ހިތެއްގެ ބައްޓަމަށް ކުޑަހުވަދޫ އޮތުން އެކަންޏެއް ނޫނެވެ. އެއީ ހަގީގަތުގައި ވެސް ދ. އަތޮޅުގެ ހިތެވެ. އަތޮޅުގެ ހަމައެކަނި އެއާޕޯޓާއި ގިނަ ހިދުމަތްތަކާ އެކު މުޅި އަތޮޅު ރާއްޖެއާ ގުޅުވާލަދޭ ތަރައްގީގެ ހިތެވެ. ރީތި މޫދަކާއި ގޮނޑުދޮށެކެވެ. އެކަމަކު އެ ހިތްގައިމުކަމާ އެކު ރާއްޖޭގެ އެހެން ރަށްތަކުގައި ފައްކާވާ ޓޫރިޒަމްގެ ވިންދެއް މި ހިތަކު ނެތެވެ.
01 މާޗް 2025
ހިތެއްގެ ބައްޓަމަށް ކުޑަހުވަދޫ އޮތުން އެކަންޏެއް ނޫނެވެ. އެއީ ހަގީގަތުގައި ވެސް ދ. އަތޮޅުގެ ހިތެވެ. އަތޮޅުގެ ހަމައެކަނި އެއާޕޯޓާއި ގިނަ ހިދުމަތްތަކާ އެކު މުޅި އަތޮޅު ރާއްޖެއާ ގުޅުވާލަދޭ ތަރައްގީގެ ހިތެވެ. ރީތި މޫދަކާއި ގޮނޑުދޮށެކެވެ. އެކަމަކު އެ ހިތްގައިމުކަމާ އެކު ރާއްޖޭގެ އެހެން ރަށްތަކުގައި ފައްކާވާ ޓޫރިޒަމްގެ ވިންދެއް މި ހިތަކު ނެތެވެ.
ކޮންމެ ދުވަހަކު ކުޑަހުވަދޫ އެއާޕޯޓަށް ތިން ހަތަރު ފްލައިޓު އޮންނައިރު ކޮންމެ ފްލައިޓެއްގައި ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރުކުރެ އެވެ. އެކަމަކު އެއީ އެ އަތޮޅުގައި ހިންގާ 11 ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ މީހުންނެވެ. ޓޫރިސްޓުން ރަށަށް ފައިބައި ގޮތަށް، އެއާޕޯޓުން ވެހިކަލެއްގައި ބަނދަރަށް ގޮސް ފުރައިގެން ދަނީ އެވެ.
އެކަމަކު މި ރީތި ރަށް ތަޖުރިބާކޮށްލުމުގެ ފުރުސަތެއް އެ ޓޫރިސްޓުންނަކަށް ނުލިބެ އެވެ. ރިސޯޓްތަކާއި ޓޫރިސްޓުންނާ ގުޅުވާލަދޭ ފާލަމަކަށް ވިޔަސް ރަށަށް އެކަމުން ޓޫރިޒަމްގެ މަންފާއެއް ނެތެވެ.
ދ. ކުޑަހުވަދޫގެ މަގެއް: ވަޒީފާގެ ފުރުސަތުތައް ގިނަ މި ރަށުގައި ޒުވާނުން މަގުމައްޗަށް ގިނަވެގެން އުޅޭ މަންޒަރެއް ނުފެނޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ރަށުގެ ރީތިކަން ޓޫރިޒަމާ ދިމާލަށް އަނބުރާލުމުގެ ވިސްނުމެއް މިހާތަނަށް ނެތީ އެވެ. ވަޒީފާގެ ފުރުސަތުތައް ރަށުގައި މާބޮޑަށް ތިޔާގިވެ، މި ދާއިރާއަށް އަޅާނުލައި ދޫކޮށްލެވިފައި އޮތުމަކީ މިހެން ވުމުގެ ބޮޑު ސަބަކެކެވެ.
ނަމަވެސް މިގޮތުގައި ދެން ތިބެވޭކަށް ނެތެވެ.
ދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ޝާފީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ޒުވާން ޖީލަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން ވިސްނާ ނަމަ، ޓޫރިޒަމްގެ ދާއިރާއަށް ވަންނަން މަޖުބޫރުވެއްޖެ އެވެ.
