ހުއިފިލަނޑާ ނެގުމަކީ ގދ. ނަޑެއްލާގެ މީހުންގެ މެދުގައި ހާއްސަ މަސައްކަތަކަށް ވާތީ އަހަރެމެންގެ ޓީމުން އޭނާ ކައިރީގައި އެދުނީ އެކަން ތަޖުރިބާ ކޮށްލަން ދިއުމަށެވެ. އެހެން ބުނުމާ އެކު، އެ ރަށުގައި އެ މަސައްކަތަށް އެންމެ ނަން ހިނގާ މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު އަފްރާހު އެ އައީ ތައްޔާރުވެ، ހެދުން އަޅައިގެންނެވެ. އެހާ ވެސް އެކަން ދިރުވައި، މަޝްހޫރު ކުރަން، އުމުރުން 36 އަހަރުގެ އަފްރާހުގެ ޝައުގުވެރިކަން ބޮޑެވެ.
02 މާޗް 2025
ހުއިފިލަނޑާ ނެގުމަކީ ގދ. ނަޑެއްލާގެ މީހުންގެ މެދުގައި ހާއްސަ މަސައްކަތަކަށް ވާތީ އަހަރެމެންގެ ޓީމުން އޭނާ ކައިރީގައި އެދުނީ އެކަން ތަޖުރިބާ ކޮށްލަން ދިއުމަށެވެ. އެހެން ބުނުމާ އެކު، އެ ރަށުގައި އެ މަސައްކަތަށް އެންމެ ނަން ހިނގާ މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު އަފްރާހު އެ އައީ ތައްޔާރުވެ، ހެދުން އަޅައިގެންނެވެ. އެހާ ވެސް އެކަން ދިރުވައި، މަޝްހޫރު ކުރަން، އުމުރުން 36 އަހަރުގެ އަފްރާހުގެ ޝައުގުވެރިކަން ބޮޑެވެ.
އަފްރާހުގެ ލޯންޗުގައި އަހަރެމެން ގޮވައިގެން ގޮސް މަޑުކޮށްލީ މި ރަށާ މާ ދުރު ނޫން ފަޅެއްގެ ކައިރިއަށެވެ. ފަޅުތެރެއަށް ފުންމާލައި، ވިއްސަކަށް މިނިޓުގެ ތެރޭގައި 5-6 ބާވަތެއްގެ ލަނޑާ ނެގި އެވެ. އެންމެ ވިއްސަކަށް މިނިޓުގެ މަސައްކަތުން އެ ހޯދީ ގާތްގަނޑަކަށް 700ރ. އެވެ.
ގދ. އަތޮޅުގެ އާރުޓީއެލް ފެރީގެ ކައްޕިއަކަށް މިހާރު އުޅުނަސް ލަނޑާ ނެގުމަކީ އަފްރާހު އެންމެ ގަޔާވާ މަސައްކަތެވެ. ހުސްވަގުތުގައި ހޮބީއެއްގެ ގޮތަށް ކުރި ނަމަވެސް އެއީ ބޮޑު އާމްދަނީއެއް ހޯދާ މަސައްކަތެކެވެ. މީގެ ކުރިން ނަމަ އަފްރާހުގެ އާމްދަނީއާ ހަމައެކަނި ގުޅިފައި އޮތީ ލަނޑާ ނެގުމެވެ. އެކަމަކު، އާރުޓީއެލްގެ ވަޒީފާ ލިބުމުން ލަނޑާގެ މަސްވެރިކަން ބަދަލުކޮށްލީ ހޮބީއަކަށެވެ. ނަމަވެސް ލަނޑާ ނެގުމާ ދުރެއް ނުވެވުނެވެ. މިހާރު އެއީ އޭނާގެ ޖީބަށް ފައިސާ ވަންނަ ދެވަނަ "ވަޒީފާ" އެވެ.
އަފްރާހް ހުއިފިލަނޑާ ނަގަން ފީނަނީ. އޭނާ އަށް ދުވާލެއްގެ ހާހެއްހާ ރުފިޔާ އެ މަސައްކަތުން ލިބޭ--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ހުއިފިލަނޑާ ނެގުމުގެ މަސައްކަތަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން، ހުވަދު އަތޮޅުގައި އޭނާ ނުފީނާ ފަރެއް، ފަޅެއް ނެތެވެ. އެ ސަރަހައްދުގެ ފަރުތަކަށް އެންމެ ފަރިތަ އަފްރާހު އެ މަސައްކަތުގައި އުޅޭތާ 18 ވަރަކަށް އަހަރު ވެއްޖެ އެވެ. ހުއިފިލަނޑާ އާލާވާނެ ދުވަސްވަރާއި އެންމެ ފަސޭހައިން ލިބޭނެ ސަރަހައްދުތަކާއި އެންމެ އަގު ބޮޑު ބާވަތްތައް އުޅޭ ސަރަހައްދުތައް ހޯދަން އޭނާ ވަރަށް ފަރިތަ އެވެ.
"ހުއިފިލަނޑާ އަހަރެމެން އެބަ ނަގަން ރެއެއްގެ މައްޗަށް 500 ވެސް. އާންމުކޮށް އެންމެ ދަށް ރޭޓަކަށް ވެސް 100 ވަރަކަށް ހުއިފިލަނޑާ ނަގަން،" އަފްރާހު ބުންޏެވެ.
އަފްރާހު ހުއިފިލަނޑައެއް ނަގަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އޭނާ ކުރިން އެ މަސައްކަތް ކުރީ ނަޑެއްލާގައި ލަނޑާ ނެގުމަށް ހާއްސަ ގުރޫޕަކާ އެކު އެވެ. ގާތްގަނޑަކަށް ހަ މީހުން ގޮސް އެ މަސައްކަތުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ހާހެއްހާ ރުފިޔާ ހޯދަ އެވެ. އެކަމަކު، މިހާރު ލަނޑާ ނެގުމުގައި އަފްރާހު އުޅެނީ ގާތް ރައްޓެއްސަކާ އެކު އެކަންޏެވެ. ސްކޫލް ބަންދު ދުވަސްތަކެއް ނަމަ އެ ދަތުރުތަކުގައި އޭނާގެ 13 އަހަރުގެ ފިރިހެން ދަރިފުޅު ވެސް ބައިވެރިކުރެ އެވެ.
ހުއިފިލަނޑާ ނެގުމަކީ ބުރަ އަދި ބައެއް ހާލަތުތަކުގައި ފީނުމުގައި ރިސްކު ވެސް ބޮޑު ކަމެކެވެ. ހުއިފިލަނޑާ ދިރިއުޅެނީ ފަރުތަކުގެ ގާތަކުގެ ތެރޭގައި ކަމަށް ވާއިރު، ލަނޑާތައް ގަލުން ނުކުންނަނީ ރޭގަނޑުގެ ވަގުތުތަކުގަ އެވެ. އެހެންވެ، އަފްރާހުގެ މަސައްކަތް ވެސް ފެށޭނީ އިރުއޮއްސޭ ފަހުންނެވެ. ބައެއް ދުވަސް ދުވަހު ހަވީރު ހައެއް ޖަހާއިރު ނައްޓާލާ ގޮތަށް ރަށަށް ގާތް ކުރެވޭނީ ރޭގަނޑު 11 ޖަހާއިރު އެވެ.
އެންމެ އުފާވާ ކަމަކީ އަފްރާހު ބަނދަރަށް ކައިރި ކުރާއިރު، އެ ރެއަކު ނަގާ ހުރިހާ ލަނޑާ ވެސް ހުންނާނީ ވިކިފައި ކަމެވެ. އޭނާ ގެ އަށް ދާނީ އެ ހުރިހާ އެއްޗެއް ވިއްކައި ހުސްކޮށް ފައިސާއާ އެކު އެވެ. އެ ރެއެއްގެ އާމްދަނީ ވަގުތުން ލިބުނީ އެވެ. އެންމެ ހައެއްކަ ގަޑިއިރުގެ ފީނުމަކުން ޖީބަށް ހާހުން ފައިސާ ވަދެ އެވެ.
ހުއިފިލަނޑާ ނަގާފައި ދަރިއާ ހަވާލުކުރަނީ. އޭނާ އަށް އެ މަސައްކަތުން ބޮޑު އާމްދަނީއެއް ލިބޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެންމެ އާދައިގެ ހުއިފިލަނޑާގެ ބާވަތްތައް 25ރ. އަށް ވިއްކާއިރު އޭގެ އެންމެ އަގު ބޮޑު ބާވަތްތަކުގެ އަގު 250ރ-500ރ. އަށް ވެސް އަރަ އެވެ. އެންމެ އަގު ބޮޑީ "ކަޅު ބަޓު" ގެ ބާވަތްތަކެވެ.
އަފްރާހު ބުނި ގޮތުގައި، އާންމުކޮށް އެ މަސައްކަތުން އޭނާ އަށް ދުވާލެއްގެ މައްޗަށް 1،000ރ. ލިބެ އެވެ. އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ދުވާލެއްގެ މައްޗަށް 4،000ރ. ވެސް ލިބިފައި އެބަ ހުއްޓެވެ. އަދި މަހެއްގެ މައްޗަށް އެ މަސައްކަތުން 30،000ރ. ހޯދަ އެވެ.
