Roadha Mihaaru
ގަވާއިދާ ހިލާފަށް ކޯސް ހިންގާތީ "ބްލެކްލިސްޓް" އަށް

ގަވާއިދާ ހިލާފަށް ކޯސްތަކެއް ހިންގާތީ ހުރިހާ ހުއްދައެއް ބާތިލުކޮށް، "ބްލެކްލިސްޓް" ކޮށްފި

01 ނޮވެމްބަރ 2021

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފަށް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (ސީއައިޓީއެމް) އިން ކޯސްތައް ހިންގަމުން އަންނަނީ އެ ސެންޓަރު ހިންގަމުން އައި ހުރިހާ ކޯސްތަކަކަށް ދީފައިވާ ހުއްދަތައް ބާތިލުކޮށް، މިއަދު އެ ސެންޓަރު "ބްލެކްލިސްޓް" ކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފަށް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (ސީއައިޓީއެމް) އިން ކޯސްތައް ހިންގަމުން އަންނަނީ އެ ސެންޓަރު ހިންގަމުން އައި ހުރިހާ ކޯސްތަކަކަށް ދީފައިވާ ހުއްދަތައް ބާތިލުކޮށް، މިއަދު އެ ސެންޓަރު "ބްލެކްލިސްޓް" ކޮށްފި އެވެ.

އެމްކިއުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް އެ ސެންޓަރުން ކޯސްތައް ހިންގަމުންދާ މައްސަލަ އެ އޮތޯރިޓީގެ ބޯޑަށް ހުށަހެޅި، އެންމެ ފަހުން ބޭއްވި ބޯޑުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ސެންޓަރަށް ހިންގުމުގެ ހުއްދަ ދީފައިވާ މަތީ ތައުލީމުގެ ޕްރޮގްރާމްތަކުގެ ހުއްދަތައް ބާތިލުކޮށް، އެ ސެންޓަރު "ބްލެކްލިސްޓް" ކުރުމަށް ކަމަށެވެ.

އަމިއްލަ މީހަކު ހިންގަމުން އަންނަ ސީއައިޓީއެމްގެ ކޯސްތަކުން ފަސް މައްސަލައެއް އެ އޮތޯރިޓީ އަށް ފާހަގަކުރެވިފައިވެ އެވެ. އެއީ؛

1. ކޯސްތަކަށް ވަނުމުގެ ޝަރުތު ހަމަނުވާ ބައެއް ދަރިވަރުން ވެއްދުން.

2. ކޯސް ނިންމުމުން ސެޓްފިކެޓް ދޫކުރުމުގެ ކުރިން އެމްކިއުއޭ އަށް ހުށަހަޅަން ޖެހޭ މައުލޫމާތުތަކާއި ލިޔުންތައް ހުށަނޭޅުން.

3. އެމްކިއުއޭ އިން ހުއްދަ ނުދެނީސް، ދަރިވަރުންނަށް ސެޓްފިކެޓް ދިނުން.

4. އެކްމިއުއޭ އިން ހުއްދަ ދިނުމުން ވެސް ދަރިވަރުންނަށް ސެޓްފިކެޓް ނުދިނުމާއި ދިނުން ލަސްވުން.

5. އެމްކިއުއޭ އަށް ހުށަހަޅަން ޖެހޭ "ބިފޯ ކޮމެންސިން ފޯމް" 2014 ވަނަ އަހަރުން ފެށިގެން ހުށަހަޅާފައި ނުވުން.

އެމްކިއުއޭ އިން ބުނީ ދަރިވަރުންނަށް ސެޓްފިކެޓް ދޫކުރުމުގެ ކުރިން ސީއައިޓީއެމް އިން އެ އޮތޯރިޓީ އަށް ހުށަހަޅަން ޖެހޭ ލިޔުންތައް، ބޯޑުގެ ނިންމުމާ އެއްގޮތަށް އެއް މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން މިހާރު އަންގާފައިވާ ވާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ލިޔުންތައް ހުށަނާޅައިފި ނަމަ، އެ ސެންޓަރުގެ ރަޖިސްޓްރީއާ މެދު ފިޔަވަޅު އަޅަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި އެދެނޭ ކަމަށް ވެސް ބުންޏެވެ.

އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެ ސެންޓަރުން މިހާރު ކުރިއަށް ގެންދާ ކޯސްތަކުގެ ބެޗުތައް ފިޔަވާއި އިތުރު އެއްވެސް ބެޗެއް ނުފެށުމަށް ވެސް ވަނީ ބޯޑުން އަންގައިފަ އެވެ. އަދި އެ އެންގުމާ ހިލާފަށް އާ ބެޗެއް ފަށައިފި ނަމަ އެ އޮތޯރިޓީން އެ ބެޗެއް ބަލައި ނުގަންނާނެ ކަމަށާއި އަދި އެ ދަރިވަރުންނަށް ދޫކުރާ ސެޓްފިކެޓް ވެސް ބަލައިނުގަންނާނެ ކަމަށް ވަނީ ބުނެފަ އެވެ.