Roadha Mihaaru
ކުޑަހުވަދޫން ބަލި މީހުން އުފުލައިދޭން މަންޓާއިން އެއްބަސްވެއްޖެ

ކުޑަހުވަދޫން ބަލި މީހުން އުފުލައިދޭން މަންޓާއިން އެއްބަސްވެއްޖެ

04 އޯގަސްޓް 2022

ދ. ކުޑަހުވަދޫން މަންޓާ އެއާލައިންގައި ބަލި މީހުން ގޮވައިގެން ދަތުރުނުކުރާ މައްސަލަ ހޫނުވެފައި ވަނިކޮށް، ބަލި މީހުން ގޮވައިގެން ދަތުރުކޮށްދޭން އެ އެއާލައިނުން އެއްބަސްވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދ. ކުޑަހުވަދޫން މަންޓާ އެއާލައިންގައި ބަލި މީހުން ގޮވައިގެން ދަތުރުނުކުރާ މައްސަލަ ހޫނުވެފައި ވަނިކޮށް، ބަލި މީހުން ގޮވައިގެން ދަތުރުކޮށްދޭން އެ އެއާލައިނުން އެއްބަސްވެއްޖެ އެވެ.

ކުޑަހުވަދޫގައި އެއާޕޯޓް ހިންގަނީ މަންޓާއިންނެވެ. އެ އެއާޕޯޓަށް ދަތުރު ކުރަނީ ވެސް އެ އެއާލައިނުން އެކަންޏެވެ. ނަމަވެސް، އެ ރަށު މީހުން ހިތްހަމަނުޖެހިގެން އުޅެނީ ބަލި މީހުން އެ އެއާލައިންގެ ބޯޓުތަކުގައި ނުއުފުލާ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުޑަހުވަދޫގައި އަންނަނީ މުޒާހަރާކުރަމުންނެވެ.

އެ މައްސަލައިގައި މަންޓާ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލާއި އެ ތަނުގެ އިސްވެރިން ރޭ ކުޑަހުވަދުއަށް ވަޑައިގެން ރަށުގެ ކައުންސިލާއި އާއްމުންނާއެކު މިކަމާ ގުޅޭގޮތުން ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި އާއްމުންގެ މީހަކު "މިހާރު" އަށް ބުނީ ރައްޔިތުންގެ ޑިމާންޑަކީ އިމަޖެންސީ ހާލަތްތަކުގައި މަންޓާއިން ބަލި މީހުން އުފުލައިދިނުން ކަމަށެވެ. އެކަމާ ގުޅޭގޮތުން ބޭއްވި ގާތްގަނޑަކަށް ތިން ގަޑިއިރުގެ ބައްދަލުވުމުން ހައްލުތަކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

މަންތާގެ ބޯޓެއް: ކުޑަހުވަދޫގައި ދިމާވި ހިތްހަމަނުޖެހުން ވާހަކަ ދައްކައިގެން މިހާރު ވަނީ ހައްލުކޮށްފައި.

މަންތާގެ ބޯޓެއް: ކުޑަހުވަދޫގައި ދިމާވި ހިތްހަމަނުޖެހުން ވާހަކަ ދައްކައިގެން މިހާރު ވަނީ ހައްލުކޮށްފައި.

އޭގެ ތެރެއިން އެއް ކަމަކީ، ދުވާލުގެ ވަގުތެއްގައި މީހަކަށް އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ މަންޓާގެ ސީޕްލޭންގައި ދަތުރުކޮށްދިނުމެވެ. މިއަދުން ފެށިގެން އެ ގޮތަށް ދަތުރުކޮށްދިނުމަށް އެ އެއާލައިނުން އެއްބަސްވެފައިވާ ކަމަށް، ބައްދަލުވުމުގައި ބައިވެރިވި މީހާ ބުންޏެވެ.

"އާސަންދަ ހަމަޖެހުނަސް ހަމަނުޖެހުނަސް، މީހާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެ ދަތުރުތައް ކޮށްދޭ ގޮތަށް ނިންމީ،" އޭނާ ބުންޏެވެ.

އޭގެ އަނެއް ކަމަކީ، ރޭގަނޑުގެ ވަގުތެއްގައި މީހަކު ބަލިވެއްޖެނަމަ ދަތުރުކުރުމުގެ ކަންކަން މޯލްޑިވިއަން އެއާލައިނާ ގުޅިގެން ކުރުމެވެ.

މިސާލަކަށް، މޯލްޑިވިއަން އިން ކައްދުއަށް ދަތުރުކުރަން އޮވެއްޖެ ނަމަ، އެ ދަތުރު މަންޓާއިން ދަތުރުކޮށްދީ ކުޑަހުވަދޫން ބަލި މީހާ ގޮވައިގެން މާލެ ގެނައުން މޯލްޑިވިއަން އެއާލައިނުން ކޮށްދިނުމެވެ.

އޭނާ ބުނީ މަންޓާއިން ދެން ގެންނާނީ ބަލި މީހުން އުފުލާ ސްޓްރެޗާ އެރުވޭ ގޮތަށް ހުންނަ ބޯޓުތައް ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދިން ކަމަށެވެ.

"ވަރަށް ސުލްހަވެރިކަމާއެކު ބައްދަލުވުން ކުރިއަށް ދިޔައީ. މި ބައްދަލުވުމުން އާއްމުންނަށް އިނގުނީ، އިމަޖެންސީ ހާލަތެއްގައި ބަލި މީހަކު ގެންދަން ޖެހިއްޖެނަމަ އެކަން އަންގައިދިނުމަށް ކައުންސިލްގެ ރައީސްގެ އަރިހުން މަންޓާއިން އޮތީ މީގެ ކުރިން އެދިފައި،" އޭނާ ބުންޏެވެ.

"އަވަހަށް ޓެސްޓެއް ނުވަތަ ސްކޭނެއް ހަދަން ޑޮކްޓަރު އެދުނީމަ، ވީ އެންމެ އަގުހެޔޮކޮށް ނޫނީ މައްސަލައަކަށް ލާ ނުނަގައި ވެސް މީގެ ކުރިން އެބަހުރި މަންޓާއިން ދަތުރުކޮށްދީފައި. ރޭގެ ބައްދަލުވުމުން މި ކަންކަން މި އެނގިގެން ދިޔައީ،"

އެ މައްސަލައާ ގުޅިގެން މަންޓާއިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހަލީލް ވިދާޅުވީ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލައި ބަޔަކު އެއާޕޯޓުގައި "ހައިޖެކްކުރީ" ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށެވެ.

އެކަމަކު، ރަށުގެ އާއްމުންނާއެކު ބޭއްވި ބައްދަލުވުމުގައި އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމުން ހަލީލް މައާފަށް އެދިވަޑައިގެންފައިވާ ކަމަށް، ބައްދަލުވުމުގައި ބައިވެރިވި މީހާ ބުންޏެވެ.