ވަށައިގެން އެތެރެ އާއި ބޭރު ބެލިޔަސް އައިބެއް ނުދެއްކޭހާ ފުރިހަމަ އެވެ. ހިރިގާތައް އެކި ޑިޒައިނަށް ކަނޑާ ނެގުމުގެ ކަވި, ހުނަރުން ފުރިގެންވާ މަސައްކަތެކެވެ. މުޅި ރާއްޖެއިން ވެސް ފެނުނު ގަލުވަޑާމުގެ އެންމެ ރީތި އެއް ބިނާ އަކީ ފެންފުށީ ހުކުރު މިސްކިތެވެ.
18 އެޕްރީލް 2023
ވަށައިގެން އެތެރެ އާއި ބޭރު ބެލިޔަސް އައިބެއް ނުދެއްކޭހާ ފުރިހަމަ އެވެ. ހިރިގާތައް އެކި ޑިޒައިނަށް ކަނޑާ ނެގުމުގެ ކަވި, ހުނަރުން ފުރިގެންވާ މަސައްކަތެކެވެ. މުޅި ރާއްޖެއިން ވެސް ފެނުނު ގަލުވަޑާމުގެ އެންމެ ރީތި އެއް ބިނާ އަކީ ފެންފުށީ ހުކުރު މިސްކިތެވެ.
އެކި ރަށްރަށުން ފެންނަ ހިރިގަލުގެ މިސްކިތްތަކާއި މަހާނަގާތަކާއި އާސާރީ ތަންތަނުގެ މާހިރުން އުފަންވީ މި ފަސްގަނޑަށެވެ. އދ. ފެންފުށީގެ ދުވަސްވީ މީހުން ފަޚުރުވެރިކަމާ އެކު ބުނާ ގޮތުގައި އެއީ އެހެން އެއްވެސް ރަށަކުން ނުފެންނާނެ ފަދަ ކުޅަދާނަ ބައެކެވެ.
މިސްކިތުން ފެންނަ ގަލުވަޑާމުގެ ފަންނުވެރިކަން. -- ފޮޓޯ/ ކޮރަލްސްޓޯންމޮސްކްސްޑޮޓްކޮމް
"ކޮންމެ ކޮންމެ ބައެއްގެ ހުންނާނެ ހުނަރެއް ނޫން، ގަލުން ކަނޑާނެގުމަކީ. ކުރެވޭނެ ކަމެއް ވެސް ނޫން،" ފެންފުށީ ކައުންސިލްގެ ރައީސް އަހްމަދު އަބްދުއްޝަކޫރު ވިދާޅުވި އެވެ.
އެއީ ހުނަރުވެރި އުފެއްދުންތެރި ޖީލެއް ނަމަވެސް ފެންފުށީގައި އެ ޖީލުގެ ހިލަމެއް މިހާރަކު ނެތެވެ. އެކި މީހުންގެ ގާތުން އަހައިގެން ވެސް އެކަން ދަންނަ މަދު މީހުންގެ ތެރެއިން މީހަކާ މި ރަށުން ދިމައެއް ނުވި އެވެ. ގިނަ ބަޔަކު ނިޔާވިއިރު އެ މީހުންގެ ފަރާތުން ގަލުވަޑާމުގެ ހުނަރު ދަސްވި މީހުން ވެސް އެކަން ހުއްޓާލީ އެވެ.
މި ރަށުގައި މިހާރު ތިބި މަދު ފަންނުވެރިން ވެސް ހިރިގަލުގެ މި މަސައްކަތެއް ނުކުރެ އެވެ.
ފެންފުށީ ހުކުރު މިސްކިތުގެ އެތެރެ. މިތަނަށް 1000 އަހަރު ވެދާނެ ކަމަށް ބައެއް މީހުން ލަފާކުރިޔަސް ގިނަ ބަޔަކު ބުރަވަނީ 800 އަހަރަށް ކަމަށް ކައުންސިލުން ބުނޭ.
