Roadha Mihaaru
ބޮޑެތި ގޯސްތަކުން ސްކޫލުތަކުގެ އިތުބާރު ގެއްލެނީ؟

ބޮޑެތި ގޯސްތަކުން ސްކޫލުތަކުގެ އިތުބާރު ގެއްލެނީ؟

06 ނޮވެމްބަރ 2021

ދަރިވަރުން، ދިރިއުޅުމަށް ތައްޔާރުކޮށްދިނުމުގައި އެންމެ ހާއްސަ ރޯލެއް އަދާކުރަނީ ސްކޫލުތަކެވެ. އަދި ދިރިއުޅުމުގެ ދަތި، އުނދަގޫ ހާލަތާ ގުޅިގެން ބައެއް ދަރިވަރުންނަށް އެންމެ ރައްކާތެރި މާހައުލަށް ވެގެން ދިޔައީ ވެސް ސްކޫލުތަކެވެ. ނަމަވެސް، ގަލޮޅު މަދަރުސާގެ ދަރިވަރަކަށް، އެ ސްކޫލުގެ މުވައްޒަފަކު ޖިންސީ ގޯނާކުރި ކަމަށް ކުރާ ތުހުމަތާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިދިޔަ އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހާމަކުރެއްވި ނަމްބަރުތަކުން ފެންނަނީ ކަންބޮޑުވުންތަކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުން، ދިރިއުޅުމަށް ތައްޔާރުކޮށްދިނުމުގައި އެންމެ ހާއްސަ ރޯލެއް އަދާކުރަނީ ސްކޫލުތަކެވެ. އަދި ދިރިއުޅުމުގެ ދަތި، އުނދަގޫ ހާލަތާ ގުޅިގެން ބައެއް ދަރިވަރުންނަށް އެންމެ ރައްކާތެރި މާހައުލަށް ވެގެން ދިޔައީ ވެސް ސްކޫލުތަކެވެ. ނަމަވެސް، ގަލޮޅު މަދަރުސާގެ ދަރިވަރަކަށް، އެ ސްކޫލުގެ މުވައްޒަފަކު ޖިންސީ ގޯނާކުރި ކަމަށް ކުރާ ތުހުމަތާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިދިޔަ އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހާމަކުރެއްވި ނަމްބަރުތަކުން ފެންނަނީ ކަންބޮޑުވުންތަކެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން ސްކޫލުތަކުގައި ޖިންސީ އަނިޔާކުރުމާ ގުޅޭ 40 މައްސަލައެއް ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ތިރީހަކަށް މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އެފަދަ މައްސަލައެއްގައި، މީހަކާ ދެކޮޅަށް ކިރިޔާ ހެއްކެއް ލިބުނަސް އެ މީހަކު ވަޒީފާއިން ވަކިކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ފިޔަވަޅުތައް ރަނގަޅެެވެ. އެއީ، ބެލެނިވެރިންނަށް ވެސް ލިބޭ ހިތްހަމަޖެހުމެކެވެ. ނަމަވެސް، ބައެއް ބެލެނިވެރިން ބުނާގޮތުން ސްކޫލުތަކަށް އެ މީހުން ކުރަމުންދިޔަ އިތުބާރު މި ވަނީ ގެއްލިފަ އެވެ. އެހެންވެ، ސްކޫލުތަކަށް ދަރިން ފޮނުވަން ފަސްޖެހޭ ކަމަށް، މި ރިޕޯޓަށް ވާހަކަދެއްކި ބައެއް ބެލެނިވެރިން ބުންޏެވެ.

އޭގެ ތެރެއިން އެކަކަކީ، ގަލޮޅު މަދަރުސާގެ ބެލެނިވެރިއެކެވެ.

ނަން ނުޖެހުމަށް އެދި އެ ބެލެނިވެރިޔާ ބުނީ، އެ ސްކޫލުގެ ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވުމުން އޭނާގެ ދަރިފުޅު ސްކޫލަށް ގެންގޮސްފައި ވަނީ މަދު ދުވަސްތަކެއްގަ އެވެ. އެއީ ސްކޫލެއްގެ ތެރޭގައި ހިނގައިފާނެ ކަމަށް އޭނާ ހީކުރި ކަހަލަ ކަމެއް ނޫނެވެ.

"މި ސްކޫލެއް ނޫން، ކޮންމެ ތާކަށް ގެންދިޔަސް ހަމަ ބިރު އިނދޭ. ކެމެރާ ހަރުކޮށްފައި އިން ވާހަކަ އިއުލާނެއްގައި ބުނެފައި އަދި ޓޮއިލެޓު ދައްތަމެން ސަސްޕެންޑުކުރީމަ އެ ނިމުނީއެއް ނޫން،" އޭނާ ބުންޏެވެ.

