ދުނިޔޭގެ ދިރިއުޅުމަކީ ހަނގުރާމައެކޭ މީހުން ބުނަނީ އެއީ ހަމަ ހަނގުރާމައަކަށް ވީތީއެވެ. މޮޅުވާ މީހާ ޖަހާނީ ބަލިވާމީހާގެ އެންމެ ތަދުވާ ތަނުގައި އެންމެ ފަހަރަކު އެވެ. އެ އެތިފަހަރުގެ ދިލައިގެ އަސަރު ހަޔާތުގެ ހުރިހާ ދުވަހެއްގައި ވެސް ނުފިލާ ހުންނާނެ އެވެ.
ދުނިޔޭގެ ދިރިއުޅުމަކީ ހަނގުރާމައެކޭ މީހުން ބުނަނީ އެއީ ހަމަ ހަނގުރާމައަކަށް ވީތީއެވެ. މޮޅުވާ މީހާ ޖަހާނީ ބަލިވާމީހާގެ އެންމެ ތަދުވާ ތަނުގައި އެންމެ ފަހަރަކު އެވެ. އެ އެތިފަހަރުގެ ދިލައިގެ އަސަރު ހަޔާތުގެ ހުރިހާ ދުވަހެއްގައި ވެސް ނުފިލާ ހުންނާނެ އެވެ.
"އެކަނިތަ؟" ކާއެއްޗިހި އަޅައިގެން އައި މަލްޝާ އިށީންނަމުން ބުންޏެވެ.
ނަޒީމާ އިސް ޖަހައިގެން އިނީ އެވެ. މަލްޝާގެ ސުވާލަށް އޭނާ ޖަވާބު ދޭކަށް ބޭނުމެއް ނޫނެވެ.
"ކޮންމެ ދުވަހަކު ރަށަށް ނުދެވޭތީ އަސްލު ވަރަށް އުނދަގޫވޭ. ރަށުން ބޭރުގައި ވަޒީފާ އަދާ ކުރުމަކީ އުނދަގޫ ކަމެއް." މަލްޝާ އުޅުނީ ފިރިހެނުން އުޅޭ ތަނެއްގައި ހުރި ހަމައެކަނި އަންހެން މުވައްޒަފާ ގާތްކަން ބާއްވާށެވެ. ނަމަވެސް މިފަހަރު ވެސް ނަޒީމާ ޖަވާބެއް ނުދެއެވެ.
"ފާޚާނާ ހުރީ ކޮން ދިމާއެއްގައި." މަލްޝާ މިހެން އެހީ މިފަހަރު ނަޒީމާ ވާހަކަ ދައްކާނެ ކަމަށް ބަލައިގެންނެވެ. ނަޒީމާގެ އަތުގެ އިޝާރާތުން ފާޚާނާ ހުރިދިމާ ދައްކާލި އެވެ.
"އަންހެނުންނާ ފިރިހެނުންނަ ށްވެސް އެއް ފާޚާނާއެއްތަ." މަލްސާ ކަންބޮޑުވި އެވެ.
"އޭ މެޑަމް.. މިތާކު ކުރިން އަންހެނުންނެއް ނޫޅޭ. ދެންޖެހޭނީ އަންހެނުންނަށް ވަކި ފާޚާނާއެއް ހަދަން ސުޕަވައިޒަރު ގާތު ބުނަން." ރައީފު އައިސް ނަޒީމާ އަށް ބަލާލަމުން ބުންޏެވެ.
ނަޒީމާ ގާތަށް އައި ރުޅިން ރައީފު އާ ދިމާއަށް ލޯ އަޅާލި އެވެ. އޭނާގެ މި އަމަލުން ރައީފަށް އުނދަގޫވި އެވެ. ނަޒީމާ ކަހަލަ އެކަކު ވެސް ގަދަރެއް ނުކުރާ އަންހެނަކު އޭނާ އަށް ލޯ އަޅާލުމުގެ ހިތްވަރެއް ލިބިގެނެއް ނުވެއެވެ. ރައީފު އައި ރުޅީގައި ނަޒީމާގެ މޫނުމަތީގައި ޖެހިއެ ވެ. ނަޒީމާ އަށް އަނގަމަތީގައި އަތް އެޅުނެވެ. އޭރު ނޭފަތުން ލޭތައް ފައިބަމުން ދެއެވެ. ނަޒީމާ ތެދުވެ ރައީފުގެ މޫނުމަތީގައި ދެތިން ހަތަރު ފަހަރު ޖެހިއެވެ. އޭނާއަށް އެ ކެރުންތެރިކަން އައި ގޮތެއް ވެސް ނޭނގެއެވެ. ކައިރީގައި ތިބިމީހުން އޭނާ ދުރު ނުކުރިނަމަ ރައީފުގެ މޫނު ޗިސްވާންދެން އޭނާ ތެޅީހެވެ. ނަޒީމާ ނިކުމެގެން ދިޔައީ އެވެ.
ވިލާ ރޮއްޖެއް ވެސް އުޑުގައި، ހަނދު އޭގެ އެންމެ ފުރިހަމައަށް، ރަނިކަން ކުރަމުން ދިޔައެވެ. ކުދިކުދި ރާޅުބާނީތައް ހުދުފޮނުތަކާ އެކު ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ފަހަރަކު ހުދުކަފަ ކޮޅެއް ފަދަ ދޮންވެލިގަނޑު ތެންމާލަ އެވެ. އިރުއޮއްސުނު ވަގުތު ވާރޭ ވެހިފައި ވުމުން ޖައްވުގައި އެކުލެވިފައި ވަނީ ހިތްގައިމު ތެތްފިނި ކަމެކެވެ.
މާހައުލު ކިތަންމެ ހިތްގައިމުވެފައި ފުރިހަމަޔަސް ހަފުސްވެފައިވާ އުންމީދާ ފުރައްސާރައިގެ ތެރޭގައި އުޅެންޖެހިފައިވާ ދަތި ދިރިއުޅުމުން ނަޒީމާ އިނީ ފޫހިވެފައެވެ.
"ކިތަންމެ ރުޅިއަޔަސް ތި ނޭފަތުގައި ބޭސް އަޅަންވާނެ." މަލްސާ އައީ ފަސްޓްއެއިޑް ބޮކްސް ހިފައިގެންނެވެ.
އޭނާ ނަޒީމާއަށް އަނިޔާ ލިބިފައިވާ ތަންތާ ބޭސް އަޅައިދިނެވެ. އެ ދެ މީހުންގެ ރަހްމަތްތެރިކަން ފެށުނީ އެހިސާބުންނެވެ.
ނަޒީމާ އުޅެނީ މަސްފެކްޓަރީގެ މަސްދަޅު ބަންދުކޮށް ފޮށިގަނޑުތަކަށް އަޅާ ފޮނުވާ ބައިގަ އެވެ. މިއީ ރާއްޖޭގައި އަމިއްލަ މީހަކު ހިންގާ މަސް ފެކްޓަރީއެކެވެ. މި ފެކްޓަރީ ހިންގަނީ ރަށުގެ ފަޅުތެރޭގައި އޮންނަ ކުޑަ ފަޅު ރަށެއްގައެވެ. ކުޑައިރުން ފަށައިގެން ވެސް ބައްޕަ މަރުވެފައި ވުމުން މަންމަގެ ބުރަ މަސައްކަތުން އޭނާ ވަނީ އޭލެވެލް ހަދައިފަ އެވެ. ނަމަވެސް ރަށުގެ އެއްވެސް ތަނަކުން ވަޒީފާއެއް ނުލިބުމުން މިތަނަށް އަންނަން މަޖުބޫރުވީއެވެ. ބަލި މަންމަވެސް ބަލަން ޖެހިފައި ވުމުންނެވެ.
"މާލެއަށް ފޮނުވަންޖެހޭ ޝިޕްމަންޓް އަދިވެސް ނުފޮނުވެވޭތަ؟" ސުޕަވައިޒަރު މިހެން އެހީ ވަރަށް ރުޅިވެރި ރާގެއްގައެވެ.
"ސަރ. އަދިވެސް އިންޓަވިއުއަށް އައި ވަޒީފާއެއް ނުލިބޭ. ޕްރޮމޯޝަން ލިބޭނީ ކޮންއިރަކުންތޯ.؟"
"ބޭކާރު ވާހަކަ ނުދައްކާ. އުޅެން ބޭނުން ނޫނިއްޔާ ކެނޑިގެން އެހެންތާކަށް ދޭ." ސުޕަވައިޒަރު ބުންޏެވެ.
ނަޒީމާ ވަކި އެއްޗެކޭ ނުބުނެ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލި އެވެ. އޭނާ އަށް ކޮންމެ މީހަކު ވެސް އަމަލު ކުރަނީ މިފަދަ ހަރުކަށި ރުންކުރު ގޮތަކަށެވެ. ދެން ތިބި މީހުން އޭނާއަށް މަލާމަތްކޮށް ފުރައްސާރަ ކުރެއެވެ. އެހެންކަމުން މީހެއްގެ ފަރާތުން އޭނާ އަށް ރަނގަޅަށް ކަމޭ ހިތާފާނެ ކަމަކަށް ދުވަހަކު ވެސް އޭނާ އުންމީދެއް ނުކުރެއެވެ. ރަހްމަތްތެރިންނާއި ލޯބިވެރިންނާ ތިމާގެ މީހުންނަކީ އޭނާގެ އަމްދުން ނެތް ބަޔެކެވެ.
މީ މަލްޝާގެ ކެބިން. މިތާނގާ މަލްޝާއަށް ދަތިވާނެ އެއްޗެއް ނުހުންނާނެ."ސުޕަވައިޒަރު މަލްސާއަށް ހަމަޖައްސައިދިން ވަޒީފާގެ ކަންކަން އޮޅުން ފިލުވައިދިނެވެ.
ސުޕަވައިޒަރު ދުވަހަކުވެސް މިހާ އުފާވެފައި ހުއްޓާ ނަޒީމާއެއް ނުދެކެއެވެ. ނަޒީމާއަށް ހީވީ މީހަކު އޭނާގެ މެއަށް ވަޅިއެއް ޖެހިހެންނެވެ. މިވީ ތިން އަހަރު އޭނާ ޖެހުނުހާ މަސައްކަތެއް ކުރީ އޮފީސްބައިގެ ވަޒީފާއަކަށް ބަދަލުވާށެވެ. އޭނާ އިންޓަވިއުއަށް އައީވެސް އެޑްމިން ވަޒީފާއަށެވެ. ނަމަވެސް އޭނާ ލައްވާ ފެކްޓްރީގެ މަސައްކަތް ކުރުވަނީއެވެ.
"ސަރ، ބުނީމެއްނު އަޅުގަނޑަށް އޮފީސް ވަޒީފާ ދޭނަމޭ." ފުރަތަމަ ފަހަރަށް ނަޒީމާ ޝަކުވާ ކުރިއެވެ.
"ޝަކުވާ ނުކޮށް މަސައްކަތަށް ދޭ." ސުޕަވައިޒަރު ހުރީ ރުޅިއައިސްފައެވެ.
ނަޒީމާއަކީ ބަދަން ކުލައިގެ ހިކިތޮޅި ކުއްޖެކެވެ. ބުޅި އިސްތަށިގަނޑު އަބަދުހެން އޮންނަނީ ހުޅި ޖަހައިފަ އެވެ. ގަޔަށް ދޫ ބޮޑެތި ގަމީހާއި ޖީންސް ލާފައި ހުންނައިރު މިހާރުގެ އަންހެންކުދިން ބޭނުންކުރާ މޭކަޕުގެ އެއްވެސް ސާމާނެއް އޭނާ ބޭނުމެއް ނުކުރެއެވެ.
މަލްޝާއަކީ ފަހުގެ ފެޝަންތަކަށް ލޯބިކުރާ ރީތި އަންހެން ކުއްޖެކެވެ. މީހުންގެ ލޯބި އޭނާ އަށް ލިބެއެވެ. ނަމަވެސް ދެ މީހުން ކިޔަވާފައި އޮތީ އެކައްޗެކެވެ. ވީ އިރު މިހާބޮޑު ތަފާތު ކުރުމެއް އައިސްގެން ނުވާނެ އެވެ.
"ސޮރީ ނަޒީ.." މަލްޝާ އަށް ނަޒީމާއާ މެދު ކަންކުރެވޭ ގޮތް ފެނުމުން ދެރަވިއެވެ. އެ ދެ މީހުންގެ މެދުގައި ރަހްމަތްތެރިކަން އުފެދި އެކުގައި ވާހަކަ ދެކެވޭލެއް ގިނަވެއްޖެ އެވެ.
ދެ މީހުންގެ ހަޔާތުގެ ތަފާތު ވާހަކަތައް އެ ދެ މީހުން ހިއްސާކުރެ އެވެ. މިހާރު އެ ދެ މީހުންނަށް ކެވެނީ ވެސް އަދި ނިދެނީ ވެސް އެކުގަ އެވެ. ފެކްޓްރީގެ ކަންކަން ބުނެދެނީ ނަޒީމާ އެވެ. އެހެންކަމުން މަލްޝާ އަށް ކުންފުނީގެ ކަންކަން ކުރަން ފަސޭހަވެ އޭނާ އަށް ކާމިޔާބު އޮހެމުންދެއެވެ. މި ކޮންމެ ކާމިޔާބީއެއްގައި ނަޒީމާ އޭނާ ގާތުގައި ހުރެއެވެ. ހަގީގަތަކީ ކުންފުނީގެ ކޮންމެ ކަމެއްހެން ނަޒީމާ ގާތުން އޮޅުން ފިލުވައި، ސާފު ކުރުމަށްފަހު މަލްޝާ އަށް އެ ކޮންމެ ކަމަކަށް މަސައްކަތް ކުރަން ފަސޭހަވުމެވެ.
"އާނ. މުސާރަ ވެސް ބޮޑުވެއްޖެ. ވަރަށް ބިޒީކޮށް އުޅޭތީ ނުގުޅެނީ." އެއްރޭ ނިދަން އޮވެފައި މަލްޝާ ފިރިމީހާއާ ވާހަކަ ދެއްކި އަޑު ނަޒީމާ އަށް އިވުނެވެ.
"ތިހެން ހަދަންވާނެތަ.؟ ނަޒީމާ މަލްޝާ އަށް ބަލާލިއެވެ. އެ ބަލާލުމުގައި ހުރީ ކޮން އަސަރެއް ކަމެއް މަލްޝާއަކަށް ނޭނގުނެވެ.
މަލްޝާ އައިސް ނަޒީމާގެ އެނދުގެ މަގަތުގައި އޮށޯތެވެ. އޭނާއަށް ލިބެމުންދާ ކުރިއެރުންތަކާއި އެންމެން އޭނާއަށް ކުރާ އިހުތިރާމްގެ ވާހަކަ ހިއްސާ ކުރިއެވެ.
"އަސްލު ކައިވެނި ކުރެވުނީ މާ އަވަހަށް. ކުރިން ވެސް އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތް ކުރެވުނު ނަމަ. މިހާރު ލިބޭ އެއްޗަކުން ފިރިމީހާ އަށް ވެސް ދޭންޖެހޭ."
"ތި ވާހަކަ ހުއްޓާލަމާ. މަލް! ގުރަޔަކާއި ބާޒެއްގެ ތެރެއިން ރަނގަޅު ވާނީ ކޮންއެއްޗެއް؟" ނަޒީމާ ހިނިތުންވެލަމުން އެހި އެވެ.
"ގުރާ. އެ މާ ރީތިވެފައި ގޭތެރޭގައި ވެސް ގެން ގުޅެވޭނެ." މަލްޝާ ވިސްނާ ވެސް ނުލައި ބުންޏެވެ. ނަޒީމާ ގާތަށް ވަރަށް ހިނިއައެވެ. އޭނާ އަތުގައި އޮތް ބާލީހުން މަލް ގައިގާ ޖެހި އެވެ. ދެ މީހުން އެކުގައި ވަރަށް ސަކަރާތް ޖެހިއެވެ.
ނިދެންދެން މަލްޝާ އޮތީ ނަޒީމާގެ މޫނަށް ބަލާށެވެ. ނަޒީމާއަކީ ކިހާ ރަނގަޅު ޝައުގުވެރިވާ ކަހަލަ މީހެއް ހެއްޔެވެ؟ ކިހާ ހިތްތިރި އޯގާތެރި ކުއްޖެއް ހެއްޔެވެ؟ މަލްޝާ މިހާރަކަށް އައިސް ރަށަށް ވެސް ދަނީ މަދުންނެވެ. ފިރިމީހާގެ ފޯނު ކޯލުތަކަށް ޖަވާބު ވެސް ދެނީ ހިތަށް އެރިއްޔާ އެވެ. މި ތަނުގައި އޭނާއަށް މާ އުފާ ލިބެއެވެ.
މިއަދު މަލްޝާއަކާއި ނަޒީމާ ދިމައެއް ނުވެއެވެ. އެންމެ ފަހުން ރޭގަނޑުގެ ކެއުމަށް ނަޒީމާ އިންސާފު ކުރަމުން ދިޔައީ އެކަންޏެވެ. މަލްޝާ އަންނާނެ ކަމަށް އިންތިޒާރު ކޮށްކޮށް އޭނާ ފޫހި ވެއްޖެއެވެ.
"ނާންނާނެ. ކަލޭގެ ލޯބިވެރިޔާވީ އެހެން ލޯތްބެއްގެ ފަހަތުގައި." ރާއިފް އައިސް ނަޒީމާއާ ދިމާކޮށްލި އެވެ.
ނަޒީމާ ލިޕްސްޓިކް ނުޖައްސާތީ އާއި ފިރިހެން ގަމީސް ލައިގެން އުޅޭތީ އޭނާއާ މެދު އެންމެން ވެސް ދެކެނީ ތަފާތު ނަޒަރަކުންނެވެ. މައްސަލަގަނޑަކަށް ނުހަދަން ނަޒީމާ ކާއެއްޗިހި ބަހައްޓާފައި އެތަނުން ނިކުތީ އެވެ. އޭނާ ނިދަން ހަމަޖެހިފައިވާ ބަޔަށް ދާން މިސްރާބު ޖެހި އެވެ. ކޮކާ ހަނދުވަރުގެ ރިހި އަލީގައި ހިމަ ގޯޅިގަނޑުން ލާފައި ނަޒީމާ ހިނގަމުން ދިޔަ އެވެ. ކުއްލިއަކަށް އޭނާގެ ގަމީހުގައި މީހަކު ހިފާ ދަމައިގަތެވެ. ނުވިސްނާ ހުރުމުން ނަޒީމާ ވެއްޓުނެވެ.
"ފިރިހެނަކާ ވާހަކަ ދައްކަނީއެއް ނޫން. އެކަމު އުޅޭ ހިތްވަނީ ފިރިހެނެއްހެން. ކަލޭގެ ތިހުރި ފިރިހެންކަން ނިކަން ދައްކާލަބަލަ." ރައީފު އުޅުނީ ނަޒީމާގެ ގަމީސް ބާލުވާށެވެ.
