އަތްތިލައިގެ ސައިޒަށް، 30 ފޮތް ވަކިވަކިން އޮންނަ މި މުސްހަފަކީ ހައްޖާއި އުމްރާއަށް ގޮސް އަންނަ މީހުންގެ ފަރާތުން މީގެ ކުރިން ވަރަށް ގިނައިން ލިބޭ ހަދިޔާއެކެވެ. އެތައް ބައެއްގެ ހާއްސަ ހަނދާންތައް މި މުސްހަފާ ގުޅިފައިވާނެ އެވެ.
07 މާޗް 2025
އަތްތިލައިގެ ސައިޒަށް، 30 ފޮތް ވަކިވަކިން އޮންނަ މި މުސްހަފަކީ ހައްޖާއި އުމްރާއަށް ގޮސް އަންނަ މީހުންގެ ފަރާތުން މީގެ ކުރިން ވަރަށް ގިނައިން ލިބޭ ހަދިޔާއެކެވެ. އެތައް ބައެއްގެ ހާއްސަ ހަނދާންތައް މި މުސްހަފާ ގުޅިފައިވާނެ އެވެ.
ޅ. ނައިފަރު ހުވަނދުމާގޭ، ހާފިޒް އަހްމަދު ނާޒިލަށް ވެސް 30 އަހަރު ކުރިން ލިބުނު ތިން އިންޗި ބައިގެ މި ކުޑަކުޑަ މުސްހަފް ހާއްސަވަނީ މިފަދަ ގޮތަކަށެވެ.
މިއީ ނާޒިލް ގުރުއާނަށް ހިތްޖެއްސުވި ކުޑަކުޑަ މުސްހަފެވެ. ކީރިތި ގުރުއާން ހިފްޒު ކުރުމަށް މަގު ކޮށައިދިން އެހީތެރިޔާ އެވެ. ދީނީ އިލްމުގެ މައިދާނަށް ނުކުންނަށް މެދުވެރިވި ނޫރެވެ. މުޅި ހަޔާތަށް ލިބުނު އަލިކަމެވެ.
އަހްމަދު ނާޒިލަށް އޭނާގެ ކާފަ ހަދިޔާ ކުރެއްވި މުސްހަފް
ނާޒިލްއާ ހިސާބަށް މި މުސްހަފު އައީ އޭނާގެ ބޭބެގެ ފަރާތުންނެވެ. މިއީ 1997 ގައި ނާޒިލްގެ ކާފަ އަބްދުﷲ ހުސެއިން (ވަޑި އަބްދުﷲ) ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ނާޒިލްގެ ބޭބެ އަށް ގެނެސްދިން ހަދިޔާއެކެވެ. އެކަމަކު އޭރު ވެސް ގިނަފަހަރު މި މުސްހަފު ގެންގުޅުނީ އޭރު އުމުރުން 8 އަހަރުގެ ނާޒިލެވެ. އޭގެ އަހަރުތަކެއް ފަހުން ބޭބެ ކިޔަވަން މާލެ ދިއުމުން އެ މުސްފަހު ރަސްމީކޮށް ނާޒިލްގެ އަތަށް އެރީ އެވެ. މުސްހަފުގެ ބޭނުން އެންމެ ބޮޑަށް ކުރެވެނީ އޭރު ވެސް ކޮންމެ ރޯދަ މަހެއްގަ އެވެ. ނާޒިލް އޭނާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައިވާ ގޮތުން މި މުސްހަފްގެ ވަކިވަކި ފޮތްތައް ހިފައިގެން 2005 ގައި އިމާމުވެ ދަމުނަމާދު ކުރަން ފެށިއިރު އޭނާގެ އުމުރުން ވާނީ އެންމެ 17 އަހަރެވެ.
