Roadha Mihaaru

ކުނިގޮނޑަކުން އުފަންވި "ކަދުރު ޕާކް" ގެ ވާހަކަ

ބ. ތުޅާދޫގެ އިިރުއުތުރު ފަރާތު އަތިރިމަތީ ހޭޅިފަށުގައި ވަރަށް ރީއްޗަށް ހެދިފައި ހުއްޓާ އެ ފެންނަނީ އަހަރެމެންގެ މި ދިވެހި ލޯ ތަކަށް އާންމު މަންޒަރެއް ނޫނެވެ. ހީވަނީ އަރަބި ގައުމަކަށް ދެވިގެން އުޅޭހެންނެވެ. ވަށައިގެން ހުރީ ހެދެމުން އަންނަ 200 ވަރަކަށް ކަދުރު ރުއްތަކެވެ. ކަދުރު ރުއްތައް އެއް ސަރަހައްދެއްގައި މިހާ ގިނަ އަދަދަކަށް ހެދިފައިވާ އެހެން ރަށެއް ރާއްޖޭގައި އޮންނާނެހެން ހީއެއް ނުވެ އެވެ. އެހާ ގިނަ އެވެ.

ކުނިގޮނޑަކުން އުފަންވި "ކަދުރު ޕާކް" ގެ ވާހަކަ
އައިޝަތު މިހްނާ ނާސިހް
ބ. ތުޅާދޫން އައިޝަތު މިހްނާ ނާސިހް

05 މާޗް 2025

ބ. ތުޅާދޫގެ އިިރުއުތުރު ފަރާތު އަތިރިމަތީ ހޭޅިފަށުގައި ވަރަށް ރީއްޗަށް ހެދިފައި ހުއްޓާ އެ ފެންނަނީ އަހަރެމެންގެ މި ދިވެހި ލޯ ތަކަށް އާންމު މަންޒަރެއް ނޫނެވެ. ހީވަނީ އަރަބި ގައުމަކަށް ދެވިގެން އުޅޭހެންނެވެ. ވަށައިގެން ހުރީ ހެދެމުން އަންނަ 200 ވަރަކަށް ކަދުރު ރުއްތަކެވެ. ކަދުރު ރުއްތައް އެއް ސަރަހައްދެއްގައި މިހާ ގިނަ އަދަދަކަށް ހެދިފައިވާ އެހެން ރަށެއް ރާއްޖޭގައި އޮންނާނެހެން ހީއެއް ނުވެ އެވެ. އެހާ ގިނަ އެވެ.

ކަދުރު ރުކަކީ ރާއްޖޭގެ ވެއްޔާއި ފަހާއި ވެއްޓާ ވެސް ރަށްޓެހި ރުކެއް ނޫނެވެ. އަހަރެމެން މި ތިބި ސަރަހައްދުގައި މީހަކު އިންދި ނުވަތަ މީހަކު ހައްދާ ބަލަހައްޓާ ހަމަ އެންމެ ރުކެއް ވެސް ނެތެވެ. އެއީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި ހެދެމުން އަންނަ ރުއްތަކެކެވެ.

ތުޅާދޫ ކަދުރު ރުއްތަކުގެ ވާހަކަ މި ފަހުން އެންމެ ބޮޑަށް މަގުބޫލުވީ 2021 ގަ އެވެ. އެ ވާހަކަ އިވި މި ކަދުރު ރުއްތަކުގެ މެދުގައި ފޮޓޯ ނަގައި، ހިތް އުފާކުރި އެތައް ބަޔަކު އެބަތިއްބެވެ. އެ މީހުންގެ ކެމެރާތަކުގައި އެ މަންޒަރުތައް ރައްކާކުރީ ފަހުރުވެރިކަމާ އެކުގަ އެވެ. ހިތްގައިމު މަންޒަރުތަކަކަށް ވާތީ އެވެ. ސޯޝަލް މީޑިއާ ޕޯސްޓުތަކުން އެ މަންޒަރުތައް ރައްޓެހިންނަށް ދައްކައިދިނީ ހެދިފައިވާލެއް ޗާލު ކަމުންނެވެ.

ތުޅާދޫގެ ކަދުރު ރުއްތައް. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް

ތުޅާދޫގެ ކަދުރު ރުއްތައް. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް

ތުޅާދޫގެ މި ކަދުރު ރުއްތައް ހެދެމުންދާ ސަރަހައްދަށް އެތައް ނަމެއް ދީފައި އެބަހުއްޓެވެ.

"ބައެއް މީހުން މިތަނަށް ކަދުރު ޕާކޭ ކިޔައި އުޅެ އެވެ. ބައެއް މީހުން ކިޔަނީ ކަދުރުފަލެވެ. އެއީ ދިވެހި ގޮތެވެ. ދިވެހިން ކިއިދާނެ އަނެއް ގޮތަކީ ކަދުރު ބާލެވެ. ނުވަތަ ކަދުރު ރުއްގަނޑެވެ. އަޅުގަނޑަށް ބޮޑަށް ހިތްގައިމީ ކަދުރުފަލެވެ." ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު 2022 ގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެ އެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް، އިބްރާހިމް އާދިލް "މިހާރު" އަށް ވިދާޅުވީ އެ ރުއްތައް ހެދެމުންދާތާ މިހާރު 11 އަހަރު ވެދާނެ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި، މިއީ ކުރިން ވަގުތީ ގޮތުން ކުނި ޖަމާކުރި ސަރަހައްދެއް. އޭރު ކުނި އުކާލުމުގެ ތެރެއިން އުކާލެވިފައި ހުރި ކަދުރު އޮށްތަކަކުން ހެދިފައި ހުރި ކަމަށް ލަފާކުރެވެނީ،" އާދިލް ވިދާޅުވި އެވެ.

ތުޅާދޫގެ ކަދުރު ދަނޑު ހެދިފައ ހުންނަތާ 11 އަހަރު ވެދާނެ ކަމަށް އެ ރަށު ކައުންސިލުން ބުނޭ. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް

ތުޅާދޫގެ ކަދުރު ދަނޑު ހެދިފައ ހުންނަތާ 11 އަހަރު ވެދާނެ ކަމަށް އެ ރަށު ކައުންސިލުން ބުނޭ. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް

އާދައިގެ ފުޓުބޯޅަ ދަނޑަކަށް ވުރެ ކުޑަ މި ސަރަހައްދުގައި ރުއްތައް ހެދިފައި ހުރީ ވަކި ތަރުތީބަކުންނެއް ނޫނެވެ. ބައެއް ރުއްތަކުގެ މޫތަށް ހިންދެމިލާ ހެދިބޮޑުވާން ބޭނުންވާނެ ވަރުގެ ޖާގައެއް ވެސް ނެތެވެ. އެއީ ފަހަރުގައި މި ރުއްތައް ނުފޯދޭ އެއް ސަބަބަށް ވުން ވެސް އެކަށީގެންވެ އެވެ.

އެކަމަކު މީގެ މީގެ ދެތިން އަހަރު ކުރީގެ ފޮޓޯތަކާއި މިހާރާ އަޅާ ބަލާއިރު ގިނަ ރުއްތައް އަދިވެސް އަންނަނީ ބޮޑުވަމުންނެވެ. ފެންނަން ހުރީ އާރޯކަމެވެ. ދެރައީ އަދި މިހާތަނަށް ވެސް މި ރުއްތަކުން ކަދުރު ކޮޅެއް ރަހަ ބަލާލެވޭ ވަރެއް ނުވާތީ އެވެ. މިދިޔަ 11 އަހަރު ވެސް ކަދުރު ރުއްތައް ބޭނުންކުރީ ފޮޓޯ ނަގައި ރައްކާ ކުރާށެވެ.

ތުޅާދޫގެ ޗާލު ކަދުރު ދަނޑު. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް

ތުޅާދޫގެ ޗާލު ކަދުރު ދަނޑު. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް

ތުޅާދޫގައި މަގުބޫލު ގޮތަށް ނަމަ 'ކަދުރު ޕާކު' ސަރަހައްދު ހިމާޔަތްކޮށް، މި ސަރަހައްދު ރީތިކޮށް ބެލެހެއްޓުމަށްޓަކައި ރަށު ފެންވަރުން ކުރެވޭނެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ކައުންސިލުން އެބަ ކުރެ އެވެ. މާ ބޮޑު ތަރައްގީއެއް ނުލިބުނަސް މި ސަރަހައްދުގައި ހެދޭ ވިނަތައް ކޮށައި ސާފުކޮށް، ފަސޭހައިން ހިނގޭނެހެން މަގު ހުރީ ހަދައިފަ އެވެ.

"އަޅުގަނޑުމެންނަކީ ފަންނީ މީހުންނެއް ނޫން. އަހަރަކު ދެތިން ފަހަރު އެބަ އެދެން ކަމާ ގުޅޭ މިނިސްޓްރީތަކަށް މިކަމުގައި ލަފާ ދޭނެ މީހަކު ގެެނެސްދިނުމަށް،" ކައުންސިލްގެ ރައީސް އާދިލް ވިދާޅުވި އެވެ.

ތުޅާދޫ ގެ ކަދުރު ރުއްތައް. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް

ތުޅާދޫ ގެ ކަދުރު ރުއްތައް. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް

ތުޅާދޫ ގެ ކަދުރު ރުއްތައް. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް

ތުޅާދޫ ގެ ކަދުރު ރުއްތައް. -- ފޮޓޯ: ސަނާހު އަބްދުލްރަހީމް

އާދިލް ވިދާޅުވިގޮތުގައި، މިހާތަނަށް ދެ ރުކެއް ވަރު ފޯދުނެވެ. ނަމަވެސް އިހާ އައުމަށް ފަހު ކަދުރު ލިބުމުގެ ކުރިން މަރުވަނީ އެވެ. އެއީ ކީއްވެގެން ކަމެއް ކައުންސިލަކަށް ވެސް އަދި ރަށުގެ ރައްޔިތަކަށް ވެސް ނޭނގެ އެވެ. އެކަމަކު މި ރޯދަމަސް ފެށުނު އިރު އެއް ރުކުގައި ކަދުރު ކުޑަކޮށް ދޮންވެފައި އެބައްހުޓެވެ.

ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި މިހާ ގިނައަދަދެއްގެ ކަދުރު ރުއްތަކެއް އަމިއްލަ އަށް ހެދިފައި ހުރި ކަމެއް އެނގޭކަށް ނެތެވެ. އެހެން ވެއްޖެ ނަމަ މިއީ ރާއްޖޭގައި ތާރީހީ މުހިންމު ސަރަހައްދަކަށް ވާނެ އެވެ. ތުޅާދޫ ރައްޔިތުންގެ އުންމީދަކީ މި ކަދުރު ރުއްތައް ހެއްދުމާ ގުޅޭ ފަންނީ ލަފާ ލިބި، މި ދަނޑުތަކުން ނަފާ ލިބޭނެ ގޮތެެއް ވުމެވެ. ޔަގީނުން ވެސް މިއީ މި ރަށުގެ ރީތި ކަމާ މިހާރު ގުޅިފައިވާ ދަނޑެކެވެ.