ގަނެފައިހުރި ބިރާއި އަމިއްލަ ނަފުސު ނުރައްކަލުން ސަލާމަތްކުރަން ލިބުނު ހިތްވަރުން ރައީފުގެ ބަނޑުގެ ކޮޅުގައި އޭނާގެ ފައިން ބާރަށް ޖެހިއެވެ. ހަމަ އެ ވަގުތު ރައީފަށް ވީ ތަދުން ބިންމައްޗަށް ވެއްޓުނެވެ. ނަޒީމާ ގައިގެ ހުރި ބާރެއްލާފައި ދުއްވައިގަތެވެ. ދުވަމުން ދުވަމުން އޭނާ ނިކުތީ އަތިރިމައްޗަށެވެ. އޭނާ ލޮލުގައި އަޅައިގަތީ ގަބޫލުކުރަން ދަތި އެހެނަސް ހަގީގަތެވެ.
އަތާއި އަތް ގުޅުވާލައިގެން ގޮނޑުދޮށުގެ ހިތްގައިމު ވެލިގަނޑުގައި ސުޕަވައިޒަރާއި މަލްޝާ ހިނގާލާފައި ދިޔައެވެ. މި ދެ ލޯބިވެރިން އެކުގައި އުޅޭތާ ހަފްތާތަކެއް ވީއެވެ. މި ރެއަކީ ސުޕަވައިޒަރާއި މަލްޝާ ރައްޓެހިވި ފަހުން އެއް މަސްވެގެން އެކަން ފާހަގަ ކުރެވުނު ރެއެވެ. މިކަމުގެ މުނާސަބަތުގައި މަލްޝާގެ ވާތުގެ ކަށި އިނގިލީގައި ވަނީ ރީތި އަނގޮޓިއެއް އަޅުވައިފަ އެވެ.
"ނަޒީމާ... މި ވާހަކަ މީހެއްގާތު ނުބުނާތި؟" މަލްޝާގެ އިޝާރާތުން ބުންޏެވެ.
ނަޒީމާ ބޯ ޖަހާލި އެވެ. ގަމީހުން ވީދައިގެން ގޮސްފައިވާތަން ރަނގަޅުކޮށްލާ ހިނިތުންވެލި އެވެ. އޭނާއާ މެދު ވިސްނާނެ ހަމަ އެކަކު ވެސް ނުހުންނާނެކަން އަމިއްލަ ސިކުނޑި އަށް ވިސްނައިދިނެވެ.
"މިތާ ތިބޭ ނަމަ މީހުންނަށް ފެންނާނެ. ދޭ ކޮޓަރި އަށް. އަހަރެން ނުގޮސް މަޑުކޮށްލާނަން." ނަޒީމާ މަޑުމަޑުން ބުނެލިއެވެ.
ސުޕަވަޒަރަށް ވެސް ނަޒީމާގެ މި ވާހަކަ ކަމުދިޔަ އެވެ. އޭނާ ފުރަތަމަ ފަހަރަށް ނަޒީމާއަށް ހިނިތުން ވެލިއެވެ. ނަޒީމާ ގޮނޑުދޮށުގައި ހަނދުވަރުގެ ރަހުމަތްތެރިކަމުގެ އުފާ ލިބިގަތެވެ. މިއީ ވެސް ހާދަ އާދަޔާ ޚިލާފު އެއްޗެކެވެ. އެކި މީހުންގެ ޚިޔާނާތްތައް ބަލަން ހެވިފައި އެ މީހުންނަށް އެހީތެރިވާ އެއްޗެކެވެ.
މަލްޝާގެ ޕްރޮމޯޝަނާއި ގިނަ އެކުވެރިންނާއި ލިބޭ ގިނަ ހަދިޔާތައް ނަޒީމާ އަށް ހިއްސާ ކުރަމުންދެއެވެ. އޭނާގެ ނަސީބާ މެދު ދުނިޔެ ހަސަދަވެރިކަމުން ބަލަމުން ދިޔަޔަސް ގޯސްމަގެއް ޚިޔާރުނުކޮށް މަޑުމަޑުން މަސައްކަތުގައި އުޅެއެވެ.
"ހެޕީ ބާތްޑޭ މަލްޝާ." ކުއްލިއަކަށް ފެކްޓްރީން އިވެންފެށީ މަލްޝާ އަށް އުފަންދުވަހުގެ މަރުހަބާގެ އަޑެވެ.
ކޭކާއި ހަދިޔާ ހިފައިގެން އައީ މަލްޝާގެ ފިރިމީހާއާ އެކު އޭނާގެ އާއިލާއެވެ. އެ މީހުން މަލްޝާ އަށް ގެނައި ހަދިޔާތަކާއި ދިން ލޯތްބަކީ މި ޒަމާނުގެ އަންހެންކުއްޖަކަށް ފިރިމީހާގެ އާއިލާއިން ނުދޭވަރުގެ ލޯތްބެވެ.
"ލޯބިވާން ޖެހޭނެދޯ. ފައިސާ ފޮނުވަން ވިއްޔަ." މައިދައިތަ އަށް އަޑުނީވޭވަރަށް މަލްޝާ އަނގަޔަށް ގޮތެއް ހަދާލާފައި ބުންޏެވެ. ތަންކޮޅެއް ދުރުގައި ނަޒީމާ ހުރުމުން މަލްޝާ އައިސް ބުނެލިއެވެ.
