Roadha Mihaaru
ހާލުގައި ޖެހިފައިވާ ލަންކާ އަށް ރަޝިޔާގެ ތެޔޮ

ހާލުގައި ޖެހިފައިވާ ލަންކާ އަށް ރަޝިޔާގެ ތެޔޮ

29 މެއި 2022

އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަން ފިލުވުމުގެ ގޮތުން ރަޝިޔާގެ 90 ހާސް ޓަނުގެ، ސާފު ނުކުރާ ތެޔޮ ގަތުމަށް ސްރީ ލަންކާ އިން ނިންމައިފި އެވެ.

އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަން ފިލުވުމުގެ ގޮތުން ރަޝިޔާގެ 90 ހާސް ޓަނުގެ، ސާފު ނުކުރާ ތެޔޮ ގަތުމަށް ސްރީ ލަންކާ އިން ނިންމައިފި އެވެ.

ލަންކާ އަށް އެތެރެ ކުރުމަށް ރަޝިޔާ އިން 90 ހާސް ޓަނުގެ ސާފުނުކުރާ ތެޔޮ ހިފައިގެން އައި ބޯޓު، ލަންކާގެ ބަނދަރުގައި އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިހާ ގިނަ ދުވަސް ވަންދެން އެ ތެޔޮ ލަންކާ އަށް އެތެރެ ނުކުރެވި ލަސްވީ، އެ ތެލަށް އަގު ދެއްކޭ ވަރަށް ލަންކާގައި ބޭރު ފައިސާ ނެތުމުންނެވެ.

އެ ގައުމުގެ ހަކަތައާ ބެހޭ ވަޒީރު ކަންޗަން ވިޖޭސެކެރާ އިއްޔެ ވިދާޅުވި ގޮތުގައި ރަޝިޔާ އިން ގެނެސްފައި ހުރި 90 ހާސް ޓަނުގެ ސާފުނުކުރާ ތެލަށް ދައްކަންޖެހޭ ފައިސާގެ ކަންތައް މިހާރު ހުރީ ހަމަޖެހިފަ އެވެ. އެ ތެލުގެ އަގަށް ވާ 72.6 މިލިއަން ޑޮލަރު ވަރަށް އަވަހަށް ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުބާއީ ކޮރަލް އެނާޖީ ކުންފުނި މެދުވެރިކޮށް އޯޑަރުކުރި 90 ހާސް ޓަނުގެ ސާފުނުކުރާ ތެޔޮ، ލަންކާ އަށް އެތެރެކުރުމާ އެކު، އެ ގައުމުގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާގައި ތެޔޮ ސާފުކުރުމަށް ފަހު، ޕެޓްރޯލާއި ޑީސަލް ވިއްކަން ފަށާނެ އެވެ. މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން، ލަންކާގެ ތެޔޮ ސާފުކުރާ ކާރުޚާނާ ހުންނަނީ ބަންދުކޮށްފަ އެވެ.

ލަންކާގެ ހަކަތައާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި ތެޔޮ ސާފުކުރާ ކާރުޚާނާގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ތެލުގެ އިތުރު ޝިޕްމަންޓެއް އެ ގައުމަށް ގެންނާނެ އެވެ. ދެން ގެންނަ ޝިޕްމަންޓް ވެސް ގެންނާނީ ދުބާއީ ކުންފުނި މެދުވެރިކޮށް ކަމަށް ލަންކާ އިން ބުނެ އެވެ.

ލަންކާ އަށް ރަޝިޔާގެ ތެޔޮ މި ގެންނަނީ، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އިއުލާންކޮށް ތަންފީޒު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ ނިންމުމަށް ބެލުމެއް ނެތި، ލަންކާ ސަރުކާރުން މިހާރު އަންނަނީ ރަޝިޔާގައި އުފައްދާ ހަކަތައިގެ ބާވަތްތައް ގަތުމަށް އެ ގައުމާ އެކު މަޝްވަރާތައް ކުރަމުންނެވެ. އޭގެ ތެރޭގައި ބޯޓުދެއްޔާއި، ސާފުނުކުރާ ތެލާއި ޕެޓްރޯލާއި ޑީސަލް ހިމެނެ އެވެ.

ލަންކާ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެހެން ބަޔަކު މެދުވެރިނުކޮށް ސީދާ ރަޝިޔާ އިން ހަކަތައިގެ ބާވަތްތައް ގަތުމަށެވެ. އެކަމާ ބެހޭ ގޮތުން، ލަންކާގައި ހުންނަވާ ރަޝިޔާގެ ސަފީރާ އެކުގައި މިހާރު މަޝްވަރާކޮށް ނިމިފައިވާ ކަމަށް ލަންކާގެ ހަކަތައާ ބެހޭ ވަޒީރު ވިދާޅުވި އެވެ.