Roadha Mihaaru
ޓްރީޓޮޕް: މިއީ މިހާރު އެހެން ތަނެއް!

ޓްރީޓޮޕް: މިއީ މިހާރު އެހެން ތަނެއް!

09 ނޮވެމްބަރ 2021

އާ ސީއޯއޯގެ ވާހަކައަކީ ވެސް މި އެވެ؛ ޓްރީ ޓޮޕް ހޮސްޕިޓަލަކީ މިހާރު އެހެން ތަނެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ ސީއޯއޯގެ ވާހަކައަކީ ވެސް މި އެވެ؛ ޓްރީ ޓޮޕް ހޮސްޕިޓަލަކީ މިހާރު އެހެން ތަނެކެވެ.

ކުރިން އެމްއޭސީއެލްގެ މެނެޖިން ޑިރެކްޓަރު، އާދިލް މޫސާ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ވަޑައިގަތުމަށް ފަހު ޓްރީ ޓޮޕަށް ވަނީ ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަވައިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ މުޅިން އާ އިތުރު ސްޕެޝަލްޓީތަކާއި ހިދުމަތްތައް ތައާރަފުކޮށް މާކެޓް ރޭޓްތަކުގައި ހިދުމަތް ފޯރުކޮށްދިނުމެވެ.

"މާކެޓަށް ބަލާއިރު މި ހޮސްޕިޓަލުގެ ގިނަ ހިދުމަތްތަކުގެ އަގުތައް މިހާރު ބޮޑެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލޭ ބުނާ އިރަށް އަބަދުވެސް އިހުސާސް ވަނީ އާދައިގެ މީހުންނަށް ވަދެވޭ ވަރަށް ވުރެ މާ އަގު ބޮޑު ތަނެއްގެ ގޮތުގަ އެވެ. އެކަމަކު އާދިލް ވިދާޅުވި ގޮތުގައި އެއީ އެ ހޮސްޕިޓަލް ފެށިގެން އައިއިރު އޮތް ވިސްނުމެކެވެ.

"މިހާރު މިތަނުގެ ބައެއް ހިދުމަތްތަކުގެ އަގު އެހެން ތަންތަނަށް ވުރެ ވެސް ހެޔޮވެފައި ފެންވަރު ރަނގަޅުވާނެ. ކޮންމެ ދިވެއްސަކަށް ވެސް އަތްފޯރާވަރުގެ އަގުތަކެއް މިހާރު ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ތިން އަހަރުވީ އިރު، އަގުތަކުގެ އިތުރުން އެތަނުގެ ހިދުމަތްތައް ދޭ ގޮތްތަކާއި ހިދުމަތްތަކުގެ އަދަދަށް ވެސް އަންނަނީ ހެޔޮ ބަދަލުތައް އަންނަމުންނެވެ.

އާދިލް "މިހާރު" އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އާދިލް "މިހާރު" އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އާދިލް ވިދާޅުވީ، އެކިއެކި ހިދުމަތްތަކުން ފެށިގެން ގޮސް، އިން ޕޭޝަންޓް ކޮޓަރިތަކުގެ އަގު ވެސް މިހާރު ހުންނާނީ މާކެޓް ރޭޓްގައި ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ވެސް އެހެން ޕްރައިވެޓް ސިއްހީ ހިދުމަތް ދޭ ތަންތަނާ މާ ބޮޑު ތަފާތުތަކެއް މިހާރު ނޫޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޓްރީ ޓޮޕްގައި އެޑްމިޓް ވުމަށް އެކި ކެޓަގަރީތަކަށް، ހާއްސަ އެކި އަގުތަކުގެ ކޮޓަރި ހުރެ އެވެ. މިގޮތުން 800ރ. އިން ފެށިގެން އެކި ކެޓަގަރީތަކަށް ތަފާތު އަގުތައް ވަނީ ކަނޑައަޅައިފަ އެވެ.

