Roadha Mihaaru

ހަގީގަތް އެނގުނުއިރު...

އުވަގަލުން ރާނާފައިވާ ކުޑަކުޑަ ގެއެއްގެ ބޮޑާށީގައި ހުރި ރޭޑިއޯއިން ފޮނުވަމުންދިޔަ ލަވައިގެ ތެރެއަށް ގެއްލިފައި މުސްކުޅި ފިރިހެނަކު އޮތެވެ. ކިޔަމުން ދިޔަ ލަވައިގެ ކޮންމެ ކަޑިއެއް ނިމޭއިރު އޭނާގެ ލޮލުން ކަރުނަ ފޮހެލައެވެ.

ހަގީގަތް އެނގުނުއިރު...

އުވަގަލުން ރާނާފައިވާ ކުޑަކުޑަ ގެއެއްގެ ބޮޑާށީގައި ހުރި ރޭޑިއޯއިން ފޮނުވަމުންދިޔަ ލަވައިގެ ތެރެއަށް ގެއްލިފައި މުސްކުޅި ފިރިހެނަކު އޮތެވެ. ކިޔަމުން ދިޔަ ލަވައިގެ ކޮންމެ ކަޑިއެއް ނިމޭއިރު އޭނާގެ ލޮލުން ކަރުނަ ފޮހެލައެވެ.

އިގުރާރު ކޮބާހޭ ވީ އެކި ރޭ. އެކި ހަނދުވަރުގައި އެކި ހިޔަނީގައި.....

*********

ބަދަލެއް މަނުވާނަމެ ބުނެފާދެން ޚަބަރެއް ހިލަމެއް ނުވަނީ ކީއްހޭ...

ލަވަ ނިމުމުން އެ މީހާ ރޭޑިއޯ ނިއްވާލިއެވެ. އަދި ގެންގުޅޭ ނޮކިޔާ ފޯނު ނެގި އެވެ. ދެން ފަރިތަކަމާއެކު ނަންބަރަކަށް ގުޅާލިއެވެ.

"ތިޔަ ގުޅުއްވި ނަމްބަރުން މި ވަގުތު ޖަވާބެއް ނުދޭ.. ފަހުން ގުޅުއްވުން އެދެން.. ޝުކުރިއްޔާ.." އެ މެސެޖުގެ އަޑާއެކު އޭނާ ފޯނު ކަނޑާލިއެވެ. އަދި މޭމަތީ ފޯނު ބާއްވާފައި މޫނު އަނެއް ފަރާތަށް އަނބުރައިލި އެވެ.

"ދެން ކުޑަ އެތިކޮޅެއް ނަމަވެސް ކާލަބަލަ." ފަރީލާ ބުންޏެވެ.

ފަރީލާ އެ މުސްކުޅިވެފައިވާ މޫސަބެ އަށް ކާން ނުދެވިގެން އުޅޭތާ އެތައް އިރެއް ވެއްޖެއެވެ. މިއީ ކޮންމެ ދުވަހަކު ވެސް މޫސަބޭގެ ހާލެވެ. ކޮންމެވެސް ނަންބަރަކަށް ކޮންމެ ދުވަހަކު ހެނދުނު ތެދުވެ މޫސަބެ ގުޅަ އެވެ. ނަމަވެސް ފޯނު ނަގާ ދުވަހެއް ނާދެއެވެ.

"މޫސަބޭ.. ނުކައި އޮންނާކަށް ނުވާނެ..." އަނެއްކާ ވެސް ފަރީލާ ބުންޏެވެ.

"ނޫން ދަރިފުޅާ... ބޭބެ ބަނޑުހައެއް ނުވޭ. ބޭބެ ކާނަން ފަހުން..." މޫސަބެ އެނދުން ތެދު މޯޅިއަކަށް ދެމިލަމުން ބުންޏެވެ.

"ދަރިފުޅު ވެސް ތިހުރީ ނުކައެއްނު... އިހަށް ދޭ ކާން..." ފަރީލާ އަށް ބަލައިލަމުން މޫސަބެ ބުނެލިއެވެ.

ފަރީލާ މޫސަބެ ބަލާތާ މިވީ ތިން އަހަރެވެ. އެއްވެސް ހަރަދެއް ނުނަގައެވެ. މޫސަބެއާ މެދު އޭނާގެ ހިތުގައި އުފެދުނު ހަމްދަރުދީއެއްގެ ބޮޑުކަމުންނެވެ. ފަރީލާ އަށް އަޑު އިވުނު ގޮތުގައި މޫސަބޭގެ ކުއްޖެއް ހުރެއެވެ. ނަމަވެސް މޫސަބެ ދުވަހަކު ވެސް އެ ކުއްޖެއްގެ ވާހަކަ ދައްކައެއް ނަހަދައެވެ.

