Roadha Mihaaru
އެމެރިކާގެ މިޔުޒިކް ފެސްޓިވަލެއްގައި އަށް މީހަކު މަރު

އެމެރިކާގެ މިޔުޒިކް ފެސްޓިވަލެއްގައި އަށް މީހަކު މަރުވެއްޖެ

07 ނޮވެމްބަރ 2021

އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ޓްރަވިސް ސްކޮޓްގެ މި އަހަރުގެ މިޔުޒިކް ފެސްޓިވަލް ބަލަން ވަދެތިބި މީހުން، ސްޓޭޖް ކައިރިއަށް ތޮއްޖެހި ފިތި ބާރުވުމުގެ ސަބަބުން އަށް މީހަކު މަރުވެއްޖެ އެވެ.

އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ޓްރަވިސް ސްކޮޓްގެ މި އަހަރުގެ މިޔުޒިކް ފެސްޓިވަލް ބަލަން ވަދެތިބި މީހުން، ސްޓޭޖް ކައިރިއަށް ތޮއްޖެހި ފިތި ބާރުވުމުގެ ސަބަބުން އަށް މީހަކު މަރުވެއްޖެ އެވެ.

ފެސްޓިވަލް ހުޅުވުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ޓެކްސަސްގައި ބޭއްވި މިޔުޒިކް ޝޯއަށް ހާޒިރުވެ ތިބި މީހުން، ޝޯ ފެށުމާއެކު ސްޓޭޖް ކައިރިއަށް އަންނަން މަސައްކަތް ފެށި އެވެ. ސްޓޭޖް ކައިރިއަށް ޖަމާވާން މަސައްކަތް ކުރުމުގެ ތެރޭގައި ފިތި ބާރުވުމުގެ ސަބަބުން، ބައެއް މީހުންނަށް ނޭވާލާން އުނދަގޫވެގެން، އެ ތަނުގައި ތިބި ސިއްހީ އެހީތެރިން ފަރުވާ ވެސް ދިނެވެ.

މި ހާދިސާގައި 11 މީހަކު ހާޓް އެޓޭކް ޖެހިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު 300 ވަރަކަށް މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ.

މިޔުޒިކް ޝޯ ފެށިގެން ކުރިއަށް ދިޔައިރު، އެއްވެ ތިބި މީހުން ސްޓޭޖް ކައިރިއަށް ޖަމާވާން އުޅުމުން، ފިތި ބާރުވާ ގޮތް ވާން ފެށުމުން، އެތައް ފަހަރަކު ޝޯ މެދުކަނޑައިލަން ޖެހުނެވެ. ދެ ދުވަހަށް އިންތިޒާމު ކުރި މި ޝޯ އަށް 50000 މީހުން ޓިކެޓް ނަގާފައިވާ އިރު، މި ހާދިސާއާ ގުޅިގެން މިހާރުވަނީ ޝޯ ކެންސަލް ކޮށްފަ އެވެ.

އެސްޓްރޯވޯލްޑްގެ ނަމުގައި އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ މިޔުޒިކް ފެސްޓިވަލަކީ 2018 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު މި ފެސްޓިވަލް ނުބާއްވަ އެވެ.

މި ޝޯ އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި ޓީމުގެ މެމްބަރަކު ބުނި ގޮތުގައި، މިހާ ރުޅި ގަދަވެފައި ތިބި ބަޔަކު ހާޒިރުވި މިޔުޒިކް ފެސްޓިވަލަކަށް މީގެ ކުރިން ދެވިފައެއް ނުވެ އެވެ.

މިހާދިސާއާ ގުޅިގެން، ރެޕް ލަވަކިޔުންތެރިޔާ ޓްރަވިސް ސްކޮޓް ބުނީ، އޭނާގެ އެސްޓްރޯވޯލްޑް ފެސްޓިވަލުގެ މިއަހަރުގެ ފުރަތަމަ ޝޯގައި ދިމާވި ހިތާމަވެރި ހާދިސާގައި ބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާވުމުން، އޭނާގެ ހިތް ކުދިކުދިވެއްޖެ ކަމަށެވެ. އަދި މިހާދިސާގައި ހިތްދަތިކަން ލިބުނު މީހުންގެ ހިތާމައިގައި ބައިވެރިވެ، މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.