Roadha Mihaaru
މަންތާއިން ބަލި މީހުން ނުގެންދާތީ ހިތްހަމަނުޖެހިއްޖެ

މަންތާ އިން ބަލި މީހަކު ގޮވައިގެން ދަތުރު ނުކުރި ކަމަށް ބުނެ ކުޑަހުވަދޫގައި ހިތްހަމަނުޖެހުން

02 އޯގަސްޓް 2022

ދ. ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިން، މަންތާ އެއާގެ ބޯޓަކުން ބަލި މީހުން ގޮވައިގެން ދަތުރުކުރަން ދެކޮޅު ހެދި ކަމަށް ބުނެ އެ ރަށު ރައްޔިތުން ނުކުމެ ރޭ މުޒާހަރާ ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދ. ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިން، މަންތާ އެއާގެ ބޯޓަކުން ބަލި މީހުން ގޮވައިގެން ދަތުރުކުރަން ދެކޮޅު ހެދި ކަމަށް ބުނެ އެ ރަށު ރައްޔިތުން ނުކުމެ ރޭ މުޒާހަރާ ކޮށްފި އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރު އައިޝަތު ނަޝީދާ ވިދާޅުވީ ކުޑަހުވަދު އަށް ދަތުރުކުރަނީ މަންތާއިން އެކަނި ކަމަށްވާއިރު، ބަލި މީހުން ނާރުވާ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެ މައްސަލާގައި މީގެ ކުރިން ވެސް މަންތާ އެއާލައިންގެ އިސްވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ އިއްޔެ ހޫނުވީ، ހާޓް އެޓޭކެއް ޖެހިގެން އިއްޔެ މެންދުރު 1:00 ހާއިރު ހޮސްޕިޓަލުގައި އެޑްމިޓްކުރި ފިރިހެނަކު އިތުރު ފަރުވާ އަށް މާލެ ގެންދެވޭނެ ގޮތެއް ނެތުމުންނެވެ.

"ކަނޑު ވަރަށް ގަދަ. އެހެންވެ ކަނޑުން ދަތުރު ކުރެވޭ ގޮތެއް ނުވި. މަންތާއާ އެކު މައްސަލަ ހައްލު ނުވެ އޮއްވާ މިކަން މި ދިމާވީ. އެހެންވެ ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރީ."

ރޭގެ ވަގުތެއްގައި ރައްޔިތުން ނުކުމެ އެއާޕޯޓުން އެއްގަމު އުޅަނދުފަހަރަށް ބޭރަށް ނުދެވޭ ގޮތަށް މަގު ހުރަސްކޮށް ވަނީ ވަޅުގަނޑެއް ކޮނެފަ އެވެ. އަދި އެ މީހުން ވަނީ، ރަށުގެ ބިމުގެ ބޮޑު ބައެއްގައި ހިންގާ މަންތާ އެއާލައިން ބޭރުކުރުމަށް ވެސް ގޮވާލައިފަ އެވެ.

"އެއްވެތިބި މީހުން ބުނަނީ އިހުތިޖާޖު ހުއްޓާނުލާނެ ކަމަށް ބަލި މީހުން ގޮވައިގެން ދަތުރުނުކުރަންޏާ،" އޭނާ ވިދާޅުވި އެވެ.

"މެޑިކަލް އިމަޖެންސީއެއް ދިމާވެއްޖިއްޔާ ޖެހެނީ ސީއެމްބިއުލާންސް ނުވަތަ ހެލިކޮޕްޓަރުގައި ދަތުރުކުރަން. އެކަމަކު، މޫސުން ގޯސް ދުވަސްވަރެއްގައި ސީއެމްބިއުލާންސްގައި ދަތުރުކުރުމަކީ ފަސޭހަކަމެއް ނޫން."

ނަމަވެސް މަންތާ އެއާގެ އޮފިޝަލަކު ވިދާޅުވީ އޭޓީއާރު އެއާކްރާފްޓް ޑިޒައިންކޮށްފައިވާ ގޮތުން އެ ބޯޓަށް ސްޓްރެޗާ ނޭރުވޭ ކަމަށެވެ. އެކަމަކު، ގޮނޑީގައި އަމިއްލައަށް އިނދެގެން ދަތުކުރެވޭވަރު މީހެއްކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން ދެއްކުމުން ދަތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެގޮތަށް ލިޔުން ދިނުމުން ދަތުރުކޮށްދީފައި ހުންނާނެ ކަމަށް މަންތާއިން ބުނެ އެވެ.