"ނަޒީމާ.. އާދޭ." ދުރުގައި ބަލަންހުރި ނަޒީމާ އަށް ސުޕަވައިޒަރު ގޮވާލި އެވެ. އޭނާ ބާރުބާރަށް ދިޔައީ ނުހަނު އުފަލުން ހުރެއެވެ. އޭނާގެ އުފަންދުވަސް ފާހަގަ ނުކުރިޔަސް މަލްޝާގެ އުފަންދުވަހުގައި ބައިވެރި ކުރުމުންނެވެ. އެ އުފާވެރި ވަގުތުކޮޅުގައި އޭނާ ބަލައިގެންކަން ނިންމުމުން ވަރަށް އުފާވިއެވެ.
"އެހެން މުވައްޒަފުންނަށް ކޭކު ބަހާ." ސުޕަވައިޒަރު އަމުރުކުރިއެވެ. އޭނާއަށް ހީވީ މީހަކު އޭނާގެ މޫނުމަތީ ޖެހިހެންނެވެ. މޫނުގެ އުފާވެރިކަން ގެއްލި މަޑުމޮޅިވިއެވެ.
"ދަރިފުޅާ. މަންމަ ދެން އެންމެ އުފާވާނީ މާމަ ދަރިއެއް ލިބޭ ދުވަހަކުން." މަލްޝާގެ މައިދައިތަ މަލްޝާ ގާތު ބުންޏެވެ.
"އަދި ވަޒީފާއަކުން ނުކެޑޭނަން. މިތަން ވަރަށް ރަނގަޅު. ދޯ ނަޒީމާ." މަލްޝާ ނަޒީމާއާ ގާތްވެލަމުން ބުންޏެވެ.
"އާނ. އަންހެން ކުދިންނަށް ތަފާތު އިނާޔަތްތައް ވެސް ލިބޭ. އެހެންނޫނަސް ކުއްޖަކު ލިބުމުން މަލް ޖެހޭނީ މިތަނުން ދާކަށްނު. މަލްޝާ އައި އައިފަހުން އަންހެން ކުދިންނަށް ވަކި ފާޚާނާއެއް ވެސް ހަދައިފި." ނަޒީމާ ހިނިތުން ވެލަމުން ބުންޏެވެ.
އާދައިގެ މަތީން ނަޒީމާ އުޅެމުން ދިޔައީ ފެކްޓަރީގަ އެވެ. މަލްޝާގެ އުޅުނީ އޮފީހުގަ އެވެ. ނަޒީމާގެ މަޑުމަތިރި މިޒާޖު މިހާރު ކުރިއަށްވުރެ ވެސް މަޑުމައިތިރި ކަމަށް ބަދަލު ވެއްޖެއެވެ. އޭނާގެ ރަސްމީ މަސައްކަތް ނިމުމުން ދަނީ ކޮޓަރިއަށެވެ. މިގޮތުގައި ހަފްތާއެއް ވީއިރު މަލްޝާ ވަރަށް ބަލިވެއްޖެ އެވެ. އޭނާ ބޯ އަނބުރާ ހޮޑުލަނީ އެވެ. ޓެސްޓްތަކުން ދެއްކީ އޭނާ ބަނޑުބޮޑު ކަމަށެވެ.
"ފިރިމީހާ އަށް އެނގިއްޖެއްޔާ." މަލްޝާ ކަންބޮޑުވިއެވެ.
"ނޭނގޭނެ. ކިހިނެއް އެނގޭނީ. މަލް ދޭތެރެ ދޭތެރެއިން ރަށަށް ދަމެއްނު." ނަޒީމާ ޔަގީން ކަމާއެކު ބުންޏެވެ.
ނަޒީމާ މަލްޝާ އަށް ދިން ނަސޭހަތަކީ ކުޑަކޮށް އަރާމު ކޮށްލަން ރަށަށް ދިއުމަށެވެ. މަލްޝާގެ މަސައްކަތްތައް އޭނާ ކޮށްދޭނެ ކަމަށް ބުންޏެވެ. ގޭތެރެ ވެސް ހަމައަކަށް އަޅުވާފައި ހިތްހަމަޖެހިގެން ވަޒީފާއަށް އަންނަން ނަސޭހަތްތެރިވިއެވެ. މަލްޝާ ދެ ހަފްތާގެ ޗުއްޓީއެއް ނެގިއެވެ. ސުޕަވައިޒަރު އެކަމާ އެއްބަސްވެ މަލްޝާ އަންނަންދެން ނަޒީމާ އަށް އޭނާގެ މަސައްކަތް ހަވާލުކުރި އެވެ.
