Roadha Mihaaru

ޒުވާނުންގެ ސުވާލުތަކަށް ޖަވާބުދޭން ޒުވާން ޝައިހެއް

މަދީނާ ޔުނިވަސިޓީން ކިޔަވައިގެން ޝައިޚަކަށް ވުމީ ހާތިމް ޔޫސުފް ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެވެ. އުފަން ރަށް، ރ. ހުޅުދުއްފާރު ސްކޫލްގައި ކިޔަވަން އުޅުނުއިރު ދެކެން ފެށި އެ ހުފެނުގައި ކުލަ ޖެހޭތޯ ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. މަދީނާ ޔުނިވާސިޓީން ޖާގައެއް ހޯދަން ކުރި މަސައްކަތަށް ފަހު އެ ފުރުސަތު ލިބިދާނެ ކަމަށް ބަލައި، ދިރިއުޅުމެއް ނުފަށައި ވެސް އެތައް ދުވަހެއް ވަންދެން މަޑުކުރި އެވެ. އެހެން ދާއިރާއަކުން އެހެން ގައުމަކަށް ކިޔަވަން ނުގޮސް ވެސް މަޑުކުރީ އެކަމަށް އޮތް އިންތިޒާރުގެ ބޮޑުކަމުންނެވެ.

ޒުވާނުންނަށް ޒުވާން ޝައިހެއް
އަހުމަދު ހަމްދޫން
އަހުމަދު ހަމްދޫން

01 މާޗް 2025

މަދީނާ ޔުނިވަސިޓީން ކިޔަވައިގެން ޝައިޚަކަށް ވުމީ ހާތިމް ޔޫސުފް ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެވެ. އުފަން ރަށް، ރ. ހުޅުދުއްފާރު ސްކޫލްގައި ކިޔަވަން އުޅުނުއިރު ދެކެން ފެށި އެ ހުފެނުގައި ކުލަ ޖެހޭތޯ ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. މަދީނާ ޔުނިވާސިޓީން ޖާގައެއް ހޯދަން ކުރި މަސައްކަތަށް ފަހު އެ ފުރުސަތު ލިބިދާނެ ކަމަށް ބަލައި، ދިރިއުޅުމެއް ނުފަށައި ވެސް އެތައް ދުވަހެއް ވަންދެން މަޑުކުރި އެވެ. އެހެން ދާއިރާއަކުން އެހެން ގައުމަކަށް ކިޔަވަން ނުގޮސް ވެސް މަޑުކުރީ އެކަމަށް އޮތް އިންތިޒާރުގެ ބޮޑުކަމުންނެވެ.

ސީއެޗްއެސްއީގައި ކިޔެވުން ފެށުމަށް ފަހު މަދީނާ ޔުނިވަސިޓީ އަށް އެޕްލިކޭޝަން ލަމުން ގެންދިޔަ އެވެ. އޮންލައިންކޮށް އަދި ޕޯސްޓު މެދުވެރިކޮށް ވެސް އެޕްލިކޭޝަން ފޮނުވި އެވެ. އޭގެ ފަހުން ސީއެޗްއެސްއީން އޭ ލެވެލް ނިމުނުތަނާ ކަހަލަ ގޮތަކަށް މަދީނާ ޔުނިވާސިޓީން މާލޭގައި ބޭއްވި ވޯކްޝޮޕެއްގެ ތެރެއިން ވެސް އެޕްލިކޭޝަނެއް ލި އެވެ.

އެކަމަކު، ޖަވާބެއް ލިބުނީ ހައެއްކަ އަހަރު ފަހުން 2017 ގަ އެވެ. އޭރު ހާތިމްއާ އެކު ހުޅުދުއްފާރުގައި ކިޔެވި ބައެއް ކުދިން މަދީނާ ޔުނިވާސިޓީން ކިޔަވައި ނިންމައި އެނބުރި ރާއްޖެ އަންނަން ވެސް ފަށައިފި އެވެ. އެކަމަކު، ހާތިމް އަށް މަދީނާ ޔުނިވާސިޓީން ޖާގަ ލިބުނީ ކިޔޫގެ އެންމެ ފުލުންނެވެ. ހާތިމްގެ ބައްޕަ ވެސް އޭރު ދެކެމުން އައި އެންމެ އުންމީދީ ހުވަފެނަކީ ހާތިމް މަދީނާ ޔުނިވާސިޓީން ޑިގްރީ ހަދައި، ޝައިހަކަށް ވުމެވެ. އެކަމަކު، އުމުރުން އެންމެ 33 އަހަރުގެ ޝައިހް ހާތިމް މާލޭގެ މިސްކިތްތަކުގައި މިހާރު ދެއްވަމުން އެ ގެންދަވާ ދަރުސްތައް އަޑުއަހާލުމުގެ ފުރުސަތު އެ ބައްޕައަށް ނުލިބުމީ ހާތިމްގެ ފުން ހިތާމައެކެވެ. ބައްޕަ ނިޔާވީ ހާތިމްގެ ޔުނިވަސިޓީގެ ފަހު އަހަރު އެވެ.

ޝައިހް ހާތިމް (ކ) މަދީނާގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ރައްޓެއްސަކާ އެކު ފޮޓޯއެއް ނަންގަވަނީ.

ޝައިހް ހާތިމް (ކ) މަދީނާގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ރައްޓެއްސަކާ އެކު ފޮޓޯއެއް ނަންގަވަނީ.

"ބައްޕަ ވެސް ވަރަށް ބޮޑަށް ކުރި އުންމީދެއް ހާތިމް މަދީނާއަށް ދާނެއޭ. ހަމައެކަނި އަޅުގަނޑު ހުއްދަ އަށް އެދުނީ ބައްޕަ އަރިހުގައި. ދެން ބައްޕަ ވިދާޅުވީ ހާތިމް ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަން އެނގެއޭ. ދާން ވާނެއޭ. ބައްޕަ އޭރު އޮތީ އެނދުމަތިކޮށްފައި. ވަރަށް ބަލި. ބައްޕަ އެހާ ބޮޑަށް ބަލިވީމާ ދާން ވެސް އުނދަގޫވި،" ވިލާ ހައި ސްކޫލްގެ ބިޒްނަސް ޓީޗަރެއްގެ ގޮތުގައި ވެސް މިހާރު މަސައްކަތް ކުރައްވާ ހާތިމް ވިދާޅުވި އެވެ.

މަދީނާ ޔުނިވާސިޓީން ޖާގަ ދޭއިރު އެންމެ ބޮޑަށް ބަލާ އެއް ކަމަކީ އުމުރުން 25 އަހަރަށް ވުރެ ދަށްވުން ކަމަށް ވާއިރު، ހާތިމްއާ ހަމައަށް ފުރުސަތު އައި އިރު އުމުރު ވެސް އޮތީ ހަމަވެފަ އެވެ. ނޮވެމްބަރު 2016 ގައި ހާތިމްގެ އުމުރުން 25 އަހަރު ވުމުން އުންމީދު ގެއްލުނު ފަަހަރެއް ވެސް ދިޔަ އެވެ.

"ދެން ހިތަށް އެރީ [މަދީނާ ޔުނިވާސިޓީގައި ކިޔެވުން] ﷲ ތައާލާ ހާތިމަށް އިރާދަކުރެއްވި ކަމެއް ނޫނޭ މިއީ. އެ ފުރުސަތު ނެތީއޭ. ބިޒްނަސް ޓީޗަރެއްގެ ގޮތުގައި ހުންނާނީއޭ،" އޭރުގެ މާޔޫސްކަން ކިޔައި ދެއްވަމުން ހާތިމް ވިދާޅުވި އެވެ.

ޝައިހް ހާތިމް، ވިލާ ހައި ސްކޫލްގެ ޕްރިންސިޕަލް ސައީދުއާ މިދިޔަ ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޝައިހް ހާތިމް، ވިލާ ހައި ސްކޫލްގެ ޕްރިންސިޕަލް ސައީދުއާ މިދިޔަ ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އުމުރުން 25 އަހަރު ވުމާ އެކު، މަދީނާ ޔުނިވާސިޓީން އިސްލާމީ ތައުލީމު އުނގެނިވަޑައިގަތުމުގެ ކަންކަން "ދެން ނިމުނީ" ކަމަށް ހައްދަވައި އެ ފައިލް ހާތިމް ލެއްޕެވި އެވެ. އިސްލާމީ ތައުލީމަށް ފެންބޮވައިގެންފައި ހުންނެވި ވަރު ބޮޑުކަމުން މަދީނާގެ ދަތުރަށްޓަކައި ފަސްކުރައްވަމުން ގެންދެވި ކައިވެނި ވެސް އެންމެ ފަހުން ޑިސެމްބަރު 16، 2016 ގައި ކުރެއްވި އެވެ.

އެކަމަކު، އެންމެ މަތިވެރި ފަރާތުގެ ރޭއްވެވުން މާ މޮޅެވެ. ހާތިމްގެ މަދީނާ ޔުނިވާސިޓީގެ އުންމީދު އެއްކޮށް ދޫކޮށްލިތާ ދެ މަސް ދުވަސް ފަހުން ލިބިވަޑައިގަތީ އެ އުފާވެރި ޚަބަރެވެ. މުޅި އުމުރުގައި ކުރެއްވި ދިގު އިންތިޒާރުގައި ކުލަ ޖެހުނެވެ.

"ކައިވެނި ކުރިތާ ދެ މަސް ފަހުން ކޯހަށް ހޮވުނުކަން އެނގުނީ،" މުޅި ހަޔާތުގައި ކުރި އުންމީދު ހާސިލްވުމުގެ ހިތްހަމަޖެހުމާ އެކު ހާތިމް ބުންޏެވެ.

ޝައިހް ހާތިމް (ކ) މަދީނާގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ރައްޓެހި ބަޔަކާ އެކު ފޮޓޯއެއް ނަންގަވަނީ.

ޝައިހް ހާތިމް (ކ) މަދީނާގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ރައްޓެހި ބަޔަކާ އެކު ފޮޓޯއެއް ނަންގަވަނީ.

ހާތިމަށް ލިބުނީ މަދީނާ ޔުނިވާސިޓީގެ ފުލް ސްކޮލަޝިޕެކެވެ. އޭނާ އިސްލާމީ ތައުލީމުގައި ހިޔާރު ކުރެއްވީ ވެސް ދިވެހިން އާންމުކޮށް ނުކިޔަވާ ބައެކެވެ. ވަޑައިގަތީ "އަގީދާ ފެކަލްޓީ" އަށެވެ. އެކިއެކި ދީންތަކާއި މަޒުހަބުތަކުގެ މައުލޫމާތު ހޯއްދަވައި އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުވުމާއި އެކިއެކި ފިކުރުތައް ދިރާސާ ކުރުމާއި ދީނީ ދަރުސް ދިނުމުގެ ރޮނގުން ކިޔަަވައި ވިދާޅުވުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި މާ ބޮޑީ އެވެ.

"އަގީދާ ފެކަލްޓީގައި އޮންނާނީ މުސްލިމުން މި ގަބޫލުކުރާ ގަބޫލުކުރުންތަކާއި ދެން އެހެން ދީންތަކާ، ކޮމްޕަރޭޓިވް ރިލިޖަން ގާތްގަނޑަކަށް. މިސާލަކަށް ޝީއީ މަޒުހަބުތަކާއި އެހެން ވެސް ބައިވަރު މަޒުހަބުތައް ހުރޭ. އެ މީހުންގެ ބިލީފްއަކީ ކޮބައިތޯ ބަލަނީ،" ހާތިމް ވިދާޅުވި އެވެ.

އޭނާ މަދީނާ ޔުނިވާސިޓީގައި ޑިގްރީ ހެއްދެވީ އިސްލާމިކް ކްރީޑް އެންޑް ރިލިޖަންގެ ދާއިރާ އިންނެވެ. ހާއްސަ ވެވަޑައިގަތީ އަގީދާގެ ބަޔަށެވެ.

މުޅި ހަޔާތުގައި ވެސް އެންމެ ބޮޑަށް ބޭނުންވި ކަންތައްތައް ހާސިލް ކުރެއްވުމަށް ފަހު ހާތިމް މިހާރު ގެންދަވަނީ އިސްލާމިކް މިނިސްޓްރީ އާއި މިސްކިތްތަކާއި އެކިއެކި ޖަމިއްޔާތަކާ ގުޅިގެން ދީނީ ދަރުސްތައް ދެއްވަމުންނެވެ. އެކަމަކު، އޭނާގެ ރަސްމީ ވަޒީފާއަކީ ބިޒްނަސް ޓީޗަރުކަމެވެ. އެހެންވެ، ވިލާ ހައި ސްކޫލްގައި އޮންނަނީ ހާތިމްގެ ރަސްމީ ވަޒީފާ އެވެ.