ހުއިފިލަނޑާއެއް. އޭގެ އެންމެ އަގުބޮޑު ބާވަތްތަކަށް އެއްޗަކަށް 250-500ރ. ލިބޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އަބަދު މި މަސައްކަތް ކުރާތީ، ބޮޑު އާމްދަނީ ހޯދަން އެނގޭ. މިއީ ވިއްސަކަށް އަހަރުން ފެށިގެން ކުރާ މަސައްކަތް. މި ސަރަހައްދުގައި ނުފީނާ ފަޅެއް ނޯންނާނެ،" އަފްރާހު ފަހުރުވެރިކަމާ އެކު ބުންޏެވެ.
އެހާ ދުވަހު އެ މަސައްކަތް ކުރުމުން، އޭނާ އަށް ފާހަގަވާ އެއް ކަމަކީ، ހުއިފިލަނޑާގެ އެންމެ އަގު ބޮޑު ބާވަތްތައް ހޯދަން އުނދަގޫ ކަމެވެ. ކުރިން އެންމެ އަގު ބޮޑެތި ބާވަތްތައް ވެސް ފަސޭހައިން ހޯދެ އެވެ. އެކަމަކު މިހާރު އެ ފަދަ ބާވަތްތައް ފެންނަނީ ވަރަށް މަދުންނެވެ. އެއީ ދެމެހެއްޓެނިވި ގޮތަކަށް އެ މަސައްކަތް ކުރުމަށް އޮތް ގޮންޖެހުމެކެވެ.
އަފްރާހު ފީނުމަށް ފުންމާލަން ރެޑީވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ހަމައެކަނި ހުއިފިލަނޑާގެ މަސައްކަތުން ލިބުނު އާމްދަނީން އަފްރާހު ވަނީ ނަޑެއްލާގައި ތިން ބުރީގެ ގެއެއް އިމާރާތްކޮށްފަ އެވެ. ކުޑަ ލޯންޗެއް ވެސް ގަނެފި އެވެ.
އެއީ އެ މަސައްކަތުން އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އަމިއްލަ އާމްދަނީން ގެއެއް އަޅައި ލޯންޗެއް ގަނެ، އަމިއްލަ ފައިމައްޗަށް ތެދުވުމަކީ މިއަދު އަފްރާހު އެންމެ އުފާވާ ކަމެވެ. މިހާރު ވަޒީފާއެއް އަދާކުރިއަސް، ފީނުމާ ދުރުނުވެވެނީ އެކަމުން އޭނާގެ ދިރިއުޅުން ބިނާ ކުރެވުމުންނެވެ.
އަފްރާހަކީ މީހުންނާ ވަރަށް ބޮޑަށް ގުޅޭ، ހިތްހެޔޮ މީހެއްކަން ވެސް އަހަރެމެންނާ އެކު، ލަނޑާ ނަގަން ކުރި ދަތުރުން އެނގުނެވެ. ލަނޑާ ނެގުމުގައި އެހާ ބޮޑު ކާމިޔާބީއެއް ހޯދީ އެހެން ކަމަށް ވެސް ވެދާނެ އެވެ. މީހުންނަށް އިތުބާރު ކުރުމާއި އިތުބާރު ހޯދުމުގައި އޭނާ ހާއްސަ އުކުޅެއް ގެންގުޅޭހެން އަހަރެމެންނަށް ވެސް ލަފާކުރެވުނެވެ. ވިޔަފާރީގައި އެ އުކުޅު އޭނާ ވަނީ ދަސްކޮށްފަ އެވެ.
ލަނޑާ ނެގުމަކީ އަފްރާހުގެ ދިރިއުޅުމުގެ އެއްބައި ކަމަށް ވުމުން ހުރީ އެ މަސައްކަތް ދޫކުރާ ގޮތަކަށް ނޫނެވެ. ރަސްމީ ވަޒީފާގެ ޑިއުޓީ އަށް ފަހު އޭނާ ކޮންމެ ދުވަހަކު ވެސް ފީނަން ފުންމާލަނީ އެހެންވެ އެވެ.
މި މަންމަގެ ކެތްތެރިކަމާއި ހިތްވަރަށް ނިމުމެއް ނެތް!
އެނދުގައި އޮންނަންޖެހޭނެއޭ ބުންޏަސް މި ހުރީ ތެދުވެ
ހައްޖު ހަދިޔާއަށް ކާފަ ދިން މުސްހަފުން އަލިވީ ހަޔާތެއް
މި ކަވި މަސައްކަތުން ފާއިޒާ އެންމެން އާޝޯހުކޮށްލަނީ
ހާ ށަވިޔަންޏަށް ފަހު އަމަތު އާންޓީގެ އާ ފިލާވަޅުތަކެއް
ނަސީރު: ޖަރުމަނުން މިލިއަނަރަކަށް ނުވަނީސް ވައްޓާލީ!
ޒުވާނުންނަށް ޒުވާން ޝައިހެއް
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ކުއްޅަވައް މޮހީޓޯ އިން ލަންދޫ ފަހުރުވެރިކޮށްލި ޖައުފަރު
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