Roadha Mihaaru
ރަޝިޔާ އިން ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފަށައިފި

ރަޝިޔާ އިން ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފަށައިފި

29 މާޗް 2023

ރަޝިޔާގައި އުފައްދާފައިވާ އެންމެ ބާރު ގަދަ ބެލިސްޓިކް މިސައިލް، ޔާސް ބޭނުންކޮށްގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކެއް މިއަދު ފަށައިފި އެވެ.

ރަޝިޔާގައި އުފައްދާފައިވާ އެންމެ ބާރު ގަދަ ބެލިސްޓިކް މިސައިލް، ޔާސް ބޭނުންކޮށްގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކެއް މިއަދު ފަށައިފި އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދު ފެށި އަސްކަރީ ތަމްރީންތަކުގައި، 3000 އަށް ވުރެ ގިނަ ސިފައިން ބައިވެރިވާ އިރު، އޭގެ ތެރޭގައި އެ ގައުމުގެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ލަޝްކަރުގެ ގިނަ އަދަދެއްގެ ސިފައިން ހިމެނެ އެވެ. އަދި 300 އަށް ވުރެ ގިނަ އަސްކަރީ އާލާތް ބޭނުންކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި ތަމްރީންތަކުގައި ޔާސް މިސައިލް ނިޒާމުތައް އެ ގައުމުގެ މައިގަނޑު ތިން ސަރަހައްދެއްގައި ރުކުރުވާލާނެ އެވެ. ނަމަވެސް އެއީ ކޮން ސަރަހައްދުތަކެއް ކަމެއް، އަދި މި ތަމްރީންތަކުގައި ބޭނުންކުރާނީ ޔާސް މަރުކާގެ ކިތައް މިސައިލް ކަމެއް ވެސް ރަޝިޔާ އިން ނުބުނެ އެވެ.

ޔާސް މިސައިލް ނިޒާމަކީ ފަސޭހައިން އެއް ތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް އުފައްދާފައި ހުންނަ ނިޒާމުތަކެކެވެ. މިއީ ރަޝިޔާގެ އެންމެ ފަޚުރުވެރި އެއް ހަތިޔާރު ކަމަށް އެ ގައުމުން ބުނާއިރު، މި ބާވަތުގެ މިސައިލްގެ ފަންނީ ގާބިލުކަމާ ބެހޭ ގޮތުން އާންމުވެފައިވަނީ ވަރަށް މަދު މައުލޫމާތެކެވެ.

ޔާސް މަރުކާގެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލަކީ 12000 ކިލޯމީޓަރަށް (5700 މޭލަށް) ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ދުރު ރާސްތާގެ މިސައިލެކެވެ. އަދި އެއިން ކޮންމެ މިސައިލެއްގައި ގިނަ އަދަދެއްގެ ނިއުކްލިއާ ވޯހެޑް އުފުލޭ އިރު، އެއިން ކޮންމެ ވޯހެޑެއް ވަކި އަމާޒަކަށް ފޮނުވައިލެވޭނެ އެވެ.

އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ބޭނުންކުރާ ގޮތަށް ރަޝިޔާ އިން އަސްކަރީ ތަމްރީންތަކެއް ފަށާފައި މިވަނީ، އެ ގައުމުގައި ހުރި ބައެއް ނިއުކްލިއާ ހަތިޔާރުތައް އަވައްޓެރި ބެލަރޫސްގައި ގާއިމުކުރުމަށް ނިންމައި، އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ރަޝިޔާގެ އެ ނިންމުމަކީ، ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ބުނެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެހެން ބައެއް ގައުމުތަކާ އެކުގައި ވެސް ރަޝިޔާ އިން އަސްކަރީ ތަމްރީންތަކެއް ބާއްވައިފި އެވެ. ޗައިނާ އާއި ދެކުނު އެފްރިކާއާ އެކުގައި ވެސް ރަޝިޔާ ސިފައިން ބައިވެރިވާ އަސްކަރީ ތަމްރީންތަކެއް މިދިޔަ އަހަރު ބޭއްވި އެވެ.

އޭގެ އިތުރުން ރަޝިޔާ އާއި ޔޫކްރޭނާ ވެސް އިންވެގެން އޮންނަ ބެލަރޫސްއާ އެކުގައި ރަޝިޔާ އިން އަންނަނީ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ.