Roadha Mihaaru
ކޮމިއުނިޓީ ސާވިސްގެ އަދަބު:ފާހާނާ ސާފުކުރަން އެންގިދާނެ

ކޮމިއުނިޓީ ސާވިސްގެ އަދަބު: މަގު، ފާހާނާ ސާފުކުރުމާއި ކުނި އުކަން ވެސް ކުށްވެރިޔާ އަށް ޖެހިދާނެ

01 ޖުލައި 2021

މުޖްތަމައަށް ހިދުމަތް ކުރުމުގެ އަދަބެއްގެ ގޮތުން މަގުތަކާއި އާންމު ފާހާނާތައް ސާފުކުރުމާއި ކުނި އުކުން ފަދަ ކަންކަން ކުށްވެރިން ލައްވައި، ކުރުވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މުޖްތަމައަށް ހިދުމަތް ކުރުމުގެ އަދަބެއްގެ ގޮތުން މަގުތަކާއި އާންމު ފާހާނާތައް ސާފުކުރުމާއި ކުނި އުކުން ފަދަ ކަންކަން ކުށްވެރިން ލައްވައި، ކުރުވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

ގާނޫނުލްއުުގޫބާތު ބުނާގޮތުން ޖަލަށްލުމާއި ގޭ ބަންދު ކުރުމުގެ ބަދަލުގައި އަދަބެއްގެ ގޮތުން މުޖްތަމައަށް ޚިދުމަތް ކުރަން ކުށްވެރިންގެ މައްޗަށް އެންގިދާނެ އެވެ. އެކަމަކު މުޖުތަމައަށް ހިދުމަތް ކުރުމުގެ ގޮތުން ކުށްވެރިން ލައްވައި، ކުރުވޭނެ ކަންކަން މީގެ ކުރިން ކަނޑައަޅާފައެއް ނުވެ އެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން މުޖްތަމައަށް ހިދުމަތް ކުރުމުގެ އަދަބެއްގެ ގޮތުން މަގުތަކާއި އާންމު ފާހާނާތަކާއި މިސްކިތްތަކާއި ސްކޫލްތަކާއި ޕާކުތައް ސާފުކުރަން ކުށްވެރިޔާގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެ އެވެ. ގޭގެ އިން ކުނި އުކުމާއި މަގު ހެދުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކާއިި ދައުލަތުގެ އޮފީހެއް ނުވަތަ ކުންފުންޏަކަށް ވަކި މުއްދަތަކަށް ހިދުމަތް ކުރަން ވެސް އަމުރު ކުރެވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އުސޫލުގައިވާ ގޮތުން އެފަދަ މަސައްކަތެއް ކުރަން ކުށްވެރިޔާގެ މައްޗަށް ކޯޓުން އަމުރުކޮށްފި ނަމަ، ހުކުމާ އެއްގޮތަށް ކުށްވެރިޔާ އަމަލުކުރާ ކަން ދައުލަތުގެ އިދާރާތަކުން މޮނީޓާ ކުރަން ޖެހޭނެ އެވެ.

އަދި އެކަމާބެހޭ އުސޫލުތައް 60 ދުވަސް ތެރޭގައި ކަމާބެހޭ އިދާރާތަކުން ހަދަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ކުށްވެރިން އުޅޭ ނޫޅޭ ގޮތް ބެލުމާއި ޕްރޮޮބޭޝަންގެ އަދަބު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތް ވެސް އެ އުސޫލުގައި ހިމަނާފައިވެ އެވެ. އުޅޭ ނޫޅޭ ގޮތް ބެލުމުގެ އަދަބު ކަނޑައެޅުމުގައި، ވަކި މީހަކާ ބައްދަލު ނުކުރަން އެންގުމާއި ވަކި ތަނަކަށް ނުދާން އެންގުމާއި ވަކި ވަގުތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުންނަން އަމުރު ކުރެވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ވަކި ބާވަތެއްގެ ވަޒީފާއެއް އަދާކުރަން ވެސް އަމުރު ކުރެވިދާނެ އެވެ.

މީގެ އިތުރުން އެ އުސޫލުގައިވާ ގޮތުން ގޭ ބަންދުގައި ބައިތިއްބަން ހުކުމްކުރާ މީހުން ގޭގައި ތިބޭކަން ކަށަވަރު ކުރުމަށްޓަކައި ޓެގް އެޅުވުން ފަދަ ކަންކަން ވެސް ތަންފީޒީ އިދާރާތަކަށް ކުރެވިދާނެ އެވެ. އަދި ޖޫރިމަނާގެ އަދަބު ކަނޑައެޅުމުގައި ވެސް، އެ މީހެއްގެ މާލީ ފުދުންތެރި ކަމަށް ބެލުމަށާއި އަދި ބޮޑެތި ކުށްތައް ސާބިތުވާ މީހުންނަށް ޖޫރިމަނާ އަދަބު ކަނޑަނޭޅޭ ގޮތަށް ވެސް އެ އުސޫލުގައި ހިމަނާފައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ކުށްވެރިޔާ އެ އަދަބާ އެއްގޮތަށް އަމަލު ނުކުރާ ނަމަ އަދަބުގެ ބާވަތް ބަދަލު ކުރެވިދާނެ އެވެ. އެގޮތަށް އަދަބު ބަދަލު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން ދެ ފަރާތުން ދައްކާ ވާހަކަތަކަށް ބެލުމަށް ފަހު ކަމަށް އުސޫލުގައި ބުނެ އެވެ. ކުށްވެރިޔާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަން ސާބިތުވެއްޖެ ނަމަ، އޭނާގެ އަދަބު ޖަލު ހުކުމަކަށް ނުވަތަ ކުރިއަށް ވުރެ ހަރުކަށި އަދަބަކަށް ބަދަލު ކުރެވިދާނެ އުސޫލުގައި ބުނެފައިވެ އެވެ.