ފަރީލާއަކީ އެ ރަށުގައި އުޅޭ އެހެން ރަށެއްގެ އަންހެން ކުއްޖެކެވެ. އެހެންކަމުން އޭނާއަކަށް ރަށު މީހުންގެ އިތުރުން މޫސަބޭއަކީ ކާކުކަން ވެސް އެހާ ރަނގަޅަކަށް ނޭނގެ އެވެ. އޭނާގެ ހަޔާތުގެ ވާހަކަތަކެއް ވެސް ނޭނގެއެވެ.

ފަރީލާ މި ރަށަށް ބަދަލުވީ ފިރިމީހާ ހުސެންގެ އެދުމުގެ މަތީންނެވެ. މޫސަބެ ބަލަން ބޭނުންވާ ވާހަކަ، ހުސޭނު އަބަދު ވެސް ބުނެއެވެ. ހުސޭނަކީ މީހުންނަށް އޯގާތެރި ދީންވެރި މީހެކެވެ. ފަރީލާ އަށް ހުސޭނު ކަމުދަނީ ވެސް އެހެންވެއެވެ. އެ ގުޅުން ފެށުނީ ވެސް ހުސޭނުގެ ދީންވެރިކަން ފަރީލާގެ ބައްޕަ އަށް ފެނި ކައިވެނި ހުށަހެޅުމުންނެވެ. މޫސަބޭ ބެލުމުގެ ހުށަހެޅުން ފަރީލާ އެއްބަސް ވީ އުފަލާ އެކުގަ އެވެ. މޫސަބެ ބެލުމުގައި ހުސެންގެ އެހީތެރިކަމާއި އެއްބާރުލުން ވެސް އެހާމެ ބޮޑެވެ.

ހުސެން އަބަދު ވެސް މޫސަބޭގެ ހެޔޮކަމުގެ ވާހަކަ ދައްކަ އެވެ. އަދި ސަލާމް ބުނުމަށް ވެސް ބުނާނެއެވެ. ހުސެން ދޭތެރެ ދޭތެރެއިން މޫސަބެއާ ބައްދަލުކުރެއެވެ. އެކުގައި ސަކަރާތް ޖަހައެވެ. މޫސަބޭ މޫދަށް ގެންގޮސްދީ ހަދައެވެ.

މޫސަބެއަކީ އެހާމެ ހިތްހެޔޮ، މީހުންގެ އިހުތިރާމް ލިބިފައިވާ މީހެކެވެ. މޫސަބޭގެ ފަރީލާއަށް މުހާތަބު ކޮށް ހަދަނީ ވެސް އަމިއްލަ ދަރިއެއް ކަމުގައި ދެކި، ދަރިފުޅާއޭ ބުނަމުންނެވެ.

"ފަރީލާ ދަރިފުޅާ؟" މޫސަބޭ ގޮވާލި އެވެ.

ފަރީލާ ދިޔައީ ސިއްސައިގެންނެވެ.

"އާން މޫސަބެ... ކިހިނެއްވީ؟" ފަރީލާ ހިޔާލުތައް ދުރަށް ލާފައި މޫސަބެ އަށް އިސްކަން ދިނެވެ.

"ދަރިފުޅު ގެއަށް ކާން ދާންވީ ނޫން. ހުސައިނު މިހާރު ހުންނާނެ ފަރީލާ ނައިސްގެން." މޫސަބެ އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.

"އާން.. އެންމެ ރަނގަޅު... މޫސަބެ އިންނައްޗޭ އަހަރެން އަންނަންދެން." ފަރީލާ ތެދުވަމުން ބުންޏެވެ.

ދެ ދުވަހަކަށް ހުސޭނު މާލެ ދާން އުޅޭތީ ފަރީލާ އުޅުނީ އޭނާގެ ފޮށި ތައްޔާރު ކޮށްދޭށެވެ. ކުއްލިއަކަށް އަންނައުނުތަކުގެ ތެރެއިން ފެނުނު ފޮޓޯ ގަނޑެއްގައި އޭނާގެ ނަޒަރު އަޅައިގަތެވެ. އެއީ ބޮޑު ތުނބުޅިއެއް ލާފައިވާ މެދު އުމުރުގެ ފިރިހެނެކެވެ. އޭނާގެ ގާތުގައި ހަމަ އެ އުމުރުގެ އަންހެނަކު ހުއްޓެވެ. އެއީ ކޮންބައެއްތޯ އަހަން އުޅެނިކޮށް ހުސޭނު އައިސް ފޯނުން ފަރީލާ އަށް ގެންނަން ބޭނުންވާ ހެދުމެއް ދެއްކި އެވެ. އޭގެފަހުން އެއީ ކާކުތޯ އަހަން ފަރީލާ ހަނދާން ނެތުނެވެ.