"އެ ދުވަސްވަރު މީހުން މިސްކިތުގައި ދަމުނަމާދެއް ނުކުރޭ. އެންމެ ފުރަތަމަ އަޅުގަނޑުމެން ވެސް ގޭގައި 2-3 މީހުންގެ ޖަމާއަތެއް ހަދައިގެން ކުރަން ފެށީ. އޭރު ވެސް ނަމާދުގައި ބަލައިގެން ކިޔަވަން މި މުސްހަފުގެ ފޮތެއް ޖީބަށް ލައިގެން ދާނީ," މިހާރު ވެސް ނައިފަރުގައި އިމާމުވެ ދަމު ނަމާދުކުރާ ނާޒިލް ބުންޏެވެ.
ދަމު ނަމާދުގެ ވާހަކަ އެންމެ ފުރަތަމަ އޭނާއަށް އެނގުނީ 2004 ވަނަ އަހަރު މަދީނާގައި ކިޔަވަން ހުރުމަށް ފަހު ޝައިހް މުހައްމަދު އިބްރާހިމް ނައިފަރަށް ވަޑައިގެން ބައްދަލުވެ، ހިއްސާކުރެއްވި ބައެއް މައުލޫމާތުންނެވެ. ދީނީ އެކި ކަންކަމާ ގުޅޭ ސުވާލުތަކާއި، ގުރުއާނުގެ މާނަ ވެސް ޝެއިހުގެ ފަރާތުން އޭރު ނާޒިލް އޮޅުންފިލުވި އެވެ.
އޭގެ ފަހުން 2006 ގައި ވެސް ހަމަ މި މުސްހަފްގެ ވަކި ފޮތްތައް ނަގައިގެން ހުރެ އޭނާ ދަމުނަމާދު އެ ގޭގައި ކުރި އެވެ. މިސްކިތުގައި ދަމުނަމާދު ކުރަން ފެށީ އޭގެ ފަހުން، 2007 ގަ އެވެ.
"... 2007 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރަށުގެ އެންމެ ބޮޑު މިސްކިތުގައި ރަމަޟާންމަހުގެ ދަމު ނަމާދު، ޖަމާއަތް ހަދައިގެން ކޮށްދިނީ ވެސް އަޅުގަނޑެވެ. އޭރު މީހުންގެ މަދުކަމުން ބައެއް ރޭރޭ މީހަކު ނުވެސް ނެތިގެން އެކަނި ވެސް ދަމުނަމާދުކުރަން ޖެހުނެވެ. އެކަނިވެރިކަން ފިލުވައިދިން ބައިވެރިއަކީ ހަމަ މި ފޮތްސެޓެވެ." މާލޭ އިބްރާހިމީ މިސްކިތުގައި ވެސް 2010 ވަނަ އަހަރު އިމާމުވެ ދަމު ނަމާދު ކުރި ނާޒިލް ފޭސްބުކްގައި ލިޔެފައިވެ އެވެ.
މީހުންގެ ހޭލުންތެރިކަން ނެތުމާ އެކު، ނައިފަރުގައި އެދުވަސްވަރު ދަމުނަމާދަށް މިސްކިތަށް ދަނީ މަދު ބައެކެވެ. އުމުރުގެ ހަގުކަމާއި އެކަނި ހުންނަން ޖެހުމުން ބައެއް ރޭރޭ ބިރުން ގެއަށް ގޮސް ނަމާދުކުރާ ކަމަށް ވެސް ނާޒިލް ބުންޏެވެ. އެކަމަކު މުސްހަފްގެ ފޮތެއް އޭނާއާ އެކު ކޮންމެ ތަނަކަށް ވެސް ދެ އެވެ.
އާންމުކޮށް އިއުލާނުކޮށް، މިސްކިތުގައި ޖަމާއަތް ހަދައިގެން ދަމުނަމާދު ކުރަން ފެށީ 2009 ވަނަ އަހަރު އެވެ. އެހެންވެ ނައިފަރުގައި އޭރު އިމާމުވެ އެންމެ ފުރަތަމަ ދަމުނަމާދުކުރީ ނާޒިލެވެ.
ނާޒިލް ގުރުއާނަށް ހިތް ޖައްސުވައިދިން މެދުވެރިއަކަށްވި މުސްހަފާ އެކު: މިހާރު ވެސް ގުރުއާން މުރާޖައާ ކުރަނީ މި މުސްހަފުން.