ރަށުގައި ދިރިއުޅޭ 5،600 އެއްހާ މީހުންނާއި އެ ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނާ މެދު ވިސްނާ ނަމަ، މިއީ ކުރިއަރުވަން ވެއްޖެ ދާއިރާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދ. ކުޑަހުވަދޫގެ މަގެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން މަސައްކަތްކުރިއިރު ކުޑަހުވަދޫން އެއްވެސް ވަރަކަށް މިކަމަކާ ނޫޅެ އެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ޝާފީ ވިދާޅުވީ، އިއްޔެއާ ހަމައަށް ވެސް، ވަޒީފާއެއް ހޯދާ ޒުވާނެއް ނަމަ، ވަޒީފާ ނުލިބި ހުންނަން ނުޖެހުމެވެ. އެހެންވެ، އަމިއްލަ ފައިމައްޗަށް ތެދުވަން ވިސްނުމުގެ ބަދަލުގައި ވަޒީފާތަކަށް ބަރޯސާވީ އެވެ.
"އެއާޕޯޓު އޮތުމާއި ކައިރީ ރިސޯޓުތައް އޮތުމާއި އެކި ކަހަލަ ވަޒީފާތައް މިތަނުގައި އޮތީމާ އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އެކަމާ ވިސްނާލާނެ ފުރުސަތެއް ކުދިންނަށް ނުލިބުނޭ. މިސާލަކަށް، ވަޒީފާއެއް ނެތް އާބާދީއެއް ނަމަ އެގޮތް މިގޮތަށް ވެސް ކުދިން ވިސްނާނެ ސަވައިވްވާނެ ގޮތެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.
ދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ޝާފީ "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
"ކުޑަހުވަދޫއަކީ ބިން ބޮޑުކޮށް އޮތަސް ދެ ފަރާތުގައި ބޮޑު ދެ ބީޗު އޮތް ރަށަކަށްވެފައި ބިމުގެ ތިޔާގިކަމާއި ފަޅުގެ ތިޔާގިކަން އޮތް ރަށެއް. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރު ލޯކަލް ޓޫރިޒަމްގެ މަސައްކަތް އަޅުގަނޑުމެންނަށް މިއޮތީ ނުކުރެވި،"
އެކަމަކު އޭނާ ވިދާޅުވީ ޒުވާން ޖީލަށް އިތުރު ގޮތްތަކެއް ހޯދައިދޭން ބޭނުން ނަމަ، އިތުރު ދިމާލަކަށް ވެސް މިސްރާބު ޖަހަން ޖެހޭ ކަމަށެވެ.
ކުޑަހުވަދޫއަށް ހިޖުރަކުރާ އާބާދީ ބޮޑުވަމުންދާއިރު ޕްރައިވެޓް ސެކްޓާ ވަރުގަދަ ނުކޮށް ވަޒީފާ ތަނަވަސް ނުކޮށްދެވޭނެ ކަމަށް އެ މީހުން ވެސް ގަބޫލުކުރެ އެވެ. އެހެންވެ ކުރެވޭނެ އިތުރު މަސައްކަތްތަކާ މެދު ވިސްނަމުން ކުރި މަޝްވަރާގައި ބެލެވުނީ ވިޔަފާރިތަކާއި އާންމުންނަށް ވެސް އެންމެ ކުރިއަށް ދެވޭނެ ރޮނގަކީ ޓޫރިޒަމް ކަމެވެ.
ދ. ކުޑަހުވަދޫގެ ބީޗު ސަރަހައްދު: ބީޗުގައި މިހާރުވެސް ކުޑަ އާއި ގޮނޑި އަދި އުނދޯލި ފަދަ ތަކެތި ބަހައްޓައި ހިތްފަސޭހަ ތަނަކަށް ވަނީ ހަދާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ކުޑަހުވަދޫ ކައުންސިލުން ވިސްނީ ކޮން ގޮތަކުންތޯ އިތުރު ވަޒީފާގެ ފުރުސަތު އުފެއްދޭނީ. އެގޮތަށް ބެލިއިރު އެންމެންގެ މަަޝްވަރާގެ ދަށުން ނިންމީ ލޯކަލް ޓޫރިޒަމޭ ދެން އެންމެ އަވަހަށް ކުދިންނަށާއި ވިޔަފާރި ފުރުސަތުތައް ފަހިކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
އަވަސް ގޮތެއްގައި ކުޑަހުވަދޫއަށް ޓޫރިޒަމް ފުޅާކުރުމަކީ ކައުންސިލުގެ އަމާޒެވެ.
