ޖިނާއީ ކުށަކަށް ވާ ގޮތާ މެދު ސުވާލު އުފެދިދާނެ އެވެ.

ކުށްވެރިން ބައިތިއްބާ ތަނެއް --- ފޮޓޯ/މިހާރު

ކުށްވެރިން ބައިތިއްބާ ތަނެއް --- ފޮޓޯ/މިހާރު

ގާނޫނުލް އުގޫބާތުގެ 212 ވަަނަ މާއްދާ ބުނާގޮތުން އެކައުންޓްގައި ފައިސާ ނެތިގެން ޗެކެއް ބައުންސްވި ކަން އެ މީހަކަށް އަންގާތާ ހަތް ދުވަސް ތެރޭގައި އެ ފައިސާ އެއްކޮށް ދައްކައި ނިންމަން ޖެހޭނެ އެވެ. ފައިސާ ނުދައްކައިފި ނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު އެއީ މަކަރާއި ހީލަތް ހެދުމުގެ ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ. އެހެންވުމުން، ޗެކް ދޫކުރުމަކީ މަދަނީ މުއާމަލާތަކަށް ވިޔަސް، ގާނޫނު އޮތްގޮތުން ޗެކް ބައުންސްވުމަށްފަހު ފައިސާ ނުދެއްކިއްޖެ ނަމަ ޖިނާއީ ކުށަކަށް ބަދަލުވީ އެވެ.

ގާނޫނު އޮތްގޮތުން އެފަދަ މައްސަލަތަކުގައި ސާބިތުވާން ޖެހެނީ ޗެކެއް ދޫކުރި ކަމާއި އެ ޗެކް ބައުންސްވުމުން ފައިސާ ދެއްކުމަށް އެ މީހަކަށް ލިޔުމުން އެންގުމުން ހަތް ދުވަސް ތެރޭގައި ފައިސާ ނުދެއްކި ކަން އެކަންޏެވެ. ޗެކަށް ފައިސާ ނުދެއްކުނީ މާލީ ދަތިކަމެއްގެ ނުވަތަ އަމިއްލަ ސަބަބަކަށް ކަމަށް ވިޔަސް، ގާނޫނު އޮންނަ ގޮތުން ސަލާމަތްވުމުގެ ފުރުސަތެއް ނޯވެ އެވެ. އެހެންވެ، ގާނޫނުގައި މިކަން އޮތީ އެއީ ކުށެއް ކަން ނޭނގި ތިބެ ފަރުވާ ކުޑަކޮށްލެވުނަސް، ގާނޫނީ ގޮޅިއަކަށް ފެތޭ ގޮތަށެވެ.

ބޮޑު އަދަބަކާ ކުރިމަތިލާން ޖެހުން

ޗެކް ބައުންސް މައްސަލަތަކުގައި ހުރިހާ ކަމެއް ލިޔެކިޔުމުން ފެންނަން އޮންނާނެތީ އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާ ކޮށްފި ނަމަ، ސަލާމަތްވުމަކީ ގާނޫނީ ގޮތުން އެހާ ފަސޭހަ ކަމެއް ނޫނެވެ. އަނެއްކޮޅުން، ކޯޓުތަކުން މައްސަަލަ ނިމެންދެން ހޭދަވާ މުއްދަތާއި އެކަމަށް ކުރަންޖެހޭ ޚަރަދުތަކުން ސަލާމަތްވުމަށްޓަކައި ކުށަށް އިއުތިރާފްވުން ނޫން ގޮތެއް ނޯވެ އެވެ. އަދި އިއުތިރާފްވުމުން އަދަބުގެ މިންވަރު ކޮންމެވެސް ވަރަކަށް ކުޑަ ކުރެވޭތީ ގިނަ މީހުން އަމަލު ކުރަނީ އެގޮތަށެވެ.