ނަޒީމާ ފަރުވާތެރިކަމާ އެކު މަލްޝާގެ މަސައްކަތް ނިންމާލި އެވެ. އޭނާ އެކަމަށް އޭނާ ނުހަނު ފަރިތައެވެ. އޭނާއަކީ ކިޔަވައިގެން ހުރި ހުށިޔާރު ކުއްޖެކެވެ. ނަޒީމާ މަލްޝާގެ ގޮނޑީގައި އިންނަނީ ވަރަށް ހަމަޖެހިލައިގެންނެވެ. ހީވަނީ އޭނާ ދެން އެތަނުން ނުތެދުވާނެ ހެންނެވެ. މިކަހަލަ އިހުސާސެއް ސުޕަވައިޒަރަށް ކުރެވުނެވެ.
"މަލްޝާ އަންނަން ދެން އޮތީ ދެ ދުވަސް. ނަޒީމާގެ މަސައްކަތަށް އެނބުރި ދާން ތައްޔާރުވޭ." ސުޕަވައިޒަރު ބުންޏެވެ.
"މަލް ނާންނާނެ. މަލް ކަނޑާލާނީ ވެސް ސުޕަވައިޒަރު." ނަޒީމާ ހިނިތުން ވެލި އެވެ.
ސުޕަވައިޒަރު ހައިރާން ކަމާ ރުޅިވެރިކަމާ އެކު ނަޒީމާ އަށް ބަލާލި އެވެ. މަލްޝާގެ ފުރައިގެން ދިޔައީ ބަނޑުބޮޑުވެގެން ކަމަށާއި އޭނާ އެކަންކުރަން އެ ދިޔައީ ފިރިމީހާ ގާތު އެކަމުގެ މަތިޖަހަން ކަމުގައި ނަޒީމާ ބުންޏެވެ.
ކިތަންމެ ސިއްރު ކުރިއަސް ޑީއެންއޭއިން އެއީ ސުޕަވައިޒަރުގެ ދަރިއެއްކަން އެނގޭނެ ކަމަށާއި އޭނާގެ ކޮޓަރި އަށް ސުޕަވައިޒަރު މަލްޝާ ގޮވައިގެން ވަންނަ ވީޑިއޯ ނަޒީމާ އަތުގައި ހުރިކަން ހާމަކޮށްދިނެވެ. އަދި ސުޕަވައިޒަރުގެ އަންހެނުންނަށް އެނގިއްޖެ ނަމަ އޭނާ ތިން ދަރިން ގޮވައިގެން ރަށަށް ދާނެ ކަމަށާއި ކުންފުނީގެ ބޯޑު މެންބަރުންނަށް ސުޕަވައިޒަރުގެ ނުބައި އަމަލުތައް އެނގިއްޖެ ނަމަ އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ނަޒީމާ ބުންޏެވެ.
"ނަޒީމާ ބޭނުންވަނީ ކޮންކަމެއް." ސުޕަވައިޒަރުގެ އަޑު ކުރެހިއްޖެ އެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލި އެވެ.
"މީ އަހަރެންގެ މަގާމު. މީގެ ތިން އަހަރު ކުރިން އަހަރެން މި މަގާމުގެ އިންޓަވިއުއަށް އައީ. ކަލޭ އަހަރެން ފެކްޓްރީގެ ފިރިހެނުން މަސައްކަތްކުރާ ބަޔަށް ލީ. ޖަނަވާރުތަކެއް ކަހަލަ ފިރިހެނުންނާ އެކު އަހަރެން ތިން އަހަރު ހޭދަކޮށްފިން. ކަލޭމެންގެ ހިތުގައި އިންސާނަކަށް ކީއްކުރަން ނިކަމެތި އަންހެނަކަށް ވެސް އެއްވެސް ރަހުމެއް ނެތް." ނަޒީމާގެ އަޑުގަދަ އެވެ.
"ބުނޭ.. ބުނިގޮތެއް އަހަރެން ހަދާނަން." ސުޕަވައިޒަރު ބަދުނާމުވާކަށް ބޭނުމެއް ނޫނެވެ.
"އިސްތިއުފާގެ ސިޓީ ލިޔޭ. އެކަމަކު އޭގެ ކުރިން މަލްޝާ ކަނޑާލާ އަހަރެން މިތަނަށް ހަމަޖައްސި ކަމަށް ލިޔުން ތައްޔާރުކުރޭ." ނަޒީމާ ނިކުމެގެން ދިޔައީ އެވެ.
މަލްޝާ އަށް ވަޒީފާއިން ވަކިކުރި ސިޓީ ލިބުނީ ބޭނުންވާ ގޮތަށް ގޭތެރޭގެ ހުރިހާ ކަމެއް ހަމައަކަށް އެޅުވިފަހުންނެވެ. ސިޓީ ލިބުމާ އެކު އޭނާ ސުޕަވައިޒަރަށް ގުޅިއެވެ. ނަމަވެސް އެ ފޯނަކަށް ނުގުޅެއެވެ. އޭނާ މަލްޝާ އަށް ގުޅިއެވެ. މަލްޝާ ފޯނެއް ނުނަގައެވެ. އެންމެ ފަހުން އޭނާ ފެކްޓަރީ އަށް އައެވެ. އޭނާ ފަރިތަކަމާ އެކު އޮފީސް ބަޔަށް ވަނެވެ. ސުޕަވައިޒަރުގެ ކެބިންނަށް ވަތްއިރު އެތާ އިނީ އަންހެން ކުއްޖެކެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާ ސާފު ހުދު ހެދުމެއްގައި އިން އަންހެން ކުއްޖެކެވެ. މޭކަޕުގެ އަސަރުން އެތައް ރީތިކަމެއް ލިބިފައިވާ ނަޒީމާ ފެނުމުން މަލްޝާ ހައިރާންވި އެވެ.
