Roadha Mihaaru
25 މެޗަށް ފަހު ލިވަޕޫލް ބަލިކުރީ ވެސްޓް ހޭމް

25 މެޗަށް ފަހު ލިވަޕޫލް ބަލިކުރީ ވެސްޓް ހޭމް ޔުނައިޓެޑް

08 ނޮވެމްބަރ 2021

ލަންޑަން (ނޮވެމްބަރު 7) - މެޗަކުން ބަލި ނުވެ ލިވަޕޫލުން ހެދި ރިކޯޑަށް ޑޭވިޑް މޮޔޭސްގެ ވެސްޓް ހޭމް ޔުނައިޓެޑުން ނިމުން ގެނެސްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ނޮވެމްބަރު 7) - މެޗަކުން ބަލި ނުވެ ލިވަޕޫލުން ހެދި ރިކޯޑަށް ޑޭވިޑް މޮޔޭސްގެ ވެސްޓް ހޭމް ޔުނައިޓެޑުން ނިމުން ގެނެސްފި އެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2 އިންނެވެ. މެޗުގެ ކުރިން ލިވަޕޫލުން ލީގުގައި ކުޅުނު 25 މެޗުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ.

މީގެ ކުރިން އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ސަންޑަލެންޑަށް ވެސް ކޯޗު ކޮށްދިން ޑޭވިޑް މޮޔެސްގެ ކޯޗިން ކެރިއަރުގައި މިއީ އޭނާ ލިވަޕޫލާ ދެކޮޅަށް ކުޅެ ހޯދުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން އޭނާ ލިވަޕޫލާ ދެކޮޅަށް ނުކުތް 10 މެޗަކުން ވަނީ ބަލި ވެފަ އެވެ. އަދި މިއީ ލިވަޕޫލާ ދެކޮޅަށް ލީގުގައި ކުޅުނު 11 މެޗުން ވެސްޓް ހޭމް މޮޅުވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކު ވެސްޓް ހޭމް ވަނީ ލިވަޕޫލަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން ތާވަލުގެ ތިންވަނަ އަށް ޖެހިލައިފަ އެވެ. މިއާއެކު އެ ޓީމު ވަނީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ވެފަ އެވެ. ލީގުގައި ވީ ފުރަތަމަ ބައްޔާ އެކު ލިވަޕޫލް ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ.

މެޗުގައި ވެސްޓް ހޭމުން ފުރަތަމަ ލީޑު ނެގީ ލިވަޕޫލްގެ ކީޕަރު އެލިސަން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މި ގޯލު ވަނީ ކޯނަރަކުން ވެސްޓް ހޭމްގެ ޕަބްލޯ ފޯނަލްސް ހުރަސް ކޮށްލި ބޯޅަ ކީޕަރު ހިފަން އުޅުމުގެ ތެރޭގައި ބޯމަތިން ގޮހެވެ. ލިވަޕޫލަށް އެއްވަރު ކޮށްދިނީ ފުލްބެކް ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ފޮނުވާލި ރީތި ހިލޭޖެހުމަކުންނެވެ.

ވެސްޓް ހޭމް އިން ދެވަނަ ފަހަރަށް ލީޑު ނެގީ 67 ވަނަ މިނިޓުގައި ފޯނަލްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި އޭގެ ހަތް މިނިޓް ފަހުން ވެސްޓް ހޭމްގެ ލީޑު ފުޅާ ކޮށްދިނީ މި ސީޒަނުގައި ޗެލްސީން ގެނައި ޑިފެންޑަރު ކާޓް ޒޫމާ އެވެ. މި ދެ ލަނޑު ވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ޖަރޯޑް ބޯވެން އެވެ.

ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ޑިވޮކް އޮރިގީ ލަނޑެއް ޖަހައި ޔާގެން ކްލޮޕްގެ ލިވަޕޫލަށް ފަރަގު ކުޑަ ކޮށްދިން ނަމަވެސް މެޗު އެއްވަރު ކޮށްލެވޭ ގޮތެއް ނުވި އެވެ.

މިދިޔަ ސީޒަނުގައި ލީގުގެ ހަ ވަނައިގައި ނިންމައިގެން ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދި ވެސްޓް ހޭމުން އަންނަނީ މި ސީޒަނުގައި ލީގުގެ އިތުރުން ޔޫރޮޕާ ލީގުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. ގުރޫޕް ސްޓޭޖުގައި ހަތަރު މެޗު ކުޅެފައި ވާއިރު ގުރޫޕުގައި ހިމެނޭ ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބާއި ބެލްޖިއަމްގެ ރޭސިން ގެންކްގެ އިތުރުން އޮސްޓްރިއާގެ ރެޕިޑް ވީން ބަލިކުރީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. އެއްވަރުވީ ގެންކާއެކު ރަށުން ބޭރުގައި ކުޅުނު މެޗު 2-2 އިންނެވެ. ގުރޫޕުގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ.