Roadha Mihaaru
ރުއްތަކުގެ މައްސަލައިގައި ތުހުމަތު ކައުންސިލް ރައީސަށް

ގަވާއިދާ ހިލާފަށް ކުޑަހުވަދޫން ރުއްތަކެއް ބޭރުކުރަނިކޮށް ހުއްޓުވުން؛ ތުހުމަތު ކައުންސިލްގެ ރައީސަށް

06 ނޮވެމްބަރ 2021

ދ. ކުޑަހުވަދޫން ގިނަ އަދަދެއްގެ ރުއް ރަށުން ބޭރުކުރަން އުޅެނިކޮށް، އެ ރަށު ކައުންސިލްގެ މެމްބަރަކާއި ފުލުހުންނާއި އަދި ރައްޔިތުން ނިކުމެ އެކަން އިއްޔެ ހުއްޓުވައިފި އެވެ. ގަވާއިދާ ހިލާފަށް މި ރުއްތައް ބޭރުކުރަން އުޅުމުގެ ތުހުމަތުކޮށްފައި ވަނީ އެ ރަށުގެ ކައުންސިލްގެ ރައީސަށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދ. ކުޑަހުވަދޫން ގިނަ އަދަދެއްގެ ރުއް ރަށުން ބޭރުކުރަން އުޅެނިކޮށް، އެ ރަށު ކައުންސިލްގެ މެމްބަރަކާއި ފުލުހުންނާއި އަދި ރައްޔިތުން ނިކުމެ އެކަން އިއްޔެ ހުއްޓުވައިފި އެވެ. ގަވާއިދާ ހިލާފަށް މި ރުއްތައް ބޭރުކުރަން އުޅުމުގެ ތުހުމަތުކޮށްފައި ވަނީ އެ ރަށުގެ ކައުންސިލްގެ ރައީސަށެވެ.

އެ ރަށުގައި ޖުވެނައިލް ރެސިޑެންޓް ސެންޓަރު އެޅުމަށް ހޯމް މިނިސްޓްރީ އަށް ދޫކޮށްފައިވާ ބިމުގައި ހުރި 200 ރުއް ނެގުމުގެ ހުއްދަ އީޕީއޭ އިން އޮތީ ދީފަ އެވެ. އެކަމަކު އެ ހުއްދަ ދީފައި ވަނީ އެ ރުއްތައް އެހެން ސަރަހައްދެއްގައި އަލުން އިންދަން ޖެހޭ ގޮތަށެވެ.

މި ރުއްތައް ރަށުން ބޭރުކުރަން އުޅެނިކޮށް ހުއްޓުވި ކުޑަހުވަދޫ ކައުންސިލްގެ މެމްބަރު އަހްމަދު މައުރޫފު ތުހުމަތުކުރައްވާ ގޮތުގައި އީޕީއޭގެ އެންގުމާ ހިލާފަށް، މިކަން ކުރަން އުޅުނީ އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ އިސްވެ ހުރެ އެވެ. އޭނާ އެކަން ކުރަން އުޅުނީ ކައުންސިލްގެ އެހެން މެމްބަރުންނާ މަޝްވަރާ ވެސް ނުކޮށް ކަމަށް މައުރޫފު "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫން ބޭރު ކުރަން އުޅުނު ރުއްތައް.-- ފޮޓޯ: ކުޑަހުވަދޫ ޔުނައިޓެޑް ފޭސްބުކް

ދ. ކުޑަހުވަދޫން ބޭރު ކުރަން އުޅުނު ރުއްތައް.-- ފޮޓޯ: ކުޑަހުވަދޫ ޔުނައިޓެޑް ފޭސްބުކް

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްގެ ރައީސް އެ ރުއްތައް ބޭރުކުރަން އުޅުނީ ރަށުގައި އެ އިންދާނެ އެހެން ތަނެއް ނެތް ކަމަށް ބުނެ އެވެ. އެކަމަކު އެ ރަށުގެ ހިއްކި ބިމާ އެކު މިހާރު ވެސް 50 ހެކްޓަރުގެ ހުސްބިން އެބަ އޮތް ކަމަށާއި، ހުސް ބިންތައް އޮއްވާ އެކަން ކުރަން އުޅުމުން ދޭހަވަނީ އެއީ އަމިއްލަ މަންފާ އަށް ކުރަން އުޅުނު ކަމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވާނީ ރުކުގެ އަގު މިހާ ބޮޑުވީމަ ކައުންސިލްގެ ރައީސަށް މި ރަށުން ރުއް އިނދާނެ އެހެން ތަނެއް ނުފެނުނީހެން،" މައުރޫފު ވިދާޅުވި އެވެ.

ކުޑަހުވަދޫ ރަށު ކައުންސިލްގެ މެމްބަރުކަން މިދިޔަ ދައުރުގައި ވެސް ކުރެއްވި މައުރޫފު ވިދާޅުވީ އެ ރުއްތައް ނެގުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްފައި ވަނީ މިދިޔަ ދައުރުގައި ކަމަށެވެ. ރުއްތައް ރަށުން ބޭރު ކުރަން އުޅުމުން އޭނާ އިސްވެ އެކަން ހުއްޓުވި ކަމަށާއިަ އަދި އީޕީއޭ އަށް ރިޕޯޓްކުރުމުން އެކަން ހުއްޓުވުމުގައި ފުލުހުންގެ އެހީތެރިކަން ވެސް ލިބުނު ކަމަށް ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫން ބޭރު ކުރަން އުޅުނު ރުއްތައް ހުއްޓުވުން.-- ފޮޓޯ: ކުޑަހުވަދޫ ޔުނައިޓެޑް ފޭސްބުކް

ދ. ކުޑަހުވަދޫން ބޭރު ކުރަން އުޅުނު ރުއްތައް ހުއްޓުވުން.-- ފޮޓޯ: ކުޑަހުވަދޫ ޔުނައިޓެޑް ފޭސްބުކް

މި ބޮޑު ތުހުމަތާ ގުޅިގެން ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ ބަހެއް ހޯދަން ފޯނަށް ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "މިހާރު" އަށް ވިދާޅުވީ ގަވާއިދާ ހިލާފަށް ކުޑަހުވަދޫން ރުއްތަކެއް ބޭރުކުރަން އުޅެނިކޮށް އިއްޔެ އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ ރުއްތައް ބޭރުކުރަން ކައުންސިލުން މިހާރު ހުއްދަ ހޯދަން އުޅޭ ކަމަށް ވެސް ވިދާޅުވި އެވެ.