އަގީދާގެ ބަޔަށް ހާއްސަވީ ކީއްވެ؟

މަދީނާ ޔުނިވާސިޓީން ގްރެޖުއޭޓްވާ ދިވެހިން އާންމުކޮށް ހާއްސަ ވަނީ ޝަރީއާއަށެވެ. ދިވެހިންގެ ތެރޭގައި ގިނައީ ވެސް އެ ދާއިރާގެ ގްރެޖުއޭޓުންނެވެ. އެކަމަކު ގްރޭޑް 11،12 ގައި ކިޔަވައި ވިދާޅުވި ދުވަސްވަރާއި ޒުވާނުންނާ އެކު ގިނަ ވަގުތު ހޭދަކުރެއްވިފައި ހުރުމުން ހާތިމަށް ވިސްނިވަޑައިގަތީ އިސްލާމް ދީނުގެ ފަންޑަމެންޓަލް މައުލޫމާތު ގިނަ މީހުން ބޭނުންވާ ކަމެވެ.

"މިސާލަކަށް ﷲ ސުބުހާނަހޫ ވަތައާލާ ވޮޑިގެންވޭ ހެއްޔެވެ؟ ކީއްވެގެން ހެއްޔޭ ނަސާރާ ދީން ގޯސްވަނީ؟ ކީއްވެގެން ހެއްޔޭ އެ މީހުން ގަބޫލުކުރާ ގަބޫލުކުރުންތަކުގައި ސުވަރުގެ ނުދެވެންވީ؟ ހަމަ އަސްލު ވެސް ސުވަރުގެ މިއީ ވާ ތަނެއް ހެއްޔޭ ނޫނީ ހަމަ ދައްކާ ވާހަކައެއް ހެއްޔޭ؟ މި ކަހަލަ ފަންޑަމެންޓަލް ސުވާލު އަންނާނެއޭ ކުރިއަށް އޮތް ތަނުގައި. މިއަށް ސްޕެލަޝައިޒް ވާން ޖެހެއޭ،" އަގީދާ ކިޔަވައި ވިދާޅުވާން ނިންމެވި ސަބަބާ ގުޅޭ ގޮތުން ހާތިމް ވިދާޅުވި އެވެ.

އެހެންވެ، ހާތިމް ކިޔަވައި ވިދާޅުވީ، މި ޒަމާނާ ގުޅޭ އިސްލާމީ ތައުލީމެވެ. އެއީ ފެމިނިޒަމް އާއި ޑިމޮކްރަސީ އާއި އެހެން ދީންތަކުގެ ތަފުސީލީ މައުލޫމާތުތަކެވެ.

ޝައިހް ހާތިމް މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޝައިހް ހާތިމް މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ޑީޓެއިލްކޮށް ކިޔަވައިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް އެ އިން އަންނަ މައުލޫމާތެއް ނޭނގޭނެ،" ހާތިމް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ފާޅުގައި ބައެއް ވާހަކަތައް ނުދެއްކުނަސް މިހާރު ވެސް އެ ކަހަލަ ސުވާލުތައް ކުރިމަތިވެ އެވެ.

ބައެއް ބޭފުޅުން ވިދާޅުވޭ ބައެއް ކުދިން ދީނާ ދުރޭ. ދީނަށް ޝައުގެއް ނުހުރެއޭ. އަޅުގަނޑަށް ފާހަގަވީ ޝައުގު އެބަހުއްޓޭ. އަޅުގަނޑުމެންނަށް އެ ކުދިންނަށް ވާހަކަ ދައްކަން ފުރުސަތެއް ނުދެވެނީއޭ. ފޮތްތައް ބަލައިގެން އެ ކުދިން އެ މައުލޫމާތު ހޯދާ. އަޅުގަނޑުމެން މި ޖެހެނީ އެ ކުދިންނަށް ގައިޑް ކޮށްދޭން،"--- ހާތިމް

ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ހާތިމަކީ އެންމެ ޒުވާން އެއް ބޭފުޅާ އެވެ. އެހެންވެ، ވަރަށް ބޮޑަށް ޒުވާނުންނާ ގުޅޭ ކަންކަން އެނގިވަޑައިގަންނަވަ އެވެ. ދީނީ ރޮނގުން ޒުވާނުން ބޭނުންވާ ސުވާލުތަކާ މެދު ވަރަށް ފުންކޮށް ހާތިމް ވިސްނަވަ އެވެ. ވަކިވަކި ޒުވާނުންނަށް ވެސް މައުލޫމާތު ދެއްވަ އެވެ. އިސްލާމް ދީނަށް ހޭލުންތެރި ކުރުވަ އެވެ.

ހާތިމްގެ މިދިޔަ ދުވަސްވަތަކުގެ ތަޖުރިބާއަކީ ސްކޫލް ކުދިންނާއި ޒުވާނުންނަށް އެޕްރޯޗު ކުރަންޖެހޭ ގޮތް ތަފާތު ކަމެވެ. މިސްކިތްތަކަށް ގޮސް ދަރުސް އަޑުއަހާ ކޮމިއުނިޓީގެ އިތުރުން އެހެން ކޮމިއުނިޓީއެއް ވެސް އަދި އެބައޮތް ކަން އޭނާ އަށް އެނގިވަޑައިގަތެވެ.

ޝައިހް ހާތިމް (ކ) މަދީނާގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ރައްޓެހި ބަޔަކާ އެކު ފޮޓޯއެއް ނަންގަވަނީ.

ޝައިހް ހާތިމް (ކ) މަދީނާގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ރައްޓެހި ބަޔަކާ އެކު ފޮޓޯއެއް ނަންގަވަނީ.

"އެހެންވެ އަޅުގަނޑު ބޮޑަށް ބަލަނީ އޭތި ބެލެންސް ކުރެވޭތޯ. މިސްކިތްތަކުގެ ދަރުސްތައް ވެސް އެއީ ހުއްޓާލެވޭނެ ކަމެއް ނޫން. އެ ވެސް ކުރިއަށް ގެންދަން އެބަޖެހޭ. އެކަމަކު، އަޅުގަނޑުމެންނަށް އަޅާނުލެވި އޮންނަ އެއްބައި އެއީ މިސްކިތަށް ނުދާ ކުއްޖާ އަށް ކާކުހޭ ފިލާވަޅު ނަގައި ދޭނީ؟ އެ ކުދިންނަށް ކިހިނެއްހޭ އެޕްރޯޗު ކުރާނީ؟،" ހާތިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފަދަ ކުދިންނާ ރަނގަޅު ގުޅުމެއް ބޭއްވިއްޖެ ނަމަ އެ ކުދިން އަމިއްލަ އަށް ޝައިހުންނާ ސުވާލު ކުރާނެ ކަމަށެވެ. އެއީ ސްކޫލް މާހައުލުން ފަހިވާ ކަމަކަށް ވާތީ ހާތިމަށް މިހާރު އެ ފުރުސަތު އެބައޮތެވެ. އެއީ ބިޒްނަސް ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާތީ އެވެ.

"ބައެއް ބޭފުޅުން ވިދާޅުވޭ ބައެއް ކުދިން ދީނާ ދުރޭ. ދީނަށް ޝައުގެއް ނުހުރެއޭ. އަޅުގަނޑަށް ފާހަގަވީ ޝައުގު އެބަހުއްޓޭ. އަޅުގަނޑުމެންނަށް އެ ކުދިންނަށް ވާހަކަ ދައްކަން ފުރުސަތެއް ނުދެވެނީއޭ. ފޮތްތައް ބަލައިގެން އެ ކުދިން އެ މައުލޫމާތު ހޯދާ. އަޅުގަނޑުމެން މި ޖެހެނީ އެ ކުދިންނަށް ގައިޑް ކޮށްދޭން،" ހާތިމް ވިދާޅުވި އެވެ.

ހާތިމް: ދީނީ ދަރުސް ދިނުމުގައި ޒުވާނުންނާ އެޕްރޯޗު ކުރަންޖެހޭ ގޮތް ތަފާތު ކަމަށް ދެކެވަޑައިގަންނަވާ.

ހާތިމް: ދީނީ ދަރުސް ދިނުމުގައި ޒުވާނުންނާ އެޕްރޯޗު ކުރަންޖެހޭ ގޮތް ތަފާތު ކަމަށް ދެކެވަޑައިގަންނަވާ.

