Roadha Mihaaru

ރިނބުދޫ އިން އެހެން މަންޒަރެއް

ގެއެއްގެ ބޭރު ފާރުގައި ގަދަ ކުލަތަކުން ކުރަހާފައިވާ ކުރެހުމުން އެ ފެންނަނީ ދެ އަންހެނަކު އިށީގެނދެލައިގެން ތިބެ، ލިބާހެއްގެ ކަސަބުގެ މަސައްކަތް ކުރާ މަންޒަރު. މިގޮތަށް މި ރަށުގެ ގިނަ ފާރުތަކުން ދައްކައި ދެނީ ދިވެހިންގެ އިހުގެ ދިރިއުޅުން.

ރިނބުދޫ އިން އެހެން މަންޒަރެއް
ނިޝާން އަލީ
ނިޝާން އަލީ

04 މާޗް 2025

ގެއެއްގެ ބޭރު ފާރުގައި ގަދަ ކުލަތަކުން ކުރަހާފައިވާ ކުރެހުމުން އެ ފެންނަނީ ދެ އަންހެނަކު އިށީގެނދެލައިގެން ތިބެ، ލިބާހެއްގެ ކަސަބުގެ މަސައްކަތް ކުރާ މަންޒަރު. މިގޮތަށް މި ރަށުގެ ގިނަ ފާރުތަކުން ދައްކައި ދެނީ ދިވެހިންގެ އިހުގެ ދިރިއުޅުން.

ރަށަށް އަރާ ޓޫރިސްޓުންނާއި ދިވެހިންގެ ލޯތައް ވެސް ހުއްޓެނީ މި މަންޒަރުތަކަށް. "މިހާރު" ގެ ޓީމުން ރިނބުދު އަށް އަރައިގެން އައިސް މި މަންޒަރުތައް ބަލަމުންދިޔައިރު ފާރުތައް ކައިރީގައި ޓޫރިސްޓުންނާއި ދިވެހިން ވެސް ތިބީ ފޮޓޯއަށް ހުއްޓިގެން މި މަންޒަރުތަކަށް އާޝޯހުވެފައި.

ރިނބުދޫގެ ގެއެއްގެ ބޭރު ފާރު އެކި ކުލަތަކުން ޒީނަތްކޮށްފައި. މައި މަހުގެ ހުރިހާ ގެއެއްގެ ފާރުގައި ވެސް މި ކަހަލަ ކޮންމެވެސް ކުރެހުންތަކެއް ފެނޭ.

ރިނބުދޫގެ ގެއެއްގެ ފާރުގައި ރާއްޖޭގެ ރަށެއްގެ ހުދު ދޮންވެލި ގޮނޑުދޮށް ދައްކުވައިދޭ ކުރެހުމެއް ކުރަހައިފައި.

އަންހެނަކު ދިވެހި ރަތް ލިބާހެއް ލައިގެން ހުންނަ ތަން ދައްކުވައި ދިނުމަށް ކުރަހާފައިވާ ކުރެހުމެއް. އޭނާގެ ކަރުން ފައްޓަރު ބައެއް ވެސް ފެނޭ. ރިނބުދުއަކީ ރަނާއި ރިހިން ގަހަނާ ހަދަން މޮޅެތި އަދި މަޝްހޫރު މީހުން އުޅޭ ރަށެއް ކަމުން މި ކުރެހުންތަކުން ވެސް ރަނާއި ރިއްސަށް ދޭ ސަމާލުކަން ފެނޭ.

ގެއެއްގެ ފާރުން ބޯވައެއްގެ ފައިތަކެއް ފެންނަ މަންޒަރެއް. މިގޮތަށް ކަނޑު އަޑީގެ ދިރުންތައް ފެންނަ މަންޒަރުތައް ރިނބުދޫގެ އެކި ގޭގޭގެ ފާރުތަކުން ދައްކުވައިދޭ.

ދިވެހި އަންހެނުން ރަތް ލިބާހުގައި ތިބެ، ދިވެހި ސަގާފީ އެކި މަސައްކަތްތަކުގެ މަންޒަރު ދައްކުވައިދޭ ކުރެހުމެއް.

ގެއެއްގެ ފާރުގައި ހިބަރެއް ކުރަހާފައި. ކުދި ކުދި މުރަކަތާކައި މޫދުގެ ދިރުންތައް ވެސް ދައްކުވައިދޭ މަންޒަރުތައް މި ރަށުގެ ފާރުތަކުން ފެންނައިރު މިއީ ކަވި އަދި ބުރަ މަސައްކަތެއް.