Roadha Mihaaru
އެއް ވަނައިގައި ލިވަޕޫލަށް ޕްރެޝަރު ބޮޑުވެއްޖެ

އެއް ވަނައިގައި ލިވަޕޫލަށް ޕްރެޝަރު ބޮޑުވެއްޖެ

05 ފެބުރުއަރީ 2019

ލަންޑަން (ފެބްރުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ރޭގެ މެޗުން ލިވަޕޫލަށް މޮޅުނުވެވުނުއިރު، ލީގުގެ އެއް ވަނައިގައި އެ ޓީމު އޮތީ 25 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 25 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ބުދަ ދުވަހުގެރޭ ރަށުންބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް އެއް ވަނަ އަށް އެރޭނެ އެވެ.

ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 22 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަަގައިިދިނީ ސަޑިއޯ މާނޭ އެވެ. މާނޭ ލަނޑު ޖަހަން ބޯޅަ ދިންއިރު، ލިވަޕޫލްގެ ކެޕްޓަން ޖޭމްސް މިލްނާ ހުރީ އޮފްސައިޑްގަ އެވެ. ވެސްޓް ހޭމްގެ ކުޅުންތެރިން އެކަމާ ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ.

ލިވަޕޫލަށް ލީޑު ހިފަހައްޓާލެވުނީ ހަ މިނިޓް ވަންދެނެވެ. މެޗުގެ 28 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ފިލިއްޕޭ އެންޑަސަން ދިން ބޯޅަ މިކާއިލް އެންޓޯނިއޯ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހު ފޮނުވާލި ދެ ބޯޅައެއް ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއާންސްކީ މަތަކުރިއިރު، އެ ޓީމުގެ ކެޕްޓަން މާކް ނޯބަލް އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.

މި ފަހަރުގެ ލީގުގެ ފުރަތަމަ 20 މެޗުން ލިވަޕޫލް އަތުން ގެއްލުނީ އެންމެ ހަ ޕޮއިންޓެވެ. އެކަމަކު އެންމެ ފަހުން އެ ޓީމު ކުޅުނު ފަސް މެޗުން ވަނީ ހަތް ޕޮއިންޓް ގެއްލިފަ އެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅެއްނުލިބެ އެވެ.

ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެ ޓީމުން ޖެހި ގޯލު އޮފްސައިޑްކަން ފަހުން ރެފްރީ އަށް އެނގުމުން އޭނާގެ ގިނަ ނިންމުންތައް ހުރީ ލިވަޕޫލާ ދެކޮޅަށް ކަމަށެވެ.

"އަހަރެމެން ޖެހި ގޯލު އޮފްސައިޑްކަން ރެފްރީ އަށް އެނގުނު ހިސާބުން ފެށިގެން ދެން ގިނަ ފައުލުތައް ހުރީ އަހަރެމެންނާ ދެކޮޅަށް 50-50 ބޯޅަތައް ވެސް ނިމެނީ އެކޮޅަށް ފައުލު ލިބިގެން. ރެފްރީންނަކީ ވެސް އިންސާނުން ގޯސްތަކެއް ހެދޭނެ. އެކަމަކު އެ ހެދޭ ގޯސްތަކުގެ ސަބަބުން އިތުރަށް އެހެން ކަންތައްތައް ގޯސްކޮށްދިޔަ ދީގެނެއް ނުވާނެ،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލަށް އޮތް ޕްރެޝަރުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި ހުންނާނީ ޕޮޒިޓިވްކޮށް ކަމަށެވެ. އެކަމަށް އެންމެ ބާރު ލިބޭ ސަބަބަކީ މިހާތަނަށް ލީގުގައި ބަލިވީ އެންމެ މެޗަކުން ކަމަށްވުން ކަމަށް ކްލޮޕް ބުންޏެވެ.

ވެސްޓް ހޭމްގެ ކޯޗު އަދި ކުރިން ސިޓީ އަށް ކޯޗުކޮށްދިން މެނުއަލް ޕެލެގްރީނީ ބުނީ ލިވަޕޫލަކީ ފަހަކަށް އައިސް އާންމުކޮށް ގިނައިން އޮފްސައިޑް ލަނޑުތަކެއް ޖަހާ ޓީމެއް ކަމަށާއި އެކަމަކު މި މެޗުގައި އެ ޓީމަށް އެ އެޑްވާންޓޭޖް މުޅިން ނުނެގުނީ އޭނާގެ ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.