ޓޫރިޒަމަށް ތައްޔާރުވަމުންދާއިރު މުޅި އަތޮޅުގައި ބަރިބަރިއަށް ރިސޯޓުތަކެވެ. ރާޅު މޫސުމުގައި ރާޅާ އަޅާ މީހުން ގޮވައިގެން ޔޮޓު ފަހަރު މަޑުކޮށްލައިގެން ތިބެނީ ވެސް ކުޑަހުވަދޫގެ ބޭރުން އޮންނަ ރާޅު ޕޮއިންޓެއްގަ އެވެ. އެހެންވެ ކޮންމެ ގޮތަކުން ބެލިޔަސް ރަނގަޅަށް ކުރެވިއްޖެ ނަމަ، މުޅި ރަށަށް ބޮޑު އިންގިލާބެއް ގެނުވާނެ މަސައްކަތަކަށް މިކަން ވާނެ ކަމަށް ރަށު ކައުންސިލަށް ގަބޫލުކުރެވެ އެވެ.
ޝާފީ ވިދާޅުވީ މިދަނޑިވަޅުގައި ޓޫރިޒަމް ދާއިރާއަށް ވަނުމަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެކަމާ ގުޅޭ ސިމްޕޯޒިއަމެއް ބާއްވަން ކުޑަހުވަދޫ ކައުންސިލުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ސްޓޭކް ހޯލްޑަރުންނާއި ބޭންކްތަކާއި އަދިވެސް މި ދާއިރާތަކުގައި އުޅޭ ފަރާތްތައް ގެނެސްގެން އިންވެސްޓްކުރާނެ ގޮތްތައް ކިޔައިދީ ފުޅާ ދާއިރާއެއްގައި މިކަން ކުރެވޭނެ ގޮތްތައް ބެލުމަށް ކައުންސިލުން މި ދަނީ ތައްޔާރުވަމުން،"
ދ. ކުޑަހުވަދޫގެ ބީޗުގައި ބަހައްޓާފައި އެލުވާފައި ހުރި އުނދޯލިތަކެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މިހާރު ބާއްވަން ތައްޔާރުވަމުން އަންނަ އެ ސިމްޕޯޒިއަމްގައި ލޯކަލް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ބޭންކްތަކުން ބައިވެރިވެ، އިންވެސްޓްކުރާނެ ގޮތްތަކާއި މީހުންގެ ކާމިޔާބީގެ ވާހަކަތައް ހިއްސާކުރާނެ އެވެ. މިއީ ޒުވާނުންނަށް އެކަމަށް ހިތްވަރުދީ، ފުރުސަތުތައް ހޯދައިދޭން އަޅާ ފިޔަވަޅެކެވެ.
ސިމްޕޯޒިއަމަށް ފަހު ލޯކަލް ޓޫރިޒަމަށް ބިން ދޫކުރުމާއި އަމިއްލަ ގޭގައި މި ވިޔަފާރި ކުރެވޭނެ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.
"އެ ހިސާބުން ބާރު ސްޕީޑެއްގައި ފުޅާވާނެ ކަމަށް ބެލެވޭ ސަބަބުތައް އެބަހުރި. ފުޅާވެގެންދާނެ ކަމަށް ބެލެވޭ ސަބަބުތަކަކީ ފަޅުތަކާއި ބީޗުތަކާއި ގިރިތައް ވެސް އޮތީމަ،" ޝާފީ ވިދާޅުވި އެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ވިދާޅުވީ ރަށުގައި ލޯކަލް ޓޫރިޒަމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ ޕަބްލިކާ މީތި އެހާ ބޮޑަށް މިކްސް ނުކޮށް ވަކިން ކުރިއަށް ގެންދިއުން،" ރަށުގެ ގިނަ ބަޔަކު ވެސް ލޯކަލް ޓޫރިޒަމް ފުޅާކުރަން އެދޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ކުޑަހުވަދޫ ކައުންސިލުގެ ރައީސް ޖާދުﷲ ހަމީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ މުހިއްމުކަން ރަށުގެ ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށެވެ. އެކަން ހާމަވާ ކަމަކީ ރަށުގައި ފެންވަރު ރަނގަޅު ގެސްޓްހައުސްތައް އިތުރުވަމުން ދިއުން ކަމަށާއި ޓޫރިޒަމް ކޮންސެޕްޓަށް އިމާރާތްތައް އަޅައި އެކަމަށް