Roadha Mihaaru
އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިފި

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިފި

04 ޖުލައި 2021

މީގެ 20 އަހަރު ކުރިން އަފްގާނިސްތާނަށް އަރައި އެ ގައުމުގައި އަސްކަރީ މަރުކަޒެއް ހަދައިގެން ތިބި އެމެރިކާ ސިފައިން، މިދިޔަ ހުކުރު ދުވަހު އެ ގައުމުން ފައިބައިފި އެވެ.

މީގެ 20 އަހަރު ކުރިން އަފްގާނިސްތާނަށް އަރައި އެ ގައުމުގައި އަސްކަރީ މަރުކަޒެއް ހަދައިގެން ތިބި އެމެރިކާ ސިފައިން، މިދިޔަ ހުކުރު ދުވަހު އެ ގައުމުން ފައިބައިފި އެވެ.

އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ގާއިމުވެ ތިބި، ބަގްރާމް ވައިގެ އަސްކަރީ މަރުކަޒު ދެން އޮންނާނީ އަފްގާނިސްތާނު ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނުން މި ފޭބީ، ތާލިބާންގެ ހަނގުރާމަވެރިން އަފްގާން ސަރުކާރު ސިފައިންނަށް ދޭ ހަމަލާތައް ވަރުގަދަކޮށް، ބައެއް ސަރަހައްދުތައް ތާލިބާނުންގެ ބާރުގެ ދަށަށް ގެންނަމުންދާ ދުވަސްވަރެއްގަ އެވެ.

ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ ދަށުން އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ފޭބި ކަމުގައި ވިޔަސް، އަފްގާނުގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އެމެރިކާ ސިފައިންގެ 600 މީހުން އަފްގާނުގައި ތިބޭނެ އެވެ. އެމެރިކާ ސަރުކާރުން ނިންމާފައި އޮތީ، އަފްގާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން، މިއަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން ބާލާށެވެ.

އެމެރިކާ އިން 2001 ވަނަ އަހަރު އިއުލާން ކުރި ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި، އެމެރިކާއާ އެކު ބައިވެރިވުމަށް އަފްގާނިސްތާނަށް ފޮނުވި އެހެން ގައުމުތަކުގެ ސިފައިން ވެސް މިހާރު ވަނީ އެ ގައުމުން ބާލައިފަ އެވެ. އެ ގޮތުން ޖަރުމަން ވިލާތުގެ ސިފައިންނާއި އިޓަލީ އާއި ޕޮލެންޑުގެ ސިފައިން ވެސް މިދިޔަ ހަފުތާގައި ވަނީ އަފްގާނުން ފައިބައިފަ އެވެ.

ބިދޭސީ ސިފައިން އަފްގާނިސްތާނުން ފައިބާއިރު، އެ ގައުމުގެ ދާހިލީ ހަމަނުޖެހުންތަކަށް ސުލްހަވެރި ސިޔާސީ ހައްލެއް ހޯދުމަށް، ތާލިބާން ޖަމާއަތާއި އަފްގާނިސްތާނު ސަރުކާރާ ދެމެދު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ވާހަކަތައް ވެސް ނިމުނީ ހައްލެއް ނުހޯދި އެވެ. އޭގެ ފަހުން މިއަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު، އެމެރިކާ ސިފައިން އަފްގާނުން ފައިބަން ފެށުމާ އެކު، ތާލިބާނުންގެ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ.

އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދިފާއީ ކަންކަމާ ބެހޭ ކޮމިޝަންގެ މުގައްރިރު މީރް ހައިދަރު އަފްޒަލީ ވިދާޅުވި ގޮތުގައި މެއި މަހުން ފެށިގެން ތާލިބާނުން ދެމުން ދާ ހަމަލާތަކުގައި، އެ ގައުމުގެ 400 އަވަށުގެ ތެރެއިން 80 އަށް ވުރެ ގިނަ އަވަށް މިހާރު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ.

"މިދިޔަ މަސްތަކުގައި ހަމަލާތަކާއި ހަރުކަށި އަމަލުތައް ވަރަށް ބޮޑަށް އިތުރުވެއްޖެ. ބިދޭސީ ލަޝްކަރުގެ މަދަދު އަހަރެމެންނަށް ވަރަށް ބޮޑަށް ބޭނުންވޭ މިދަނޑިވަޅުގައި. ހާއްސަކޮށް، ސިއްރު މައުލޫމާތުގެ ދާއިރާއިންނާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން އެމީހުންގެ ތާއީދު ވަރަށް ބޮޑަށް ބޭނުން،" މީރް ހައިދަރު އަފްޒަލީ ވިދާޅުވި އެވެ.

އަފްގާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ކޮމާންޑަރު ޖެނެރަލް އޮސްޓިން މިލާ މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ތާލިބާނުންގެ ހަމަލާތައް މިހާރު ވަރުގަދަވަމުންދާ ގޮތަށް ބަލާއިރު، އަފްގާނިސްތާނުގައި ވަރަށް ނުރައްކާތެރި ދާހިލީ ހަނގުރާމައެއް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލި ނަމަވެސް، މާލީ ގޮތުންނާއި ލޮޖިސްޓިކް އެހީތެރިކަން، އެމެރިކާ ސަރުކާރުން އަފްގާނިސްތާނު ސަރުކާރަށް ފޯރުކޮށްދޭނެ އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހަފުތާގައި ވަނީ، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީއާ، ވައިޓް ހައުސްގައި ބައްދަލު ކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ގަނީ ވަނީ، އެ ގައުމުގެ ސަލާމަތީ ކަންތައް ވަރުގަދަ ކުރުމަށް އެމެރިކާ އިން 3.3 ބިލިއަން ޑޮލަރާއި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ޖޯންސަން އެންޑް ޖޯންސަން މަރުކާގެ ކޮވިޑް ވެކްސިންގެ ތިން މިލިއަން ޑޯޒް ދިނުމަށް ބައިޑެން އަށް ދަންނަވައިފަ އެވެ.