Roadha Mihaaru
ލިވަޕޫލް ދެވަނައަށް، ލީޑްސް އިން ވެސްޓްހޭމް ބަލިކޮށްފި

ލިވަޕޫލް ދެވަނައަށް، ލީޑްސް އިން ވެސްޓް ހޭމް ބަލިކޮށްފި

16 ޖެނުއަރީ 2022

ލިވަޕޫލް (ޖެނުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑް ބަލިކޮށް ލިވަޕޫލުން ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސް އަތުން ބަލިވެ ވެސްޓް ހޭމް ޔުނައިޓެޑުން ޗެލްސީއާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިވަޕޫލް (ޖެނުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑް ބަލިކޮށް ލިވަޕޫލުން ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސް އަތުން ބަލިވެ ވެސްޓް ހޭމް ޔުނައިޓެޑުން ޗެލްސީއާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

އަމިއްލަ ދަނޑުގައި މިރޭ ލިވަޕޫލުން ބްރެންޓްފޯޑް ބަލިކުރީ 3-0 އިންނެވެ. ލިވަޕޫލުން މެޗުގައި ފުރަތަމަ ލީޑު ނެގީ ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށެވެ. ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ ފަބީނިއޯ އެވެ. ފަހު ހާފުގައި އެންޑީ ރޮބާޓްސަން ނަގައިދިން ހުރަހަކުން އެލެކްސް އޮކްސްލޭޑް ޗެމްބަލިން ލިވަޕޫލްގެ ދެވަނަ ލަޑު ޖަހައިދީފައިވަނިކޮށް ތިންވަނަ ލަނޑު ޖެހީ ޗެމްބަލިންގެ ބަދަލުގައި ކުޅެން އެރި ޓަކޫމީ މިނަމީނޯ އެވެ.

ފަބީނިއޯ (3) ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފަބީނިއޯ (3) ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މިއީ މެއި، 2017 އިން ފެށިގެން ލިވަޕޫލުން މުހައްމަދު ސަލާހު ނުވަތަ ސަޑިއޯ މާނޭ ޓީމުގައި ނުހިމަނައި ޕްރިމިއާ ލީގު މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. މި ދެ ކުޅުންތެރިން ވެސް މި ވަގުތު ތިބީ އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެން ގައުމީ ޓީމާ އެކު އެވެ. މި ކުޅުންތެރިން ނުލައި ލިވަޕޫލުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލީގު ކަޕް ސެމީ ފައިނަލުގައި، އެކަކު މަދުކޮށް ކުޅުނު އާސެނަލްއާ ކުޅެ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ ކުޅުނު 21 މެޗުން 45 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. މި މެޗުގެ ކުރިން ދެވަނައިގައި އޮތް ޗެލްސީ ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ރޭ ވާދަކޮށް ބަލިވެފަ އެވެ. ޗެލްސީ އާއި ސިޓީ ވެސް 22 މެޗު ކުޅެފައިވާއިރު ސިޓީ އެއްވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑެއްގަ އެވެ. ސިޓީއަށް 56 ޕޮއިންޓް ލިބިފައިވާއިރު ޗެލްސީ އަށް ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.

ލީޑްސް ޔުނައިޓެޑާ މިރޭ ވާދަކުރި ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް، މެޗުން މޮޅުވެގެން ޗެލްސީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް ލީޑްސް އިން ވަނީ މިދިޔަ ހަފްތާ އެޓީމު އެފްއޭ ކަޕުން ކަޓުވާލި ވެސްޓް ހޭމް 3-2 އިން މިރޭ ބަލި ކޮށްފަ އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ލީޑްސް އެވެ. ޖެކް ހެރިސަންގެ ލަނޑުން 10 ވަނަ މިނިޓުގައި ލީޑްސް އިން ކުރި ހޯދާފައި ވަނިކޮށް ވެސްޓް ހޭމް އަށް އެއްވަރު ކޮށްދިނީ 34 ވަނަ މިނިޓުގައި، މިވަގުތު ތަފާތު ފޯމެއްގައި ހުރި ޖަރޯޑް ބޯވެން އެވެ. ނަމަވެސް އޭގެ ތިން މިނިޓު ފަހުން ހެރިސަން ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑްސް އަށް ލީޑު ނަގައިދީފަ އެވެ.

ހެޓްރިކް ހަދައި ލީޑްސް މޮޅުކޮށްދިން ޖެކް ހެރިސަން.-- ފޮޓޯ: އޭއެފްޕީ

ހެޓްރިކް ހަދައި ލީޑްސް މޮޅުކޮށްދިން ޖެކް ހެރިސަން.-- ފޮޓޯ: އޭއެފްޕީ

ފަހު ހާފު ފެށިގެން ހަތްވަނަ މިނިޓުގައި ވެސްޓް ހޭމް އަށް އަލުން ނަތީޖާ އެއްވަރު ކޮށްދިނީ މިޝޭލް އެންޓޯނިއޯގެ އެހީތެރި ކަމާއެކު ޕަބްލޯ ފޯނަލްސް އެވެ. ލީޑްސް އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރިތާ އަށް މިނިޓު ފަހުން ހެރިސަން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ލީޑްސް އަށް އަލުން ކުރި ހޯދައިދީފަ އެވެ. މިއީ މި ސީޒަނުގައި މެންޗެސްޓާ ސިޓީން 11 މިލިއަން ޕައުންޑަށް ގެންދިޔަ ހެރިސަން އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި ފުރަތަމަ ހެޓްރިކެވެ.

ވެސްޓް ހޭމް ހަތަރު ވަނައިގައި އޮތީ 22 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.

ފަސްވަނައިގައި އޮތް އާސެނަލް އާއި ހަވަނައިގައި އޮތް ޓޮޓެންހަމް މިރޭ ކުޅެން އޮތް މެޗު ވަނީ ފަސް ކޮށްފަ އެވެ.