އޭނާ އަށް ބޮޑަށް ފާހަގަވީ ކުރިއާ ބަލާއިރު ދީނީ މައުލޫމާތު ހޯދަން މިހާރުގެ ޒުވާނުން މާ ބޮޑަށް ޝައުގުވެރިވާއިރު، ބަހުގެ ހުރަސްތަކެއް ހުރި ކަމެވެ. ގިނަ ޒުވާނުންނާއި ސްކޫލް ކުދިން މިހާރު ބޭނުންވަނީ އިނގިރޭސި ބަހުން ދޭ ދަރުސް އަޑުއަހާށެވެ.

"މިހާރު ލެންގުއޭޖް ބެރިއާ އެބަ އާދޭ. މެޖޯރިޓީ ގިނަ ކުދިންނަށް ހަމަ އުނދަގޫ،" ހާތިމް ވިދާޅުވި އެވެ.

ހާތިމަކީ ޝައިހެއްކަން އެނގޭ ކުދިންނަށް މިހާރު އެއީ "ރަންގަޑެކެވެ" ދީނާ ގުޅޭ މައުލޫމާތުތައް ވަކިވަކި ކުދިންނަށް ދެއްވަ އެވެ. އެކަމަކު، ކުއްޖަކު ސުވާލެއް ކޮށްފި ނަމަ އެވެ.

ހުރިހާ ވެސް ކާމިޔާބަކީ މަންމަ އާއި ބައްޕަގެ ހެޔޮދުއާ

ހާތިމްގެ އިސްލާމީ ތައުލީމުގެ ކާމިޔާބީގައި އޭނާ އެންމެ ބޮޑަށް ފާހަގަކުރަނީ މަންމަ އާއި ބައްޕަ އެވެ. އެ ދެ ބޭފުޅުން ހާތިމްގެ ކޮންމެ ކަމަކަށް ހެޔޮދުއާ ކޮށްދެ އެވެ.

"މިސާލަކަށް އަޅުގަނޑު ކޮންމެ ޓެސްޓަކަށް ނުވަތަ ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު ގުޅާފައި ބުނަން ބައްޕާއޭ މިދަނީ ޓެސްޓެއް ހަދާށޭ. ބުނީމާ ބުނާނެ ބައްޕަގެ ހެޔޮދުއާ ވާނެއޭ ދަރިފުޅާއޭ. ދުއާ ކޮށްދޭނަމޭ. އެހެން ބުނެލާ އަޑު ހަމައެކަނި އިވުން ވެސް އެއީ ވަރަށް ބޮޑު ކޮންފިޑެންސެއް ލިބޭ ކަމެއް،" ދެ ކުދިންގެ ބައްޕަ ހާތިމް ވިދާޅުވި އެވެ.

ޝައިހު ހާތިމް އަދި އަނބިކަނބަލުން ދޮށީ ދަރިފުޅާ އެކު.

ޝައިހު ހާތިމް އަދި އަނބިކަނބަލުން ދޮށީ ދަރިފުޅާ އެކު.

ހާތިމް ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ހަޔާތުގައި ހެޔޮކަމެއް ކުރައްވާފައިވާ ނަމަ އެ ކަމެއްގެ ކްރެޑިޓް ލިބެނީ ހަމައެކަނި ބައްޕައަށެވެ.

ހާތިމްގެ ބައްޕައަކީ ހުޅުދުއްފާރުގައި ގާޒީކަން ކުރެއްވި ބޭފުޅަކަށް ވާތީއާ އެކު އެއީ އިސްލާމް ދީނަށް ވަރަށް ބޮޑަށް ލޯބިކުރެއްވި ބޭފުޅެކެވެ. އެހެންވެ، ހާތިމް އާއި އާއިލާގެ އެހެން މީހުން ހިފީ ބައްޕަގެ ނަސޭހަތުގަ އެވެ. ހާތިމްގެ ފަރާތުން ވެސް ފެނުނީ އެ ކަމެވެ. ހަޔާތުގައި އެންމެ ބޮޑަށް ބޭނުންވި ކަންކަމަށް އެހާ ގިނަ ދުވަސްވިއިރު ވެސް ދެއްކެވީ ކެތްތެރިކަމާއި ނިއުމަތަށް ޝުކުރުވެރިވުމުގެ ރިވެތި މިސާލެވެ.