މާލެ ސަރަހައްދުގެ އެހެން ޕްރީ ސްކޫލެއްގެ ބެލެނިވެރިޔަކު ބުނި ގޮތުގައި، އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ސްކޫލަށް ފޮނުވުމުގެ ކުރިން މީގެ ކުރިން އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހެ އެވެ. ހުރި ހަމައެކަނި ދަރިފުޅު އެއްވެސް ބިރެއްނެތި ސްކޫލަށް ފޮނުވަމުންދިޔައީ ހާސްކަމެއް، ފިކުރެެއް ނެތި ކަމަށް އޭނާ ބުންޏެވެ.

އެކަމަކު، ސްކޫލުތަކުގައި ހިނގާ ޖިންސީ ފުރައްސާރައިގެ އަމަލުތަކާ ހެދި އެ ވިސްނުން އޭނާގެ ބަދަލުވެއްޖެ އެވެ. އޭނާ ވެސް ފަސް ޖެހެނީ، ކުރިން ހިނގާފައި ނެތް ކަހަލަ ކަންކަން ފެންމަތިވަމުންދާތީ އެވެ.

"މިހާރު ވަރަށް، ވަރަށް ބިރުގަނޭ ސްކޫލުގައި އެ އުޅޭ ވަގުތު. ކުރިން ދަރިފުޅު ކައިރީގައި ބުނަން އެކަނި ފާހަނާއަށް ނުދާށޭ، ދައްތައެއްގެ އެހީ ހޯދާށޭ. އެކަމަކު މިހާރު ރަނގަޅީ އެކަނި ފާހަނާއަށް ދިޔައިއްޔާ ކޮންމެ ހާލަތެއްގައި ވެސް،" އޭނާ ބުންޏެވެ.

"ދަރިފުޅަށް ހުންނާނީ ގުޑް ޓަޗް އަދި ބޭޑް ޓަޗް ކަހަލަ އެއްޗެހި ކިޔައި ވެސް ދީފައި. އެކަމަކު ވެސް ވަރަށް ފަސްޖެހޭ."

ހުޅުމާލެ ސްކޫލެއްގެ ބެލެނިވެރިޔަކު، އޭނާގެ ހަގު ދަރިފުޅަށް ދީފައި އޮންނަ ނަސޭހަތަކީ ފާހަނާކުރުމަށް އެހެން މީހުންގެ އެހީ ނުހޯދުމެވެ. އެހެން ހުއްޓައި، އެއްފަހަރު ކްލާސް ރޫމުތެރެއަށް ކުޑަކަމު ވެސް ދިޔަ ކަމަށް އެ ބެލެނިވެރިޔާ ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިދިޔަ އަންގާރަ ދުވަހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިދިޔަ އަންގާރަ ދުވަހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެ ކަންބޮޑުވުންތަކާ އެކު ސްކޫލުތަކުން މި ވަނީ ބެލެނިވެރިންގެ އިތުބާރު އަލުން ހޯދަން ޖެހިފަ އެވެ. އޭގެ ގޮންޖެހުންތައް ސްކޫލުތަކަށް އަންނަމުންދާ ކަމަށް ބައެއް ޕްރިންސިޕަލުން ބުނެ އެވެ.

ދެކުނު ސަރަހައްދުގެ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ، އެ ސްކޫލުގައި ދަރިވަރުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅު ނަމަވެސް، ބައެއް ސްކޫލުތަކުގައި ހިނގައިދިޔަ ކަންތަކަށް ފަހު ބެލެނިވެރިން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވުމެއްގައި ކަމަށެވެ. އެކަމާ ބެލެނިވެރިން ޝައްކު ވެސް އުފައްދާ ކަމަށާއި އެހެންވެ، ސްކޫލު ހިންގުމުގައި ގޮންޖެހުންތައް ބޮޑުވެފައިވާ ކަމަށް އެ ޕްރިންސިޕަލް ވިދާޅުވި އެވެ.

"މި ސްކޫލުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުވާނެ ކަމުގެ ޔަގީންކަން ދެން. މީގެ ކުރިން ވެސް ނެތް އެކަހަލަ ކަމެއް ހިނގާފައި. އެކަމަކު ބެލެނިވެރިން ކަންބޮޑުވާނެ، އެކަން ގަބޫލުކުރަން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ޕްރީ ސްކޫލެއް ހިންގާ އިސް އޮފިޝަލަކު ވިދާޅުވީ ބައެއް ސްކޫލުތަކުގައި ފަހަކަށް އައިސް ހިނގި ހާދިސާތަކުން ބެލިވެރިންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ދަރިވަރުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ބަދަލުގައި ބެލެނިވެރިން ކުރަންވީ ކަމަކީ އަޅާފައި ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ބެލެނިވެރިން ވެސް ކަންބޮޑުވާނެ. އެކަމަކު މީގައި މުހިއްމީ މި ވަގުތު ހާދިސާ ދިމާވި ގޮތް ރަނގަޅަށް ދިރާސާކޮށް، ވަރަށް ރަނގަޅު، ފާމް ޕޮލިސީއެއް ތަންފީޒުކުރުން. އެ ވިސްނަން ޖެހޭނީ ދިގު މުއްދަތަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރު ގައުމުތަކުގައި ޓީޗަރުން ތަމްރީނު ތަމްރީނުކުރާއިރު، ދަރިވަރުން ސާފުކުރުމަކީ އެ ޓީޗަރުންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައި ތަމްރީނުކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ކަން ހިނގަނީ އެއާ ހިލާފަށެވެ. ރާއްޖޭގައި ޕްރީ ސްކޫލުގެ ދަރިވަރުން ފާހަނާއަށް ގެންގޮސް، ދަރިވަރުން ސާފުކޮށްދެނީ މަސައްކަތު ދައްތައިންނެވެ.

