ތަރައްގީގެ ގޮތުން މާލެ ފިޔަވައި ދ. ކުޑަހުވަދުއާ އަޅައި ކިޔޭނެ އިތުރު އެހެން ރަށެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެއީ ވިޔަފާރީގައި އެ ސަރަހައްދުގެ މައި ހަބެވެ. ވަޒީފާގެ ފުރުސަތުތައް އެހާ ތަނަވަހެވެ. ތައުލީމު ހާސިލް ކުރަން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން އެންމެ ގިނައިން ގޮސް އުޅޭ ރަށަކަށް މިހާރު ވެފައި ވަނީ ހަމަ ކުޑަހުވަދޫ އެވެ.
15 މެއި 2025
ތަރައްގީގެ ގޮތުން މާލެ ފިޔަވައި ދ. ކުޑަހުވަދުއާ އަޅައި ކިޔޭނެ އިތުރު އެހެން ރަށެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެއީ ވިޔަފާރީގައި އެ ސަރަހައްދުގެ މައި ހަބެވެ. ވަޒީފާގެ ފުރުސަތުތައް އެހާ ތަނަވަހެވެ. ތައުލީމު ހާސިލް ކުރަން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން އެންމެ ގިނައިން ގޮސް އުޅޭ ރަށަކަށް މިހާރު ވެފައި ވަނީ ހަމަ ކުޑަހުވަދޫ އެވެ.
ކުޑަހުވަދު އަށް އެރި މީހެއް ނަމަ މިހާރު ސިފަވަމުން އަންނާނީ ތަރައްގީގައި އެ ރަށް އެހެން އުސްމިނަކަށް ދާންޖެހޭނެ ކަމެވެ. ގިނަ ވަސީލަތްތަކެއް ފަހިވެފައިވާތީއާ އެކު، ސިޓީއެއްގެ ދަރަޖަ ލިބެންޖެހޭ ރަށްރަށުގެ ލިސްޓަށް ކުޑަހުވަދޫ އަރަން ޖެހޭ ކަމަށް އިއްތިފާގުވާ މީހުން ވެސް މަދެއް ނޫނެވެ.
އެ ރަށު ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ވިދާޅުވި ގޮތުގައި އެ ތަރައްގީތަކާ އެކު، މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ވެސް ވަނީ އައިސްފަ އެވެ. އިތުރު ހަރުފަތަކަށް ގޮސް، ކައުންސިލުން ވެސް މިހާރު މިސްރާބު ޖަހާފައި ހުރީ ސިޓީއެއްގެ ދަރަޖަ ހޯދުމަށެވެ.
ގާނޫނު އޮންނަ ގޮތުން އެއްވެސް ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބޭނެ އެ ތަނެއްގެ ރަޖިސްޓަރީގައި މަދުވެގެން 10،000 މީހުން ހަމަވެގެންނެވެ. ކުޑަހުވަދޫގެ ދާއިމީ އެޑްރެސްގައި މި ވަގުތު 3،600 މީހުން ތިއްބަސް، އެހެން ރަށްރަށާ ހިލާފަށް އެ ރަށުގައި ދިރިއުޅޭ މީހުން ގިނަ އެވެ.
ޖާދުﷲ ވިދާޅުވި ގޮތުގައި މި ވަގުތު ވެސް ކުޑަހުވަދޫގައި 5،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އެހެންވެ، ކައިރި މުސްތަގުބަލެއްގައި އެ އަދަދު 10،000 އަށް އިތުރުކުރުމަކީ ކައުންސިލްގެ އެންމެ ބޮޑު އަމާޒެވެ. އެކަން ހާސިލްކުރުމުގެ ފުރަތަމަ ފިޔަވަހި މި ފަހުން ވަނީ ފަށައިފަ އެވެ.
ކުޑަހުވަދޫގައި އާރުސީސީން އިމާރާތްކޮށް ވިއްކާ ފްލެޓްތައް ހަދާ ބިން އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިދިޔަ މަހު ސޮއިކުރުމަށް ފަހު އާރުސީސީ އާއި ކައުންސިލްގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އާއްމުންނަށް ގަނެވޭ ގޮތަށް އާރުސީސީއާ އެކު، 160 ފްލެޓު އިމާރާތް ކުރުމުގެ މަޝްރޫއުގައި މިދިޔަ މަހުގެ 22 ގައި ވަނީ ސޮއިކޮށްފަ އެވެ. މިއީ، އިމާރާތް ކުރުމުގެ ވިޔަފާރިކުރާ ކުންފުންޏަކުން މާލެ އިން ބޭރުގައި މި ގޮތަށް ހިންގާ ގެދޮރުވެރިކަމުގެ ފުރަތަމަ ޕްރޮޖެކްޓެވެ. އާރުސީސީ ފަދަ އިމާރާތް ކުރުމުގެ ދާއިރާގައި ތަޖުރިބާހުރި ވިޔަފާރީގެ ފަހި ފުރުސަތުތައް ދަންނަ ކުންފުންޏަކުން ކުޑަހުވަދު އަށް "ހިތްކިޔާނީ" ވަރަށް ބޮޑު ޔަގީންކަމެއް އޮތުމުންނެވެ. ރަނގަޅު، ނަފާވެރި މުސްތަގުބަލެއް ނުފެންނަ ނަމަ އެފަދަ ކުންފުންޏަކުން އެ ވަރުގެ އިންވެސްޓެއް ނުކުރާނެ އެވެ.
މަޑުމަޑުން ކުރިއަރަމުން ގޮސް، ކުޑަހުވަދޫގެ އާބާދީ އަށް ބޮޑު އިތުރުވުމެއް އައީ ސުނާމީގައި ގެއްލުން ލިބުނު ރަށްތަކުން މީހުން ބަދަލުކުރުމުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު 2000 ވަނަ އަހަރު ކުޑަހުވަދޫގެ އާބާދީއަކީ 1،232 އެވެ. އޭގެ ހަ އަހަރު ފަހުން އެ އަދަދު ވަނީ 1،639 އަށް އިތުރުވެފަ އެވެ.
ރަށުގެ އާބާދީ އިތުރުވަމުން ދިޔަ ވަރަކަށް ވިޔަފާރިތައް ވެސް ފުޅާވި އެވެ. ކައިރީގައި އޮތް ފަޅުތަކުގައި ހިންގާ މަތީ ފަންތީގެ 11 ރިސޯޓު އަދި އެ ރަށުގައި އޮޕަރޭޓު ކުރާ ދާލު އެއާޕޯޓާ އެކު، ވަޒީފާ ނުލިބިގެން މިހާރު މީހަކު ހުންނާކަށް ނުޖެހޭނެ ކަމަށް، ދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވި އެވެ.
"އަހަރެއް ދެ އަހަރެއްގެ ތެރޭގައި މި ރަށުގައި ދިރިއުޅޭ އާބާދީއަށް ވުރެ މަސައްކަތްތެރިންގެ އާބާދީ ބޮޑުވާނެ ކަމަށް ލަފާކުރެވޭ،" އަތޮޅުގައި މިހާރު ހަދަމުން އަންނަ ދެ ރިސޯޓު ހިންގަން ފެށުމުން އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ޝާފިއު ކުރިން "މިހާރު" އަށް ވިދާޅުވި އެވެ.
ދ. ކުޑަހުވަދޫގެ މަގެއް: ވަޒީފާގެ ފުރުސަތުތައް ފަހި މި ރަށުގައި ޒުވާނުން މަގުމައްޗަށް ގިނަވެގެން އުޅޭ މަންޒަރެއް ނުފެނޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ވިދާޅުވީ އަމިއްލަ ތަންތަނުގައި ވެސް މިހާރު ހުރީ ވަޒީފާތައް ފުލްވެފަ އެވެ. އާ ސިނާއަތެއް ފުޅާވެގެން ނޫނީ ދެން އަންނަން އޮތް ޖީލަށް ވަޒީފާ ނުލިބޭނެކަމަށް ގަބޫލުކުރާތީ ކައުންސިލުން މިހާރު ބޭނުން ވަނީ ލޯކަލް ޓޫރިޒަމް ފުޅާކުރާށެވެ.
ދުވާލަކު މަދުވެގެން ފަސް ފްލައިޓު ޖައްސާ ކުޑަހުވަދު އަށް ދަތުރުކުރުމުގައި ހުރި ފަސޭހަތަކާ އެކު އެއީ ވެސް އުނދަގޫ ކަމެއް ނޫނެވެ.
ދާލު އެއާޕޯޓް ހޯލްޑިންސްއާ ހަވާލާދީ، ކައުންސިލުން ބުނީ އެ އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުއަށް ފަހު، ބައިނަލްއަގްވާމީ މާކެޓުތަކަށް ދަތުރުތައް ފަށާނެ އެވެ.
