Roadha Mihaaru
ޑޯޓްމަންޑްގެ ސްޓައިލް ކޮޕީކުރަން އުނދަގޫވާނެ: ކޯޗު

ޑޯޓްމަންޑްގެ ސްޓައިލް ކޮޕީކުރަން އުނދަގޫވާނެ: ކޯޗު

07 ޑިސެމްބަރ 2016

މެޑްރިޑް (ޑިސެމްބަރު 7) - ބޮރޫޝިއާ ޑޯޓްމަންޑް ކުޅެމުން އަންނަ އެޓޭކިން ފުޓްބޯޅައިގެ ސްޓައިލް ކޮޕީކުރަން އެހެން ޓީމުތަކަށް އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމްސް ޓުޗެލް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޑިސެމްބަރު 7) - ބޮރޫޝިއާ ޑޯޓްމަންޑް ކުޅެމުން އަންނަ އެޓޭކިން ފުޓްބޯޅައިގެ ސްޓައިލް ކޮޕީކުރަން އެހެން ޓީމުތަކަށް އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމްސް ޓުޗެލް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، ޑޯޓްމަންޑް އޮތީ ގްރޫޕް އެފްގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޑޯޓްމަންޑަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް ދެ ވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޑޯޓްމަންޑަށް އެއް ވަނަ ލިބޭނެ އެވެ.

ޓުޗެލް ބުނީ ފަހަތަށް ޖެހިގެން ކުޅެން ބޭނުންނުވާ ކަމަށާއި ގްރޫޕްގެ އެއް ވަނަ ގެއްލުނަސް މާ ބޮޑު ފަރުވާލެއް ނެތް ކަމަށެވެ.

"އެއްވެސް ޓީމަކާ ދެކޮޅަށް ޑޯޓްމަންޑުން ޑިފެންސިވް ގޭމެއް ނުކުޅޭނެ. އެހެންވެ އެއްވެސް ޓީމަކަށް ޑޯޓްމަންޑްގެ ސްޓައިލް ކޮޕީ ނުކުރެވެނީ. ޑޯޓްމަންޑަކީ ތަފާތު ސްޓައިލްގެ އެޓޭކިން ގޭމް ކުޅޭ ޓީމެއް." ޓުޗެލް ބުންޏެވެ.

"އެއްވަރު ކޮށްލައިގެން ގްރޫޕްގެ އެއް ވަނަ ލިބެން އޮތަސް އެގޮތަށް ނުކުޅޭނަން. ގްރޫޕްގެ އެއް ވަނަ ނުލިބުމަކީ މާޔޫސްވާން ޖެހޭ ކަމެއް ނޫން،"

މިރޭގެ މެޗަށް ޑޯޓްމަންޑް ނުކުންނައިރު އެ ޓީމަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު މާރިއޯ ގޮޓްޒާ ހުރީ އަނިޔާގަ އެވެ. އެހެން ނަމަވެސް އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޕިއޭ އެމެރިކް އޮބާމަޔަންގާއި މާކޯ ރެއުސް ރަނގަޅު ފޯމެއްގައި ހުރުމެވެ.

ޑޯޓްމަންޑް ވަނީ މިހާތަނަށް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި 19 ލަނޑު ޖަހައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް 20 ލަނޑު ހަމަކޮށްފައިވަނީ ތިން ޓީމަކުންނެވެ. އެއީ ރެއާލާއި މެންޗެސްޓާ ޔުނައިޓެޑް އަދި ބާސެލޯނާ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މި މެޗަށް ރެއާލުން ނުކުންނާނީ މޮޅު ކުޅުމަކަށް ވުރެ ބޮޑަށް ތިން ޕޮއިންޓަށް ޓާގެޓް ކޮށްގެން ކަމަށެވެ.

"ރެއާލަކީ ކޮންމެ މުބާރާތެއްގައި ވެސް އެއް ވަނަ އަށް ވާދަކުރާ ޓީމެއް. ޗެމްޕިއަންސް ލީގުގައި ވެސް ރެއާލުން ކޮންމެ ބުރެއް ނިންމާއިރު ވެސް ޓާގެޓަކީ އެއް ވަނަ. ގްރޫޕްގެ އެއް ވަނަ ހޯދަން ޑޯޓްމަންޑް ބަލިކުރަން ބޭނުން،" ޒިދާން ބުންޏެވެ.

ޑޯޓްމަންޑް ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިރޭ ރެއާލް ދަނޑުގައި ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 00:45 ގަ އެވެ.