Roadha Mihaaru
އަމާޒަކީ އެންމެ ބާރުގަދަ ނިއުކްލިއާ ލަޝްކަރަށް ވުން

އަމާޒަކީ އެންމެ ބާރުގަދަ ނިއުކްލިއާ ލަޝްކަރަށް ވުން: ކިމް

27 ނޮވެމްބަރ 2022

އުތުރު ކޮރެއާގެ އަމާޒަކީ، ދުނިޔޭގެ އެންމެ ބާރުގަދަ ނިއުކްލިއާ ލަޝްކަރުގެ މަގާމު ހާސިލުކުރުން ކަމަށް، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

އުތުރު ކޮރެއާގެ އަމާޒަކީ، ދުނިޔޭގެ އެންމެ ބާރުގަދަ ނިއުކްލިއާ ލަޝްކަރުގެ މަގާމު ހާސިލުކުރުން ކަމަށް، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

ރައީސް ކިމް މި މޭރުމުން ހުޅަނގުގެ ގައުމުތަކަށް އިންޒާރު ކުރެއްވީ، އެ ގައުމުން ދާދި ފަހުން އަޖުމަ ބެލި އެ ގައުމުގެ އެންމެ ބޮޑު ބެލިސްޓިކް މިސައިލް ތަރައްގީކުރުމުގައި ބައިވެރިވި އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގަ އެވެ. އޭނާ ވިދާޅުވީ ގައުމުގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ނިއުކްލިއާ ގާބިލުކަން ވަރަށް މުހިންމު ކަމަށެވެ.

އުތުރު ކޮރެއާގައި މިހާތަނަށް އުފެއްދި އެންމެ ބިޔަ ބެލިސްޓިކް މިސައިލް، ހްވާސޮންގް-17 އެ ގައުމުން އަޖުމަ ބެލީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މިއީ ގާތްގަނޑަކަށް 15000 ކިލޯމީޓަރަށް ނުވަތަ އެއަށް ވުރެ ދުރު ރާސްތާ އަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވާ، އަދި އެއްފަހަރާ އެކަކަށް ވުރެ ގިނަ ވޯހެޑް އުފުލުމުގެ ގާބިލުކަން ލިބިގެންވާ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެކެވެ.

ހްވާސޮންގް-17ގެ ރާސްތާ އަށް ބަލާއިރު، އުތުރު ކޮރެއާ އިން ފޮނުވައިލާ މި މިސައިލުން އެމެރިކާގެ ކޮންމެ ތަނަކަށް ވެސް ފޯރާނެ އެވެ. އަދި އުތުރު ކޮރެއާ އިން ޔޫރަޕްގެ އެންމެ ހުޅަނގުގެ ބިތުގެ ގައުމުތަކަށް ވެސް ހަމަލާ ދެވޭނެ އެވެ.

ނޮވެމްބަރ 18، 2022؛ އުތުރު ކޮރެއާގައި އުފައްދާފައިވާ އެންމެ ބޮޑު ބެލިސްޓިކް މިސައިލް އަޖުމަ ބެލުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދަށް، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން އޭނާގެ ދަރިކަނބަލުންނާއެކު ވަޑައިގެން މިސައިލް ބައްލަވާލައްވަނީ. --އޭއެފްޕީ

ނޮވެމްބަރ 18، 2022؛ އުތުރު ކޮރެއާގައި އުފައްދާފައިވާ އެންމެ ބޮޑު ބެލިސްޓިކް މިސައިލް އަޖުމަ ބެލުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދަށް، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން އޭނާގެ ދަރިކަނބަލުންނާއެކު ވަޑައިގެން މިސައިލް ބައްލަވާލައްވަނީ. --އޭއެފްޕީ