"އެ މަސައްކަތް ވެސް އެބަކުރަން. ހަމައެކަނި ޓާގެޓެއް ކަނޑައަޅަނީ އެއް ނޫން. އެއް އެޕާޓްމަންޓް ފުލްވާއިރަށް އަނެއް އެޕާޓްމަންޓް ހަދަން ފަށާނަން،"--- ކައުންސިލްގެ ރައީސް ޖާދުﷲ
އޭގެ އިތުރުން ސަރުކާރުން ކުޑަހުވަދޫގައި އިމާރާތް ކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލާ އެކު، ރަށަށް ބަދަލުވާން ބޭނުންވާ މީހުން ގިނަވާނެކަން ޖާދުﷲ ފާހަގަކުރެއްވި އެވެ.
"ކުރިން އަޅުގަނޑުމެން ތިބި ހާލަތާ، މީހުން އައީމަ އައި ބަދަލާ، އެ އެއްޗެހި ފެނި، ތަޖުރިބާކޮށްފައި ހުރީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ އާބާދީ އިތުރު ކޮށްގެން ނޫނީ ދެން ކުރިއަށް ދެވެން ނެތް،" ޖާދުﷲ ވިދާޅުވި އެވެ.
"މި މަސައްކަތްކުރަނީ އާބާދީ ދެ ގުނަކޮށް، ކައިރި މުސްތަގުބަލެއްގައި ސިޓީއަކަށް ކުޑަހުވަދޫ ގެނެވޭތޯ. އާބާދީ 10،000 ހަމަކުރުން ޓާގެޓަކީ."
ކުޑަހުވަދޫ ކައުންސިލުގެ ރައީސް ޖާދުﷲ ހަމީދު، މިދިޔަ ޑިސެމްބަރު މަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
އާބާދީ އިތުރު ކުރުމާ އެންމެ ބޮޑަށް ގުޅިފައިވާ އެންމެ މުހިންމު ޕްރޮޖެކްޓަކީ ކައުންސިލުން ދެކޭގޮތުގައި ނަމަ އާރުސީސީގެ ހައުސިން މަޝްރޫއެވެ. އެ މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ އެ އޮތީ ކުޑަހުވަދޫ އިތުރު އުސްމިނަކަށް ދިއުމުގެ ފުރަތަމަ މަރުހަލާ ނިމިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކި 44 ހެކްޓަރުގެ ބިމުގައި ތަރައްގީކުރާ "މާވޭރު" އެޕާޓްމަންޓުތައް ވިއްކަން ނިންމާފައިވަނީ 1.5 މިލިއަން ރުފިޔާއަށެވެ. އެއީ ކައުންސިލާއި އާރުސީސީ އަށް ވެސް ފައިދާވާ ގޮތަށެވެ. އެ އެޕާޓްމަންޓުތައް އަޅައި ނިމުމުން 180 އެޕާޓްމަންޓް އަޅަން ހައުސިންގެ ދެ ވަނަ ޕްރޮޖެކްޓު ފަށާނެ އެވެ.
ކުޑަހުވަދޫ ކައުންސިލުން ބުނީ އަމާޒަކީ ޖުމްލަ 320 އެޕާޓްމަންޓާއެކު އާބާދީގެ ޓާގެޓު ހާސިލްކުރުން ކަމަށެވެ.
"އެ މަސައްކަތް ވެސް އެބަކުރަން. ހަމައެކަނި ޓާގެޓެއް ކަނޑައަޅަނީ އެއް ނޫން. އެއް އެޕާޓްމަންޓް ފުލްވާއިރަށް އަނެއް އެޕާޓްމަންޓް ހަދަން ފަށާނަން،" ޖާދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ކުލި ދެއްކުމުގައި، ކުޑަހުވަދޫގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ލުއިތަކެއް ލިބޭނެ އެވެ. އެއީ ވެސް ރަށަށް ރަޖިސްޓްރީ ބަދަލުކުރަން ހިތްވަރު ދިނުމަށް ކުރާ ކަމެކެވެ. ނަމަވެސް، އެ އެޕާޓްމަންޓުތައް ހަދަނީ ކޮންމެ ރަށެއްގެ މީހަކަށް ވިއަސް ގަނެވޭ ގޮތަށެވެ.