އެހެން ދުވަސްތަކާ ހިލާފަށް މިއަދަކު މޫސަބެ އެއްވެސް ޖަވާބެއް ނުދީ ފޯނަށް ބަލަންއިނެވެ. ފަރީލާ، މޫސަބެ އަށް އުނދަގޫ ނުކޮށް މޫސަބޭގެ ގެއިން ނުކުމެގެން އޭނާގެ ގެއާ ދިމާއަށް ހިނގައިގަތެވެ. އެ ދެ ގެ ހުންނަނީ ވަރަށް ކައިރީގަ އެވެ. އެހެންކަމުން ފަސް ވަރަކަށް މިނިޓު ތެރޭ ހިނގާފައި ގެއަށް ދެވެއެވެ.

"މޫސަބޭ މިއަދު އަނގައިން ވެސް ނުބުނި. ހީވަނީ މާޒީގެ ކަމަކާ އޭނާ މާބޮޑަށް ވިސްނަނީހެން." ހުސައިނަށް ކާން ހަދަން އުޅެމުން ފަރީލާ ބުންޏެވެ.

"އޭނާގެ އެކައުންޓުގައި ވަރަށް ފައިސާ ހުންނާނެ. އެ އިންނަނީ ފަރީލާ އަށް ދޭނީތޯ ނުވަތަ ނުދޭނީތޯ ވިސްނަން." ހުސޭނު ހިނިތުންވެލަމުން ބުންޏެވެ.

"ހުސޭނު ތިޔަ އުޅެނީ އެ މުސްކުޅި ބޭބެގެ ފައިސާކޮޅު ހޯދަންތަ." ފަރީލާ ނުރުހުންވި އެވެ.

"ކީއްތަވީ؟ އަޅާލާނެ ޔާރެއް އިޔާރެއް ނެތް މީހަކަށް އަޅާލާ އެހީވީމާ އޭގެ އަގު ދޭންވާނެދޯ،" ހުސެން ފަރީލާއަށް ފާޑަކަށް ބަލަން ހުއްޓެވެ.

ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. އިރު އޮއްސެމުންދާތީ ފަރީލާ ވަރަށް އަވަހަށް ފެންވަރައި ރީތި ވެގެން ނިކުތެވެ. ކޮންމެ ދުވަހަކު ވެސް އޭނާ ފެންވަރައިގެން ނުކުންނައިރު ހުސެން ގެއަށް އާދެއެވެ.

ނަމަވެސް މިއަދު މާ ލަސް ވެއްޖެ އެވެ. މޫސަބެ އެކަނި ނުބާއްވަން ހުސައިނު އައުމުގެ ކުރީން އެކަނި އިނދެ ކައިގެން އަވަހަށް މޫސަބެ ގާތަށް ހިނގައިގަތެވެ.

މޫސަބޭގެ ގެ ހުންނަ މަގަށް ނިކުމެވުނުއިރު އެދިމާ އަތިރިމައްޗާ ދިމާއިން ބަޔަކު އެއްވަމުން ދިޔައެވެ. ނަމަވެސް ފަރީލާ އެކަމަކަށް މާ ބޮޑު އިސްކަމެއް ނުދެއެވެ. އެއީ މޫސަބެ އަށް ވިސްނައިފަ އެވެ. އޭނާ ނިދުމުގެ ކުރީން ކާން ދެވޭތޯ އެވެ. ކެއުމަށް އެގެއަށް އަންނާށޭ ބުންޏަސް މޫސަބޭ ނާންނާތީ ކާއެއްޗިހި ހިފައިގެން ފަރީލާ ކޮންމެ ރެއަކު ދެއެވެ. އަބަދު ވެސް ރޭގަނޑު ކާއެއްޗިހި ހިފައިގެން ދަނީ ހުސޭނާއި އެކުގަ އެވެ. ނަމަވެސް މިރޭ އެކަނި ދާންޖެހުމުން އޭނާ ހުރީ ފާޑަކަށް ބިރުގެންފަ އެވެ.