"އަޅުގަނޑުމެންގެ ރޫމް ކޮލިޓީ ރަނގަޅުވެފައި ސައިޒް ވެސް ބޮޑުވާނެ އެހެން ތަންތަނާ އަޅާ ބަލާ އިރު،" އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވިއިރު އެންމެ ބޮޑު އިސްކަމެއް ދިނީ އެތަނުގެ ހިދުމަތުގެ ފެންވަރު ފުރިހަމަކޮށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތެއް ދިނުމަށެވެ. އަދި ބޮޑު އަހައްމިއްޔަތެއް ދިނީ ވެސް ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަނަކަށް ހެދުމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މީހަކު ހިދުމަތް ހޯދަނީ: އިތުރު ހިދުމަތްތައް އަންނަނީ ފުޅާކުރަމުން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލުން މީހަކު ހިދުމަތް ހޯދަނީ: އިތުރު ހިދުމަތްތައް އަންނަނީ ފުޅާކުރަމުން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިހާރު މިފެންނަ ބަދަލުތައް ގެންނަން ފެށީ ޓްރީ ޓޮޕް ހިންގަމުން އައި ރަމްސޭ ސައިމް ޑާބީ އާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް މުޅިން އާ މެނޭޖްމަންޓެއް އެތަނުގެ ހިންގުމާ ހަވާލުވި ފަހުންނެވެ. އެ ހޮސްޕިޓަލުގެ އިދާރީ ހިންގުމުގައި މިހާރު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ މުޅިންހެން ވެސް ދިވެހިންނެވެ.

ޓްރީޓޮޕުން މިހާރު ދުވާލަކު ކޮންސަލްޓޭޝަން އާއި އެހެނިހެން ހިދުމަތް އެވަރެޖްކޮށް 1000 އަށް ވުރެ ގިނަ މީހުންނަށް ފޯރުކޮށްދެ އެވެ.

ހިދުމަތްތައް ދިނުމަށް ވެސް ބޮޑު ބަދަލެއް

ޓްރީ ޓޮޕް 2018 ވަނަ އަހަރު ހުޅުވި އިރު ހިދުމަތްތައް ދިނުމުގައި އިސްކަންދިނީ ވަރަށް މަދު ދާއިރާތަކަށެވެ. އެހެން ނަމަވެސް މި ވަގުތު ހިދުމަތް ދިނުމުގައި އޭރު ގެންގުޅުނު ވިސްނުން ބަދަލުކޮށް، އާންމުކޮށް ބޭނުންވާ ސްޕެޝަލްޓީތައް ބަލައި، އެފަދަ ހިދުމަތް ދޭ ޑޮކްޓަރުންގެ އަދަދު އިތުރުކުރި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަނީ: ދިވެހިންނަށް އަމާޒުކޮށް ހޮސްޕިޓަލްގެ ގިނަ ހިދުމަތްތަކެއް ވަނީ ބަދަލުކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަނީ: ދިވެހިންނަށް އަމާޒުކޮށް ހޮސްޕިޓަލްގެ ގިނަ ހިދުމަތްތަކެއް ވަނީ ބަދަލުކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ކުރިން ވިއްޔާ ވަރަށް ސެލެކްޓިވް މަދު ޑޮކްޓަރުން ތިއްބަވާނީ. މިހާރު އަޅުގަނޑުމެން އޯޕަން ކޮށްލިން ދިވެހި ޑޮކްޓަރުންނަށް ވެސް މިތަނުގައި ހިދުމަތް ދެއްވުމަށް. ވަރަށް ގިނަ ދިވެހި ޑޮކްޓަރުން ހިދުމަތް ދެއްވާ އަދި މިހާރު ވެސް 20 ގައުމަކަށް ނިސްބަތްވާ މަލްޓި-ކަލްޗަރަލް ޑޮކްޓަރުންގެ ޓީމެއް ބައްލަވަމުން ގެންދަވާނެ. މިގޮތުން އިންޑިއާ، އާޖެންޓީނާ، ކްރޮއޭޝިއާ، ސްޕެއިން، ސްލޮވޭކިއާ، ވެނެޒުއޭލާ، އަދި މިސްރު ފަދަ ގިނަ ގައުމުތަކުގެ ޑޮކްޓަރުން ހިމެނޭ،" އާދިލް ވިދާޅުވި އެވެ.

ދިވެހި ޑޮކްޓަރުންނަށް ވެސް ހިދުމަތް ދެވޭ ގޮތަށް، ރާއްޖޭގެ އެންމެ އަގުބޮޑު ހޮސްޕިޓަލް ހުޅުވާލީ ކްލިނިކަކުން ހިދުމަތް ދިނުމުގައި ބޭނުން ނުކުރެވޭނެ އެތައް ވަސީލަތްތަކެއް ޑޮކްޓަރުންނަށް އެ ހޮސްޕިޓަލުން ބޭނުން ކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް އާދިލް ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި ގިނަ ކްލިނިކަކުން ހަމައެކަނި ކޮންސަލްޓޭޝަންގެ ހިދުމަތް ލިބެނީ. މިތަނުން ވެއްޖިއްޔާ ބޭނުންވާ ޕްރޮސީޖާތައް ހެއްދުމުގެ ފުރުސަތު ވެސް އޮންނާނެ. ވަރަށް ކޮމްޕްރިހެންސިވް ހިދުމަތްތައް މިތަނުން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ލެބްގައި ޓެސްޓެއް ހަދަނީ: އެ ހޮސްޕިޓަލުގައި ލެބަށް ހާއްސަ ބައެއް ކަނޑައަޅާފައިވޭ-- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ޓްރީ ޓޮޕް ލެބްގައި ޓެސްޓެއް ހަދަނީ: އެ ހޮސްޕިޓަލުގައި ލެބަށް ހާއްސަ ބައެއް ކަނޑައަޅާފައިވޭ-- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އާ މެނޭޖްމެންޓުން ވަނީ އެ ވަގުތަކަށް ބޭނުންވާ ސްޕެޝަލްޓީތައް ދިރާސާކޮށް، ހިދުމަތް ފުޅާކުރުމުގެ ގޮތުން މި އަހަރު ވެސް އެތައް ބައިވަރު ޑޮކްޓަރުންނެއް އިތުރުކޮށްފަ އެވެ. މި އަހަރު މިހާތަނަށް ދިވެހި އަދި ބޭރު ގައުމުތަކުގެ 40 ޑޮކްޓަރުން ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އަލަށް ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ. އޭގެ ތެރެއިން ވެސް ނާރުގެ އަދި އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ސްޕެޝަލިސްޓުން އިތުރު ކުރުމަށް ވަނީ އިސްކަން ދީފަ އެވެ.

އައިވީއެފް ހަދަން ތައްޔާރުވަނީ

ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުން ދަރިން ހޯދުމުގައި ބޭނުން ކުރާ އެއް ވަސީލަތަކީ އައިވީއެފް ހިދުމަތެވެ. މިގޮތަށް ދަރިން ހޯދުމުގައި އައިވީއެފް ހަދަން ދާން ޖެހެނީ ކައިރި އެހެން ގައުމުތަކަށެވެ. މިގޮތަށް ބޭރު ގައުމުތަކަށް ގޮސް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. ޓްރީ ޓޮޕުން އަންނަނީ މިކަމަށް ލުއިތަކެއް ހޯދައިދިނުމަށް ރާއްޖޭގައި އައިވީއެފް ސެންޓަރެއް ހެދުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ.

އާދިލް ވިދާޅުވީ މިހާރު ކުރިއަށް ދަނީ މިކަން ކުރާނެ ފަރާތެއް ކަނޑައެޅުމުގެ މަރުހަލާ ކަމަށެވެ. މި މަރުހަލާ ނޮވެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ އިރު މުޅި ސެޓަޕް ރޭވުމަށް ހައެއްކަ މަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ރާއްޖެ އަށް ވެސް، އަދި އަޅުގަނޑުމެންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. ރާއްޖޭގެ އިގްތިސާދަށް ވެސް މިކަމުން ފައިދާ ކުރާނެ. މިއީ އަޅުގަނޑުމެން އެންމެ އަވަހަށް ފަށާ އެންމެ ބޮޑު މަޝްރޫއު،" އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ލެބްގައި ޓެސްޓެއް ހަދަނީ: އެ ހޮސްޕިޓަލުގައި ލެބަށް ހާއްސަ ބައެއް ކަނޑައަޅާފައިވޭ-- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ޓްރީ ޓޮޕް ލެބްގައި ޓެސްޓެއް ހަދަނީ: އެ ހޮސްޕިޓަލުގައި ލެބަށް ހާއްސަ ބައެއް ކަނޑައަޅާފައިވޭ-- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ އައިވީއެފް ހިދުމަތް ހޯދަން މިހާރު ރާއްޖެއިން ބޭރަށް ދާ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހޮލިސްޓިކް ނުވަތަ ބޭނުންވާ ހުރިހާ ހިދުމަތެއް އެއްތަނަކުން އަމިއްލަ ގައުމުން ފަސޭހަކަމާ އެކު ފޯރުކޮށްދިނުމެވެ.