ނާޒިލްގެ ހިތުގައި ދީނީ ކަންކަމަށް އޮތް ލޯބި އަބަދުވެސް ބޮޑެވެ. އޭނާގެ އެންމެ ބޮޑު އުންމީދަކަށްވީ މަދީނާއިން މަތީ ތައުލީމު ހާސިލްކުރުމެވެ. އޭރު ޝައިހް މުހައްމަދު އިބްރާހިމް އޮތީ މަދީނާއަށް ދާން ބޭނުންވާ ނަމަ ރަނގަޅު ނަތީޖާއެއް ހޯދަންޖެހޭނެ ކަމަށް ބުނެފަ އެވެ. އެހެންވެ އޯލެވެލް އިން ވެސް މޮޅު ނަތީޖާއެއް ނާޒިލް ހޯދި އެވެ. ނަމަވެސް ބޭނުންވި ކަންތައް ކާމިޔާބެއް ނުވި އެވެ. އަނެއްކާވެސް އޭލެވެލް ފުރިހަމަކުރީ ހަމަ އެ އުންމީދުގަ އެވެ. އެކަމަކު ދެން ވެސް ކުރިއަށްދެވޭ ގޮތެއް ނުވި އެވެ. ނާޒިލް ބުނީ މިކަމުގެ ފަހަތުގައި ބޮޑު ހިކުމަތެއް އޮތްކަމަށެވެ.
"މަންމަ އޭރު އެހާ ބޭނުމެއް ނުވޭ އަޅުގަނޑު މި ދާއިރާއިން ކުރިއަށް ދާން. މަންމަ ބޭނުންވީ ހިސާބަށް މޮޅުވީމާ ބޭންކިން ނޫނީ އެކައުންޓިން ދާއިރާ އިން ކުރިއަށްދާން. ދެން އެއް ދުވަހު ކައްކަން ބަދިގޭގައި މަންމަ ހުއްޓާ ވާހަކައެއްގެ ތެރެއިން އަޅުގަނޑު އެދުނިން މި އުންމީދު ފުރިހަމަވޭތޯ މަންމަ ދުއާ ކޮށްދިނުމަށް. އެ ދުވަހު މަންމަ ބުނީ އިރާދަކުރެއްވިއްޔާ ދަރިފުޅަށް މާތްﷲ ތިކަންތައް ނިންމަވާ ދެއްވާނޭ،" ނާޒިލް ކިޔައިދިނެވެ.
"ވަރަށް އުފާވި އެ ވަގުތު. ގަބޫލުކުރިން އެ ހިސާބުން ދެން މިކަން ވާނެކަން. ހަމަ އެ އަހަރު އެޕްލައިކޮށްގެން ޖެހިގެން އައި އަހަރު އަޅުގަނޑު ހޮވުނު. އަލްހަމްދުލިﷲ."
ނާޒިލް މަދީނާއަށް ފުރުމާ ހަމައަށް އޭނާގެ ޖީބުން ކޮންމެ ރޯދަމަހެއްގައި ވެސް މި މުސްހަފުގެ ފޮތެއް ފެންނާނެ އެވެ. އެކަމަށް ކުޑަވެސް މަޑުޖެހުމެއް އައީ 2010 ވަނަ އަހަރު މާލޭގެ އިބްރާހިމީ މިސްކިތުގައި އިމާމުވެ ދަމު ނަމާދުކުރި ދުވަސްވަރު ގުރުއާން ހިފްޒުކުރި ހާފިޒުން ތަރާވީހާއި ދަމުނަމާދު ކުރާތަން ފެނި ކީރިތި ގުރުއާން ހިތުދަސްކުރުމަށް ޝައުގުވެރިވި ހިސާބުންނެވެ.