މަސައްކަތުގެ ފުރިހަމަކަމުން ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ މި މިސްކިތުގެ ވަށާފާރާއި ތަޅުމާއި ފާރުތަކާއި ތަނބުތަކާއި މަހާނަގާތައް ވެސް ހުރީ ހިރިގަލުންނެވެ. ގޯތިތެރޭގައި ބޮޑު ވެވަކާއި ވަޅެއް އިނދެ އެވެ.
އެންމެ ހާއްސަ އެއް ތަނަކީ ވަގުތު ގަލެވެ. އެއީ ފޯނާއި ގަޑި ފަދަ ޓެކްނޮލޮޖީ ނެތް ޒަމާނުގައި ނަމާދު ވަގުތު ބަލައި އުޅުނު ގަލެވެ.
ވަގުތު ގާ: މި ރަށުގައި ކުރިން ބަންގި ގޮވައި އުޅެނީ މި ގަލުގެ ހިޔަންޏަށް ބަލައިގެން.
ދެއްވަދޫ ސުލްތާން މުހައްމަދަށް ނިސްބަތްވާ މިސްކިތަށް ވަންނަ ދޮރުގެ ދެ ފަރާތުގައި ދެ ސިއްކަ ހުރެ އެވެ.
ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައި މައުލޫމާތު ދިރާސާކޮށް ބައެއް މީހުން ލަފާކުރަނީ މިސްކިތަށް 1,000 އަހަރު ވެދާނެ ކަމަށެވެ. މިހާޒަމާންވެއްޖެ ކަމަށް ގަބޫލުކުރަން ދަތި, ގިނަ ބަޔަކު ބުރަވަނީ އެއީ މީގެ 800 އަހަރު ކުރީގެ އިމާރާތެވެ.
ކައުންސިލް ރައީސް އަހްމަދު އަބްދުއްޝަކޫރުގެ ވެސް އެންމެ ދުރު ހަނދާނުން ފެށިގެން ނަމާދުކުރީ އެ މިސްކިތުގަ އެވެ. އޭރު އެތަނުގެ ބޮޑު ވެވު އޮންނަނީ ވެލިން ފުރިފަ އެވެ. ފަހުން ކޮނެ ސާފުކޮށް މަސްފެންގަނޑެއްގެ ގޮތުގައި ބޭނުންކުރި އެވެ.
މިސްކިތުގެ ގޯތިތެރޭގައި ހިރިގަލުން ހަދާފައިވާ ވަޅު.
މިސްކިތުގެ ތެރޭގައި ހިމެނިގެން އައި ވެވާ ގުޅޭ ގޮތުން ދެގޮތަށް ކިޔަ އެވެ. އެއް ބަޔަކު ބުނަނީ އެއީ ބުޑިސްޓުން ފެންވެރި ވެވެކެވެ. އެތަން ހަދާފައި ހުރީ ވަގުތު ބެލޭ ގޮތަށެވެ. ވެވާއި ވަގުތު ބަލާ ގަޑި އާއި ބޮޑު ވަޅަކާއި ވަންނަ ކޮންމެ ދޮރެއް ކައިރީގައި ހިރިގަލުގެ ވަޅެއް ހުރުމަކީ އޭރު ޑިޒައިންތަކުގައި ކޮންމެހެން ހިމަނަން ޖެހޭ ކަމަށް ބައެއް ގަބޫލުކުރި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުރިހަމައަށް ގިބްލައަށް ހުރި މިސްކިތެއް މި ނޫނީ އޭރު ރާއްޖެއަކު ނުހުންނާނެ އެވެ.
"ހިރިގާ ނުނެގެންޏާ މި މަސައްކަތް ކުރިއަކަށް ނުދާނެއެއްނު. މަހާނަގާ ވެސް ހަދަނީ ކޮށައިގެން ހިރިގަލުން. އަޅުގަނޑުމެންގެ ހަނދާނުގައި މަހާނަގާ ހެދި މީހުން އެބަތިބި ދުނިޔޭގައި. އެކަމަކު އެކަމެއް ނުކުރޭ," ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ރަށުގައި ހިރިގަލުގެ ފަންނުވެރިކަން ދިޔައީ ހިރިގާ ނެގުން ސަރުކާރުން މަނާކުރުމުންނެވެ.