އައިވީއެފް ހިދުމަތަށް ހާއްސަ ސެންޓަރެއް ގާއިމުކުރުމަށް ތައްޔާރުވަމުން އަންނަ އިރު މިދިޔަ މަހު ޓްރީ ޓޮޕުން ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސެންޓަރެއް ހުޅުވައިފަ އެވެ. އެ ހޮސްޕިޓަލުގެ ތިން ވަނަ ފްލޯގައި ހުންނަ މި ސެންޓަރުން އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީ ހިދުމަތްތައް ލިބޭނެ އެވެ. މިގޮތަށް އެއް ފްލޯ މިކަމަށް ހާއްސަ ކުރީ ވެސް އެތަނުގެ އަހެންނުންގެ ހާއްސަ ޑިޕާޓްމެންޓް އިތުރަށް ފުޅާކޮށް، ވިމަން އެންޑް ޗައިލްޑް ސެންޓަރުން ލޭބާ ވޯޑާއި އެޑްމިޝަން އަދި އިންޑިވިޖުއަލައިޒްޑް ކެއާގެ ހިދުމަތް ފަސޭހަކާމާ އެކު ފޯރުކޮށްދިނުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

"ވަރަށް އެކްސްޕޭންޑެޑް ލެބޯޓަރީއެއް އެބަ ހަދަން އައިވީއެފް ހިދުމަތް ފޯރުކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ފެމެލީ ކްލިނިކްގެ ހިދުމަތް ދޭން ފަށަނީ

މި ވަގުތު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޖެނެރަލް ކޮންސަލްޓޭޝަން ދެނީ އީއާރް މެދުވެރިކޮށެވެ. އެހެން ނަމަވެސް ވަކިން ފެމިލީ ކްލިކެއް ހަދައި އެ ތަންތަނުން އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ފަށަން ހާއްސަ އިސްކަމެއް އަންނަނީ ދެމުންނެވެ. މިގޮތަށް ހިދުމަތް ދޭން ފެށުމުން އީއާރް އިން ހިދުމަތް ދޭނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކަށެވެ.

"ހަގީގަތުގައި އީއާރް އަށް އެމާޖެންސީ ކަމެއްގައި އަންނަ މީހާއަށް ބައެއް ފަހަރު ލަސްވޭ ނޮން-އެމާޖެންސީ މީހުންނަށް ހިދުމަތްދޭތީ. އެހެންވީމަ ޖެނެރަލް ކޮންސަލްޓޭޝަން ހިދުމަތް ދިނުމުން އިތުރަށް ރަނގަޅުވާނެ،" އާދިލް ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޕްރެޒިޑެންޝަލް ސުއިޓް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޕްރެޒިޑެންޝަލް ސުއިޓް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މިހާރުގެ ކޮންސެޕްޓަކީ ހުރިހާ ހިދުމަތް ވެސް ދިނުން. އެހެންނޫނީ ވާ ގޮތަކީ ބައެއް ހިދުމަތްތައް ދިނީމަ މަލްޓި-ސްޕެޝަލްޓީ ހޮސްޕިޓަލެއްގެ ހުރިހާ މަގްސަދުތަކެއް ހާސިލް ނުކުރެވޭ."

އާދިލްގެ ވިސްނުމަކީ ކުރިއަށް އޮތްތާނގައި ޓްރީ ޓޮޕްގެ އިންޓާނަލް މެޑިސިން ހިދުމަތްތައް އިތުރަށް ފުޅާކުރުމެވެ. އަދި ބައެއް ހާއްސަ ދާއިރާތަކުން އިތުރަށް އިންވެސްޓްކުރުމެވެ. އޭނާ ޔަގީންކަމާ އެކު ވިދާޅުވީ، އާންމުން މިހާރަށް ވުރެ ބޮޑަށް ބަލައިގަންނާނެ އަދި ބޭނުން ހިފާނެ މަގްބޫލް ހޮސްޕިޓަލަކަށް އެތަން ކުރިއަށް އޮތްތާނގައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭންތައް އެބަހުރި. އިންވެސްޓްމެންޓްތައް ވެސް އެބަހުރި ކުރިއަށް ރޭވިފައި. ހޮސްޕިޓަލުގެ ބޯޑުން އޮތީ މިކަމުގައި އެހީތެރިވާން. އަޅުގަނޑު އުންމީދުކުރަނީ ކުރިއަށް އޮތްތާނގައި ވެސް އިތުރު ހެޔޮ ބަދަލުތައް ފެންނާނެ ކަމަށް. އަމާޒަކީ ހިދުމަތް ހޯއްދަވާ ބޭފުޅުން ބޭނުންފުޅުވާގޮތަށް މަތީ ފެންވަރުގެ ހިދުމަތްތަށް ފޯރުކޮށްދިނުން."