މީހުން ވެސް މަޑުމަޑުން ތައްޔާރުވަމުން ދިއުމެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ނިޒާމަކީ ބޮޑު ގޮންޖެހުމަކަށް ވިޔަސް ކުޑަހުވަދޫއަށް ދަތުރުކުރެވޭނެ ލުއި ގޮތްތަކެއް އެބަ އޮތެވެ. ޖާދުﷲ ވިދާޅުވީ މިވަގުތު ކުޑަހުވަދޫ އެއާޕޯޓަށް އިންޑިއާގެ ބެންގަލޫރުން ވެސް ޑައިރެކްޓް ފްލައިޓުތައް އޮންނަ ކަމަށާއި މިއަހަރުގެ ތެރޭގައި އެއާ އޭޝިއާގެ ސީދާ ދަތުރުތައް އެ އެއާޕޯޓަށް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެެވެ. މިކަން ވެގެންދާނީ ޓޫރިޒަމް ފުޅާކުރުމަށް ލިބޭ ބޮޑު އެހީއަކަށް ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
ދ. ކުޑަހުވަދޫގެ ބީޗުގައި ޖަހާފައިވާ ކުޑައެއް: މިއީ ރީތި މޫދަކާއި ގޮނޑުދޮށެއް އޮންނަ ރަށެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ޖާދުﷲ ވިދާޅުވި ގޮތުގައި ލޯކަލް ޓޫރިޒަމް ތަޖުރިބާކުރަން އަންނަ ގިނަ ޓޫރިސްޓުންނަކީ މެދުފަންތީގެ މީހުންނަށް ވާއިރު އޭގެ ތެރޭގައި ގިނައީ ޗައިނާ އާއި އިންޑިއާ އިން އަންނަ މީހުން ކަމަށެވެ. އެހެންވެ، އެތަންތަނަށް ސީދާ ދަތުރު ކުރެވުމަކީ ހުޅުވޭ ތަނަވަސް މަގެއް ކަމަށް ވިދާޅުވި އެވެ.
"ލޯކަލް ޓޫރިޒަމް ފުޅާކުރުމަކީ މި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. ކައުންސިލުން މިކަމަށް ދެވޭނެ އެއްބާރުލުމާއި ރަނގަޅު މަގު ދައްކުވައިދޭން މަސައްކަތް ފަށާފައި މި ހުރީ،" ޝާފީ ވިދާޅުވި އެވެ.
ކުޑަހުވަދޫގައި މިހާރު ވެސް ބީޗުގައި އަރާމުކޮށްލަން މީހުންނަށް ތިބެވޭނެ ގޮތަށް ހަޓުތަކާއި ގޮނޑިތަކާއި އުނދޯލި އެބަ ހުއްޓެވެ. މޫދަށް އެރޭ މީހުންނަށް ފެންވެރޭނެ އިންތިޒާމު ވެސް އެބަހުއްޓެވެ.
ރަށުގެ މި ގުދުރަތީ ރީތިކަން ދުނިޔެއަށް ވިއްކައިގެން ކުޑަހުވަދޫގެ އުއްމީދަކީ ޒުވާނުންނާއި އާންމުންނަށް އަދި ވިޔަފާރިވެރިންނަށް ވެސް ފައިދާވާނެ ގޮތަށް ކުރިއަށް ދިއުމެވެ. ހަމައެކަނި ވަޒީފާތަކަށް ބަރޯސާ ނުވެ ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަދެ ފުދުންތެރި ޒުވާން ޖީލެއް އުފެއްދުމަށް ދާލުގެ ހިތުގައި ޓޫރިޒަމްގެ ވިންދު ޖަހަން ފަށާނެ ގޮތް ހެދުމެވެ.
ވާދޫގައި "އަނދިރިއަނދިރިންގެ މަންމަ"
ޑަބްލިއުޑީސީން ހޯދީ މިރަށު ހުރިހާ އަންހެނުންނަށް ވަޒީފާ
ނިކަމެތި ހާލާ މެދު ދުއާ ކުރަނިކޮށް ލިބުނު ނިއުމަތް
ކުނިގޮނޑަކުން އުފަންވި "ކަދުރު ޕާކް" ގެ ވާހަކަ
ރިނބުދޫ އިން އެހެން މަންޒަރެއް
ވާހެދިފައި ވިޔަސް މިއީ އަގުހުރި ތަރިކައެއް
ތޮއްޑޫން ފެހިކަމާއި ކުރިއެރުން: ނަމޫނާ ރަށެއް
މާފަރު ދަނޑުތައް ފައްކާވެފައި، ނެތީ ވިއްކޭނެ ގޮތެއް!
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ
ނޫރު- ވީހާ ވެސް ލަސްކޮށް ހާރުކެއުމުގެ މުހިންމުކަން