Roadha Mihaaru
އަގުއެރޯ ކުރިއަށް އޮތް ތިން މަހަށް ކުޅުމާ ދުރަށް

އަގުއެރޯ ކުރިއަށް އޮތް ތިން މަހަށް ކުޅުމާ ދުރަށް

02 ނޮވެމްބަރ 2021

ބާސެލޯނާ (ނޮވެމްބަރު 2) - ސްޕެނިޝް ލަ ލީގާގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ކުއްލިއަކަށް މެޔަށް ތަދުވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހުނު ފޯވާޑް ސާޖިއޯ އަގުއެރޯ ތިން މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (ނޮވެމްބަރު 2) - ސްޕެނިޝް ލަ ލީގާގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ކުއްލިއަކަށް މެޔަށް ތަދުވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހުނު ފޯވާޑް ސާޖިއޯ އަގުއެރޯ ތިން މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި، ބާސެލޯނާ އަށް މި ސީޒަނުގައި ގެނައި އަގުއެރޯ އަށް ވަނީ ދަނޑުމަތީގައި އެތައް އިރެއް ވަންދެން ފަރުވާ ދިނުމަށް ފަހު، އިތުރު ޓެސްޓުތަކެއް ހަދަން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.

ބާސެލޯނާއިން ރޭ ނެރުނު ބަޔާނެއްގައި ވަނީ އަގުއެރޯ ތިން މަހަށް ކުޅުމާ ދުރުގައި ހުންނަންޖެހޭ ކަން ޔަގީން ކޮށްދީފަ އެވެ.

"އޭނާ [އަގުއެރޯ] ކުރިއަށް އޮތް ތިން މަހު ކުޅޭ އެއްވެސް މެޗަކަށް ޓީމަކަށް ނުނެގޭނެ. މި މުއްދަތުގައި އޭނާގެ ފަރުވާގެ ކުރިއެރުން ދެނެގަންނެވޭނެ،" ބަޔާނުގައި ވެ އެވެ.

ޓެސްޓުތަކުގެ ނަތީޖާތަކުން ދައްކާ ގޮތުގައި އަގުއެރޯ އަށް ވަނީ "ކާޑިއެކް އެރިތުމިއާ" ނަމަކަށް ކިޔާ ހިތުގެ ބައްޔެއް ޖެހިފަ އެވެ. ކާޑިއެކް އެރިތުމިއާގެ ސަބަބުން ހިތުގެ ވިންދު (ހާޓް ބީޓް) އެއްވަރެއްގައި ނުހިފެހެއްޓެ އެވެ.

އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗަކީ އޭނާ ބާސެލޯނާ އަށް ބަދަލުވި ފަހުން ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ދެވަނަ މެޗެވެ. އުމުރުން 33 އަހަރުގެ ފޯވާޑް މެންޗެސްޓާ ސިޓީން ބާސެލޯނާ އަށް ބަދަލުވި ފަހުން ޕްރީ ސީޒަނުގައި ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރެފަ އެވެ.

އަގުއެރޯ މި ސީޒަނުގައި ބާސާ އަށް ބަދަލުވީ 10 އަހަރު އެ ޓީމަށް ކުޅުމަށް ފަހު، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި މުއްދަތުގައި އޭނާ ވަނީ ސިޓީ އަށް ކުޅެދިން 390 މެޗުން 260 ލަނޑު ޖަހައި، ޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.