"މޫސަބޭ..." މުސާބޭ ފެންނަން ނެތުމުން ފަރީލާ ގޮވަމުން ދިޔަ އެވެ.

ގޭތެރޭގައި އަލިކަމެއް ނެތެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަންނަނީ އިންތިހާއަށެވެ. މޫސަބެ ކޮޓަރީގައި ނެތުމުން ފާޚާނާއާ ދިމާއަށް އޭނާ ހިނގައިގަތެވެ. ހީވާ ގޮތުގައި މޫސަބެ ފެންވަރަނީ އެވެ. ގޭތެރޭގައި އިން ފަސްވޯޓް ބޮކި ދިއްލާލާފައި މޫސަބޭ އަށް ވީގޮތެއް އޮޅުން ފިލުވުމަށް މީހުން ގާތު އެހުމަށް ބޭރަށް ދާން ހިނގައިގަތެވެ.

ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ، އެނދުމަތީ ފަތްޖަހާފައި އޮތް ކަރުދާހެކެވެ. ފަރީލާ އެއްވެސް ވިސްނުމަކާނުލާ އެ ކަރުދާސްކޮޅު ނަގާ ނިއުޅައިލި އެވެ.

އެއީ މޫސަބެ އޭނާއަށް ލިޔެފައިވާ ދިގު ސިޓީއެކެވެ. ހިތް އަވަސް ވެފައި ހުރެ އޭނާ އެ ސިޓީ ކިޔަން ފެށިއެވެ.

"އަހަރެންގެ ދަރިއެއް ފަދަ ފަރީލާ އަށް،

އަހަރެންގެ އަމިއްލަ ފައިމައްޗަށް ތެދުވާން ދަތިވެ ހާލުގައި ޖެހުނު ހިނދު، ފަރީލާގެ އެހީ ލިބުމުން އަހަރެންނަށް ދިރިއުޅުމަށް އުންމީދެއް ލިބިއްޖެ އެވެ. ތިން އަހަރު ދުވަހު އެއްވެސް ޝަކުވާއަކާ ނުލައި އަހަރެންގެ ހުރިހާ ކަމެއް ބަލައި ދިނުމުން ތިއީ އަހަރެންގެ ދަރިއެއްގެ މަގާމުގައި ހުރި ކުއްޖަކަށް ވެއްޖެ އެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ދަރިއަކަށް ނުކުރެވޭ ވަރުގެ ކަމެއް އެހެން މީހަކު ލައްވާ ކުރުވަން ޖެހުމުން އަހަރެން، އަހަރެންގެ ނަފްސު ކުށްވެރި ކުރަމެވެ.

ފަރީލާ އަށް ޝުކުރު އަދާކުރުމުގެ ގޮތުން އަހަރެންގެ ހަޔާތުގެ ވާހަކަ ވަރަށް ކުރު ގޮތަކަށް ކިޔައިދޭނަމެވެ. ކިޔަމުން ގެންދާށެވެ.

ކުރިން ވެސް ބުނިފަދައިން އަހަރެންގެ ދަރިޔަކު ހުރެއެވެ. ނަމަކީ ހާޝިމް އެވެ. ހާޝިމް ވިހެއުމުގެ ތެރޭގައި އަހަރެންގެ ލޯބިވާ އަންހެނުން ވަނީ މަރުވެފަ އެވެ. އަހަރެންގެ އަތް މައްޗަށް ހާޝިމް އަމާނާތެއްގެ ގޮތުގައި ދޫކޮށްފަ އެވެ.

އަހަރެން އިތުރު މީހަކާ ނީންނަމެވެ. އެއީ ދޮންމަންމައެއްގެ ސަބަބުން ހާޝިމަށް ލިބިދާނެ ހިތްދަތި ކަމަކަށް ޓަކައެވެ. ހާޝިމަށް ހަތް އަހަރު ފުރެންދެން އަހަރެން އުޅުނީ މަސައްކަތެއް ނުކޮށެވެ. އެއީ ހާޝިމް އެކަނިކޮށްފައި ދާން ބޭނުންނުވާތީ އެވެ. އަތުގައި ހުރި ހުރިހާ ރުފިޔާއެއް ހުސްވުމުން، މަސައްކަތަށް ނުކުންނަން މަޖުބޫރު ވިއެވެ. ހާޝިމަށް ހަތް އަހަރު ފުރުމުން ރޭގަނޑު ނިންދަވާފައި އަހަރެން ދަނީ މަސްބާނާށެވެ.