ގުރުއާން ހިފްޒްކުރުމުގެ މަތިވެރި ޝަރަފު އޭނާ ހާސިލްކުރީ 2017 ވަނަ އަހަރު މަދީނާގެ މަސްޖިދުއް ނަބަވީ އިންނެވެ. އޭނާ ހާސިލްކުރި އިޖާޒާ ސަނަދަކީ ތަޖުވީދުގެ އެންމެހާ ހަމަތަކާ އެއްގޮތްވާ ގޮތަށް ވަރަށް ފުރިހަމައަށް ގުރުއާން ހިފުޒުކުރުމުން ލިބޭ ސެޓްފިކެޓެކެވެ. މި ޝަރަފްވެރި ސެޓްފިކެޓް ހާސިލްކުރާ ހާފިޒުންނަކީ ކީރިތި ރަސޫލާގެ ސަނަދާ ގުޅޭ ހާފިޒުންނަށް ދޭ ލަގަބެއް ވެސް މެ އެވެ.
ނާޒިލް ގުރުއާން ހިތުދަސްކުރުމަށް ފަށައިގަތް އިރު ބޭނުންކުރި މި ކުޑަ މުސްހަފްގައި ހުންނަނީ އެންމެ 3.5 އިންޗި.
ކިޔަވައި ނިންމުމަށް ފަހު މިހާރު ނާޒިލްގެ ރަސްމީ މަސައްކަތަކީ ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރު ކަމެވެ. ރަސްމީ ގަޑި ނިމުމުން ދެން އޭނާ ފެންނާނީ ރަށުގައި ހާފިޒުން ތަމްރީނުކުރުމުގައި އުޅޭތަނެވެ. އެ މަސައްކަތުގެ ކުރިފަޅައި މިއަދު އޭނާގެ ގާތުން އަންހެންކުއްޖަކާއި ދެ ފިރިހެންކުދިންވަނީ ގުރުއާން ހިތުދަސްކުރުމުގެ ސަނަދު ހާސިލްކޮށްފަ އެވެ. އަދި އިތުރު ދަރިވަރަކު މިހާރު ވެސް އަންނަނީ މާލޭގައި ހިފްޒުކުރި ފޮތްތައް ކިޔައިދެމުންނެވެ.
ކީރިތި ގުރުއާން ހިތުދަސް ވިޔަސް، މި މުސްހަފްގެ ބޭނުން ނާޒިލް މިހާރު ވެސް ހިފަ އެވެ. މި ރޯދަ މަހު ވެސް ކީރިތި ގުރުއާން މުރާޖައާ ކުރުމަށް އޭނާގެ ޖީބުން ނަގަނީ ތިން އިންޗި ބައިގެ މި މުސްހަފުގެ ފޮތެކެވެ. އޭނާ ބުނީ ކާފަ ގެނެސްދިން މި މުސްހަފްގެ ބޭނުން ހިފުން ހުއްޓާނުލާނެ ކަމަށެވެ. މިއީ ކާފައަށްޓަކައި އޭނާ ކުރާ ދެމިހުންނަނިވި ސަދަގާތެކެވެ.
މި މަންމަގެ ކެތްތެރިކަމާއި ހިތްވަރަށް ނިމުމެއް ނެތް!
އެނދުގައި އޮންނަންޖެހޭނެއޭ ބުންޏަސް މި ހުރީ ތެދުވެ
މި ކަވި މަސައްކަތުން ފާއިޒާ އެންމެން އާޝޯހުކޮށްލަނީ
ހާ ށަވިޔަންޏަށް ފަހު އަމަތު އާންޓީގެ އާ ފިލާވަޅުތަކެއް
ނަސީރު: ޖަރުމަނުން މިލިއަނަރަކަށް ނުވަނީސް ވައްޓާލީ!
ކަނޑުފަޅު ފީނައިގެން އަފްރާހް މި ނަގަނީ "ފައިސާ"
ޒުވާނުންނަށް ޒުވާން ޝައިހެއް
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ކުއްޅަވައް މޮހީޓޯ އިން ލަންދޫ ފަހުރުވެރިކޮށްލި ޖައުފަރު
ނައިފަރުގައި އިމާމުވެ ތަރާވީސް ކުރަނީ ރަށުގެ ހާފިޒުން