Roadha Mihaaru
ބާސެލޯނާގެ އޮފާއާ މެދު އަގުއޭރޯ ގޮތެއް ނިންމަނީ

ބާސެލޯނާގެ އޮފާއާ މެދު އަގުއޭރޯ ގޮތެއް ނިންމަނީ

13 މާޗް 2021

މެންޗެސްޓާ (މާޗް 13) - ބާސެލޯނާ އިން މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ލިބިފައިވާ ހުށަހެޅުމާ މެދު އޭނާ ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޓައިކް ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

މެންޗެސްޓާ (މާޗް 13) - ބާސެލޯނާ އިން މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ލިބިފައިވާ ހުށަހެޅުމާ މެދު އޭނާ ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޓައިކް ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

އާޖެންޓީނާގެ މީޑިއާ އެއް ކަމަށްވާ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި އުމުރުން 32 އަހަރުގެ އަގުއޭރޯ އަށް ބާސެލޯނާ އިން ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ. ބާސެލޯނާ އިން އަގުއޭރޯ ގެންނަން ބޭނުންވަނީ މިދިޔަ ސީޒަނަށް ފަހު އެ ޓީމުން ދޫކޮށްލި ލުއިސް ސުއަރޭޒްގެ މަގާމަށެވެ.

ބާސެލޯނާގެ ރައީސަކަށް ދާދި ފަހުން އިންތިހާބުވި ޖޮއާން ލަޕޯޓާގެ ލީޑަޝިޕުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް އަގުއޭރޯގެ އިތުރުން ޑޯޓްމަންޑްގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގެންނަން ވެސް މަސައްކަތްކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދާދިފަހުން ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ސަޕޯޓަރެއްގެ ސުވާލަކަށް ދިން ޖަވާބުގައި އަގުއޭރޯ ވަނީ އޭނާ އާއި ބާސެލޯނާއާ ގުޅޭގޮތުން މީޑިއާގައި ދައްކާ ވާހަކަތަކަށް ޖަވާބެއް ދީފަ އެވެ. އަގުއޭރޯ ބުނީ ބާސެލޯނާގެ ހުށަހެޅުމާ އެ ޓްރާންސްފާގެ ވާހަކަތައް ދައްކަނީ މީޑިއާތަކުން ކަމަށާއި އޭނާ ގޮތެއް ނިންމާނަމަ އެންމެ ފުރަތަމަ އެނގޭނީ ސިޓީ އަށް ކަމަށެވެ.

ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި މެއި މަހުގެ ކުރިން އަގުއޭރޯ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނެ އެވެ. ސިޓީއާ އެކު އަގުއޭރޯ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަގުއޭރޯ އަށް ސީޒަނުގައި ބާކީ ހުރި މެޗުތަކުން މާ ގިނައިން ކުޅުމުގެ ފުރުސަތު ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި ޓީމަށް ކުޅުންތެރިން ނަގަނީ ޕްރެކްޓިހުގައި ދައްކާ ކުޅުމަށް ބަލައިގެން ކަމަށެވެ. އަނިޔާގެ ސަބަބުން އަގުއޭރޯ އަށް މި ސީޒަނުގެ ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އަގުއޭރޯ ފަހަކަށް އައިސް ގިނަ މެޗުތަކުގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ސިޓީއާ އެކު ހަތަރު ފަހު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ އަގުއޭރޯ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް 256 ގޯލު ކާމިޔާބުކޮށްދީފަ އެވެ.