ހާޝިމް ބޮޑުވެގެން އައީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖެއްގެ ގޮތުގަ އެވެ. އެހެންކަމުން ހާޝިމްގެ މުސްތަގުބަލަށް ޓަކައި އަހަރެން ކުރިޔަށް ވުރެ ބޮޑަށް މަސައްކަތްކޮށް، ލިބުނު ކޯހެއްގައި ހާޝިމް ކިޔަވަން އިންޑިޔާ އަށް ފޮނުވީމެވެ.

އަހަރެން ހާޝިމަށް ކޮންމެ ހަފްތާއަކު ދެތިން ފަހަރުމަތިން ގުޅައި ހަދަމެވެ. އެއީ މަހަށް ގޮސް އައިސް ހުންނަ ދުވަސްތަކުގަ އެވެ. ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް... ދުވަސްކޮޅެއް ފަހުން އަހަރެން ގުޅާ އިރަށް ހާޝިމް ބިޒީ އޭ ބުނެފައި ބާއްވަ އެވެ. އެންމެފަހުން އަހަރެން ގުޅިޔަސް ފޯނަށް ޖަވާބެއް ނުދެއެވެ. އެންމެފަހުން އެކަމާ ހިތާމަކުރުމުގެ ސަބަބުން އަހަރެންނަށް ކޮޅަށް ހުރުމަށް ދަތިވެ މަސައްކަތް ކުރަން ދަތިވީ އެވެ.

އަހަރެން މަރުވުމުގެ ކުރިން ހާޝިމްގެ މޫނު ދެކިލާން ވެސް ބޭނުމެވެ. ނަމަވެސް އެ ނަސީބެއް އަހަރެންނަށް ލިބޭނެ ކަމުގެ އުންމީދެއް ނެތެވެ. އަހަރެން ހާޝިމް ދެކެ ވަރަށް ލޯބިވެ އެވެ. އަހަރެން ދުނިޔޭގައި ނެތިސް ހާޝިމް މި ރަށަށް އަތުވެއްޖެ ނަމަ އޭނަ ގާތުގައި އެ ވާހަކަ ބުނެދޭން ފަރީލާގެ ފަރާތުން އެދެމެވެ. -- މޫސަބެ

ސިޓީ ކިޔާ ނިމުނު އިރު ފަރީލާގެ ދެ ލޯ ވަނީ ކަރުނުން ތެމި ފޯވެފަ އެވެ. އިޚްތިޔާރަކާ ނުލައި ސިޓީ މޭގައި ޖައްސާ ބާރު ކޮށްލެވުނެވެ. ފަރީލާގެ ހިތްވަނީ ތަފާތު އިހުސާސްތަކުން ފުރި ބަންޑުން ވެފައެވެ.

އެ ވަގުތު ކުއްލިއަކަށް އައި ހިޔާލަކުން އޭނާގެ ހިތް ބިރުން ތެޅިގަތެވެ. ދުވެފައި ގޮސް ފާޚާނައިގައި ޓަކި ދެމުން މޫސަބެ އަށް ބާރުބާރަށް ގޮވިއެވެ. ނަމަވެސް ހަބަރެއް ނުވެއެވެ. ދެން ހަދާނެ ގޮތެއް ނެތިގެން ހުއްޓާ ކުއްލިޔަކަށް ފަހަތުން މީހަކު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލިހެން ހީވެ، ފަހަތް ބަލާލިއެވެ. އޭނާއަށް ފެނުނީ، ހުސެން އިސްޖަހައިގެން ހުއްޓެވެ.

"ހުސެން... މޫސަބެ ފާހާނާއިގައި ހުންނަތާ މާގިނަ އިރު ވެއްޖެ! ބަލައިލަބަލަ ކިހިނެއްތޯވީ..... ހެޔޮނުވާނެ.." އޭނާއަށް ރޮވޭ ގޮތް ވިއެވެ. ރޮމުންހުރެ، ވަރަށް އާދޭސް ކޮށްފައި ހުސައިނުގާތު ދެތިން ފަހަރަކު ތަކުރާރުކޮށް އެހެން ބުންޏެވެ.

"ބައްޕަ... ބައްޕަ..." މިހެން ބުނަމުން، ހުސެން ރޮއެގެންފައި، އިސްޖަހައިލި އެވެ.

ފަރީލާ ހުރީ ވާނުވާ ނޭނގިފަ އެވެ. މޫސަބެ އަށް ވީގޮތެއް ނޭނގެ އެވެ. އަނެއް ކޮޅުން ހުސެން ބައްޕަ އަށް ގޮވާ ރޮނީއެވެ.