"މަލް... އާދޭ. ފިރިމީހާ އޯކޭ ދޯ،" ނަޒީމާ ބުންޏެވެ.
"ނަޒީ...ތަ؟" އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"ސުޕަވައިޒަރު އެހެންތާކަށް ބަދަލުވީ. މަލް ވިހާ ގަދަވެގެން އެޕްލައި ކުރައްޗޭ. އަދި އާދެވޭނެ މިތަނަށް. އެކަމަކު ދެން ޖާގަ އޮންނާނީ ފެކްޓްރީބައިގާ." ނަޒީމާ ހިނިތުން ވެލިއެވެ.
މަލްޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ނަޒީމާ ކިހާ މޮޅު ހެއްޔެވެ؟ އޭނާގެ ދުލުން އެއްވެސް އެއްޗެއް ނުބުނެއެވެ. ކަންކޮށް ނިންމާލީ އެވެ. މަލްޝާ އަށް ހުރިހާ އެއްޗެއް އެނގެ އެވެ. ސުޕަވައިޒަރާއި މަލްގެ ގުޅުމަށް މަގު ހުޅުވާ ދީފައި އެ މަގު ބަންދު ކުރި ގޮތެވެ. ބަނޑުބޮޑުވުމުން ފިރިމީހާ ގާތަށް ފޮނުވާލި ގޮތެވެ. ސުޕަވައިޒަރު މަގާމުން ވަކިކުރާނީ ވެސް އެފަދަ ގޮތަކަށްކަން އޭނާއަށް އެނގެއެވެ. ނަމަވެސް ބުނާނީ ކީކޭ ހެއްޔެވެ؟
"މަލް.. ވަރަށް ބޮޑަށް ޝުކުރިއްޔާ، މަލް ނައި ނަމަ އަންހެން ކުދިންނަށް ވަކި ފާޚާނާއެއް ނުލިބުނީސް." ނަޒީމާ ކޮފީތަށި ދިއްކޮށްލި އެވެ.
މަލްޝާ ނުބޯނަމޭ ބުނީ ބޮލުގެ އިޝާރަތުންނެވެ. އޭނާ އެނބުރި ދިޔައީ އެވެ. ކިތަންމެ މޮޅަށް ކިޔެވިފައި ރީތިވިޔަސް މަލްޝާ އަށް ވުރެ ނަޒީމާ މާ ބޮޑަށް ވެސް ހުށިޔާރެވެ. އެންމެ ފުރިހަމަ ކާމިޔާބީއެއް ހޯދީ ނަޒީމާ އެވެ. އޭނާގެ މޫނުމަތީން ވެސް އެއްވެސް ކަމެއް ދައްކާނުލަ އެވެ. އޭނާގެ ހަރަކާތުން ދޮން ކަޅުމިން ވެސް އަންގާ ނުލަ އެވެ. އޭނާގެ ވާހަކައިން ނިތްކުރިއަށް ރުލެއް ވެސް އަރުވާނުލަ އެވެ. ކޮތަރަކާއި ބާޒެއްގެ ތެރެއިން އަބަދު ވެސް މޮޅުވާނީ ބާޒެވެ.
"ނަޒީ މޮޅެވެ. ނަޒީއަކީ ބާޒެވެ. ގުރައަކަށް މާދުރަށް ވިސްނާކަށް ނޭނގޭނެ އެވެ." މަލްޝާ އަށް ތުންފަތުގައި ދައިގަނެވުނެވެ.
އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ޕްރޮމޯޝަން
ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ދޫކޮށްނުލާ!
ސްކޫލް ނިންމާފައި މަހަށް، މިހާރު އެހެން ދިމާއަކަށް!
"ޑެއިޒީ" ފަރިކުރި ތިން ބެއިން!
ބަށީގެ ރާނީ: "އެ ފޯރި އާއި ދިރުން ގެއްލުވާލައިފި"!
މާދަމާ އީދަށް ވާނެ ކަމާ މެދު ސުވާލެއް ނެތް
މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކަން އާދަކުރުން
ސުޖުއާން: ޑިސްކަވަރީ ތެރެއަށް ގެއްލި ބޭރުގެ ރާޑަރަށް
މި ރީތި ބިނާގެ ފަންނުވެރި ޖީލުގެ ހިލަމެއް ނެތް!
ހިޔާލުތަކާ ދުރަށް ދަނީ މި ދޯނިތަކުގައި