އިއްޔެ ވެސް މެޑިކަލް އިވެކުއޭޝަނެއް ބޭނުންވެގެން އުޅޭކަން އިނގުނީ އިރުއޮއްސުނު ވަގުތުގައި ކަމަށާއި އޭގެ ކުރިން އެކަމާ ގުޅޭ ރިކުއެސްޓެއް އައިސްފައި ނެތް ކަމަށެވެ. އެ މައްސަލަ ޖެހިގެން އުޅޭކަން އެނގުމުން ކައުންސިލާ އެކު މަޝްވަރާކޮށް، އެހީދެވޭނެ ގޮތްތައް ބެލިކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މަންތާއިން އަންނަނީ އަބަދު ވެސް ކައުންސިލާ ގުޅިގެން ވަރަށް ކައިރިން މަސައްކަތް ކުރަމުން ކަމަށެވެ.

"ދުވާލު އެކަން އެނގުނު ނަމަ ސީޕްލޭނުން ދަތުރުކުރެވޭ ގޮތެއް ވޭތޯ ބެލުނީސް. ރިކުއެސްޓް ނާންނަ ނަމަ ނޭނގޭނެ. އެކަމަކު، އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކަށް ގުޅި މެޑިކަލް އިވެކުއޭޝަނެއް ބޭނުންވާނަމަ ހަދަން ޖެހޭ ގޮތުގެ މައުލޫމާތު ސާފުކުރަން. ނަމަވެސް އެއީ ރިކުއެސްޓް ކުރުމެއް ނޫން. އޭރު ވެސް ނުބުނޭ ބަލި މީހަކު ގެންދަން ބޭނުންވާ ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ބަލި މީހާ ދަތުރުކުރުމަށް މަންތާގެ ސީ ޕްލޭނެއްގެ ގޮނޑިތައް ނައްޓުވައި ސްޓްރެޗާ އެރުވޭ ގޮތަށް ވެސް ތައްޔާރުކުރި ކަމަށެވެ. އެކަމަކު، އޭގެ ކުރިން މޯލްޑިވިއަންގެ ބޯޓެއްގައި ބަލި މީހާ ވަނީ މިއަދު ހެނދުނު މާލެ ގެނެސްފަ އެވެ.

"އެއާލައިނަށް ބަލި މީހަކު އަރުވަންޏާ ހުންނާނެ އުސޫލުތަކެއް. ރިކުއިސްޓްކުރިން ބަލި މީހުން ފުރުވަންޖެހޭ ފޯމުތައް ހުށަހެޅުމަށް. މަންތާގެ ސައިޑުން ކޮށްދެވެން ޖެހޭ ކަންތައްތައް ކޮށްދިނިން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ދަތުރުތަކަށް ސީޕްލޭންގައި ފުރޮޅު އަޅުވައިގެން ދުއްވުމުގެ ހުއްދައަކަށް ސިވިލް އޭވިއޭޝަނުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް، އެކަމުގައި އަލިމަގެއް ނުފެނުނު ނުފެނުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކަނޑިންމަ ރިސޯޓު ވެސް ހިންގާ ރިއޮލޯ އިންވެސްޓްމަންޓުން ހަދާ އެއާލައިން އިން ކުޑަހުވަދުއަށް ކޮންމެ ދުވަހަކު ދަތުރުތައް ހަތަރު ވަރަކަށް ދަތުރުކުރެ އެވެ. އެކަމަކު، މި ހިތްހަމަނުޖެހުންތަކާ އެކު، އެއާޕޯޓަށް މީހުން ވަންނަ ގޭޓާއި ނުކުންނަ ގޭޓް ވަނީ އާއްމުން ބަންދުކޮށްލައިފަ އެވެ.

މީގެ ފަސް އަހަރު ކުރިން ހިދުމަތް ފެށި މަންތާ އިން ދަތުރުކުރަނީ ކުޑަހުވަދޫގެ އިތުރުން ދަރަވަންދުއަށެވެ. ކުޑަހުވަދޫ އެއާޕޯޓަށް މީގެ ކުރިން މޯލްޑިވިއަން އެއާލައިނުން ވެސް ހަފުތާއަކު އެއްފަހަރު ދަތުރުކުރި އެވެ. ނަމަވެސް، އެ އެއާލައިންގެ ދަތުރުތައް ހުއްޓާލިތާ 3-4 އަހަރުވެއްޖެ އެވެ.