ޗެކް ބައުންސް މައްސަލަތަކުގައި ހުރިހާ ކަމެއް ލިޔެކިޔުމުން ފެންނަން އޮންނާނެތީ އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާ ކޮށްފި ނަމަ، ސަލާމަތްވުމަކީ ގާނޫނީ ގޮތުން އެހާ ފަސޭހަ ކަމެއް ނޫން

މިފަދަ މައްސަލަތަކުގައި އަންނަ އަދަބު ވެސް ކުޑައެއް ނޫނެވެ. ގާނޫނު އޮންނަ ގޮތުން ޗެކް ބައުންސް މައްސަލަތަކުގައި އަންނަ އަދަބު ބިނާ ވަނީ ޗެކްގައިވާ ފައިސާގެ އަދަދަށް ބަލައިގެންނެވެ. އެގޮތުން ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހިމެނޭ ޗެކެއް ނަމަ، އަދަބަކީ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެކެވެ. އަދި 50،000ރ. އަށް ވުރެ ބޮޑު ޗެކެއް ނަމަ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނައިރު، 5،000ރ. އަށް ވުރެ ބޮޑު އަދަދެއްގެ ޗެކެއް ނަމަ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަދަބުގެ ބާވަތް ގޭ ބަންދަށް ބަދަލުކޮށްފި ނަމަ، ހުކުމުގެ މުއްދަތު އިތުރަށް ދިގުވެ އެވެ. އަދި ޖޫރިމަނާއަކަށް ބަދަލު ކުރަން ބެލިޔަސް، ގާނޫނު އޮންނަ ގޮތުން އެއްފަހަރާ ނުވަތަ ކުރު މުއްދަތެއްގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި އެކަނި ވެސް ދައްކަން ޖެހެނީ މަދު އަދަދެއް ނޫނެވެ. އެގޮތުން 50،000ރ. ގެ ޗެކެއްގެ މައްސަލައެއްގައި އަދަބު ޖޫރިމަނާއަށް ބަދަލުކުރާ ނަމަ، ޖޫރިމަނާގެ ގޮތުގައި އެކަނި ވެސް 114،000ރ. ދައްކަން ޖެހެ އެވެ. އަދި 5،000ރ. ގެ ޗެކެއް ނަމަ، ޖޫރިމަނާގެ އަދަބު 54،000ރ. އަށް އަރަ އެވެ.

ޗެކް ބައުންސް މައްސަލަތަކުގައި މިފަދަ އަދަބުތަކާ ކުރިމަތިލާން ޖެހުނު ގިނަ މީހުންނަކީ ފަހުން ފައިސާ ދޭނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ޗެކް ދޫކުރި މީހުންނެވެ. އަނެއް ބައި މީހުންނަކީ އެއް ބައެއްގެ އަތުން މުދާ ގަނެގެން ތިން ވަނަ ފަރާތަކަށް މުދާ ވިއްކުމުގެ ވިޔަފާރީގައި އުޅުނު މީހުންނެވެ. އަދި ދުރާލާ ފައިސާ ނަގައިގެން ރާއްޖެއިން ބޭރުން މުދާ ގެނެސްގެން ވިޔަފާރި ކުރަން އުޅުމުގެ ތެރޭގައި ދިމާވާ ކަމެއްގެ ސަބަބުން މުދާ ނުލިބި އަދި ފައިސާ ވެސް ނުދެއްކޭ ހާލަތު ކުރިމަތިވި ބައެއް މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

މަދަނީ ޒިންމާއެއް އަދާ ނުކުރުމަކީ އޭގެ ޒާތުގައި ޖިިނާއީ ކުށަކަށް ނުވިޔަސް، މަދަނީ ބައެއް މުއާމަލާތްތަކުގެ ތެރެއިން ފަރުވާ ކުޑަކޮށްލެވޭ ކުޑަ ކަމަކުން ވެސް ޖިނާއީ ކުށަކަށް ބަދަލުވެ، ބޮޑެތި އަދަބުތަކާ ކުރިމަތިލާން ޖެހެ އެވެ. ޗެކް ބައުންސްގެ މައްސަލަތަކަކީ އެގޮތަށް ދުރާލާ ވިސްނާ ނުލެވި ނުވަތަ ފަރުވާ ކުޑަކޮށް ކޮށްލެވޭ އާދައިގެ ކަމެއްގެ ސަބަބުން ވެސް ބޮޑު އަދަބަކާ ކުރިމަތިލާން ޖެހިދާނެ ފަދަ ކަމެކެވެ.