"ހުސެން.. ކިހިނެއްތަވީ؟" ފަރީލާ އަށް ކިޔާނެ އެއްޗެއް ނޭނގިގެން ހުރެ ބުންޏެވެ.

ހުސެން ކުޑަކޮށް ހަމަޖެހިލާފައި ފަރީލާގެ ލޮލާ ހަތަރުކަޅި ހަމަކުރި އެވެ. އޭރު ހުސެންގެ ލޯ ވަނީ ރަތްވެ ދުޅަވެފަ އެވެ. ހީވަނީ ވަރަށް ގަދަޔަށް ރޮއެރޮއެފައި ހުރިހެންނެވެ.

"މޫސަބޭވީ ފާހާނައަކު ނޫން..." އެ އަޑު އިވިފައި ފަރީލާގެ މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ.

ހުސައިން ވެސް މިވާހަކައެއް ބުނެފައި އަނެއްކާ ވެސް އިސްޖަހައިލި އެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ޖިންސު ތެންމަމުން ދިޔައެވެ.

"ދެން މޫސަބެ ކޮންތާކަށް ދިޔައީ؟" ފަރީލާ އެހެން ބުނެފައި މޫސަބެ ހޯދުމަށް ހިނގައިގަތެވެ.

"ފަރީ.." ހުސެން ފަރީލާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

"މޫސަބެ މި ދުނިޔެއަކު ނެތް!" ހުސެންގެ އެ ޖުމްލަ އާއެކު ފަރީލާގެ ދެފައިގެ ވާގި ދޫވި ކަހަލައެވެ. ހުސެއިން އޭނާގެ އަތުގައި ހިފައި ހުސެންގެ ކުރިމަތީގައި ހުރި ގޮނޑީގައި ބޭންދި އެވެ.

"ވީ ގޮތް ކިޔައިދީ!" ތަންކޮޅެއް ބާރަށް މިހެން ބުނަމުން ފަރީލާ އަށް ވެސް ރޮއިގަނެވުނެވެ.

"ފަރީ..... އަހަންނަށް މައާފުކުރޭ! މި ވާހަކަ އަޑުއަހައިފައި އަހަރެން ދޫކޮށް ނުދާތި،" ހުސެން ރޮމުން ބުންޏެވެ.

"އަނެއްކާ ލާރީގެ ދަހިވެތިކަމުގައި މޫސަބޭ މަރާލީތަ. ހުސޭނުގެ އަތެއް އެކަމުގައި ވަނީތަ؟" ފަރީލާ ބިރުގަތެވެ.

"ފަރީ.." ހުސެން ފަރީލާގެ މޫނަށް ބަލަން ހުއްޓެވެ. ހުސެންގެ ކޮންމެ ޖުމްލައަކުން ފަރީލާގެ ސިކުނޑި ސުވާލުތަކުން ފުރާލަ އެވެ. ފަރީލާއަށް ވާހަކަ ދައްކަން ދަތިވެއްޖެ އެވެ. ފަރީލާގެ ޖަވާބެއް ނުލިބުމުން ހުސެން ކަރުނަ ފޮހެލަމުން ވީގޮތް ކިޔައިދޭން ފެށިއެވެ.

"އަހަރެން ގެއާ ދިމާއަށް ދިޔައިރު، މޫސަބެ ގެއިން ނުކުތްތަން ފެނުނު. އަހަރެން މޫސަބެ އަށް ގޮވުމުން މަޑުކުރި. ފަރީލާ ކޮބާހޭ އެހުމުން ބުނީ ގެއަށް ކާން ހިނގައްޖެއޭ. ދެން އެހިން ކޮންތާކަށް ހޭ ތި ދަނީ؟ އެހެން އެހީމައި ބުނީ..." ވާހަކަ މިހާ ހިސާބަށް ދިޔަތަނާ، ހުސައިނަށް ރޮވެން ފެށުނެވެ.

ފަރީލާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ދެން އަނެއްކާ ވެސް ކިޔައިދެމުން ދިޔަ ވާހަކަ ފެށިއެވެ.