އެ އޮފިޝަލް ވިދާޅުވީ ގްރޭޑު 1 އަށް ދިއުމުގެ ކުރިން ދަރިވަރުން އަމިއްލއަށް ފާހަނާކުރަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އަމިއްލަ ސާފުތާހިރު ކަމަކީ ސްކޫލުގެ ޕޮލިސީ ތެރޭގައި ހިމެނެން ޖެހޭ ކަމެއް ކަމަށާއި އެކަންތައް ގެއާއި ސްކޫލުގައި ދަސްކޮށްދޭންޖެހޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެ ކަމުގައި ހައްލަކީ މުޅި ސްކޫލުގައި ކެމެރާ ހަރުކޮށް މީހުން ސަސްޕެންޑުކުރުމެއް ނޫން. އަނެއްކާ އެހެން ސްކޫލެއްގައި އެކަހަލަ ކަމެއް ވެދާނެ. ދެން އަނެއްކާ ކެމެރާ ހަރުކޮށްފައި މީހުން ސަސްޕެންޑުކުރުމަކީ ހައްލެއް ނޫން. އޭރުން ހުރިހާ އެންމެންގެ އިތުބާރު ވެސް މި ގެއްލެނީ. އެ މީހުންނަށް ޓާގެޓުވެގެން ނުވާނެ. ރަނގަޅު މީހުން ވެސް އެބަތިބި. މި ރިއެކްޝަން ރަނގަޅެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ ތެރޭގައި ގަލޮޅު ސްކޫލުގައި ހިނގައިދިޔަ ހާދިސާ އަށް ފަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕްރީސްކޫލުތަކުގެ ދަރިވަރުން ފާހާނާ އަށް ފޮނުވާ ވަގުތާއި އިތުރު ހަރަކާތްތަކުގައި އުޅޭއިރު ވެސް ކްލާސް ޓީޗަރު ނޫން އެހެން މީހަކާ އެ ކުދިން ހަވާލުކުރާ ނަމަ، އެއީ ކާކުކަން ޔަގީންކުރަން އަންގައިފަ އެވެ. ހާއްސަކޮށް ބޭބީ ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް އިތުރަށް ސަމާލުކަން ދިނުމަށް މިނިސްޓަރު ސޮއިކުރައްވައި ފޮނުވި ސާކިއުލާގައި އެދިފައިވެ އެވެ.

ހަތަރު އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ އަނިޔާވެފައި ވަނީ މަސައްކަތު މީހެއްގެ ބެލުމުގެ ދަށުން ފާހާނާ އަށް ފޮނުވި ފަހުން ކަމަށް ކުއްޖާގެ ބެލެނިވެރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްޖާ ފާހާނާ އަށް ގެންދަން ހަވާލުކުރި ވަކި މީހަކު ނޭނގޭ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

ބެލެނިވެރިން ދަރިން ސްކޫލަށް ފޮނުވަނީ އެތަނަކީ ވަރަށް ރައްކާތެރި ތަނެއްކަން ހިތުގެ އަޑިން ކަށަވަރު ކުރުމަށް ފަހު އެވެ. ސްކޫލުތަކުގައި ނިސްބަތުން ހިނގާ ޖިންސީ ގޯނާގެ އަމަލުތައް ވަރަށް މަދެވެ. އެކަމަކު އެފަދަ އެންމެ ގޯހެއް ވެސް އެއީ ބެލެނިވެރިން ގަބޫލުކުރާނެ ކަމެއް ނޫނެވެ. އެފަދަ އެންމެ ގޯހެއް ހެދުނަސް، ނުވަތަ ހެދިޔަސް އެއީ ބެލެނިވެރިން މާފުކުރާނެ ކަމެއް ވެސް ނޫނެވެ. ސަބަބަކީ، އަމިއްލަ ދަރިން އެހެން ބަޔަކާ މި ހަވާލުކުރަނީ ސްކޫލުތަކުން ދީފައިވާ އިތުބާރެއްގެ މައްޗަށް ކަމަށް ވާތީ އެވެ.