Roadha Mihaaru
ދަގަނޑޭ އޮޕަރޭޝަންކުރަނީ، ދެން ދަނޑުން ނުފެނިދާނެ؟

ދަގަނޑޭގެ ކަކޫ އޮޕަރޭޝަންކުރަނީ، ދެން ދަނޑުން ނުފެނިދާނެ؟

18 ސެޕްޓެމްބަރ 2024

ކަކުލަށް ލިބިފައިވާ ހާނިއްކަތަކަށް ފަރުވާ ހޯދަން ކުރަން ޖެހޭ އޮޕަރޭޝަނަކަށް އަލީ އަޝްފާގް (ދަގަނޑޭ) އިންޑިއާގެ ބެންގަލޫރަށް މިއަދު ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކަކުލަށް ލިބިފައިވާ ހާނިއްކަތަކަށް ފަރުވާ ހޯދަން ކުރަން ޖެހޭ އޮޕަރޭޝަނަކަށް އަލީ އަޝްފާގް (ދަގަނޑޭ) އިންޑިއާގެ ބެންގަލޫރަށް މިއަދު ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި އޮޕަރޭޝަނުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓާއި، މެނިސްކަސް އަށް ލިބިފައިވާ ގެއްލުންތަކެއް ހިމެނޭހެން ޖުމްލަ ތިން މައްސަލައެއް ހައްލުކުރާނެ އެވެ.

އޭނާ ވަނީ އޮޕަރޭޝަނެއްނުކޮށް އަނިޔާ އިން ރަނގަޅުވޭތޯ ވަރަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެފަދަ ފަރުވާއަކުން ދާއިމީ ހައްލެއް ނުލިބުނީ އެވެ.

އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ އަށް އޮޕަރޭޝަނަށް ފަހު އަލުން ދަނޑަށް ނުކުންނަން މަދުވެގެން އަށެއްކަ މަސް ހޭދަވާނެ ކަމަށް ބެލެވެ އެވެ. މި އުމުރުގައި މިފަދަ އޮޕަރޭޝަންތަކަށް ފަހު ވަރަށް ގިނަ ކުޅުންތެރިން އަނބުރާ ކުޅެން ނުނުކުމެ އެވެ.

ރިކަވަރީ އަށް ފަހު މަތީ ފަންތީގައި ކުޅޭނަންތޯ އެހުމުން ދަގަނޑޭ ބުނީ އެކަމާ މެދު އަދި އެއްޗެއް ބުނަން ނޭގޭ ކަމަށެވެ.

"ހަތަރު ފަސް އަހަރެއް ވެއްޖެ މި އަނިޔާތަކުގައި މިހެން ވޭނުގައި އުޅޭތާ. އެހެންވެ މިހާރު މި ވިސްނަނީ މިކަމުން އަރައިގަންނަން. ރިކަވަރީ އަށް ހުރިހާ ސަމާލުކަމެއް އޮތީ މިވަގުތު. އޭގެ ފަހުން ވިސްނާނީ ދެން ކުރިއަށް ދާނެ ގޮތަކާ މެދު،" ދަގަނޑޭ "މިހާރު" އަށް ބުންޏެވެ.

ދަގަނޑޭ 2021 ވަނަ އަހަރު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ކުޅުނީ ވެސް އަނިޔާގެ މައްސަލަތަކާ އެކު އެވެ. އޭނާގެ އަނިޔާ އިތުރަށް ގޯސްވީ، 2022 ވަނަ އަހަރުގެ ކުރީކޮޅެވެ. އެ ފަހަރު ސީޒަން ހުޅުވި މެޗުގައި ވެލެންސިއާ އަށް ކުޅުމަށް ފަހު، ކްލަބް ލެވެލްގެ އެއްވެސް މެޗެއް ނުކުޅެ އެވެ. ދަގަނޑޭ އެ އެ އަހަރު ދެން ކުޅުނީ ގައުމީ ޓީމަށް އެކަންޏެވެ. އޭގެ ފަހުން ފިޓްވޭތޯ، ދުވާ ކޯޗު ނަސްރުﷲ އަހުމަދާ އެކު ބައެއް ތަމްރީންތައް ވެސް ހެދި އެވެ.

އެ ފަހަރު އަލުން ފިޓްވެ، ދެން އޭނާ ކުޅުނީ މިދިޔަ އަހަރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެކަމަކު އޭޕްރިލް މަހު ޕްރެޒިޑެންޓްސް ކަޕުގައި ކުޅެނިކޮށް އަނެއްކާ ވެސް ކަކުލަށް އަނިޔާވީ އެވެ.

ވެލެންސިއާ އިން އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ދަގަނޑޭ ވަނީ އެ ޓީމާއި، ނިއު ރޭޑިއަންޓާއި، ވީބީ އައްޑޫ އެފްސީ، އަދި މެލޭޝިއާގެ ޕީޑީއާރްއެމްއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަދި ގައުމީ ޓީމާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކުރި އެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ރަންބޫޓު ރެކޯޑް އަދަދަކަށް ހޯދައިފަ އެވެ. އަދި ލަނޑު ޖެހުމުގައި ނިސްބަތުން އޭނާގެ ރެކޯޑް އޮތީ ދުނިޔޭގެ އެންމެ މަޝްހޫރު ފޯވާޑުންނާ އެކު އެއް ލެވެލެއްގަ އެވެ.

އެކަމަކު އަނިޔާގެ މައްސަލަތަކާ ހެދި އާއި، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވެސް ރަނގަޅަށް ކުރިއަށް ނުގެންދެވޭތީއާ އެކު މިދިޔަ ހަތަރު އަހަރެއްހާ ދުވަހު ދަގަނޑޭގެ ވިދުވަރު ވަނީ ފަނޑުވެފަ އެވެ. އޭނާ ފަހަކަށް އައިސް ސިޔާސީ ކަންކަމުން ވެސް ފެނެ އެވެ. އެގޮތުން ދާދި ފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީ ގެ ކަމަށްވާ މުރައިދޫ ގޭގެ ޑިރެކްޓާ ޖެނެރަލަކަށް އައްޔަންކޮށްފަ އެވެ.