"ބުނީ އެންމެފަހު ފަހަރަށް މޫދު ބަލާލާށޭ. އެއީ، އަހަރެންގެ ދަރިފުޅަށްޓަކައި މަސައްކަތް ކޮށް އުޅުނު ތަނޭ. އެތަން ބަލައިލަން ބޭނުން ވެގެންނޭ. އަހަރެން ބުނިން އަހަރެން މޫސަބެ ގެންގޮސްދޭނަމޭ. ދެ މީހުން ގޮސް މޫދާ ހަމައަށް އެރިތަނާ މޫސަބެ ބުނި ތިޔައީ ހާދަ... ހާދަ ރަނގަޅު ކުއްޖެކޭ. ތިޔައީ އަހަރެންގެ ދަރިފުޅު ނަމައޭ. އެ ހިނދު.. އެ ހިނދު އަހަރެންނަށް ހަގީގަތް އޮޅުވާލަން ދަތިވި،" ހުސެން ގިސްލަމުން ހުރެ، ފަރީލާޔާ ހަތަރު ކަޅި ހަމަ ކުރިއެވެ.

"ފަރީ... އަހަންނަށް މައާފްކުރޭ. އަހަރެންގެ އަސްލު ނަމަކީ ހާޝިމް. ހުސެންއެއް ނޫން." އެ ޖުމްލަ ފަރީލާގެ ސިކުޑީގައި ތަކުރާރު ވަމުން ދިޔަ އެވެ. އެ ވާހަކަ އިވިފައި އޭނާގެ ހިއްސުތައް ގަނޑުވި ކަހަލަ އެވެ. ހިތަށްވީ ތަދުން ހިންދިރުވައިލަން ނުކެރިފައި ހުރެވުނެވެ.

"އަހަރެން މިއީ ބައްޕަގެ ދަރިފުޅޭ، ބުނުމުން، ބައްޕަ އަހަރެންނަށް ހިނިތުންވެ ބަލަހައްޓައިގެން ހުރި! އޭރު ބައްޕަގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެންފެށި. އޭގެ ދެތިން ސިކުންތުގެ ތެރޭ ބައްޕަ ޚަބަރު ހުސްވެގެން ވެއްޓުނީ... އަހަންނަށް ހީވާގޮތުން ބައްޕަ ވެއްޓުނީ މަރުވެގެން،" މިހެން ބުނަމުން ހުސެން ފަރީލާއަށް ބަލައިލި އެވެ.

"ކީއްވެ ހަގީގަތް އޮޅުވާލީ؟. ފަހުން އައީ ބައްޕަ އަތުގަ ލާރި ހުންނާނެ ކަމަށްދޯ،" ފަރީލާ އަށް ހަޅޭއްލަވައި ގަނެވުނެވެ.

"އިންޑިޔާ އަށް ދިޔަފަހުން އަހަރެންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވުމުން ބައްޕަ އަހަރެންގެ ހިތުން ކޮށްޕާ ދުރަށް ލެވުނީ. މާގިނަ ރައްޓެހިން ލިބުނީ. މަޖަލުގައި އުޅެވުނީ. އަހަރެން މި އުޅެވުނު ގޮތް އަމިއްލައަށް ވިސްނުނު ހިނދު ބައްޕަ އާއި ކުރިމަތި ލާން ލަދު ގަތް. ނަމަވެސް އަހަރެންގެ ހިތުން ބައްޕަ އަށް ވައުދެއްވިން. ކިޔަވާ ނިންމައިފަ ބައްޕައާ އެންމެ ފަހަރަކު ނަމަވެސް ބައްދަލު ކުރަން އަންނާނެ ކަމަށް. އަހަރެން ނިންމީ އެ ވައުދު ފުއްދުމަށް. ނަމަވެސް ރަށަށް ދާކަށް ނުކެރުނު. އެހެންވެ މާލެއަށް ދިޔައީ. ތައުބާވެ މިސްކިތުގައި ގިނަވަގުތު ހޭދަކުރިން. އެ ތަނުން ފަރީލާގެ ބައްޕަ އާ ދިމާވެ ފަރީލާއާ ކައިވެނި ކުރެވުނީ." މިހެން ބުނަމުން ހުސެން އިސް އުފުލައިލި އެވެ. އެހިނދު ހުސެން އާއި ހަތަރު ކަޅި ހަމަ ނުކުރުމަށް ފަރީލާ އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ.

އޭނާ އަނެއްކާ ވެސް އެ ވާހަކަ ކިޔައިދޭން ފެށިއެވެ.

