Roadha Mihaaru
ސޫދާންގެ ފަނޑިޔާރުން ވެސް މަދަނީ ބަސްނޭހުމަކަށް

ސޫދާންގެ ފަނޑިޔާރުން ވެސް މަދަނީ ބަސްނޭހުމަކަށް

09 ނޮވެމްބަރ 2021

ސޫދާންގައި އޮތް މަދަނީ އިންތިގާލީ ސަރުކާރު އުވާލައި، ގައުމުގެ ވެރިކަމުގެ ބާރުތައް ސިފައިންގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެން، އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިއުލާންކޮށްފައިވާ މަދަނީ ބަސްނޭހުމުގައި ބައިވެރިވުމަށް، އެ ގައުމުގެ ފަނޑިޔާރުން ނިންމައިފި އެވެ.

ސޫދާންގައި އޮތް މަދަނީ އިންތިގާލީ ސަރުކާރު އުވާލައި، ގައުމުގެ ވެރިކަމުގެ ބާރުތައް ސިފައިންގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެން، އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިއުލާންކޮށްފައިވާ މަދަނީ ބަސްނޭހުމުގައި ބައިވެރިވުމަށް، އެ ގައުމުގެ ފަނޑިޔާރުން ނިންމައިފި އެވެ.

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޖަމިއްޔާ އިން ބުނި ގޮތުގައި، ސޫދާންގެ މަދަނީ ބަސްނޭހުމުގައި ބައިވެރިވުމުގެ ގޮތުން، މިއަދާއި މާދަމާ ވެސް ފަނޑިޔާރުން ތިބޭނީ މަސައްކަތުން އެކަހެރިވެގެންނެވެ. އޭގެ އިތުރުން، ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާންގެ ވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން، ބުރާސްފަތި ދުވަހު ވެސް މަސައްކަތް ހުއްޓާލައިގެން ކޮޅަށް ތިބުމުގެ ވަގުތުކޮޅެއް ފާހަކުރާނެ އެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި މަދަނީ ބަސްނޭހުމުގައި ތިބުމަކީ ގާނޫނުން ލިބިދީފައި އޮންނަ ހައްގެކެވެ. އަދި އެކަން ކުރަނީ، އިންތިގާލީ މަދަނީ ސަރުކާރު އުވައިލުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ސޫދާންގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާނީ

ސޫދާންގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާނީ

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޖަމިއްޔާ އުފެއްދީ، ސޫދާންގެ ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން އެޕްރީލް 2019 ގައި ވައްޓާލައި، މަދަނީ ސިޔާސީ ޖަމިއްޔާތަކާއި އަސްކަރިއްޔާ ގުޅިގެން، އިންތިގާލީ ސަރުކާރެއް އެކުލަވައިލުމާ އެކުގަ އެވެ. މިއީ އެ ޖަމިއްޔާ އިން ސަރުކާރުގެ ނިންމުމަކާ ދެކޮޅަށް އިހުތިޖާޖުކުރާ ފުރަތަމަ ފަހަރެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި ފަނޑިޔާރުން މަދަނީ ބަސްނޭހުމުގައި ބައިވެރިވުމަށް، އެ ޖަމިއްޔާގެ ފަރާތުން ނިންމި ނިންމުމާ ގުޅޭ ގޮތުން ޝަރުއީ ދާއިރާ އިން ރަސްމީ އެއްވެސް އެއްޗެއް މިހާތަނަކަށް ނުބުނެ އެވެ. މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު، ސިފައިން އެ ގައުމުގެ ވެރިކަން އަތުލައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ އެކު، އާންމުން އަންނަނީ މަގުތަކަށް ނުކުމެ ކޮންމެ ދުވަހަކު މުޒާހަރާ ކުރަމުންނެވެ.

ނަމަވެސް ސިފައިން ބުނަމުން އަންނަނީ، އިންގިލާބެއް ނުގެންނަ ކަމަށާއި، ވަރަށް އަވަހަށް މަދަނީ ސަރުކާރަކާ ވެރިކަން ހަވާލު ކުރާނެ ކަމަށެވެ.

އަސްކަރީ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މަދަނީ ސަރުކާރަކާ ވެރިކަން ހަވާލު ކުރުމުގެ ކުރިން، މުޒާހަރާތައް ހުއްޓައިލުމެއް ނެތެވެ. އަދި މިހާރުގެ ސިޔާސީ ހާލަތާ ބެހޭ ގޮތުން އަސްކަރީ ސަރުކާރާ އެކުގައި އެއްވެސް މަޝްވަރާއެއް ވެސް ނުކުރާނެ ކަމަށާއި، އަދި ސަރުކާރުގައި ވެސް ބައިވެރި ނުވާނެ ކަމަށް އެމީހުން ބުނެ އެވެ.