Roadha Mihaaru
ކުޑަހުވަދޫން ބޭލީ ރަށުގައި ނީންދޭނެ 74 ރުއްގަސް

ކުޑަހުވަދޫން ބޭލީ ރަށުގައި އަލުން ނީންދޭނެ 74 ރުއްގަސް: އީޕީއޭ

08 ނޮވެމްބަރ 2021

ގަވާއިދާ ހިލާފަށް ދ. ކުޑަހުވަދޫން ރުއްތަކެއް ބޭރުކުރަން އުޅެނިކޮށް ހުއްޓުވުމަށް ފަހު، ރަށުން ބާލަން ފަހުން ހުއްދަ ދިން ރުކާއި ގަސްތަކަކީ އަލުން އިންދައިގެން ބޭނުން ނުކުރެވޭނެ އެއްޗެހި ކަމަށް އީޕީއޭ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގަވާއިދާ ހިލާފަށް ދ. ކުޑަހުވަދޫން ރުއްތަކެއް ބޭރުކުރަން އުޅެނިކޮށް ހުއްޓުވުމަށް ފަހު، ރަށުން ބާލަން ފަހުން ހުއްދަ ދިން ރުކާއި ގަސްތަކަކީ އަލުން އިންދައިގެން ބޭނުން ނުކުރެވޭނެ އެއްޗެހި ކަމަށް އީޕީއޭ އިން މިއަދު ބުނެފި އެވެ.

އީޕީއޭ އިން ވަނީ އެ ރަށުން 74 ރުއްގަސް ބޭރު ކުރަން މިދިޔަ ހޮނިހިރު ދުވަހު ހުއްދަ ދީފަ އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ ކުޑަހުވަދޫގައި ޖުވެނައިލް ރެސިޑެންޓް ސެންޓަރު އެޅުމަށް ހޯމް މިނިސްޓްރީ އަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަސްތަކުގެ ތެރެއިން ބައެއް ރުއްގަސްތައް އެ ރަށުގެ އެހެން ތަންތަނުގައި އަލުން އިންދުމަށް އަންގައި އަދި އަލުން އިންދައިގެން ބޭނުން ނުކުރެވޭނެ ރުއްތައް އެ ރަށުން ބާލަން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.

"ބާލަން ހުއްދަ ދިނީ އޭގައި އެއްވެސް އެއްޗެއް ނަޅާ ގިނަ ދުވަސްވެފައި ހުރި ރުއްތަކާއި އެ އެއްޗެހި އެހެން ތަނެއްގައި އިންދައިގެން އަލުން ނެހެދޭނެ އެއްޗެހި،" ނައީމް ވިދާޅުވި އެވެ.

މި ރުއްތަކާއި ގަސްތައް މިހާރު ވަނީ ރަށުން ބާލައިފަ އެވެ. މި އެއްޗެހި ގެންދިޔަ ތަނެއް އަދި ނޭނގެ އެވެ.

ހުއްދަ ނެތި ދ. ކުޑަހުވަދޫން 100 އަށް ވުރެ ގިނަ ރުއް ބޭރުކުރަން އުޅުނު ކަމަށް ބުނެ، އެ ރަށު ކައުންސިލްގެ މެމްބަރަކާއި ފުލުހުންނާއި ރައްޔިތުން ނުކުމެ އެކަން ހުއްޓުވީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ގަވާއިދާ ހިލާފަށް މި ރުއްތައް ރަށުން ބޭރުކޮށް، އެއިން ނާޖާއިޒު ފައިދާއެއް ނަގަން އުޅުނު ކަމުގެ ތުހުމަތު އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ އަށް ކުރި އެވެ.

މި ތުހުމަތާ ގުޅިގެން އޭނާގެ ޖަވާބެއް އަދިވެސް ލިބޭ ގޮތެއް ނުވެ އެވެ.

އީޕީއޭ އިން ކުރިން ހުއްދަ ދިނީ މި ހުރިހާ ރުއްގަސްތައް އެ ރަށުގެ އެހެން ތަންތަނުގައި އިންދުމަށެވެ. އެކަމަކު އެ އެންގުމަށް ތަބާނުވެ، ރުއްތައް ބޭރުކުރަން އުޅުމުން އީޕީއޭ އިން ވަނީ ފުލުހުންގެ އެހީތެރިކަމާ އެކު އެކަން ހުއްޓުވައިފަ އެވެ. އަދި އެކަން ކުރަން ފަހުން ހުއްދަ ދިނީ ރަށު ކައުންސިލުން ރަސްމީކޮށް، އީޕީއޭގެ ހުއްދަ އަށް އެދުމުންނެވެ.