ކުޑަހުވަދޫގެ ބަނދަރުގައި ހަދާފައިވާ ބޮޑު ފިހާރައެއް. މި ރަށުގައި ބޮޑެތި ވިޔަފާރިތައް ކުރޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ޕްރޮޖެކްޓުގައި ސޮއިކުރި ފަހުން، ގެދޮރު އިމާރާތްކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އިތުރު ކުންފުންޏަކުން ވެސް ވަނީ ކުޑަހުވަދޫގައި ފްލެޓު އެޅުމަށް ބިން ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
"އެ ވާދަވެރިކަން މިހާރު އުފެދިއްޖެ،" ޖާދުﷲ ވިދާޅުވި އެވެ.
ކިޔަވަން ކުޑަހުވަދުއަށް ބަދަލުވެފައިވާ މީހުންނަށް ހާއްސަކޮށްފައިވާ ދަނާލުގެ 14 އެޕާޓްމަންޓު ފުލްވެ، ރަށުގެ ގޭގެ ކުއްޔަށް ނަގައިގެން ދިރިއުޅޭ މީހުން ވެސް މަދެއް ނޫނެވެ. ޝާފިއު ވިދާޅުވީ، ރަށުގައި މިހާރު ހުސް ގެ ތަކެއް ނެތެވެ.
މިދިޔަ އަހަރު ނިމުނުއިރު ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތައުލީމީ މަރުކަޒުން 816 ކުދިން ކިޔެވި އެވެ. އޭގެ ތެރެއިން 200 އެއްހާ ކުދިންނަކީ ރަށުން ބޭރުން ކުދިންނެވެ.
"އެ ވަރުގެ ޑިމާންޑެއް އެބައޮތްކަން ވެސް އެނގޭ ކައުންސިލަށް. އެކަން ތަރައްގީ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ،" ޝާފިއު ވިދާޅުވި އެވެ.
ރަށުގެ އުމްރާނީ ތަރައްގީ އަށް އިތުރު ބިން ބޭނުންވާ ނަމަ 12 މޭލަށް ހިއްކާނެ ތަން މިހާރު ވެސް އެބައޮތެވެ. ފަހި މުސްތަގުބަލެއް އޮތީ ކައުންސިލުން ވެސް ބުނާ ގޮތުގައި ކުޑަހުވަދޫ ފަދަ ރަށްތައް އެއްފަސްކޮށްގެންނެވެ.
"ހިޖުރަކުރަން ފަހި، އަމާން ވެއްސެއް. ސައިކަލުގައި ތަޅުދަނޑި ޖަހާފައި ރޭގަނޑު ނިދާކަށް ވެސް ފަހެއް ނުޖެހޭ، އަމާންކޮށް އޮތީ،" އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ އަމާޒު ކަމަށްވާ ސިޓީގެ ދަރަޖަ ލިބުމުން ކުޑަހުވަދުއަކީ ދެން ހަމަ އެއްވަނަ ކަމަށް ކައުންސިލުންނާއި އެ ރަށުގެ ރައްޔިތުން ގަބޫލުކުރަނީ ތަރައްގީ ފެނި އެކަން މިހާރު ވެސް ތަޖުރިބާ ކޮށްފައި ވާތީ އެވެ. އެ ރަށުގައި ގިނަގިނައިން ހައުސިން މަޝްރޫއުތައް ހިންގި ވަރަކަށް ބޭނުންވާ އަމާޒުވާ ހާސިލްވާނެ ކަމުގެ ޔަގީންކަން މިހާރު ރައްޔިތުންނަށް އެބައޮތެވެ.
އާބާދީ ކޮންޓްރޯލްކޮށްގެން ހޯދި ޓީވީން އެހެން މަންޒަރެއް
ކުޑަހުވަދޫން ބަލި މީހުން އުފުލައިދޭން މަންޓާއިން އެއްބަސްވެއްޖެ
މުޒާހަރާ: ބޭނުންވަނީ އެއާޕޯޓުގެ ވެރިންނާ ބައްދަލުކުރަން
މަންތާއިން ބަލި މީހުން ނުގެންދާތީ ހިތްހަމަނުޖެހިއްޖެ
ކުޑަހުވަދޫން ބޭލީ ރަށުގައި ނީންދޭނެ 74 ރުއްގަސް
ރުއްތަކުގެ މައްސަލައިގައި ތުހުމަތު ކައުންސިލް ރައީސަށް
ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހޭ ދެ ކުދިން މަރުވެއްޖެ
ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ފަށައިފި
އާބަން ސެންޓަރަކަށް ކުޑަހުވަދޫ ހަދާނަން: ރައީސް
ކުޑަހުވަދޫ ގުރުއާން މުބާރާތުން 1 ވަނަ މާއިޝާ އަށް