ފެންފުށީ މިސްކިތް: މިތަނުން މިރަށުގެ ފަންނުވެރިންގެ ކުޅަދާނަކަން ދައްކައިދޭ. ފޮޓޯ/ ކޮރަލްސްޓޯންމޮސްކްސްޑޮޓްކޮމް
އެހެންވިޔަސް ދިގު ތާރީޚަކާ ގުޅިފައި އޮތް މިސްކިތާއި މި ރަށަށް ހާއްސަ ގަލުވަޑާމުގެ މަސައްކަތް ދެމިގެންދާގޮތަށް ކައުންސިލްގެ ޕްލޭނެއް އެބައޮތެވެ. ކަންބޮޑުވުމަކީ ކައުންސިލުން ބޭނުންވާ މިންވަރަށް ހެރިޓޭޖް މިނިސްޓްރީގެ އެއްބާރުލުން ނުލިބުމެވެ.
"ދެން އަންނަ ޖީލަކަށް މި މިސްކިތް ވާސިލްކޮށްދޭން ބޭނުންވޭ. ޓޫރިސްޓުންނާއި ރަށަށް އަންނަ ފަންނީ މިހުންގެ ލަފާ ވަރަށް ބޮޑަށް ލިބޭ ދިގު މުއްދަތަކަށް ހުންނާނެ," ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ހެރިޓޭޖް މިނިސްޓްރީ ދަށުގައި އިންނަ މިސްކިތަށް ވިޔަސް އެ މިނިސްޓްރީން ކުރާ އެއްވެސް ހަރަދެއް ނެތް. ބަލަހައްޓާ އެއްވެސް ކަމެއް ނެތް ވަރަށް ކަންބޮޑުވާ ކަމެއް,"
ތތ
މިސްކިތް ބަލަހައްޓަން މުވައްޒަފުން ނަގައިދޭން ވެސް އެދުނު ކަމަށާއި މިހާތަނަށް އެކަން އޮތީ ނުވެ ކަމަށް ވިދާޅުވި އެވެ.
"އެ ބޭފުޅުން އެއްވެސް ވަރަކަށް އަޅައެއް ނުލާ."
މި ޗާލު މިސްކިތާއި އާދަޔާޚިލާފަށް މޮޅު ފަންނުވެރިކަން ފެންފުއްޓަށް ހާއްސަ އެވެ. މިކަން ދަމަހައްޓަން މި ހިތްގައިމު ބިނާ އެކަންޏެއް ނުފުދެ އެވެ. ފަންނުވެރިކަން ދިރުވޭނެ ގޮތެއް އުފަންކުރުވަން ޖެހޭކަން ކައުންސިލުން ގަބޫލުކުރެ އެވެ.
ސްކޫލް ނިންމާފައި މަހަށް، މިހާރު އެހެން ދިމާއަކަށް!
ސުޖުއާން: ޑިސްކަވަރީ ތެރެއަށް ގެއްލި ބޭރުގެ ރާޑަރަށް
ހަންޏާމީދުއަށް ނާރައި އަލިހުރަސްކަނޑު ގިރާނުކުރެވޭ؟
ރާއްޖެ އަތުނުވެދާނެ ކަމުގެ ބިރުގައި އަށް ގަޑިއިރު
ނިލަންދޫ ރިހާކުރު ފެކްޓަރީ: ފައިސާ އުފައްދާ މެޝިނެއް!
މަންދޫ މީހުން ބަންދުން ވީއްލިގޮތް "ކަމަކުނުދޭ"!
ހުސޭނުބެ ސިއްހީ ދާއިރާއަށް އޮތް ހާއްސަ ލޯބި
އަޖައިބެއް ފަދަ ރީތި ތުނޑި: މި ރަށުގެ ނަސީބު
ބަނދަރާ އެކު މި ރަށުން އެހެން މަންޒަރެއް
މަހިބަދޫގެ ފަޚުރު ދަމަހައްޓާނެ ޒުވާން ޖީލެއް