"ނިއުކްލިއާ ލަޝްކަރެއް ބިނާކުރުމަކީ، އުތުރު ކޮރެއާގެ ދައުލަތާއި ރައްޔިތުންގެ ކަރާމާތާއި އިސްތިގުލާލު އިތުބާރު ހުރި ގޮތެއްގައި ހިމާޔަތްކުރުން. އަހަރެމެންގެ އެންމެ ފަހު ލަނޑުދަނޑިއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ސްޓްރެޓީޖީ އަދި މި ގަރުނުގައި މީގެ ކުރިން ނުފެންނަ މުތުލަގު ބާރެއް މިލްކުކުރުން،" ރައީސް ކިމް ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި ހްވާސޮންގް-17 މިސައިލަކީ، ދުނިޔޭގެ އެންމެ ބާރުގަދަ ސްޓްރެޓީޖިކް ހަތިޔާރެވެ. އަދި އެ މިސައިލުން ދޭހަކޮށްދެނީ، ދުނިޔޭގެ އެންމެ ވަރުގަދަ ލަޝްކަރު ބިނާކުރުމުގެ ގާބިލުކަން އުތުރު ކޮރެއާ އަށް ލިބިގެންވާ ކަން ކަމުގައި ވެސް ރައީސް ކިމް ވިދާޅުވި އެވެ.

ނޮވެމްބަރ 18، 2022؛ އުތުރު ކޮރެއާގައި އުފައްދާފައިވާ އެންމެ ބޮޑު ބެލިސްޓިކް މިސައިލް އަޖުމަ ބެލުމުގެ ގޮތުން ޖައްވުގެ ތެރެއަށް ފޮނުވައިލަނީ. --އޭއެފްޕީ

ނޮވެމްބަރ 18، 2022؛ އުތުރު ކޮރެއާގައި އުފައްދާފައިވާ އެންމެ ބޮޑު ބެލިސްޓިކް މިސައިލް އަޖުމަ ބެލުމުގެ ގޮތުން ޖައްވުގެ ތެރެއަށް ފޮނުވައިލަނީ. --އޭއެފްޕީ

"ބެލެސްޓިކް މިސައިލްގެ ކުރީގައި ނިއުކްލިއާ ވޯހެޑް ހަރުކުރުމުގެ ޓެކްނޮލޮޖީގައި އުތުރު ކޮރެއާގެ ސައެންސްވެރިން މިވަނީ ވަރަށް ފުރިހަމަ ހަރުފަތެއް ގިރާކޮށްފައި. ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމުގައި އެމެރިކާ ހޯދާފައިވާ މަތީ މަގާމުގެ ކުރިމަތީގައި ސާބިތުވެ ހުރުމުގެ ނިއުކްލިއާ ގާބިލުކަން އުތުރު ކޮރެއާ އަށް ލިބިގެންވާކަން، މި މިސައިލް ދުނިޔޭގެ ކުރިމަތީގައި ސާބިތުކޮށްދީފި. އަދި އުތުރު ކޮރެއާއަކީ އެންމެ ބާރު ގަދަ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްގެ ގާބިލުކަން ލިބިގެންގާ ގައުމުކަން ވެސް މި މިސައިލް ވަނީ ދުނިޔެއަށް ސާބިތުކޮށްދީފައި،" ރައީސް ކިމް ވިދާޅުވި އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ފޮނުވައިލެވޭ ވަރުގެ މިސައިލެއް، އުތުރު ކޮރެއާ އިން ތަރައްގީކޮށް އަޖުމަ ބެލުމާ ގުޅިގެން، އުތުރު ކޮރެއާ ޒިންމާދާރު ކުރުވުމަށް އެމެރިކާ އިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފަ އެވެ. އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލް އުފެއްދުމަކީ، ސަލާމަތީ މަޖިލީހުން މީގެ ކުރިން ފާސްކޮށްފައިވާ ގަރާރުތައް މަނާކުރާ ކަމެކެވެ.

ހްވާސޮންގް-17 ތަރައްގީކުރުމުގައި ބައިވެރިވި ސައެންސްވެރިންނާއި އިންޖިނޭރުންނާއި އޮފިސަރުންނާ ބައްދަލުކުރައްވައި، އޭގެ ތެރެއިން ބައެއް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ކިމް ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން ހަލުވި ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ އުފެއްދުންތެރިކަން ފުޅާކޮށް، ނިއުކްލިއާ ހަތިޔާރުގެ ބާރު މިހާރަށް ވުރެ ގަދަކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.