Roadha Mihaaru
އައިވީއެފް ފެށުން 29 ގައި، ސްކްރީނަށް 250 މީހުން

ރާއްޖޭގައި އައިވީއެފްގެ ހިދުމަތް ފެށުން މި މަހުގެ 29 ގައި، 250 މީހުން ސްކްރީން ކުރި

16 މެއި 2023

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ފަށަން ތައްޔާރުވާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިވީއެފް ސެންޓަރު މި މަހުގެ 29 ގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ފަށަން ތައްޔާރުވާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިވީއެފް ސެންޓަރު މި މަހުގެ 29 ގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އައިވީއެފްގެ ހިދުމަތް އިފްތިތާހުކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އައިވީއެފް ފެށުމުގެ ކުރިން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ސްކްރީން މަރުހަލާއެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ހޮސްޕިޓަލުން ބުނީ ސްކްރީން މަރުހަލާގައި 250 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ކުރި ކަމަށެވެ.

ޓްރީ ޓޮޕްގެ ތިން ވަނަ ފްލޯގައި ގާއިމު ކޮށްފައިވާ އައިވީއެފް ސެންޓަރަށް ޒަމާނީ ޓެކްނޮލޮޖީ އާއި މެޝިނަރީ ގެނެސް، ސެޓަޕް ހަދައި ހިދުމަތް ފެށޭ ވަރަށް މިހާރު ވަނީ ތައްޔާރު ކޮށްފަ އެވެ. އައިވީއެފް ސެންޓަރުގެ ލެބޯޓަރީ އާއި ސްޓޯރޭޖް ފެސިލިޓީ އާއި ސާމަޕްލް އާއި އެމްބްރިއޯ ކަލެކްޝަން އަދި ޓްރާންސްފާ ޔުނިޓާއި ތިއޭޓަރު ވެސް އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިން "މިހާރު" ގެ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ވަނީ އައިވީއެފަށް ފުރިހަމަ އަށް ތައްޔާރުވެފައި.

ޓްރީ ޓޮޕް ހޮސްޕިޓަލް ވަނީ އައިވީއެފަށް ފުރިހަމަ އަށް ތައްޔާރުވެފައި.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އޮފިޝަލުން ވިދާޅުވީ، އެއީ ސާމްޕަލް ކަލެކްޝަނާއި އެމްބްރިއޯ ޓްރާންސްފާގައި ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރު ކުރެވޭ ފެންވަރަށް ގާއިމުކޮށްފައި ފެސިލިޓީތަކެއް ކަމަށެވެ. އެއީ "ސްޓޭޓް އޮފް ދި އާޓް ސްޓޭންޑަޑަށް" ފެތޭ ގޮތަށް ގާއިިމު ކޮށްފައިވާ ވަސީލަތްތަކެއް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

އައިވީއެފް ހިދުމަތް ފެށުމުގެ ކުރިން، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކާ އެކު ޓްރީ ޓޮޕްގެ މެނޭޖުމެންޓުން ވަނީ އިންޑިއާގެ ބައެއް އައިވީއެފް ސެންޓަރުތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ފެންވަރާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހުރި ގޮތް ބަލައި ދިރާސާ ވެސް ކޮށްފަ އެވެ

ޓްރީޓޮޕްގެ އައިވީއެފްގެ ހިދުމަތް ދިނުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ހޯދުމުގައި އިންޑިއާގެ އައިވީއެފް ސެންޓަރަކާ، ޓްރީޓޮޕުން ވަނީ ގުޅިފަ އެވެ. ޓްރީ ޓޮޕްގައި އައިވީއެފް ހިދުމަތް ފޯރުކޮށްދިނުމަށް އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ ބޭރުގެ ތަޖުރިބާކާރަކާއި ރާއްޖޭގައި މި ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރު ޒާކިޔާ އަހުމަދެވެ. ކުރިން ގައިނޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒާކިޔާ މިހާރު ވަނީ އައިވީއެފްގެ ދާއިރާއިން ސްޕެޝަލައިޒް ވެވަޑައިގެންފަ އެވެ.