"ނަމަވެސް މާ ގިނަ ދުވަހަކު އެ ރަށަކު ނުހުރެވުނު. ބައްޕަގެ ފަރާތުން މާފަށް އެދުމަށް އަހަރެން ބޭނުންވި. ބައްޕަ ކޮންމެ ދުވަހަކު ވެސް ގުޅާ. ނަމަވެސް ފޯނު ނަގާކަށް އަހަންނަކަށް ނުކެރޭ. އެ ރަށަށް ގޮސް ގެއެއް ކުއްޔަށް ނެގީ ބައްޕަގެ ގެއާ ވީހާ ވެސް ކައިރިން. އަހަރެންނަށް ބައްޕައާ ވާހަކަ ނުދެއްކުނު ނުވަތަ ދައްކަން ނުކެރިގެން އުޅެނިކޮށް ފަރީލާއާއި ބައްޕަ ބަލަން ފެށީ. އަހަރެން ވަރަށް އުފާވި. ލަދު ވެސް ގަތް. އެއީ އަމިއްލައަށް އެކަން ނުކުރެވޭތީ. ބައްޕަ ފުރަތަމަ ފަހަރަށް އެތައް އަހަރަކަށް ފަހު، ފެނުނުއިރު ހުރި ހާލު ލޮލަށްފެނުމުން އަހަރެން ބައްޕައާ ކުރިމަތި ލާން އަނެއްކާ ވެސް ފަސްޖެހުނު. އެހެންގޮސް ތިން އަހަރަށް ފަހު، މިއަދު އަހަރެންގެ ހަގީގަތް ބައްޕަ ގާތު ބުނިން. ނަމަވެސް ވަގުތު މާ ބޮޑަށް ވެސް ފާއިތު ވެއްޖެ. އަހަރެންގެ ދިރިއުޅުން ހަލާކުވެއްޖެ." ހުސެން ރޯން ފެށި އެވެ.

ފަރީލާގެ ސިކުނޑީގައި ހުރި ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިއްޖެ އެވެ.

"ހުސެން... އަދި ވަގުތު ފާއިތެއް ނުވޭ،" ހުސެންއާ ގާތް ވެލާފައި ފަރީލާ ބުންޏެވެ.

ހުސެން ފަރީލާ އަށް ސުވާލުން ފުރިގެންވި ބެލުމަކުން ބަލައިލި އެވެ.

"ހުސެންއަށް ވިސްނުނު ފަހުން ބައްޕަ އަށްޓަކައި އެތައް ކަމެއް ކޮށްދިން. ނަމަވެސް ހުސެން އަށް ފަހުން ވެސް ކުށް ކުރެވުނު. ބައްޕަ މަރުވެގެން އެ ދިޔައީ ބައްޕަ އެންމެ ބޭނުންވި ކަންތައް ފުރިހަމަ ވެގެން. އެއީ ހުސެންގެ މޫނު ދެކިލުން." މިހެން ބުނެ، ފަރީލާ ބައްޕަގެ ސިޓީ ހުސެންއަށް ދިއްކޮށްލި އެވެ.

ސިޓީކިޔާ ނިންމާފައި ހުސެން އަށް އަނެއްކާ ވެސް ރޯން ފެށުނެވެ. ފަރީލާގެ ހިތުގައި ހުސެންއަށް ހަމްދަރުދީ އުފެދުނެވެ.

"ހުސެން، ރުއިން ހުއްޓާލާ ފިރިހެނުން ހިތްވަރު ކުރަންވާނެ. މީހާ މަރުވުމަށް ފަހު މީހަކަށް މަންފާ ކުރާނީ ދަރިންގެ ހެޔޮ ދުއާ. ހުސެން އަށް އަދިވެސް ފުރުސަތު އެބައޮތް. ބައްޕަ އަށް ހެއޮ ދުއާ ކުރަން. ބައްޕައަށް ހައްޖެއް ވެސް ކޮށްދެވިދާނެ. އެއީ ވެސް ބައްޕަ އަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމަކަށް ވާނެ."

ފަރީލާ އޭނާގެ ފިރިމީހާ އަށް ވިސްނައިދޭން އެތައް ވާހަކައެއް ދެއްކި އެވެ. އެންމެފަހުން ހުސެން ގޮނޑީން ތެދުވި އެވެ.

"ފަރީ.. އަހަރެންނަށް ހިތްވަރު ދިނީތީ ޝުކުރިއްޔާ! އަހަރެން މި ދަނީ ބައްޕަ ކައިރިޔަށް." ފަރީލާއާ ދިމާއަށް އެނބުރިފައި ބުންޏެވެ.

"އެއީ އަހަރެންގެ ވެސް ބައްޕަ. ހިނގާ ސަހަރާ އަށް!" މިހެން ބުނަމުން ފަރީލާ އާއި ހުސެން އަތުގައި ހިފައިގެން ހިނގައިގަތެވެ. ލޯބިވާ ބައްޕަގެ މޫނު އެންމެ ފަހު ފަހަރަށް ބަލާލުމަށެވެ.

(ނިމުނީ)